އިންޑިއާ އާއި ޕާކިސްތާން އަނެއްކާވެސް ހަނގުރާމައަކާއި ދިމާއަށް؟

Loading

Facebook
Twitter
WhatsApp

ކަޝްމީރުގެ އިންޑިޔާ އިން ކޮންޓްރޯލްކުރާ ފަޅީގައި އަންގާރަ ދުވަހު ޓެރަރިސްޓް ހަމަލާދިން މީހުން ދުނިޔޭގެ އެންމެ ކޮޅުކޮޅަށް ގޮސްގެންވިއަސް ހޯދާ އަދަބު ދެވޭނެ ކަމުގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަމޯދީ ވިދާޅުވެއްޖެއެވެ.


ހަމަލާއަށްފަހު ފުރަތަމަ ފަހަރު ވާހަކަފުޅު ދައްކަވަމުން މޯދީ ވިދާޅުވީ ޓެރަރިސްޓުންނާއި އެމީހުންނަށް މަދަދުވެރިވި ފަރާތްތައްހޯދާ،އެމީހުން ހީވެސް ނުކުރާވަރުގެ ބޮޑެތި އަދަބު ދެވޭނެ ކަމުގައެވެ.
ޓުއަރިސްޓުންނަށް މަގްބޫލް ސަރަހައްދެއް ކަމަށްވާ ޕަހަލްގަމް ގައި އަންގާރަ ދުވަހު ދިންހަމަލާގައި ހަތިޔާރު އަޅައިގެން ތިބި ހަތަރުމީހުން ގަސްބޯވެފައިވާ ޖަންގަލި ސަރަހައްދުން ކުއްލިއަކަށް ނިކުމެ ޓުއަރިސްޓުން ތަކަކަށް ބަޑިން ހަމަލާ ދީފައިވެއެވެ. މިހަމަލާގައި ބޭރު ގައުމުތަކަށް ނިސްބަތްވާ ޓުއަރިސްޓުން ހިމެނޭހެން 26 މީހުން ވަނީ ސީދާ ގަޔަށް ބަޑިޖަހާ މަރާލާފައެވެ.
މިހަމަލާ ދިން 4 މީހުންގެ ތެރެއިން ތިންމީހުންގެ ފޮޓޯ ފުލުހުން ވަނީ އާންމުކޮށްފައެވެ. މީގެ ތެރެއިން 2 މީހުންނަކީ ޕާކިސްތާން މީހުންނަށް ވާއިރު އެކަކީ އިންޑިޔާގެ ކަޝްމީރަށް ނިސްބަތްވާ މީހެއް ކަމަށް ވެއެވެ.
ކަޝްމީރުގައި ކުރިންވެސް މިފަދަ ހަމަލާތައް ދެމުން އައި ނަމަވެސް ސީދާ ޓުއަރިސްޓުންނަށް އަމާޒުކޮށް މިފަދަ ހަމަލާއެއް ދިން މީ ފުރަތަމަ ފަހަރެވެ. ހަމަލާއާއި ގުޅުންހުރި މައުލޫމާތު އިނގޭނެ ކަމަށް ޝައްކުކުރެވޭ ފަނަރަސަތޭކައެއްހާ މީހުން ސުވާލުކުރުމަށްޓަކާ ފުލުހުން ވަނީ ހިފަހައްޓާފައެވެ.
އިންޑިޔާ ސަރުކާރުން ތުހުމަތު ކުރާ ގޮތުގައި މިހަމަލާގެ ފަހަތުގައިވަނީ ޕާކިސްތާން އެވެ. އެހެންކަމުން ޕާކިސްތާނާ ދެކޮޅަށް ވަނީ ހަރުކަށިފިޔަވަޅުތަކެއް އިއުލާން ކޮށްފައެވެ.
ސަރުކާރުން އެޅި ފިޔަވަޅު ތަކުގެ ދަށުން،ދެގައުމު ދެމެދުގައިވާ މައި ބޯޑަރު ކްރޮސިންގ ބަންދު ކުރުމާއި، މިލިޓަރީ ޑިޕްލޮމެޓުން ގައުމުން ފޮނުވާލުމާއި ފެން ހިއްސާ ކުރުމާއި ބެހޭގޮތުން ހަދާފައިވާ މުއާހަދާއަކަށް އަމަލުކުރުން މެދުކަނޑާލުން ހިމެނެއެވެ. މިފިޔަވަޅާއެކު ޕާކިސްތާނުން ބޭނުންކުރާ ފެނުގެ 80 އިންސައްތަ ބަންދުވެގެން ދާނެކަމަށް ޚަބަރުތައް ބުނެއެވެ.
އިންޑިޔާއިން އެޅި ފިޔަވަޅުތަކާއެކު ޕާކިސްތާނުންވެސް ވަނީ ހަރުކަށި ބަޔާނެއްނެރެ،ރައްދު ދީފައެވެ. އެބަޔާނުގައި ޕާކިސްތާނުން ބުނެފައިވަނީ އެއްވެސްކަހަލަ ތަހުގީގީ ހެއްކެއް ނެތި، ޕަހަލްގަމްގެ ހަމަލާ ޕާކިސްތާނާ ގުޅުވަން އުޅުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމުގައެވެ.
ޕާކިސްތާންގެ ނެޝަނަލް ސެކިއުރިޓީ ކޮމިޓީގެ ކުއްލި ބައްދަލްވުމަކަށްފަހު ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ސޮއިކުރައްވާ ނެރުނުބަޔާނުގައި ބުނެފައިވާ ގޮތުގައި އަމިއްލަ ގައުމުގެ ސަރަހައްދުތައް ހިމާޔަތް ކުރުމުގެ ފުރިހަމަ ގާބިލުކަން އަސްކަރިއްޔާއަށް ލިބިތިބުމާއިއެކު ޕާކިސްތާން އޮތީ އެކަމަށް ފުރިހަމަޔަށް ތައްޔާރުވެގެންނެވެ.
އިންޑިޔާއިން އެޅި ޑިޕްލޮމެޓިކް ފިޔަވަޅު ތަކަކީ އިންސާފުން އެޅިފިޔަވަޅުތަކެއް ނޫންކަމަށާ އެއީ ސިޔާސީ މަގްސަދެއްގައި އެޅި، ޒިންމާދާރުކަމެއް ނެތް ފިޔަވަޅު ތަކެއް ކަމުގައި ޕާކިސްތާނުން ބުނެފައި ވެއެވެ. އެއާއެކު ޕާކިސްތާނުންވެސް ވަނީ ޑިޕްލޮމެޓިކް ފިޔަވަޅު ތަކެއްވެސް އަޅާފައެވެ.މިގޮތުން އިންޑިޔާ ރައްޔިތުންނަށް ވިސާ ދިނުން ވަގުތުން މެދުކަނޑާލުން ހިމެނެއެވެ. މީގެ އިތުރުން އިންޑިޔާ ހައިކޮމިޝަންގައި ތިބޭ މުވައްޒަފުންގެ އަދަދު މަދު ކުރުމާއި އަދި އިންޑިޔާގެ ޑިފެންސް،ނެވީ އަދި ވައިގެބާރުތަކުގެ އެޑްވައިޒަރުން އެޕްރިލް 30ގެ ކުރިން އެގައުމުން ފޭބުމަށް ވަނީ އަންގާފައެވެ.
މީގެ އިތުރުން އިންޑިޔާގެ ހުރިހާ އެއާލައިންތަކާ އަދި އިންޑިއާއިން އޮޕަރޭޓް ކުރާ އެއާލައިންތަކަށް ޕާކިސްތާންގެ ވައިގެ ސަރަހައްދު ބަންދު ކޮށްލުމާއި ހުރިހާ ޓްރޭޑް ގުޅުންތައް މެދުކަނޑާލުން ވެސް ޕާކިސްތާނުން އެޅި ފިވަޅުތަކުގެތެރޭގައި ހިމެނެއެވެ.
ދެފަރާތުން ރައްދު ފިޔަވަޅުތައް އަޅަމުންދާއިރު ހަނގުރާމައިގެ ހަމަލާތަކެއްވެސް ބަދަލުކުރަން ފަށާފާނެ ކަމުގެ ބިރު މިހާރުވަނީ ވަރަށް ބޮޑަށް އުފެދިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް