ގއ ވިލިގިނލީގައި ރޭ ބޭއްވި ޤައުމީއެއްބައިވަންތަ ކަމުގެ ދުވަހުގެ ޖަލްސާ ނައިބް ރައީސް ފައިސަލް ނަސީމް ޝަރަފުވެރި ކޮށްދެއްވައިފިއެވެ.
މިޖަލްސާ ޝަރަފްވެރި ކޮށްދެއްވައި ނައިބް ރައީސް ފައިސަލް ވަނީ ވާހަކަފުޅު ދައްކަވައިފައެވެ.
އެމަނިކުފާނުގެ ވާހަކަ ފުޅުގައި ވިދާޅުވީ ރާއްޖެ ތަރައްގީކޮށް، ރަނގަޅު ޖީލެއް ބިނާކުރެވޭނީ ހިޔާލުތަފާތުވުންތަކާއި ދެކޮޅުވެރިކަން ދޫކޮށްލައި، ސުނާމީގައި ދެއްކި ފަދަ އެއްބައިވަންތަ ނަމޫނާއެއް ދައްކައިގެން ކަމަށެވެ.
ސުނާމީކާރިޘާގައި ދިވެހި ރައްޔިތުން ދެއްކި އެއްބައިވަންތަކަން ފާހަގަކުރުމުގެ ގޮތުން މިހާރު ކޮންމެ އަހަރެއްގެވެސް ޑިސެމްބަރ 26ފާހަގަ ކުރަނީ ދިވެހިންގެ އެއްބައިވަންތަ ކަމުގެ ދުވަހުގެ ގޮތުގައެވެ. މިދުވަސް ފާހަގަ ކުރުމަށް ރޭ ގއ. ވިލިނގިލީގައި ބޭއްވި ޖަލްސާގައި ނައިބު ރައީސް ފާހަގަކުރެއްވި ގޮތުގައި ރާއްޖެ ތަރައްގީ ކުރެވޭނީ ހުރިހާ އެންމެންނަށް ގުޅިގެން މަސައްކަތްކޮށްގެންނެވެ. އެ މަންޒަރު ސުނާމީ ކާރިސާއާ ގުޅިގެން ފެނުނު ކަމަށާއި އެކަކު އަނެކަކާ މެދު ކަންތައް ކުރީ އޯގާތެރިކަމާއި އަޅާލުމާ އެކުގައި ކަމަށް ވިދާޅުވި އެވެ.
”އަޅުގަނޑުމެންނަށް ތަރައްގީ ހޯދޭނީ، އަމާންކަން ހޯދޭނީ، ރަނގަޅު ރައްޔިތެއް ބިނާ ކުރެވޭނީ، ސުލޫކު ހުރި އަހްލާގު ރަނގަޅު ދަރިންތަކެއް އަޅުގަނޑުމެންނަށް ތަރުބިއްޔަތު ކުރެވޭނީ، އެއްކޮށް މަސައްކަތް ކޮށްގެން،“ ނައިބު ރައީސް ފައިސަލް ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ނައިބު ރައީސް ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑުކަމުގައި ވެސް ދިވެހިން ވަނީ އެކުވެރިކަމާއި އެއްބައިވަންތަ ބައެއްކަން ހާމަކޮށްދީފައި ކަމަށެވެ. ބަލިން އަރައިގަތުމުގެ މަސައްކަތުގައި ބައިވެރިވީ ހަމައެކަނި ސިއްހީ މަސައްކަތްތެރިންނާއި ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުން ނޫން ކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ. މި ކަމުގައި އާއްމުންނާއި އަމިއްލަ ފަރުދުންނާއި ޖަމިއްޔާ ޖަމާއަތްތައް ވެސް ހިމެނޭ ކަމަށާއި ދިވެހިން އަބަދުވެސް އުޅެންވީ އެކުވެރިކަމާއި އެކުގައި ކަމަށް ވިދާޅުވި އެވެ..
ކާމިޔާބު އޮތީ ވެސް އެ މަގުން މަސައްކަތްކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”އަޅުގަނޑުމެންނަށް އޮތް ޗޮއިސް އެއް ނޫން ދެކޮޅުވެރިވުމަކީ، އަޅުގަނޑުމެން ޖެހޭނީ އެކުވެރިކަމާ އެކު ކޮންމެ ކަމެއްގައި އުޅެން،“ ފައިސަލް ނަސީމް ވިދާޅުވި އެވެ.
ކޮވިޑް-19 އާ ގުޅިގެން ސިއްހީ މަސައްކަތްތެރިންނާއި އެހެނިހެން ފަރާތްތަކުން ކުރެއްވި މަސައްކަތަށް ވެސް އެ މަނިކުފާނު ޝުކުރުއަދާކުރެއްވި އެވެ.
އެއްބައިވަންތަކަމުގެ ސިޔާސަތަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވެސް ވަރަށް ބޮޑު އަހައްމިޔަތު ދެއްވާ ކަމެއް ކަމަށާއި ރާއްޖެ ތަރައްގީ ކުރުމުގައި އެއްވެސް ރަށަކާއި އަތޮޅެއް ބާކީ ނުކުރާނެ ކަމަށް އެމަނިކުފާނުގެ ވާހަކަ ފުޅުގައި ވިދާޅުވި އެވެ.