އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ ރައީސް ކަމުގެ ދެވަނަ ދައުރުގައި ބޮޑަށް ސަމާލުކަން ދެއްވަމުން ގެންދަވާތަން ފެންނަނީ ފޮރިން ޕޮލިސީ އަށާ އެދާއިރާއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލް ކުރެއްވުމަށެވެ.
މިގޮތުން އެންމެ ފަހުން ކުރެއްވި އެއްކަމަކީ ވެނެޒުއެލާ އާއި ދެކޮޅަށް ދެއްވަމުން ގެންދެވި އިންޒާރު ތަކަށް އަމަލީ ސިފަ ގެންނަވާ ރޭގަނޑެއްގެ ދަންވަރު ސިފައިން ފޮނުވައިގެން އެގައުމުގެ ރައިސް އާއި އަނބިކަނބަލުން، ވަރަގަދަޔަށް ހިމާޔަތް ކުރެވިފައިވާ ޚާއްސަ ގެކޮޅުގައި ތިއްބަވަނިކޮށް ހައްޔަރު ކޮށްގެން ގެންދިއުމެވެ. މިކަން ކުރެއްވުމުގައި އެމެރިކާއިން ސޮއިކޮށް ފައިވާ ބައިނަލް އަޤްވާމީ ޑޮކްޓްރީން ތަކާއި އުސޫލު ތަކަށް ބައްލަވާލައްވާފައެއް ނުވެއެވެ.
ވޮޝިންގތަންގެ ”އަތްފޯރާ ފަށުގައި“ ވާކަމަށް ޓްރަމްޕް ގަބޫލު ކުރައްވާ ބައެއް ގައުމުތަކާ ދެކޮޅަށް ޓްރަމްޕް ދެއްވާފައިވާ ބައެއް އިންޒާރު ތަކަށް ބަލާލަމެވެ.
ގްރީންލަންޑް
ގްރީންލަންޑްގައި މިހާރުވެސް އެމެރިކާގެ މިލިޓަރީ ބޭސް އެއް އޮތް ނަމަވެސް އެމެރިކާއަށް ބޭނުން ވަނީ މުޅި ގްރީންލަންޑް ކަން ޓްރަމްޕް ގެ އެކި ވާހަކަފުޅު ތަކުން ހާމަވެފައި ވެއެވެ. ގެރީންލަންޑްގެ ވަށައިގެން ޗައިނާ އަދި ރަޝިޔާގެ މަނަވަރުތައް ގިނަ އަދަދަކަށް އަބަދުވެސް ހަރަކާތްތެރިވަމުންދާތީ އެއީ އެމެރިކާއަށް އޮތް ނުރައްކަލެއް ކަމަށާ، އެމެރިކާއިން ގްރީންލަންޑް ބޭނުންވަނީ އަމިއްލަ ގައުމުގެ ނެޝަނަލް ސެކިއުރިޓީ އަށް ކަމަށް ޓްރަމްޕް ވިދާޅުވެފައިވެއެވެ. ގްރީންލަންޑް ކިޔާ ބިޔަ އާކްޓިކް ޖަޒީރާ އޮންނަނީ އެމެރިކާގެ އިރު އުތުރުން 200 މޭލު ދުރުގައެވެ. ގްރީންލަންޑަކީ މިވަގުތު ކިންގްޑަމް އޮފް ޑެންމާކްގެ ދަށުގައިވާ ޖަޒީރާއެކެވެ.
ގްރީންލަންޑަކީ ”ރެއާ އާތު މިނަރަލް“ ގިނަ އަދަދަކަށް ހުރި ސަރަހައްދެކެވެ.މިއީ ސްމާޓް ފޯނާއި އިލްކްޓްރިކް ވެހިކަލް އަދި މިލިޓަރީ ހާޑްވެއާ އުފެއްދުމުގައި ބޭނުން ކުރަން ޖެހޭ މާއްދާއެކެވެ. ޓްރަމްޕް ގެ އިންޒާރަށް ޖަވާބް ދެއްވަމުން ގްރީންލަންޑްގެ ޕްރައިމިނިސްޓަރ ޖެންސް ފްރެޑްރިކް ނީލްސަން ވިދާޅުވެފައިވަނީ އެއީ ހަމައެކަނި ޓްރަމްޕް ގެ ”ފެންޓަސީ“ އެއްކަމުގައެވެ. އަދި މިކަމުގައި ދެން އިތުރަށް ޕްރެޝަރ ކުރުން އޮވެގެން ނުވާނެކަމަށާ ޑަޔަލޮގް ނުވަތަ މަޝްވަރާ ގެ މަގު އޮތީ ހުޅުވިފައި ކަމަށް ވިދާޅުވެފައިވެއެވެ.
ކޮލޮމްބިޔާ
ވެނެޒުއެލާގެ ރައީސް ހައްޔަރު ކުރުމަށް ހިންގި އޮޕަރޭޝަން ނިމުތާ މާގިނަ އިރެއް ނުވެ ޓްރަމްޕް ވަނީ ކޮލޮމްބިޔާ އަށް އިންޒާރެއް ދެއްވާފައެވެ. އަދި ރައީސް ގުސްޓާވޯ ޕްޓްރޯ އަށް ޓްރަމް ވިދާޅުވެފައިވަނީ ”ވޮޗް ޔޯ އާސް“ މިހެންނެވެ. ކަލޭގެ ފަހަތުންވެސް އެބަދަމޭ، ތައްޔާރުވެ ހުންނާށޭ، މިފަދަ ގޮތަކަށްވެސް މީގެ މާނަ ނެގިދާނެއެވެ. އެއާފޯސް ވަންގައި ހުންނަވާ ޓްރަމްޕް ވިދާޅުވީ ކޮލޮމްބިޔާ ގެ ވެރިއަކަށް ހުރީ ކޮކެއިން ހައްދާ އެމެރިކާ އަށް އެތެރެކުރަމުންދާ ބޮޑު މޮޔައެއްކަމުގައެވެ.އަދި އެކަންތައް ދެން މާގިނަ ދުވަހަކު ނުކުރެވޭނެ ކަމަށް ޓްރަމްޕް ވިދާޅުވެފައި ވެއެވެ.
ވެނެޒުއެލާގެ ހުޅަގަށް އޮންނަ އެގައުމުގެ އަވަށްޓެރި ކޮލޮމްބިޔާ އަކީ ވެސް ތެލުގެ ރިޒާވްގެ މުއްސަނދިކަން ލިބިފައިވާ، އަދި ރަނާއި ރިހި، އެމެރަލްޑް، ޕްލެޓިނަމް އަދި ކޯލް ނުވަތަ ބޯޓުދެލީގެ މުއްސަނދިކަންވެސް ލިބިފައިވާ ގައުމެކެވެ.
އެސަހައްދުގައި ބާރުގަދަ ކޮށްފައިވާ ޑްރަގްގެ ވިޔަފާރީގައިވެސް ކޮލޮމްބިޔާ އަކީ ކުރީގައި އުޅޭ ގައުމެކެވެ. ޑްރަގް ކާޓެލް ތަކަށް މަގުތައް ފަހިކޮށް ދެއްވާކަމަށް ތުހުމަތު ކުރައްވާ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހު އެމެރިކާއިނަ ވަނީ ކޮލޮމްބިޔާގެ ރައީސްއާ ދެކޮޅަށް ސެންކްޝަން ނުވަތަ ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.
އީރާން
ސަރުކާރާ ދެކޮޅަށް ފުޅާދާއިރާއެއްގައި އާންމުން މުޒާހަރާތައް މިވަގުތު ކުރަމުން ގެންދާ އީރާންގެ ހާލަތާބެހޭ ގޮތުން ޓްރަމްޕް ވިދާޅުވީ މުޒާހަރާކުރާ އިތުރު ބަޔަކު މަރުވެއްޖެ ނަމަ އީރާންގެ ވެރިންނަށް ވަރުގަދަ ލަގާއެއް އަންނާނެ ކަމުގައެވެ. އީރާންގައި ކުރިޔަށްދާ ކަންތައްތައް ވަރަށް ގާތުން ބަލަމުން ދާކަމަށާ ކުރިން އާންމުން މަރަމުން އައިގޮތަށް ސަރުކާރުން މީހުން މަރަމުން ދާނަމަ އެމެރިކާ އީރާނަށް ވަރަށް ވަރުގަދަ ހަމަލާއެއް ދޭނެ ކަމަށް ޓްރަމްޕް ވިދާޅުވެފައި ވެއެވެ.
އެމެރިކާއިން މިދިޔަ އަހަރުވެސް ވަނީ އީރާނުގެ ނިއުކްލިއަރ ފެސިލިޓީ ތަކަށް ހަމަލާދީފައެވެ.
މެކްސިކޯ
2016 ވަނަ އަހަރު ޓްރަމްޕް ވެރިކަމަށް ވަޑައިގެންނެވީ ދެކުނުން މެކްސިކޯއާއި އިމުން ގުޅޭ ބޯޑަރުގައި ބޮޑު ފާރެއް ބިނާ ކުރައްވާނެ ކަމުގެ ވައުދާއި އެކުއެވެ. އަދި 2025 ވަނަ އަހަރު ދެވަނަ ފަހަރަށް ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ފުރަތަމަ ދުވަހުވެސް ”ގަލްފް އޮފް މެކްސިކޯ“ ގެ ނަން ”ގަލްފް އޮފް އެމެރިކާ“ އަށް ބަދަލުކުރުމުގެ އެގްޒެކެޓިވް އޯޑަރުގައި ސޮއި ކުރައްވާފައި ވެއެވެ. މެކްސިކޯ އިން ގަވާއިދާއި ޚީލާފަށް އެމެރިކާއަށް އެތެރެވާ މީހުން ހުއްޓުވުމަށާ ބަލްކް ކޮން ޑްރަގް އެތެރެވުން ހުއްޓުވުމަށް މެކްސިކޯގެ އިދާރާތަކުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރާކަމަށް ޓްރަމްޕް އެތައް ފަހަރަކު ވިދާޅުވެފައިވެއެވެ. އާދީއްތަދުވަހުވެސް ޓްރަމްޕް ވިދާޅުވެފައިވަނީ މިކަން ހުއްޓުވުމަށް ”ކޮންމެސް ކަމެއް ކުރަން އެބަޖެހޭ“ ކަމުގައެވެ.
ކިއުބާ
ފްލޮރިޑާގެ ދެކުނުން 90 މޭލު ދުރުގައިވާ ކިއުބާއަކީ 1960ހުގެ އަހަރުތަކުން ފެށިގެން އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ގައުމެކެވެ. ކިއުބާ އަކީ ވެނެޒުއެލާ ގެ މަޑޫރޯ އާއި ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމެކެވެ. ވެނެޒުއެލާގައި އުފައްދާތެލުގެ 30 އިންސައްތަ ވިއްކަނީ ކިއުބާއަށެވެ. ބަދަލުގައި ކިއުބާއިން ޑޮކްޓަރުންނާއި މެޑިކް ސްޓާފުން ފޮނުވާދެއެވެ.
ޓްރަމްޕް ވިދާޅުވީ ވެނެޒުއެލާގެ ތެޔޮ ލިބުން ބަންދުވުމާއެކު، މާބޮޑު މިލިޓަރީ ހަމަލާއެއް ކިއުބާއަށް ނުދިންނަމަވެސް އެގައުމު އަމިއްލަޔަށް ހަލާކުވެގެން ހިނގައިދާނެ ކަމުގައެވެ.
![]()
