އައްޑޫ ތަރައްގީ ކުރެވޭނީ ސަރުކާރަށް ވާންކޮށްގެން

Loading

Facebook
Twitter
WhatsApp

މަޖިލީހުގެ ހުރިހާ މެންބަރުން ސަރުކާރަށް ވައިޖައްސަވަން ތިއްބަވައިގެން އެއްކަމެއްވެސް ނުކުރެވޭނެ

ރާއްޖޭގައި ތަރައްގީގެ ކަންކަން މިހާރު ހިނގަމުންދާ ގޮތަށް ބަލާއިރު އައްޑޫގައި ތަރައްގީގެ މަޝްރޫޢުތައް ބާރަށް ހިނގައިގަންނަނީ ސަރުކާރަށް ވާންކޮށްގެންނެވެ. ރައްޔިތުންގެ މަޖިލީހުގައި އައްޑޫގެ ހަތް ދާއިރާ ތަމްސީލު ކުރައްވަން ތިއްބެވި ހަތް މެންބަރުންނާއި ސިޓީ ކައުންސިލްގައި ތިއްބެވި ހަތް މެންބަރުން ސަރުކާރަށް ވައިޖައްސަވަން ތިބައްވައިގެން އެއްކަމެއްވެސް ނުކުރެވޭނެއެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި ފެށި، ފަރެސް- މާތޮޑާ އެއާޕޯޓުގެ މަސައްކަތް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމަށް ދެ އަހަރުވެގެން ދިޔަ އިރުވެސް ކުރިއަށް ނުދާތީ އެދާއިރާގެ މަޖިލިސް މެންބަރ ޙުސޭން މުޙައްމަދު ލަޠީފު ވަނީ، ސަރުކާރަށް އެކަމާ ވަރަށް ބޮޑަށް ޕްރެޝަރ ކުރައްވައި އެތައް ފަހަރަކު ވާހަކަފުޅު ދައްކަވާފައެވެ. މެންބަރ ޙުސޭން ސަރުކާރަށް ވާންކުރައްވަން ފެއްޓެވި ފަހުން ފަރެސް- މާތޮޑާ އެއާރޕޯޓުގެ މަސައްކަތް ކުރިއަށް ގެންދަން މިހާރު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ.

ރައީސް ޔާމީނުގެ ސަރުކާރުން ނައިފަރުގައި ފެށި ބޯފެނާއި ނަރުދަމާގެ މަޝްރޫޢު ކުރިއަށް ޓެކްނިކަލް މައްސަލަތަކަކާހެދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން އެ މަޝްރޫޢު ހުއްޓުވައި އެހެން ބަޔަކާ ހަވާލުނުކޮށް ލަސްކުރާ މައްސަލައިގައި ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު އަޙުމަދު ޝިޔާމު ވަނީ ސަރުކާރަށް ޕްރެޝަރ ކުރައްވައި މެދުކެނޑުމެއްނެތި ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މަޖިލީހާއި މަޖިލީހުން ބޭރުގައި ޝިޔާމު ކުރެއްވީ ދާއިރާގެ ގިނަބައެއްގެ ޝުކުރު ހައްގުވި މަސައްކަތްތަކެކެވެ. މެދުކެނޑުމެއްނެތި ސަރުކާރަށް ވާން ކުރެއްވުމުގެ ނަތީޖާއަކަށްވީ ނައިފަރުގެ ބޯފެނާއި ނަރުދަމާގެ މަސައްކަތް ސަރުކާރުން ބަޔަކާ ހަވާލުކުރުމެވެ.

ބ. އަތޮޅު މާއްޑޫ، ދަނޑުވެރިކަން ކުރުމަށް ދޫކުރަން ސަރުކާރުން ނިންމުމުން، އޭދަފުށީގެ ރައްޔިތުންގެ ވަރަށް ގިނަ ބަޔަކާއި އަތޮޅުގެ އެހެން ރަށްރަށުގެ ބައެއް މީސްމީހުން އެކަމާއި ދެކޮޅަށް އަޑުއުފުލައި ރައްޔިތުން ދަތުރުދާނެ، މުނިފޫހިފިލުވަން އަރާނެ ރަށެއް ނެތޭ ކިޔައި ސަރުކާރަށް ވާން ކުރަން ފެށުމުން އެރަށް ދަނޑުވެރިކަން ކުރަން ދޫނުކުރަން ސަރުކާރުން ނިންމިއެވެ. މާއްޑޫ މައްސަލައިގައި އޭދަފުށީގެ ގިނަބަޔަކު ސަރުކާރުގެ ނިންމުން ބަދަލުކުރުވަން ސަރުކާރަށް ވާންކުރީ ގުޅިގެން ވަރަށް ބާރަށެވެ.

އައްޑޫ ރައްޔިތުން ގަބޫލުކުރިޔަސް ނުކުރިޔަސް އެކިއެކި ސަރުކާރުތަކުން އައްޑުއަށް ލައްކަ ކަންތައްތައްކޮށްދީފިއެވެ. ހަމައެޔާއެކު ރައްޔިތުން ތިބީ ލައްކަ ކަންތައްތަކަށް އެދިއެދިއެވެ. ސަރުކާރުގެ ވައުދުފުނި ހުރީ ބަރިބަރިއަށެވެ. އެތައްހާސް ބަޔަކު ތިބީ ވަޒީފާއެއް ނެތިފައެވެ. ރައީސް މައުމޫނުގެ ވެރިކަމުގައި ހެދި ދެ ރިސޯޓު އޮތީ ބަންދުކޮށްފައެވެ. މާލެ ސަރަހައްދު ފިޔަވައި ދުއްވާ އެއްޗެތި އެންމެ ގިނައިން ބޭނުންކުރާ އައްޑޫގެ މަގުތައް ތާރުއަޅައިގެން ނެހެދި އޮށްވަޅުގޮނޑިއަށް ބަދަލުވަމުންދާއިރު އާބާދީ މަދު، ދުއްވާއެއްޗެތިވެސް މަދު ރަށްރަށުގައި ތާރުއަޅައި ނިމެނީއެވެ.

މިހުރިހާކަމެއް މިހެން އޮތް އިރު މަޖިލީހުގެ މެންބަރުން ޓީވީ ޕްރޮގްރާމުތަކާއި މީޑިއާގެ އެހެން ގުނަވަންތަކުގައި ”އައްޑޫގެ މަގުތައް ހަދަނީ، ތާރު ޑުބައިއިން އަންނަނީ، ރިސޯޓުހަދަން ފަޅުތައް ހިއްކަނީ، ގޭދޮށު ފެކްޓަރީ ހަދަނީ، އެއާޕޯޓު ތަރައްގީ ވަނީ، ފޭދޫ ހިއްކިބިމުގައި ފްލެޓް އެޅެނީ، އިންޑިއާގެ ސޫތުކުޅިން ބޯޓު އަންނަނީ، ބޯޓު އަންނަނީ.“އޭ ވިދާޅުވެ ސަރުކާރަށް ވައިއަޅުއްވައި ތައުރީފު ކުރެއްވިޔަސް ވާނެ ހަމަ އެއްކަމެއްވެސް ނެތެވެ.

އައްޑޫގައި ވެސް ސަރުކާރުން ކޮށްދޭންޖެހިފައި ހުރި ކަންތައްތައް ކުރެވޭނީ، ރާއްޖޭގެ އެހެން އަތޮޅުތަކާއި ރަށްރަށުގައި ވެސް ކަންތައްތައް ކުރުވަން މަޖިލިސް މެންބަރުންނާއި ރައްޔިތުން ސަރުކާރަށް ޕްރެޝަރކޮށް ވާންކުރިހެން ވާންކޮށްގެންނެވެ.

މިއީ އައްޑޫގެ ރައްޔިތުން ހޭންވީ ވަގުތެއް ނޫނެވެ. މިއީ އައްޑޫ ރައްޔިތުން ހޭއަރައި ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުވައި އަތޮޅު ތަރައްގީ ކުރަންވީ ވަގުތެވެ.

 

Loading

One Response

  1. އައްޑޫ މީހުނަށްވެސް ރީދީހުން ޖެހިފާ ވަކާމެއް ހަމަ ހަތްހަރާމުން ހަރާމޯ< ހަމަ އެހެންބާ؟

Leave a Reply to އަދުނާނު ހަލީމު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް