އީރާނުގެ ގުދުސް ފޯސްގެ ބާރުގަދަ ކޮމާންޑަރު އިސްމާޢީލް ގާއިނީ، އިޒްރާއިލުގެ އުދްވާން ތަކަށްފަހު ޙިޒްބުالله އާއި ޣައްޒާއާ ޙަވާލާދެއްވައި ޖޫން 19 ގައި ނެރުއްވި ބަޔާނެއްގައި އިސްރާއީލަށް އިންޒާރުދެއްވައިފިއެވެ.
”ޙިޒްބުالله ގެ އަތުގައި ’މިރުޞާދު‘ ޑްރޯނު އެބަހުރި ކަމަށް ބުނުމުން ކަލޭމެން ސަމާލުކަމެއް ނުދީ، މަޅީގައި ބެދުނީއެވެ“ އީރާނުން ފޯރުކޮށްދީފައިވާ ’މިރުޞާދު-1‘ މަރުކާގެ ޑްރޯންތަކަށް އިޝާރާތް ކުރައްވައި ގާއިނީ ވިދާޅުވިއެވެ.
މީގެ އިތުރުން ޣައްޒާގައި ”ތޫފާނެއް“ އެބައޮތް ކަމަށް ވިދާޅުވެ އޭނާ އިންޒާރުދެއްވިއެވެ. ”ކަލޭމެންގެ ސިޔާސީ ވެރިން އަންގާ އެންގުންތަކާ އެއްގޮތަށް ޢަމަލުކުރަން އުޅެފިނަމަ ކަލޭމެން އެ ތޫފާނުގައި ބެދޭނެ. ސަމާލުވޭ.“ އޭނާ ވިދާޅުވިއެވެ.
އީރާނުގެ ގުދުސް ފޯސްއަކީ ސީދާ ސްޕްރީމް ލީޑަރަށް ޖަވާބުދާރީވާ އައިއާރުޖީސީ ގެ ވިއުގަ ތެރޭ އިންނަ މުޅިން ވަކި ލަސްކަރެކެވެ. މި ލަސްކަރުގެ ޒިންމާތަކުގެ ތެރޭގަ، ހިޒްބުﷲ، ހަމާސް އަދި އިރާގުގެ ރެސިސްޓެންސް ޖަމާއަތްތަކަށް ބޭނުންވާ ވަސީލަތްތަށް ފޯރުކޮށްދިނުމާ ތަމްރީނު ކުރުމާ އަދި އީރާނުގެ ތަޖުރިބާކާރު އެޑްވައިޒަރުންގެ އެހީގަ އެޖަމާއަތްތަކަށް ބޭނުންވާ ތަފާތު ހަތިޔާރު އަމިއްލަޔަށް އުފެއްދުމުގެ ގާބިލުކަން ތަރައްގީކޮށް ވަރުގަދަ ކުރުން ހިމެނެއެވެ.
ގާއިނީގެ އިންޒާރުގެ އިތުރުން، އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ސައީދު ޚާތިބުޒާދާ، ލުބުނާނުގައި ހިނގި އުދުވާނުތަކާ ގުޅިގެން ވިދާޅުވީ، އިސްރާއީލުން އެއްބަސްވުމުގެ މާއްދާތަކަށް ތަބާވާކަން އެމެރިކާއިން ކަށަވަރުކުރަންޖެހޭނެ ކަމަށެވެ.
ތެހެރާނާއި ވޮޝިންގްޓަނާ ދެމެދު ވެފައިވާ ފަހުމުނާމާގެ މާއްދާތަކަށް އިސްރާއީލުން ބޯލަނބާކަން އެމެރިކާއިން ކަށަވަރުކުރަންޖެހޭނެ،“ އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި ޚާތިބުޒާދާ ވިދާޅުވިއެވެ. ”އަނެއް ފަރާތުން ސީރިއަސްކަން ދައްކައިފިނަމަ، ފިޔަވަޅަކުން ފިޔަވަޅަކަށް ކުރިއަށްދާން އަހަރެމެން މިތިބީ ތައްޔާރަށް.“އޭނާ ވިދާޅުވިއެވެ.
ޚާތިބުޒާދާ ވިދާޅުވި ގޮތުގައި އީރާނުން ބޭނުންވަނީ ”ޣައްޒާ ހިމެނޭ ގޮތަށް ހުރިހާ ފްރަންޓެއްގައިވެސް ސުލްޙަ“ އެވެ. އަދި ލުބުނާނު މި އެއްބަސްވުމުގައި ހިމެނުނީ މި ހަނގުރާމަ އާއި ސީދާ ގުޅުން އޮތުމުގެ ސަބަބުން ކަމުގައެވެ.
އިސްތިޢުމާރު ނިމުމަކަށް އައިސް، އިސްރާއީލުން ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ބޯނުލަނބާހާ ހިނދަކު، ލުބުނާނާއި މި ސަރަޙައްދަކަށް ސުލްޙައެއް އަދި ހަމަޖެހުމެއް ނާންނާނެ،“ އޭނާ އިތުރަށް ވިދާޅުވިއެވެ.
ވޮޝިންގްޓަން ޕޯސްޓްގަ ޝާއިރު ކުރި ރިޕޯޓެއްގައި، އެމެރިކާގެ އިންޓެލިޖެންސް ދިރާސާއަކުން އިންޒާރުދޭ ގޮތުގައި، ބޮޑުވަޒީރު ނަތަންޔާހޫ، އީރާނާއި އެމެރިކާއާ ދެމެދު ވެފައިވާ އެއްބަސްވުން ނާކާމިޔާބު ކޮށް ހުރަސްއެޅުމަށް ފިޔަވަޅުތަކެއް އަޅާނެ ކަމަށް ބެލެވޭ ކަމުގަ ބުނެފަވެއެވެ.
ލުބުނާނުގައި މިހާރު ހިންގާ އުދަވާނުތަކަކީ، މި މަސައްކަތްތަކުގެ ފެށުން ކަމަށް ބެލެވެއެވެ.
ގާއިނީ އާއި ޚާތިބުޒާދާގެ މި އިންޒާރުތަކުން އެނގެނީ، އިސްރާއީލުން ޙިޒްބުالله އާ ދެކޮޅަށް ހިންގާ އުދުވާނު ކުރިއަށް ގެންދާނަމަ، އީރާނުން ހިމޭނުން ނޯންނާނެ ކަމެވެ.
އިޒްރާއިލާ ދެކޮޅަށް އީރާނުން އަޅާ ބަދަލުހިފުމުގެ ފިޔަވަޅަކަށް އެމެރިކާއިން ރައްދުދޭ ގޮތަކުން، މި އެއްބަސްވުމުގެ މުސްތަޤްބަލު ކަނޑައެޅިގެން ދާނެއެވެ. އިޒްރާއިލުން މި އެއްބަސްވުން ދެކެ ބިރުގަންނަނީ އީރާނުގެ
އިގްތިސާދީ ބާރު މިއެއްބަސްވުމުގެ ފަހުން ތަންމިނަށް ގަދަވެގެން ދާނެތީއެވެ.
މުހަންމަދު މުސްތާޤު
![]()
