ޓްރަމްޕްގެ އީރާން މަޝްވަރާތަކަށް ކެޕިޓްލް ހިލްގެ ބޮޑު ސުވާލު

Loading

April 12, 2025
profile
Facebook
Twitter
WhatsApp

މި ހަފުތާބަންދުގެ ތެރޭގައި އީރާނުގެ ނިއުކްލިއަރ މަޝްރޫއު ހުއްޓާލުމަށް އަންގައި އެގައުމުން އެމެރިކާއާއެކު މެދުވެރިއަކާ ނުލައި މަޝްވަރާތަކަށް އައުމަށް ކުރިމަތި ކުރަމުން ގެންދާ ނުރައްކާތެރި ފިއްތުންތަކާ ދޭތެރޭ ގާނޫނު ހަދާ މަޖިލިސް ކެޕިޓްލަ ހިލްގައި ހިމެނޭ 2 ސިޔާސީ ޕާރޓީގެ މެމްބަރުންގެ ބޮޑެތި ސުވާލުތަކެއް ސަރުކާރަށް ކުރިމަތި ވެއްޖެއެވެ.     

                                                    

މިދިޔަ ހަފުތާގެ ހޯމަދުވަހު އީރާނުން ބުނެފައިވަނީ އެމެރިކާއާއެކު މަޝްވަރާ ކުރެވޭނީ އޮމާން މެދުވެރިއެއްގެ ދައުރު އަދާކުރާގޮތަށް ކަމަށެވެ. އެކަމަކު އެމެރިކާއިން ބުނަނީ އެ މަޝްވަރާތައް ކުރެވޭނީ މެދުވެރިއަކާ ނުލައި ކަމަށެވެ. އެމެރިކާގެ ރައީސް ބޭނުންފުޅުވަނީ އީރާނުގެ ނިއުކްލިއަރ މަޝްރޫއު ރައީސް އޮބާމާގެ ދައުރުގައި އެއްބަސްވެފައިވާގޮތަށް ވަކި ހުދޫދެއްގެ ތެރޭގައި ހުއްދަކުރުން ނުވަތަ އެ މަޝްރޫއު އެއްގޮތަކަށްވެސް ކުރިއަށް ނުގެންދަން މަޝްވަކާކުރުންކަން މީޑިއާތަކަށް އެނގިފައެއް ނުވެއެވެ. ޓެކްސަސްގެ ރިޕަބްލިކަން މެމްބަރ އޯގަސްޓް ޕީފްލޫގަރ ބުނެފައިވަނީ އީރާނުގެ ނިއުކްލިއަރ މަޝްރޫއު އެއްކޮށް ހުއްޓާލުން ނޫންގޮތެއް ގަބޫލު ނުކުރެވޭނެ ކަމަށެވެ. އަދި ޓްރަމްޕްގެ ފަހުން އަންނަ ރައީސަކަށްވެސް އެކަން ބަދަލު ކުރެވިގެން ނުވާނެއެވެ. އަހަރެމެން އެކަން ބަލަމުންވެސް ގެންދާނަމެވެ. އީރާނުގެ ނިއުކްލިއަރ މަޝްރޫއު އެއްކޮށް ނައްތާލަން ބާރުއަޅައި އޯވަލް އޮފީސްގައި ރައީސް ޓްރަމްޕް އަރިހުގައި އިނދެ އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫވެސް ވަނީ ވާހަކަދައްކާފައެވެ. އަދި އެމެރިކާގެ އެހީއާއެކު އީރާނުގެ ނިއުކްލިއަރ ވަސީލަތްތަކަށް ހަމަލާދޭން ކެތްތެރިކަން ކުޑަވެފައިވާ މޭރުމަކުންވެސް ނަތަންޔާހޫގެ ޝުއޫރުތައް ވަނީ ފާޅުކޮށްފައެވެ.                              

ކެޕިޓްލް ހިލް އަކީ ވަރަށް ބޮޑަށް އިސްރާއީލަށް ލެނބިފައިވާ މުއައްސަސާއަކަށްވެފައި އީރާނާދޭތެރޭ ޓްރަމްޕް ގެންގުޅުއްވަނީ ތަންކޮޅެއް ފިނޑި ސިޔާތެއް ކަމަށް ބުނެ ގިނަ މެމްބަރުންތަކެއް ގެންދަނީ ތުހުމަތުގެ އިނގިލި ދިއްކުރަމުންނެވެ. ބައެއް މެމްބަރުން ދެކޭގޮތުގައި އެމެރިކާގެ ބައިވެރިންގެ ކުރިމަތީ އެމެރިކާގެ އަގުވެސް މިހާރު ވެއްޓިއްޖެއެވެ.                                                             

އެމެރިކާއިން އީރާނާއެކު ވާހަކަދައްކަން ހަމަޖެހިފައިވާ އިސް މަންދޫބަކީ ޔޫކްރެއިންއާއި ރަޝިޔާ ހަނގުރާމަ ހުއްޓުވުމުގެ ވާހަކަތަކުގައި ރައީސް ޓްރަމްޕްގެ ފަރާތުން ބައިވެރިވި ސްޓީވް ވިޓްކޯފް ކަމުގައި ވަނީ ހަމަޖައްސާފައެވެ. މީގެ ކުރިން އޭނާ ބުނެފައިވަނީ މަޝްވަރާތައް ފެށުމުގެ ކުރިން އީރާނުން ކުރިއަށް ގެންދާ ނިއުކްލިއަރ މަޝްރޫއުގެ ސާފު މައުލޫމާތު ދެނެގަތުން ބޭނުން ކަމަށެވެ. އެ ވާހަކައަށް ރައްދުދީ ސެނޭޓް އާރމްޑް ސަރވިސަސް ސަބްކޮމިޓީ އޮން ފަރސަނަލް ގެ ރިޔާސަތު ބަލަހައްޓަވާ ސެނޭޓަރ ޓޮމީ ސަބްވިލްގެ ވިސްނުމުގައި އީރާނު ނިއުކްލިއަރ މަޝްރޫއުގެ ސާފު މައުލޫމާތު ހޯދުމަކީ ފަސޭހަކަމަށް ނުވާނެއެވެ. ބުއްދި ވެރިގޮތަކީ އިތުރު ހޯދުމަކާ ނުލައި އެ މަޝްރޫއު އެއްކޮށް ނައްތާލުމެވެ. އެހެންނަމަވެސް އެ މަޝްރޫއުގެ ސާފު މައުލޫމާތު ހޯދަން އުޅުމާދޭތެރޭ އަހަރެން އިއުތިރާޒް ނުކުރާނަމެވެ.                                        

އީރާނުގެ ނިއުކްލިއަރ މަޝްރޫއާދޭތެރޭ ރައީސްޓްރަމްޕް އާއި އިސްރާއީލުގެ ބޮޑުވަޒީރާއި ގިނަ ސެނޭޓުންގެ ވިސްނުމަށްވުރެން ސެނޭޓްގެ ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީގެ ރިޔާސަތު ބަލަހައްޓާ ސެނޭޓަރ ޖިމް ރިޝް އާއި އަދި ސެނޭޓުގެ އާރމްޑް ސަރވިސްގެ ރިޔާސަތު ބަލަހައްޓާ ސެނޭޓަރ ރޯޖަރ ވައިކަރގެ ވިސްނުން ތަންކޮޅެއް މައިތިރިކަން ފާހަގަކުރެވެއެވެ. އެބޭފުޅުންގެ ނަޒަރުގައި އީރާނުގެ ނިއުކްލިއަރ މަޝްރޫއު އެމެރިކާއިން ބޭނުންވާ ގޮތަށް ބައްޓަންކުރެވިދާނެ ތަފާތުގޮތްތައް ހުންނާނެއެވެ. އަދި އެމަގުން ހިނގުމުގެ ބުއްދިވެރިކަން ހާމަކުރިއެވެ. 

އެމެރިކާ ޚާރިޖިއްޔާގެ ތަރުޖަމާނު ޓެމީ ބުރޫސް މިދިޔަ އަންގާރަ ދުވަހު ބުނެފައިވަނީ މިއަދު ( ހޮނިހިރު ދުވަހު ) ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލު ކުރުމަކީ ހަމައެކަނި މަޝްވަރާތަކުގެ ސުރުޚީ އަޅާލުން ކަމަށެވެ.        

އެމެރިކާއާއި އީރާނުން ކުރެވިދާނެކަމަށް ބެލެވޭ މަޝްވަރާއާމެދު ބައެއް ތަޖްރިބާކާރުން ދެކޭގޮތުގައި ސީރިޔާ ގެ ވެރިކަން ބަދަލު ވުމާއި ހަމާސް އާއި އިސްރާއީލުން ކުރެވުނު ދިގު ހަނގުރާމައިގާ އީރާނަށް ތާއީދުކުރާ ޖިހާދީ ޖަމާއަތްތައްވެސް ބަލިވެފައި ވުމާއެކު ކުރިން އެއްބަސްވެވުނު 2013 ގެ އެއްބަސްވުން އެކުލަވާލެވުނު ދުވަސް ވަރަށްވުރެން އީރާނުގެ މަގާމު ބަލިކަށިކަމަށް ގަބޫލު ކުރެވެއެވެ.                               

އެމެރިކާއާއި އީރާނާ ދެމެދު އުފެދިގެން މިއުޅޭ ދެކޮޅުވެރިކަން ހައްލުކުރުމަށްޓަކައި ފާއިތުވެގެންމިދާ ދުވަސްތަކުގައި ވޯޝިންގޓަނާއެކު ބަދަލުކުރެވުނު މެސެޖާއި ސިޓީގެ ޒަރީޢާއިން ސިޔާސީގޮތުން ހައްލަކާ ހަމަޔަށް ދިއުމަށް މަގުތަކެއް ހުޅުވިގެން ދިއުން އެކަށީގެންވާކަމަށް އެ މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގަންނަވާ އީރާނުގެ އިސް މަންދޫބް އެގައުމުގެ ޚާރިޖީ ވަޒީރު  ސައްޔިދު އައްބާސް އަރާގްޗީ ވިދާޅުވެފައި ވެއެވެ. އެމަނިކުފާނު އިތުރަށް ހާމަކުރެއްވިގޮތުގައި ރައީސް ޓްރަމްޕް ހީފުޅުކުރައްވަނީ ބައެއް އަރަބި ގައުމުތަކާއެކު އަބްރަހަމް އެކޯރޑްގެ ނަމުގައި ޑީލް ހެއްދެވި ގޮތަށް އީރާނާއެކު ދީލް ހައްދަވައިގެން އެތައް ޓްރިލިއަން ޑޮލަރެއްގެ ވިޔަފާރި ގާއިމް ކުރެވިދާނެ ކަމަށެވެ.                                                                

އެންމެ ފަހުގެ ޚަބަރުތަކުގައި ބުނެފައިވަނީ އޮމާނުގައި ބޭއްވޭ މަޝްވަރާތައް ނާކާމިޔާބު ވެއްޖެނަމަ އެމެރިކާއިން އީރާނަށް ހަމަލާދޭނެކަން ރައީސް ޓްރަމްޕް ވައުދުވެފައިވާ ކަމަށެވެ. އެމެރިކާގެ މި އިންޒާރާގުޅިގެން އީރާނުގައި މިހާރުތިބި ޔޫ އެން އިންސްޕެކްޓަރުންގެ ޓީމް އީރާނުން ފޮނުވާލަން ޖެހިދާނެކަމަށް އީރާނުގެ ސުޕްރީމްލީޑަރ އާޔަތު އަލީ ޚާމަނާއިގެ ޚާއްސަ މުޝީރަކު ވަނީ އިންޒާރު ދެއްވާފައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް