ޞުލްޙައިގެ މަޝްވަރާތައް ފެށުމުގެ ކުރިން އެމެރިކާއިން ހަތް ޝަރުތެއް ގަބޫލުކުރުމަށް އީރާނުން ޑިމާންޑްކޮށްފިއެވެ. މިއާއެކު، ހަނގުރާމަ ވަރަށް އަވަހަށް ނިމުމަކަށް އަތުވެދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވަމުން ގެންދެވި ވާހަކަފުޅުތަކާމެދު ވަނީ ޝައްކު އުފެދިފައެވެ.
އީރާނުގެ ސެކިއުރިޓީ ޗީފް މުޙްސިން ރިޟާއީ ވިދާޅުވީ، މި ޝަރުތުތަކުގެ ތެރޭގައި ހުރިހާ ދިމާއަކުން އަސްކަރީ ހަރަކާތްތައް ހުއްޓާލުމާއި، ފްރީޒްކޮށްފައިވާ އީރާނުގެ އެތައް ބިލިއަން ޑޮލަރެއްގެ މުދާތައް ދޫކޮށްލުމާއި، އީރާނުގެ ބަނދަރުތަކަށް އެމެރިކާގެ ކަނޑުގެ ސިފައިން އަޅާފައިވާ ހުރަސްތައް ނައްތާލުމުގެ އިތުރުން އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުން ހިމެނޭ ކަމަށެވެ.
މީގެއިތުރުން، އީރާނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެމެރިކާއިން ވަނުން ހުއްޓާލުމަށާއި، އީރާނުގެ އިންގިލާބާ ދެކޮޅު ޖަމާއަތްތަކާ އެކު މަސައްކަތްކުރުން ހުއްޓާލުމަށާއި، އަދި އީރާނުގެ ސަރަހައްދުތަކަށް ދޭ ހަމަލާތައް ހުއްޓާލުމަށް ވެސް ތެހެރާނުން ވަނީ ގޮވާލާފައެވެ.
މި ޑިމާންޑްތައް އައިސްފައި މިވަނީ، ގަތަރުގެ ބޮޑުވަޒީރާއެކު ބޭއްވެވި މަޝްވަރާތަކަށްފަހު ޑިޕްލޮމެޓިކް މަސައްކަތްތަކާމެދު ޓްރަމްޕް އުންމީދީ ވާހަކަފުޅުތަކެއް ދައްކަވާފައި ވަނިކޮށެވެ. ޓްރަމްޕް ވިދާޅުވީ މި ހަމަނުޖެހުން ނިމުމަކަށް ގެނައުމަށް އެދެވޭ ކުރިއެރުންތަކެއް ލިބެމުންދާ ކަމަށާއި، އަލުން އަސްކަރީ ހަމަލާތަކެއް ދިނުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށެވެ.
އަދި އީރާނަކީ އަސްކަރީ ގޮތުން ބަލިވެފައިވާ ގައުމެއްގެ ގޮތުގައި ސިފަކުރައްވަމުން ޓްރަމްޕް ވިދާޅުވީ، ހަގީގަތުގައި ހަނގުރާމަ މިހާރު ނިމިއްޖެ ކަމަށެވެ. ނަމަވެސް، މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށް ބުނާ ވާހަކަތައް ރިޟާއީ ވަނީ ދޮގުކުރައްވާފައެވެ. އަދި އީރާނުގެ ޝަރުތުތައް ގަބޫލުކުރުމަށް އޭނާ ވަނީ ވޮޝިންޓަނަށް ގޮވާލައްވާފައެވެ.
މިދަނޑިވަޅުގައި، ރިޔާޟަށް އަމާޒުކޮށް ހޫތީން ފޮނުވާލި ދެ މިސައިލެއް ވައްޓާލައި، އިރުމަތީ ޕްރޮވިންސުން ޑްރޯނެއް ނައްތާލާފައިވާ ކަމަށް ސައޫދީ އަރަބިއްޔާއިން ވަނީ ރިޕޯޓްކޮށްފައެވެ.
![]()
