އަތޮޅުތަކުގައި ދުވަހު އާމުދަނީއެއް ނެތުމުގެ ގޮންޖެހުން

Loading

Facebook
Twitter
WhatsApp

ޙަގީގަތަކީ : ދިވެހި ރާއްޖެއަކީ ފުދުންތެރި ގައުމެއްގެ ގޮތުގައި ބޭރުފުށުން ދެއްކި ކަމުގައިވިޔަސް، ހަގީގަތަކީ ދިވެހި ޒުވާނުންނަކީ ދުވަހު އާމުދަނީއަކަށް މުހުތާދަވެފައިވާ ނިކަމެތި ޖުމްލަގޮތެއްގައި ފަގީރު ބައެކެވެ. ދުވަހު އާމުދަނީއަކަށް ޓަކައި ކުރެވޭނެ މަސައްކަތެއް އަތޮޅުތަކުގައި އުފައްދާފައެއް ނުވެއެވެ. އަދި މައި ސަރުކާރުގައި އެފަދަ ވިސްނުމެއްވެސް ގިނަފަހަރަކަށް ނުހުރެއެވެ.

އަބަދުވެސް ސަރުކާރުގެ އަމާޒު ހުންނަނީ އިގުތިސާދީ މަޝްރޫޢުތަކަށްވުރެ ޒީނަތްތެރިކަމުގެ މަޝްރުޢުތަކަށް އިސްކަން ދިނުމެވެ. މިސާލަކަށް މޫދު ހިއްކުމާއި، މޫދުގެ އަޑިން މަގުހެދުމާއި، އީދަށް ބޮކިފަތި ދިއްލުމާއި، ފާލަން އެޅުންފަދަ ކަންކަމެވެ. އެހެންކަމުން ޒުވާނުން ތިބެނީ ކުރާނެ މަސައްކަތެއް ނެތިގެން އަތިރިމަތީ ހޮޅުއަށީގައި ނުވަތަ ގުރޫޕު ޖަހައިގެން ތަންތަނަށް އެއްވެފައެވެ. އޭގެ ސަބަބުން ވަރަށްގިނަ ފަހަރަށް ގުރޫޕު މާރާމާރީ އުފެދުމާއި ދުންފަތުގެ އިސްތިއުމާލަށް މަގުފަހިވުމާއި މަސްތުވަތަކެތީގެ ބަވާއަށް މަގު ތަނަވަސްވެގެން ދިއުން ހިމެނެއެވެ.

މައްސަލަ:

ޒުވާނުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ އެ މީހުންގެ އަމިއްލަ ވަޒަނުގައި ތިބެގެން އާމުދަނީއެއް ލިބުމުގެ ވަސީލަތްތައް ނެތުމެވެ. އަދި ދުވަހު އާމުދަނީއަށް ޓަކައި އުފަން ރަށާއި އަނބިދަރީން ދޫކޮށް އެހެން ތަންތަނަށް ހިޖުރަކުރަން ޖެހުމެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އާއިލާގެ މެދުގައި ތަފާތު އިޖުތިމާއީ މައްސަލަތައް އުފެދި އާއިލާތައް ބިކަވެ ދެރަގޮތްތައް މެދުވެރިވެއެވެ. އަނެއްކޮޅުން ހިޖުރަކޮށްގެން ލިބޭ ކުޑަ އާމުދަނީކޮޅުން އެމީހާގެ ހުރުމާއި ނިދުމާއި ކެއުމަށް ކަނޑައިލާއިރު އަނބި ދަރީންނަށް ފޮނުވަން ބަކީ އޮންނަނީ ދެކޮޅު ނުޖެހޭވަރުގެ މަދު މިންވަރެކެވެ. މި ދަތި ހާލުގައި ދިވެހި ޒުވާނުން އުޅެންޖެހުމުގެ ސަބަބުން އެ މީހުންގެ ދިގު އުމުރުވަނީ ކުރުވެފައެވެ. އެ މީހުންގެ ވަށައިގެން ވަނީ ހާސްކަމާއި ނުތަނަވަސްކަމެވެ. ނާމާންކަމާއި ބިރުވެރިކަމެވެ. މިކަން ހައްލުކުރުމަށް ޓަކައި މަގޭ ގައުމު- މަގޭ ތަސައްވުރު ބިނާކުރެވިފައި ވަނީ ރައްޔިތުންނަށްއެ މީހުންގެ ވަޒަނުގައި ތިބެގެން އާމުދަނީއެއް ލިބޭނެ ގޮތަކަށް ރާއްޖޭގެ އަތޮޅުތަކަށްރާއްޖޭގެ އިގުތިސާދީ ހަކަތަ ބަހައިލައިގެން އަތޮޅުތަކުގައި އިގުތިސާދީ މަޝްރޫއުތައް ގާއިމުކުރުމެވެ.

 ހައްލު:

ހ- އަތޮޅުތަކަށް ވައިގެ ދަތުރުތައް އަގުހެޔޮކުރުން

އަތޮޅުތަކަށް ފަތުރުވެރިކަން ގެނައުމުގައި ހުރި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދަތުރު ފަތުރުގެ އަގުތައް އަތް ނުފޯރާ ފަށަށް އުފުލިފައިވުމެވެ. އެކަން ހައްލުކޮށް އަތޮޅުތަކަށް ފަތުރުވެރިކަން ގެނައުމަށް ޓަކައި އަތޮޅުތަކަށް ކުރެވޭ ވައިގެ ދަތުރުތަކަށް ފެންވަރު ރަނގަޅު ވައިގެ ބަޖެޓު އުޅަނދުތައް ތައާރުފުކޮށް ދަތުރުފަތުރުގެ އަގުހެޔޮ ނިޒާމަކަށް ރާއްޖޭގެ އަތޮޅުތަކަށް ފުރުސަތު ހުޅުވުމެވެ.

ދަނެއު، ދިވެހި ރާއްޖޭގެ ގައުމީ އެއަރ ލައިން “ މޯލްޑިވިއަންގެ“ އަގު އެއްދުވަހުންއަނެއްދުވަހަށް ދަނީ އުފުލެމުންނެވެ. އަނެއްކޮޅުން އެ އެއަރލައިނުގެ ފުލީޓުތަކަށް ބަލާއިރު އެ ކުންފުނީގައި ފަންސާސް އަހަރުވެފައިވާ ފުލައިޓުތައްވެސް އެބަހުއްޓެވެ. ދިވެހިރާއްގެ ފަދަ ފަތުވެރިކަމުގެ ސިނާއަތަކަށް މިހާރަށް ވުރެ ފެންވަރު ރަނގަޅު ގައުމީ އެއަރލައިނެއް އޮންނަން ޖެހޭނެކަމަށް ފެނެއެވެ. ތިރީގައި އެވާ ލިންކުން މޯލްޑިވިއަންގެ ފުލީޓުތައް ބައްލަވާށެވެ.

https://www.planespotters.net/airline/Maldivian?refresh=1

އަދި ޓީ.އެމް.އޭ. ގެ ފުލީޓުއް ތިރީގައި އެވާ ލިންކުން ބައްލަވާށެވެ.

https://www.planespotters.net/airline/Trans-Maldivian-Airways

މިފަދަ ކަންތަކުން އެގެނީ ގައުމުގެ ފަތުރުވެރިަކަމުގެ ސިޔާސަތަށް ވަދެފައި ހުންނަ މާލީ ފަސާދުގެ ނުރައްކާތެރިކަމެވެ. ނޫންނަމަ ދިވެހި ރާއްޖެ ފަދަ ފަތުރުވެރިކަމުގެ ރަނގަޅު ސިނައަތެއް އޮންނަތަކަށް ބޭނުންވާ ދަތުރުފަތުރުގެ ނިޒާމު ބަށްޓަންކުރެވިފައި އޮންނަން ޖެހޭނީ ތަރައްގީވެފައިވާ ގައިމުތަކުގެ ދަރަޖައަކަށެވެ. ދިވެހި ޒުވާނުންނަށް ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ!

ށ- ދަތުރުފަތުރުގެ ނިޒާމަށް ވާރު ކުޑަކުރުން

އެއްގަމާއި ކަނޑުގެ ދަތުރުގެ ނިޒާމު ހަރުދަނާކޮށް އެ ދަތުރުތަކުގެ އަގުހެޔޮކުރުމަށް ޓަކައި އެއްގަމާއި ކަނޑުގެ އުޅަނދުތަކުގެ ވާރު ކުޑަކުރުން ނުވަތަ ސުމެއް އިންސައްތައަށް ދަށްކުރުމެވެ.

ނ- ފަތުރުވެރިކަމުގެ ބިންތައް އަތޮޅުތަކުގެ ޒުވާނުންނަށް ޚާއްސަކުރުން

އަތޮޅުތަކުން ފަތުރުވެރިކަމަށް ދޫކުރެވޭ ބިންތައް ދޫކުރުމުގައި ކޮންމެ އަތޮޅެއްގެ ވެސް އެ އަތޮޅުގެ ރައްޔިތުންނަށް އިސްކަން ދިނުމާއި އެ ބިންތައް އެ އަތޮޅެއްގެ ރައްޔިތުންނަށް ހެޔޮއަގުގައި ދޫކުރުމެވެ.

ރ- އަތޮޅުތަކުގެ ފަތުރުވެރިކަމަށް ސަރުކާރުން ފަންނީ އެހީތެރިކަން ދިނުން

އަތޮޅުތަކުން ފަތުރުވެރިކަމަށް ދޫކުރެވޭ ބިންތައް ތަރައްގީ ކުރުމަށް ޓަކައި ބޭނުންވާ ރޭވުންތަކާއި ފަރުމާތައް ތައްޔާރުކޮށްދިނުން ފަދަ ފަންނީ އެހީތެރިކަން ދިވެހި ޒުވާނުންނަށް ދިނުމެވެ.

ބ- އަތޮޅުތަކުގެ ފަތުރުވެރިކަމަށް ސަރުކާރުން މާލީ އެހީތެރިކަން ދިނުން

 އަތޮޅުތަކުން ފަތުރުވެރިކަމަށް ދޫކުރެވޭ ބިންތައް ތަރައްގީ ކުރުމަށް ޓަކައި ބޭނުންވާ މާލީ އެހީތެރިކަން ސަރުކާރުން އެ އަތޮޅަކަށް ކަނޑައަޅާ އަދަދެއްގެ ރިސޯޓުތަކަށާއި ހޮޓާތަކަށް ސަރުކާރުގެ ލުއިދަރަނި އުސޫލުން ޒުވާނުންނަށް ފޯރުކޮށްދިނުމެވެ. އަދި ފަތުރުވެރިކަމަށް އަމާޒުކޮށްގެން އަތޮޅުތަކުގައި ބޭނުންކުރުމަށް ބަނދެވޭ، އެ އަތޮޅަކަށް ސަރުކާރުން ކަނޑައަޅާ އަދަދެއްގެ ސަފާރީތަކަށް ކުރެވޭ ހޭދަ ވަގުތުން ސަރުކާރުން ދެއްކުމަށްފަހު އެ އެއްޗަކުން ލިބޭ އާމުދަނީއަކުން ދައްކައި ދަރަނި ޚަލާސްކުރާ ނިޒާމެއް ކޮންމެ އަތޮޅެއްގައި ތައާރުފުކޮށް ގާއިމުކޮށްދިނުމެވެ.

ޅ- އަތޮޅުތަކުގެ މަސްވެރިކަމަށް ޒުވާނުންނަށް މާލީ އެހީތެރިކަން ދިނުން

މަސްވެރިކަމަށް އަމާޒުކޮށްގެން އަތޮޅުތަކުގައި ބޭނުންކުރުމަށް ބަނދެވޭ އެ އަތޮޅަކަށް ސަރުކާރުން ކަނޑައަޅާ އަދަދެއްގެ މަސް ދޯނިތަކަށް ކުރެވޭ ޚަރަދު ސަރުކާރުން ދެއްކުމަށް ފަހު އެއެއްޗަކުން ލިބޭ އާމުދަނީއަކުން ދައްކައި ދަރަނި ޚަލާސްކުރާ ނިޒާމެއް އަތޮޅުތަކުގައި ތައާރުފުކޮށްދިނުމެވެ.

ކ- އަތޮޅުތަކުގައި މަސް ބަންދުކޮށް ބޭރުކުން

އަތޮޅުތަކުން ބާނާ މަހުގެ ތެރެއިން ރައްޔަތުންގެ ބޭނުމަށްވުރެ އިތުރުވާ މަސްތައް ގަނެ ދަޅުގައި ބަންދުކުރެވޭނެ ނިޒާމެއް އަތޮޅުތަކުގައި ގާއިމުކުރުމެވެ.  މފަދަ މަޝްރޫޢުތައް ހިންގަދެވޭފެންވަރުގެ އިންވެސްޓަރުން ތިބިކަމުގައި އަޅުގަނޑަށް ގަބޫލުކުރެވެއެވެ. އަޖުމަބަލާލަން އިންޓަރނޭޝަނަލް ބިޑެއް ހުޅުވާލަމާތޯއެވެ!

Loading

One Response

  1. ވަރަށް ރަނގަޅު ލިޔުމެކެވެ. ގައުމާއި ދޭތެރޭ ތިގޮތަށް އެހުންނަ މަސްލަތައް ނުވަތަ މީހުންގެ ދިރިއުޅުން ތަނަވަސްކޮށްދޭން ވިސްނާ ވެރިން ނުލިބެނީއެވެ. ކޮރޯޝިއާގަޔާއި ބުކިނަފަސޯ ގައި އެވަނީ ހެޔޮލަފާ ވެރިން ލިބިފައެވެ. އަހަރެމެން ގައުމުތަކުގައި އޮންނާނީ ނަން އިސްލާމެވެ. ކާފަރުންނަށްވުރެވެސް އަހަރެމެން އިސްލާމީ 99% ގައުމުތަކުގެ ވެރީން ރައްޔަތުންނަށް ހަރާމްކޯރެވެ. ދެހަރަމްގެ މިހާރުގެ ޙަރަމައިންނަށް ބެލިޔަސް މިބުނީ ތެދުކަން އިނގެނެއެވެ.

Leave a Reply to މުޙައްމަދު މޫސާ Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް