ފުރިހަމަ ޤާބިލް ޢަސްކަރިއްޔާއަކީ، ވަކިވަކި ސިފައިންތަކެއް ނޫން: ރައީސް އިބްރާހީމް

Loading

Facebook
Twitter
WhatsApp

 

ފުރިހަމަ ޤާބިލް ޢަސްކަރިއްޔާއަކީ، ވަކިވަކި ސިފައިންތަކެއް ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

”އެއީ ބަދަހި ސަފުތަކެއް. އެއީ އެކަކު އަނެކަކަށް އިޙްތިރާމުކުރާ، އެކަކު އަނެކަކުދެކެ ލޯބިވާ، ގުޅުން ވަރުގަދަ އެއް ޢާއިލާ. އެހެންކަމުން، ސިފައިންނަކީ، އެމީހުންގެ އަމިއްލަ މަޞްލަޙަތު އެއްފަރާތްކޮށް، މުޅި ޢަސްކަރިއްޔާގެ މަޞްލަޙަތަށް، އަބަދުވެސް އިސްކަން ދޭންޖެހޭނެ ބައެއް.“66 ވަނަ އަސާސީ ތަމްރީން ފުރިހަމަކުރި ސިފައިން ހުވާކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

”ތިޔަބޭފުޅުންގެ ތަމްރީނުތަކުގައި ހަތިޔާރު ބޭނުންކުރާނެގޮތް ދަސްކުރިއިރު، ސިފައިންގެ ވާޖިބަކީ ހަނގުރާމަކުރުމޭ ހިތަށްއެރުމަކީ އެކަށީގެންވާ ކަމެއް. ނަމަވެސް ޢަސްކަރިއްޔާއެއް އޮތުމުގެ ޙަޤީޤީ ބޭނުމަކީ، ހަނގުރާމަތަކާއި ލޭއޮހޮރުވުންތަކުން ދުރުވެ، ޞުލްޙަ ޤާއިމުކުރުމާއި އަމާންކަން ދެމެހެއްޓުން. ޢަސްކަރީ ޤާބިލުކަން އިތުރުކުރަން ޖެހެނީ، ޞުލްޙަ ދެމެހެއްޓުމަށް ކުރިމަތިވާ ގޮންޖެހުންތަކާއި ހުރަސްތައް ނައްތައިލުމަށްޓަކައި.“

އަސާސީ ތަމްރީން ފުރިހަމަކުރި ސިފައިންނާ މުޚާޠަބު ކުރައްވައި ރައީސް އިބްރާހީމް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވިއެވެ.

”އަޅުގަނޑު ޤަބޫލުކުރާގޮތުގައި، ސިފައިންގެ ޢާއިލާއާ ގުޅުމަށް، ތިޔަބޭފުޅުން ނިންމެވި ނިންމެވުމަކީ، ތިޔަބޭފުޅުންގެ މުޅި ޙަޔާތުގައިވެސް ނިންމެވި، އެންމެ ފުރިހަމަ އަދި އެންމެ ފަޚުރުވެރި ނިންމުން. މިއަދު ތިޔަ ކުރެއްވި ހުވަޔާއެކު، ޙަޤީޤަތުގައި ތިޔަ އިޖާބަދެވުނީ، ޤައުމު އެދިގެން ގޮވައިލި ކޮންމެ ކަމެއްގައި، ފަސްޖެހުމެއްނެތި އާނއެކޭ ބުނުމަށް.“ ރައީސް އިތުރަށް ވިދާޅުވިއެވެ. ”މިއަދު ތިޔަ ޙަވާލުވީ، މި ލޮބުވެތި ވަޠަން ދިފާޢު ކުރުމުގެ މުހިންމު މަސްއޫލިއްޔަތާ. ދިވެހި ރައްޔިތުން ޙިމާޔަތްކޮށް ރައްކާތެރިކުރުމުގެ ޤައުމީ ވާޖިބާ. ހަމައެފަދައިން، މި ރާއްޖޭގެ ޞުލްޙަޔާއި ހަމަޖެހުމާއި އަމަންއަމާންކަން ދެމެހެއްޓުމުގެ މުހިންމު ޒިންމާއާ. އެކަމަށްޓަކައި، މުޅި ޢަސްކަރިއްޔާ މަސައްކަތްކުރަންޖެހޭނީ، އެއް ޢަޒުމެއްގައި އެއް އަމާޒަކަށް.“

ރައީސް ވިދާޅުވިގޮތުގައި ސިފައިންގެމީހެއްގެ ގޮތުގައި ޤައުމަށް ކޮށްދޭ ތެދުވެރި ޚިދުމަތަކީ، ރަންރިއްސާއި ޖަވާހިރުން ނުވަތަ ފައިސާއާއި މުދަލުން އަގުކުރެވޭނެ އެއްޗެއް ނޫނެވެ. އަދި ސިފައިންގެ ޚިދުމަތުގައި، ދީނާއި ޤައުމަށްޓަކައި ޤުރުބާންވެގެންދާ މުޖާހިދުންގެ ޚިދުމަތަކީ، މި ދުނިޔެމަތީގައި އެއްވެސް ގޮތަކުން އަގުކުރެވޭ ވަރަށްވުރެ މާމަތިވެރި އަދި އެހާމެ މާތް ޚިދުމަތެއް ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

”އެފަދަ ބަޠަލުންގެ ހަނދާންތައް، އެ ޤައުމެއްގައި އަބަދުވެސް އާކުރެވޭނެ. ހުރިހާ ޖީލުތަކެއްގައިވެސް އެމީހުންނަށް ހެޔޮ ދުޢާ ކުރެވޭނެ.“ރައީސް ވިދާޅުވިއެވެ.

ދިވެހި ސިފައިންގެ ޚިދުމަތަކީ ޢަސްކަރީ ޚިދުމަތަކަށްވިޔަސް، މަދަނީ އަދި އިޖުތިމާޢީ ވަރަށް ގިނަ ވާޖިބުތަކެއްވެސް ސިފައިންގެ ޚިދުމަތާ ލާމެހިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވިގޮތުގައި ސިފައިންގެ ޚިދުމަތަކީ، ވަރަށް މަތީ އަޚްލާޤީ މިންގަނޑުތަކެއްގެ މަތީގައި، މީހާ ތަމްރީނުވެ ތަރުބިއްޔަތުވެގެން އަދާކުރެވޭނެ ޚިދުމަތެކެވެ. އެ ތަމްރީނުތަކާއި ތަރުބިއްޔަތުގެ ހެޔޮ އަސަރު، ކޮންމެ މީހެއްގެ ޢާންމު ދިރިއުޅުމުގައިވެސް ފެންނަންޖެހޭނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

”ތަމްރީން މަރުޙަލާގައި ބެހެއްޓި ފަރުވާތެރިކަމާއި، ވަގުތަށް ކަމޭހިތުމުގެ ސިފަ، ޚިދުމަތުގެ ޢަމަލީ މައިދާނުގައި ސާބިތުކޮށްދޭންޖެހޭނެ.“ރައީސް ވިދާޅުވިއެވެ. ”ސިފައިންގެ ޢާއިލާއާ މިއަދު އަލަށް ގުޅިވަޑައިގެންނެވި ހުރިހާ ސިފައިންނަށްވެސް، ވަރަށް ކާމިޔާބު، ވަރަށް ބާއްޖަވެރި ދުވަސްތަކަކަށް އެދެން.“

އެމްއެންޑީއެފްގެ 66 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަކުރި މީހުން ހުވައި ކުރުމާއި ބަޑި ހަވާލު ވުމުގެ ރަސްމިއްޔާތު ބޭއްވީ ބުރާސްފަތި ދުވަހު ހެނދުނު ޅ. މާފިލާފުށީގައެވެ. އެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް، ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަޙީދު، ޅ. ކުރެންދޫ ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛު ޙުސައިން އިބްރާހީމް، ޖެނެރަލް އޮފިސަރުން، ސިފައިންގެ އެހެނިހެން ރޭންކްތަކުގެ އޮފިސަރުން ބައިވެރިވެވަޑައި,ގަތެވެ.

 

 

Loading

One Response

  1. ރައީސްގެ ވާހަކަފުޅު ބަރާބަރު. އަދި އެގޮތަށް އެހެން ބައިވެރިންވެސް ރަނގަޅަށް ވަފާތެރިވެއްޖެނަމަ ރަނގަޅު ނަތީޖާ ފެންނާނެކަން ޔަގީނެވެ.

Leave a Reply to މޫސަ ފިކުރީ Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް