އެކަށީގެންވާ މިންވަރާ ގާތަށްވެސް، ރާއްޖޭގައި ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކޮށްދެވިފައި ނެތް: ރައީސް އިބްރާހީމް

Loading

Facebook
Twitter
WhatsApp

އެކަށީގެންވާ މިންވަރާ ގާތަށްވެސް، ރާއްޖޭގައި ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކޮށްދެވިފައި ނެތްކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

”ކުޅިވަރު ސްޓޭޑިއަމްތަކާއި، އިންޑޯ ހޯލްތަކާއި، ޓްރެކްތަކާއި، ޖިމް ފަދަ ވަސީލަތްތައް އެކަށީގެންވާ މިންވަރަކަށް އަދިއެއް (ރާއްޖޭގައި) ނެތް.“ ނޭޝަނަލް މާރޝަލް އާރޓްސް ސެންޓަރ އަދި ހުޅުމާލެ ޓީ.ޓީ. ހޯލް ހުޅުވުމުގެ ރަސްމިއްޔާތުގައި އާދީއްތަ ދުވަހުގެ ހަވީރު ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހީމް ވިދާޅުވިއެވެ. “ ކުޅިވަރުގެ ރޮނގުން އަޅުގަނޑުމެންގެ އުންމީދުތައް ހުރީ ވަރަށް އުހުގައި. ކުޅިވަރުގެ ރަން ވަނަތައް ބޭނުންވޭ. އެކަމަކު އެ ކާމިޔާބީ ހާސިލުކުރަން އެކަށީގެންވާ މިންވަރާ ގާތަށްވެސް، ރާއްޖޭގައި ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކޮށްދެވިފައި ނެތްކަމީ، އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ ޙަޤީޤަތެއް.“

ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގައި ވަރަށް ހުނަރުވެރި ކުޅުންތެރިންނާއި އެތުލީޓުން އެބަ ތިބިކަމަށާއި ނަމަވެސް އަޅުގަނޑުމެންނަށް ފެންނަނީ، ޙަޤީޤީ ކާމިޔާބަކާ ހަމައަށް ނުދެވެނީސް، އޭގެ ތެރެއިން ގިނަ ކުޅުންތެރިން ކުޅިވަރުގެ މައިދާން ދޫކޮށްލާތަންކަމުގައި ވިދާޅުވިއެވެ. އެކަމުގެ ސަބަބަކީ، އެ ކުޅުންތެރިންގެ ކިބައިގައި ހުރި ހުނަރުތައް ތަރައްޤީކޮށްދެވޭނެ ރަނގަޅު ޕްލޭނެއް އަދި ނެތުންކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް އިބްރާހީމް ވިދާޅުވި ގޮތުގައި ކުޅިވަރު ތަރައްޤީކުރުމުގައި، ސަރުކާރުގެ އެންމެ ފުރަތަމަ އަމާޒަކީ، ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކޮށްދީ ތަރައްޤީކޮށްދިނުމެވެ. އަދި ރާއްޖެއާއި ރާއްޖެއިން ބޭރުން ރަނގަޅު ތަމްރީނާއި ތަޖުރިބާގެ ފުރުޞަތުތައް ކުޅުންތެރިންނަށް ހޯދައިދިނުމެވެ. އެސޯސިއޭޝަންތަކާއި ބެލެނިވެރިން ގުޅިގެން ކުރާ މަސައްކަތުގައި، ސަރުކާރުން މިތިބީ އެހީތެރިކަމާއި އެއްބާރުލުން ދޭން ތައްޔާރަށްކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

”އަޅުގަނޑު ވެރިކަމާ ޙަވާލުވިއިރު، ކުޅިވަރުގެ ދާއިރާއިން އެންމެ ބޮޑު އެއް ޝަކުވާއަކަށް ވެފައިއޮތީ، މާލޭގެ ފަތާ ޓްރެކް ސަރަޙައްދުގައި، އަތްވާއި ވާރޭން ހިޔާވާނެ ގޮތެއް ނެތްކަމުގެ ޝަކުވާ. އެކި ސަބަބުތަކާހުރެ ލަސްވެގެން ދިޔަނަމަވެސް، އިރާދަކުރެއްވިއްޔާ އެ މަސައްކަތް މިހާރު އެވަނީ ނިމުމަކާ ހަމަޔަށް އައިސްފައި.“ ރައީސްގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. ”ރާއްޖޭގައި ބޮޑީ ކަނޑުގެ ސަރަޙައްދު ކަމަށްވިޔަސް، މޫދުކުޅިވަރުތައް ނުވަތަ ފެނުގައި ކުޅޭ ކުޅިވަރުތައް ކުޅުމަށް އެކަށީގެންވާ ވަސީލަތްތަކެއް ރާއްޖޭގައި މިހާތަނަށް ޤާއިމުކުރެވިފައެއް ނެތް.“

އޮލިމްޕިކް ސައިޒްގެ ސްވިމިންގ ޕޫލެއް، މާލެ ސަރަޙައްދުގައި އެޅުމަށް ބޭނުންވާ މަސައްކަތްތަކުގެތެރެއިން ކަރުދާހުގެ މަސައްކަތް، އެންމެފަހުގެ ތަފްޞީލީ ކުރެހުންތައް ކުރެހުމުގެ މަސައްކަތް ކަމާބެހޭ ފަރާތުން ކުރަމުން އެބަގެންދެއެވެ.

 

Loading

One Response

  1. ކޮވިޑްގެ ދުވަސްތައް ނިމުމަކަށް އައިމާ ރައީސް ތިކަން އިތުރަށް ރަނގަޅުކޮށްދެއްވުން އެދެމެވެ. ނަމަވެސް 2023 ގެ ކެމްޕެއިން ފެއްޓެވުމުގެ ކުރިންވެސް މެއެވެ. ޝުކުރިއްޔާ ރައީސް!

Leave a Reply to މޫސާ މުހައްމަދު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް