އެމެރިކާއިން ގޮށްމުށުގެ ބާރު ދައްކަމުންދާހާ ހިނދަކު އީރާނުން އެ ގައުމާއެކު ދައްކާނެ ވާހަކައެއް ނުވަތަ ކުރާނެ މަޝްވަރާއެއް ނޯންނާނެކަމަށާއި ރައީސް ޓްރަމްޕް އަށް މުޚާތަބް ކުރައްވައި މަނިކުފާނަށް ކުރެއްވެން އޮތް ކަމެއް ނިކަން ކޮށްބަލާށޭ ރައީސް ޕެޒެޝްކިއާން ވިދާޅުވެއްޖެކަމަށް އީރާނުގެ ރަސްމީ މީޑިއާއިން އިއްޔެ ރިޕޯރޓް ކޮށްފިއެވެ.
“ އެމެރިކާއިން އަހަރެމެން ބިރުދައްކައި އަހަރެމެންނަށް އޯޑަރ ދިނުމަކީ އަހަރެން ފަރުވާލެއް ބަހައްޓާނެ ކަމެއްނޫނެވެ. އަދި އަމުދުން އެމެރިކާއާއިއެކު އީރާނުން ދައްކާނެ ވާހައެއް ނުވަތަ ކުރާނެ މަޝްވަރާއެއްވެސް ނޯންނާނެއެވެ. އެއަށްފަހު ރައީސް ޓްރަމްޕް އަށް މުޚާތަބް ކުރައްވައި ޑޫ ވަޓްއެވަރ ދަ ހެލް ޔޫ ވޯންޓް އޭ ރައީސް ޕެޒެޝްކިއާން ވިދާޅުވިއެވެ. ”
މި ޚަބަރުތައް މީޑިއާއަށް ތިލްވެފައި މިވަނީ އީރާނުން ނިއުކްލިއަރ މަޝްރޫއާބެހޭ ވާހަކަތައް އަލުން އައުމަށް އަންގައި އެމެރިކާއިން އީރާނަށް ސިޓީއެއް ފޮނުވައިފިކަމަށް ރައީސް ޓްރަމްޕް ވިދާޅުވުމުން އެއަށް ރައްދު ދެއްވައި އެއްވެސް މަޝްވަރާއަކަށް އީރާން ކޮށްޕާފައި ގެންދިއުމަކީ ނުކުރެވޭނެކަމެއް ކަމުގައި ސުޕްރީމް ލީޑަރ އަލީ ޚާމަނާއި ވިދާޅުވެފައި ވަނިކޮށެވެ.
މިދިޔަ ހަފުތާގައި ފޮކްސް ބިޒްނަސްގައި ވާހަކަފުޅުދައްކަވަމުން ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ އީރާން މަތަކުރެވޭނެ އޮތީ ހަމައެކަނި 2 ގޮތެއް ކަމަށާއި އެތަނުން އެއްގޮތަކީ އެ ގައުމުގެ ނިއުކްލިއަރ މަޝްރޫއާއިބެހޭ ގޮތުން މަޝްވަރާކޮށްގެން ހައްލެއް ހޯދުމެވެ. އަނެއްގޮތަކީ އިގްތިސާދީ ގޮތުން މެކްސިމަމް ޕްރެޝަރ ދީގެން އެގައުމު ވީރާނާ ކޮށްލުމެވެ.
2015 ވަނައަހަރު ދުނިޔޭގެ ބޮޑެތި ބާރުތަކުން އީރާނާއެކު އެ ގައުމުގެ ނިއުކްލިއަރ މަޝްރޫއާއި ބެހޭގޮތުން ވަނީ އެއްބަސް ވުމެއް ގާއިމް ކޮށްފައެވެ. އެހެންނަމަވެސް 2019 ވަނަ އަހަރު ޓްރަމްޕް ރައީސް ކަމުގެ ފުރަތަމަ ދައުރުގައި އެމެރިކާ އަމިއްލައަށް އެ އެއްބަސްވުމުން އެކަހެރިވެގަތުމާއެކު އީރާނުން ފުރުސަތުގެ ބޭނުން ކޮށްގެން ޔުރޭނިއަމް ފައްކާކުރުން މެކުހަށް ޖެހިކަމަށް މީޑިއާތަކުގެ ފަލަ ސުރުޚީއަކަށް ވެގެން ދިޔައެވެ. އެހެންނަމަވެސް އޭރުވެސް އަދި މިހާރުވެސް އީރާނުން ބުނަމުން ގެންދަނީ ނިއުކްލިއަރ ހަތިޔާރު އުފެއްދުން އީރާނުގެ ސިޔާސަތުގައި ނުހިމެނޭ ކަމަށެވެ. އެމެރިކާގެ ރައީސްކަމަށް ދެވަނަ ފަހަރު ރައީސް ޓްރަމްޕް ވަޑައިގަތުމާއެކު އީރާނަށް ދުއްތުރާ ކުރަން ފެށުމުން ހާލަތު ގޯސްވެދާނެ ކަމަށް ވިސްނަވައި ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ ހުއްދައަށްއެދި އީރާނުގެ މިލިޓްރީ އިސްބޭފުޅުން ސުޕްރީމް ލީޑަރަށް ދެންނެވުމުންވެސް މިހާތަނަށް ހުއްދަ ދެއްވާފައެއް ނުވެއެވެ. ސުޕްރީމް ލީޑަރގެ ބަސްފުޅަކީ ފަނާކުރަނިވި ހަތިޔާރު އުފެއްދުމަށް އިސްލާމްދީނުގައި ހުއްދަ ދެވިދާނެ މަގެއް ފެނިވަޑައި ނުގަންނަވާ ކަމަށެވެ.
ރޮއިޓާރސްގެ މި ޚަބަރަށް ކޮމެންޓް ކުރި ބައެއް މީހުން ދެކޭ ގޮތުގައި ރައީސް ޓްރަމްޕް އަކީ އެއްބަސްވުމަށް އިޙްތިރާމްކުރަން ދަންނަ ބޭފުޅެއް ނޫނެވެ. މިހާރު އެ ދައްކަމަނީ ކެނެޑާއަކީ އެމެރިކާގެ 51 ވަނަ ސްޓޭޓް ކަމުގައި ހައްދަވާނެ ކަމަށެވެ. އެހެން ބައެއް ބޭފުޅުން ދެކިވަޑައިގަންނަވާގޮތުގައި އެމަނިކުފާނަކީ ސްޓޭޓްސްމަން އެއް ކަމަށް ގަބޫލުކުރަން އުދަނގޫކަމަށެވެ.