އަންހެންކުއްޖާ ވެއްޓުނު ހާދިސާގައި ފުލުހުން އަމަލުކުރަމުންދާ ގޮތާމެދު އެޗްއާރްސީއެމްއިން ކަންބޮޑުވުން ފާޅުކޮށްފި

Loading

April 24, 2025
profile
Facebook
Twitter
WhatsApp

މާލޭގެ އިމާރާތަކުން ފުރާޅެެއް މައްޗަށް ޒުވާން އަންހެންކުއްޖަކު ވެއްޓުނު ހާދިސާގައި ފުލުހުން އަމަލުކުރަމުންދާ ގޮތާމެދު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެ މައްސަލަ އާ ގުޅިގެން އިދާރާތަކުން އަމަލުކުރަމުންދާ ގޮތް އެޗްއާރްސީއެމުން ތަހުގީގު ކުރަމުންދާކަން ހާމަކޮށް އެ ހާދިސާ ތަހުގީގު ކުރުމުގައި ފުލުހުންގެ އިހުމާލުތަކެއްވާ ކަމަށާއި މައްސަލައިގައި ޝާމިލުވާ ފަރާތްތަކަކީ ދައުލަތުގެ އިސް ފަރާތްތަކާ ގުޅުންހުރި ފަރާތްތަކެއް ކަމުން ތަހުގީގަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ ކުރާ ބޮޑެތި ތުހުމަތުތަކަށް އެ ކޮމިޝަނުގެ ތަހުގީގުގައި ރިއާޔަތްކުރާނެ ކަމަށް އެޗްއާރްސީއެމުން މިއަދު ނެރުުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.

”ޖިނާއީ ތަހުގީގެއްގެ އިނީޝިއަލް ސްޓޭޖެއްގައި އަދި ހުރިހާ ހެއްކެއް އެއްކުރަމުން އަންނަ މަރުހަލާގައި ލިބިފައިވާ ވަކި ހެކިތަކެއް އެކަނި އާންމު ކުރުމަކީ ތަހުގީގަށް އަސަރުކުރުމުގެ ފުރުސަތު އޮންނާނެ ކަމެއް“ އެޗްއާރުސީއެމުން ބުނެފައި ވެއެވެ. އަދި ފުލުހުންގެ ތަހުގީގުގެ ނަޒާހަތްތެރިކަމާ މެދުގައި ސުވާލު އުފައްދާނެ ކަމެއް ކަމަށް އެޗްއާރުސީއެމުން ބުނެފައި ވެއެވެ.

މީގެ އިތުރުން ފުލުހުން ބޭއްވި ދެ ޕްރެސް ކޮންފަރެންސްގައި، އަނިޔާވި އަންހެން މީހާ އެންމެ ފަހުން ފެނިފައިވާ އިމާރާތާއި އެ އިމާރާތުގެ ބޭރު ފެންނަ ސީސީޓީވީ ފުޓޭޖު އެކަނި ދައްކާފައިވުމަކީ އެ ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި ފުލުހުން މިދިޔަ އަންގާރަ ދުވަހުގެ ރޭ ބޭއްވި ޕްރެސްގައި އަނިޔާ ލިބުނު މީހާގެ މައުލޫމާތު އާންމުކޮށް، މައްސަލައާ ގުޅުން ހުރި އެހެން މީހުންގެ މައުލޫމާތު ހަމާކޮށްފައި ނުވުމަކީ އަނިޔާވި މީހާ އާއި މި ހާދިސާގައި ޝަމިލުވާ އެހެން މީހުންނާ ތަފާތުކުރުން ކަމުގައި ބެލެވޭ ކަމަށް އެޗްއާރްސީއެމުން ބުނެފައި ވެއެވެ.

މި ހާދިސާގައި އަނިޔާވި ފަރާތާއި އެ ފަރާތުގެ އާއިލާގެ ގަދަރާއި ކަރާމާތަށް އިހުތިރާމްކޮށް އެ ހާދިސާގެ ފޮޓޯތައް ދައުރު ނުކުރުމަށް އެޗްއާރްސީއެމުން ވަނީ އެދިފައެވެ.

Loading

One Response

Leave a Reply to HAZAAREY Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް