ތިރީގައިވާ ތަސްވީރަކީ 1986ގައި ޒިމްބާބުވޭގެ ހަރާރޭގައި ބޭއްވުނު ވަކި ފަރާތަކަށް ނުޖެހޭ – އެމެރިކާ އިސްވެ އޮވެ ހުޅަނގާއި ސޮވިއެޓް ޔުނިއަން އާއި ދެމެދުގައި އޮތް ފިނި ހަނގުރާމައިގެ ދުވަސް ވަރު، ނެގިފައިވާ ފޮޓޯއެކެވެ.
އެ ފޮޓޯއިން ދެ ގައުމެއްގެ ވެރިއަކު ފެނެއެވެ. ދާދީ އިހަކަށް ދުވަހު އަވަހާރަކޮށްލެވުނު އީރާނުގެ މަރުހޫމު އަލީ ޚާމަނާއީ އާއި ލީބިޔާގެ މަރުހޫމު ގައްޛާފީއެވެ. މަރުހޫމު އަލީ ޚާމަނާއި އޭރު ހުންނެވީ އިރާނުގެ ރައީސްގެ މަގާމުގައެވެ. (ފަހުން އީރާނުގެ ދީނީ މުރްޝިދުގެ މަގާމު ލިބިވަޑައިގެން، އަވަހާރަވަން ދެން އެ މަގާމުގައި ހުންނެވިއެވެ.)
ދެ ގައުމަކީ ވެސް އެ ދެ ގައުމުގެ ސިޔާސީ ފަލްސަފާއަށް ބަލާލާ އިރު އުޑާ ބިމާހާ ތަފާތު ދެ ގައުމެވެ. ތެލާއި ފެނާއި އެއް ނުވާނޭ ފަދައިން އޮތް ދެ ފަލްސަފާއެއްގެ ވެރި ދެ ގައުމެވެ. އީރާނުގައި އޮތީ ދީނީ ސިޔާސީ ނިޒާމެކެވެ. ވިލާޔަތޭ ފަގީހުގެ މައްޗަށް ބިނާވެފައި އޮތް ޝީއީ އިސްލާމީ ނިޒާމެކެވެ. 1979ގައި މަރުހޫމް ޚުމައިނީގެ ގިޔާދަތުގެ ދަށުން ތައާރުފު ކުރެވި، އަދި، އެއަށް ފަހު، މުޅި އިސްލާމީ ދުނިޔެއަށް އެ ފަދަ އިންގިލާބަކާއި ނިޒާމެއް ’އެކެސްޕޯޓު‘ ކުރުމުގެ އެދުން، އީރާނުން، ފާޅުކޮށް އެކަމަށްޓަކައި މަސައްތަކެއް ވެސް ކުރެވުނު ނިޒާމެކެވެ.
އެ ފޮޓޯއިން ދެން ފެންނަ ލީޑަރަކީ ލީބިޔާގެ މަރުހޫމު ގައްޛާފީއެވެ. އޭނައަކީ އެ ދުވަސްވަރު އަރަބި ގައުމިއްޔަތުގެ ޖުއްބާލައިވައިގެން، އަރަބި ދުނިޔޭގެ ލީޑަރަކަށް ވުމަށް މަސައްކަތްކުރެއްވި ބޭފުޅެކެވެ. އާދެ، އީރާނުގައި އޭރު އޮތް ދީނީ ޝީއީ ސިޔާސީ ނިޒާމާއި މުޅިން ފުށު އަރާ ގައުމީ ފަލްސަފާއެއްގެ ވެރި ބޭކަލެކެވެ.
ދެން، އުފެދޭ ސުއާލަކީ މި ދެ ރައީސުން، ވަގުތީ ގޮތުން ނަމަވެސް، އެއްގަލަކަށް އެރުން މެދުވެރިކުރުވީ ކޮން ސަބަބެއް ހެއްޔެވެ؟ އެ ސަބަބަކީ އީރާނާއި ލީބިޔާގެ އިދިކޮޅު ގައުމަކަށް އެ ދުވަސްވަރުގެ އިރާގު ވުމެވެ. އިރާގުގެ އެ ދުވަސްވަރުގެ ރައީސް މަރުހޫމް ސައްދާމު ހުސައިންއަކީ ކީ އެ ދެ ރައީސުންގެ ވެސް އަދުއްވަކަށް ވުމެވެ. އެއީ އިރާގުން އޮތީ، އިރާނުގެ އިސްލާމީ އިންގިލާބު ފޭލުކޮށްލުން ނުވަތަ ކޮންޓުރޯލުކުރުމަށްޓަކައި ހަނގުރާމައެއް ފަށާފައެވެ. މި ހަނގުރާމަ ނުވަ އަހަރަށް ދިގު ދެމިގެން ދިޔައެއެވެ. ދެން، މަރުހޫމު ގައްޛާފީ ދެކެވަޑައިގަތީ، މިސުރުގެ މަރުހޫމު ޖަމާލު އަބްދުއް ނާސިރު އަވަހާރަ ވުމަށް ފަހު، މަރުހޫމު ސައްދާމު ހުސައިން އަރަބިންގެ ލީޑަރަކަށް ވެވަޑައިގަތުމުގެ މަސައްކަތް ކުރައްވާ ކަމެވެ. އެއީ މަރުހޫމު ގައްޛާފީ ވެސް ބޭނުންފުޅުވި މަގާމެވެ.
ދެން، ހެއްޔެވެ؟ އިރާނާއި އިރާގުގެ ހަނގުރާމައިގައި ގިނަ އަރަބި ގައުމުތައް އޮތީ އިރާގާއި އެއްކޮޅަށެވެ. އުދުވާނީ ހަނގުރާމައެއް ފެށީ އިރާގުން ކަމުގައި ވިޔަސް ވެހެވެ. ދެން، ބައެއް އަރަބި ގައުމުތައް ކޮޅެއް ނުނަގާ ވަކި ފަރާތަކަށް ނުޖެހި ވެސް ތިއްބެވެ. މި ދެގޮތާ ޚިލާފަށް މަރުހޫމު ގައްޛާފީ ނެންގެވީ އިރާނުގެ ކޮޅެވެ. ފަހަރެއްގައި ވެސް ދީނީ ނަޒަރަކުން ނޫނީ ހައްގަށް ނަސްރު ދިނުމުގެ ނަޒަރުން ބައްލަވާފައެއް ނޫނެވެ. އޭނަގެ މުނާފިސަކަށް މަރުހޫމު ސައްދާމު ވީމައެވެ.
އާދެ، މަސްލަހަތު ކުރިމަތި ވުމުން އުޑާއި ބިން ވެސް އެކައްޗަކަށްވަނީއެވެ. ތެލާއި ފެނާ ވެސް އެކުވާ ގޮތް ވަނީއެވެ!
![]()
