އިންޑިޔާގެ އާސާމް ސްޓޭޓްގައި ދިރިއުޅޭ އަންހެނަކު ކިޔާދިން ގޮތުގައި މީގެ ދެތިން އަހަރު ކުރިޔާ ޖެހެންދެންވެސް ”ބަޓަރފްލައި ޕީ“ ގެ ނަމުން ނަންދީފައިވާ ނޫމަލަކީ ހަމައެކަނި ފާރުތައް ޒީނަތްތެރި ކުރުމަށް އަރުވާ ވެޔޮގަނޑެކެވެ.
ނަމަވެސް ފަހުން އޭނާޔަށް އަޑުއިވުނު ގޮތުގައި ކުދި ވިޔަފާރިތަކުގައި ހަރަކާތްތެރިވާ ބައެއް އަންހެންވެރިން ވިޔަފާރިޔަށް މިމާ ހައްދަން ފަށާފައިވެއެވެ. މި ހަބަރު ލިބުމާއި އެކު އެމީހުންނާ ގުޅިގެން މި ވިޔަފާރީގައި ބައިވެރިވުމަށް ނިންމީ ކަމަށް އޭނާ ކިޔާދީފައި ވެއެވެ. މި ނޫމާ ބޭނުން ކޮށްގެން އެކިފަރާތްތަކުން ސައި، ސަރުބަތު ،އައިސްކްރީމް، މިލްކްޝޭކް ފަދަ ތަކެތި ތައްޔާރު ކުރާއިރު މި މަލަކީ މިއަދު ފޭރާމުގައި ކުލަ ޖެއްސުމަށްވެސް ބޭނުންކުރާ މަލަކަށް ވަނީ ވެފައެވެ.
އެއަންހެންމީހާ ކިޔާދިންގޮތުގައި އޭނާގެ ގޭގައިހުރި ވެޔޮތަކުން ބިނދެގެން ފުރަތަމަ ގެންދިޔަ މަލަށްވެސް އޭނާޔަށް 50 ޑޮލަރު ލިބުމުން އޭނާ ހުރީ ހައިރާންވެފައެވެ. އަދި ނޫމާ ހައްދައިގެން އެކަށީގެންވާ އާމްދަނީއެއް ހޯދާ، ދިރިއުޅުމުގެ ބޭނުންތައް ފުއްދިދާނެކަމުގެ ޔަގީން ލިބުނު ކަމަށް އޭނާ ބުނެފައިވެއެވެ.
އެ އަންހެންމީހާ ބުނީ މި އުންމީދުގައި އޭނާ ކުޑަ ލޯނެއްނަގައި މާތައް ހިއްކުމަށް ބޭނުންވާ ސޯލާ މެޝިނެއް ގަތީއެވެ. މިގޮތަށް މާ ހިއްކުމުން މަލުގެ ކުލަ ބަދަލުނުވެ ހުރުމާ، އަވަހަށް ހިކުމާއި އަދި ގަންނަ ފަރާތްތަކުން ބޭނުންވާ ރަގަޅު ކޮލިޓީގައި މާތައް ބެހެއްޓެއެވެ.
ވިޔަފާރީގައި ނޫމާ އެންމެ ގިނައިން ބޭނުން ކުރާ ގައުމުތަކުގެ ތެރޭގައި ތައިލަންޑާއި އިންޑޮނީޝިޔާ ހިމެނެއެވެ. އަދި މުޅި ދުނިޔޭގައިވެސް މި މަލަށް އޮތް ޑިމާންޑް ބޮޑުވަމުން ދާކަމަށް ވެއެވެ. ޑިމާންޑް އިތުރު ވަމުންދާ އެއްގައުމަކީ އިންޑިޔާއެވެ.
މި މަލުގެ އަގު މިހާ ބޮޑުވެފައިވަނީ ކާއެއްޗެތީގައި ކުލަޖެއްސުމަށް ބޭނުންކުރާ ބާވަތްތަކަކީ ގުދްރަތީ ބާވަތްތަކަށް ވާން ޖެހޭނެ ކަމަށް އިދާރާތަކުން ކަނޑައެޅުމުންނެވެ.
ނޫމާ ކާއެއްޗެތީގައި ބޭނުންކުރުމުގެ ހުއްދަ އެމެރިކާގެ ފުޑްއެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ދީފައިވަނީ 2021 ވަނަ އަހަރުއެވެ. ނަމަވެސް އީޔޫ އަދި ޔޫކޭ ގައި މުޅިން ހުއްދަ ނުދޭ ކަމަށް ވެއެވެ.
މިހެންކަމާއެކުވެސް އިންޑިޔާގެ ވިޔަފާރިތަކުން ގެންދަނީ ނޫމަލަށް އޮތް މާކެޓް ފުޅާކުރުމަށް މަސައްކަތް ކުރަމުންނެވެ. މި މަލާމެދު ސަރުކާރުން ”އެވެއާނަސް“ ފުޅާކުރުމަށް މަސައްކަތްކޮށް، ކްލެސިފިކޭޝަން އެއް ކަނޑައަޅާ އަދި އަގު ހަދާނެ ގޮތްތަކެއް އަދި ހާމަ ކޮށްފައި ނުވި ނަމަވެސް އަންހެނުން ގިނައިން ހިމެނިގެން އެކި ގްރޫޕްތަކުން ގެންދަނީ ނޫމާ އުފައްދާ މިންވަރު އިތުރު ކުރުމަށް މަސައްކަތް ކުރަމުންނެވެ.
ލޮލަށް ބަލާލަން ރީތި ކުލައެއް ގެނެސް ދިނުމުގެ އިތުރުން ނޫމަލުން ސިއްހަތަށްވެސް ފައިދާތަކެއް ލިބޭ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. މިގޮތުން ”ޕްރީ ޑައެބެޓިކް“ މީހުން، މީގެ ސައި ބޭނުން ކުރުމުން ހަކުރު ކޮންޓްރޯލް ކުރެވޭ ކަމަށް އިންޑިޔާ ގެ ޗެންނާއީގެ އިންސްޓިޓިއުޓް އޮފް ހަޔާ އެޑިޔުކޭޝަން އެންޑް ރިސަރޗް ގެ އެސިސްޓަންޓް ޕްރޮފެސަރ ސުޕްރިޔާ ބުނެފައި ވެއެވެ.
އިންޑިޔާގައި ކުރިން ހަނޑުލާއި ތަރުކާރީ ހައްދަމުން އައި ބައެއް ދަނޑުވެރިންވެސް މިހާރު ދަނޑުތަކުގައި ނޫމާ ހައްދަމުން ދާކަމަށް ވެއެވެ. ނޫމާ ވެޔޮގަނޑަކީ ހައްދަން ފަސޭހަ، މި ވަގުތު ބޮޑު ފައިދާއެއް ލިބޭއެއްޗެއް ކަމަށް ވެސްޓް ބެންގޯލްގެ ދަނޑުވެރިޔަކުވެސް ބުނެފައި ވެއެވެ. އަދި އެކި ސައިންޓިފިކް ގޮތްތައް ބޭނުން ކޮށްގެން މާ އުފެއްދޭ މިންވަރު 50 ކިލޯ އިން 80 ކިލޯ އަށް އިތުރު ކުރެވިފައިވާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
ނޫމާހެއްދުމުގެ މަސައްކަތަކީ މިއަދު ހަމައެކަނި ވިޔަފާރިއެއް ނޫން ކަމަށާ، އެކަން މިހާރު ބޮޑު މުޖްތަމައު އަކަށް، ނެޓް ވަރކް އަކަށް އަދި ބޮޑު ވިޔަފާރި އާއިލާ އަކަށް ވެފައިވާކަމަށް އޭނާބުނެފައި ވެއެވެ.
ރާއްޖޭގައިވެސް އައިސްކްރީމް، ސަރުބަތު،މިލްކްޝޭކް، ސައި ފަދަ ކެއުމުގެ ބާވަތްތައް ތައްޔާރުކުރުމަށް ނޫމާ ބޭނުން ކުރަމުންދާ އިރު، އޭގެ މަގްބޫލުކަންވެސް ދަނީ އިތުރު ވަމުންނެވެ.
![]()
