ބާސެލޯ ނަސަންދުރައަކީ މާލެ ސިޓީގެ ތަރައްޤީގެ އާ ބާބެއް: ޢާޒިމް

Loading

May 21, 2025
profile
Facebook
Twitter
WhatsApp

ބާސެލޯ ނަސަންދުރަ ހުޅުވުމަކީ މާލެ ސިޓީގެ ތަރައްޤީގައި ފެށުނު އާ ބާބެއްކަމަށް، މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރު މިހެން ވިދާޅުވީ ބާސެލޯ ނަސަންދުރަ ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްފަހު އެމަނިކުފާނުގެ ފޭސްބުކް އެކައުންޓުގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައެވެ.

”މިފަދަ މަޝްހޫރު ބައިނަލްއަޤްވާމީ ބްރޭންޑެއް މާލެ ސިޓީގައި ޤާއިމްކުރެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް. މިއީ ހަމައެކަނި މާލޭގެ މަލަމަތި ޒީނަތްތެރި ކޮށްދޭނެ ތަނެއް ނޫން. މިއީ މާލެ ސިޓީގެ ތަރައްޤީގެ ތަސައްވުރު ހާސިލުކުރުމަށްޓަކައި ބައިނަލްއަޤްވާމީ ދުނިޔެއާ އަޅުގަނޑުމެން ގުޅުވައިދޭނެ ތަނެއްވެސްމެ.“ ޢާޒިމް ލިޔުއްވާފައި ވެއެވެ.

ޢާޒިމް ވިދާޅުވީ މި ހޮޓަލަކީ ދުނިޔޭގެ ފެންވަރުގެ ޚިދުމަތްތައް ލިބިދިނުމުގެ އިތުރުން ރާއްޖޭގެ ވިޔަފާރިތަކަށް ލިބުނު ރަނުގެ ފުރުސަތެއް ކަމަށެވެ. އަދި ވަޒީފާގެ އެތައް ފުރުސަތެއް މިތަނުގެ ސަބަބުން ހުޅުވޭނެ ކަމަށާއި، މީގެ އިތުރުން މިއީ މާލޭގެ ހައިބަތު އިތުރުކޮށްދޭނެ ބިނާއެއްކަމަށެވެ.

ޢާޒިމް ވަނީ މާލެ ސިޓީ ކައުންސިލާއި މާލެ ސިޓީގެ އެންމެހާ ރައްޔިތުންގެ ނަމުގައި ބާސެލޯ ހޮޓެލް ގްރޫޕަށް މަރުހަބާއާއި ތަހުނިޔާ ފޮނުއްވާފައެވެ.

ކުރިން ނަސަންދުރަ ޕެލަސް ހޮޓެލްގެ ނަމުގައި ހިންގި އިމާރާތް ހުރި ބިމުގައި މިހާރު އަޅާފައިވާ ބާސެލޯ ނަސަންދުރައަކީ 126 ކޮޓަރިއާއި 118 ސަރވިސް އެޕާޓްމަންޓް ހިމެނޭ, 5 ތަރީގެ ލަގްޜަރީ ހޮޓަލެކެވެ.

މި ހޮޓެލް ހިންގަނީ ސްޕެއިނުގެ ހޮޓެލް ޗެއިނެއް ކަމަށްވާ ބާސެލޯއިންނެވެ. ޔޫއޭއީ، ތައިލެންޑް، އަދި ޔޫރަޕުގެ ގައުމުތަކުގައިވެސް އެ ގްރޫޕުން ދަނީ ހޮޓެލް ވިޔަފާރިތައް ހިންގަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް