ރާއްޖެ އާއި ކިންގްޑަމް އޮފް އެސްވަތީނީ އާއި ދެމެދު ސިޔާސީގުޅުން ގާއިމްކޮށްފި

Loading

Facebook
Twitter
WhatsApp

ދިވެހިރާއްޖެއާއި އެފްރިކާގެ ގައުމެއްކަމަށްވާ ކިންގްޑަމް އޮފް އެސްވަތީނީ އާއި ދެމެދު ރަސްމީކޮށް ސިޔާސީގުޅުން ގާއިމްކޮށްފި އެވެ.

ރާއްޖެއާއި އެސްވަތީނީ އާއި ދެމެދު ގުޅުން ގާއިމުކުރުމަށް އދ. އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގައި ބޭއްވިރަސްމިއްޔާތުގައި ދެ ގައުމުގެ ގުޅުން ގާއިމްކުރުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެއިން އދ އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސައިން އެވެ. އެސްވަތީނީގެ ފަރާތުން ސޮއިކުރެއްވީ އެގައުމުން އދ އަށް ކަޑައަޅުއްވާފައި ހުންނަވާ މަންދޫބު މެލޫސީ މާޓިން މަސޫކް އެވެ.

އެސްވަތީނީއާއެކު ގުޅުން ގާއިމުކުރުމުގެ ސަބަބުން ތަފާތު ދާއިރާ ތަކުން ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކޮށް ބައިނަލް އަގުވާމީ މައިދާނުގައި އެކުގައި މަސައްކަތް ކުރުމަށް ފަސޭހަވެގެންދާނެކަމަށް ފޮރިން މިނިސްޓްރީން ހާމަކުރެއެވެ.

ކިންޑަމްއޮފް އެސްވަތީނީ އާއެކު ގުޅުން ގާއިމުކުރުމާއެކު ރާއްޖެއިން ޑިޕްލޮމެޓިކް ގުުޅުން ގާއިމްކުރި ގައުމުތަކުގެ އަދަދު ވަނީ 175 އަށް އަރާފައެވެ.

ކިންޑަމްއޮފް އެސްވަތީނީ އަކީ އެފްރިކާގެ އެންމެ ކުޑަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އެފްރިކާގެ ދެކުނުން އޮންނަ މި ގައުމަށް ކުރިން ކިއައި އުޅުނީ ކިންގްޑަމް އޮފް ސްވަޒިލޭޑްއެވެ. ގާތްގަޑަކަށް 1.2 މިލިއަން މީހުންގެ އާބާދީއެއް އޮންނަ މި ގައުމުގެނަން ބަދަލުކުރީ 2018 ވަނަ އަހަރުގައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް