ކޮރޯނާ ވައިރަސް ފެތުރުން ކޮންޓްރޯލު ވާނޭކަމަށް އުންމީދުކޮށް، ޔޫރަޕުގެ ދެތިން ގައުމަކުން ދަރުރުފަތުރު ކުރުމުގައި ލުއިތަކެއް ދިނުމަށް ފައްޓާފައި ވާއިރު، ޔޫރަޕިއެން ޔޫނިއަންގެ އޮފިޝަލުން ދަނީ ޖޫން މަސް ނިމޭ ހިސާބުގައި 26 ގައުމުގެ ޝެންގެން ޓްރެވެލް ޒޯން އެއްކޮށް ހުޅުވާލެވޭނެ ކަމަށް އުންމީދު ކުރަމުންނެވެ.
”އަހަރެން ގަބޫލު ކުރާ ގޮތުގައި އެންމެ ލަސް ވެގެން ޖޫން މަސް ނިމޭ ހިސާބުގައި ޝެންގެން ސަރަހައްދު އެއްކޮށް ހުޅުވި، ރައްޔިތުންނަށް މިނިވަންކަމާއެކު ދަތުރު ފަތުރު ކުރެވޭނެ އެވެ.“ އެސޯސިއޭޓެޑް ޕްރެސް މެދުވެރި ކޮށް ޔޫރަޕިއެން ޔޫނިއަންގެ ހޯމް އެފެއާޒް ކޮމިޝަނަރ، ޔިވާ ޖޮހާންސަން ވިދާޅުވިއެވެ.
އޭޕީ އިން ބުނާ ގޮތުގައި ޖަރުމަން ވިލާތުގެ އިންޓީރިއަރ މިނިސްޓަރ ހޯރސްޓް ޒީހޯފަރ ވިދާޅުވިއެވެ. “ ޖޫން މަސް ނިމޭ އިރު ޔޫރަޕުގެ ހުރިހާ ހިސާބު ތަކެއްގައިވާ އިންޓީރިއަރ ބޯރޑަރ ކޮންޓްރޯލްތައް އުވާލެވޭނެއެވެ.“
އިޓަލީ ފަދަ، ބައެއް ސަރަހައްދު ތަކުންެ އީޔޫ ގެ ގައުމުތަކަށް ކްރޮސް ބޯރޑަރ ދަތުރުފަތުރުކުރުން ހުއްދަ ކޮށްފައި ވާއިރު، އެހެން ބައެއް ގައުމު ތަކުން ދަނީ ޖޫން މަހުގެ 15 އިން ފެށިގެން ޔޫރަޕުގެ ގައުމުތަކުން ފަތުރުވެރިން އައުމަށް ހުއްދަ ދިނުމަށް އަމާޒުކުރަމުންނެވެ.
”ގައިދުރު ކުރުމާއި، އެހެނިހެން ސިއްޙަތާ ގުޅުން ހުރި ގަވާއިދުތައް އަދި ވެސް ބޭނުންވާނެ އެވެ. ނަމަވެސް ކަމާ ބެހޭ ފަރާތްތަކުން ނިންމާފައިވާ ގޮތުގައި އިތުރައް އީޔޫގެ ޝެންގެން ސަރަހައްދުގެ ތެރޭގައި ދަތުރުފަތުރު ކުރުމުގައި ހަރުކަށި ގަވާއިދު ތަކެއް ހުރުމުގެ ބޭނުމެއް ނެތެވެ.“ ޖޮހާންސަން ވިދާޅުވިއެެވެ.
ޖުލައި މަހުގެ ކުރީގައި އެމެރިކާ އަދި އެހެނިހެން ބޭރުގެ ގައުމުތަކުގެ ފަތުރުވެރިންނަށް ޔޫރަޕަށް ވަނުމަށް ހުއްދަ ލިބުމަކީ ވަރަށް ނާދިރު ކަމެކެވެ. ޒީހޯފަރ ވިދާޅުވާ ގޮތުގައި، އީޔޫގެ ގިނަ އިންޓީރިއަރ މިނިސްޓަރުން ބޭނުންވަނީ މިހާރު ބޭރުގެ ފަތުރުވެރިން ވަނުމަށް މަނާ ކޮށްފައި ވާ މުއްދަތު ”14 ދުވަހަށް، ޖުލައި މަހުގެ އެއްވަނަ ދުވަހާ ހަމައަށް“ އިތުރުކުރުމަށެވެ.
އެހެންނަމަވެސް، ޔޫ.އެސް. އާއި އެހެން ބައެއް ގައުމުތަކުން ޔޫރަޕަށް އަންނަ ފަތުރުވެރިންނަށް ހުއްދަ ދިނުން، ކޮވިޑް 19 ގެ ކޭސް ތަކުގެ އަދަދަށް ބަލައި ލަސް ކުރެވުމަކީ އެކަށީގެންވާ ކަމެކެވެ. ހުކުރު ދުވަހާ ހަމައަށް ޔޫ.އެސް. އިން ގާތްގަނޑަކަށް 2 މިލިއަން މީހުން (ގާތްގަނޑަކަށް މުޅި ދުނިޔޭގެ އާބާދީގެ ތިންބައި ކުޅަ އެއްބައި) ބައްޔަށް ފައްސި ވެފައިވާއިރު، 110000 މީހުން ބަލީގެ ސަބަބުން މަރުވެފައި ވެއެވެ.