ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ސައްހަ ވޯކް ވިސާއެއް އޮތްކަން ޔަގީންކުރަން މޯލްޑިވްސް އިމިގްރޭޝަނުން އެދިއްޖެއެވެ.
އިމިގްރޭޝަނުން މިއަދު ވަނީ ރާޢްޖޭގައި މަސައްކަތް ކުރާ ބިދޭސީ ފަރާތްތަކުން ރާއްޖެއިން ބޭރަށް ދަތުުރުކުރާ އިރު ޕާސްޕޯޓުގައި ސައްހަ ވޯކް ވިސާއެއް އޮތްކަން ޔަގީން ކުރުމަށް އެދިފައެވެ.
ސައްހަ ވޯކް ވިސާއެއް އޮތްކަން ޔަގީންކުރުމަށް އިމިގްރޭޝަނުން އެދިފަވާއިރު ޤަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، ސައްޙަ ވިސާއެއްނެތި އުޅެމުންދާ ބިދޭސީން ދެނެގަތުމުގެ ޚާއްސަ އޮޕަރޭޝަނެއް ދާޚިލީ ވުޒާރާ އާއި، މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެންދަނީ ހިންގަމުންނެވެ.
ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް ވިޔަފާރިތަކުގެ ތެރޭގައްޔާއި އެހެނިހެން ކަންކަމުގައި ޙަރަކާތްތެރިވަމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތް ސަރުކާރުން ގެންދަނީ ކުރަމުންނެވެ. އެގޮތުން މިހާތަނަށް 6076 އަށްވުރެ ގިނަ ބިދޭސީން ވަނީ އަނބުރާ އެމީހުން ނިސްބަތްވާ ޤައުމުތަކަށް ފޮނުވާފައެވެ.