ކެބިނެޓަށް ހޮއްވަވާނެ ހުރިހާ ބޭފުޅުންގެ ނަންތައް ކަނޑައަޅުއްވާފައި ވާކަމަށާއި އެބޭފުޅުންނާމެދު ފަޚުރުވެރިވެވަޑައިގަންނަވާކަމުގައި އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.
”އެއީ ވަރަށް ހުނަރުވެރި ބޭފުޅުންތަކެއް.“ ބައިޑެން ވިދާޅުވިއެވެ. ”އެބޭފުޅުންނާމެދު އަޅުގަނޑު ފަޚުރުވެރިވަން.“
ބައިޑެންގެ ކެބިނެޓުގައި ކުރީގެ ރައީސް އޮބާއާއި ބިލް ކްލިންޓަންގެ ދައުރުގައި ވެސް އެކިއެކި މަގާމުތައް އަދާކުރެއްވި، ޚިދުމަތްތެރި، ތަޖުރިބާކާރުން ހިމެނިވަޑައިގަންނަވައެވެ.
ޖޯ ބައިޑެން އެމެރިކާގެ ރައީސްކަމުގެ ހުވައި ކުރައްވާނީ މި މަހު 20ގައި ބާއްވާ ޚާއްޞަ ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަންނަވާނޭކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ނައިބު ރައީސް ޕެސް ވަނީ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނާވާނޭކަމަށް ވިދާޅުވެފައެވެ.