ދައުލަތުގެ ޚަރަދުގައި މި އަހަރު ޙައްޖަށް ފޮނުވާ 50 މީހުން ގުރުއަތުން ހޮވައިފިއެވެ.
ދެންމެ އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދިޔަ ލައިވް އިވެންޓެއްގައި ފަޤީރުންގެ ދަފްތަރުގެ ތެރެއިން ހިލޭ ޙައްޖަށް މީހުން ފޮނުވުމާއި ގުޅޭ އުސޫލުގެ ދަށުން ޝަރުތުހަމަވާ 302 މީހުންގެ މެދުގައި ނެގުނު ގުރުއަތުން ވަނީ ޙައްޖަށް ފޮނުވާނެ 50 މީހުން ހޮވާފައެވެ.
މި ފަރާތްތަކުގެ އިތުރުން އެއްވެސް ސަބަބަކާހުރެ ހައްޖު ދަތުރުގައި ބައިވެރިނުވެވޭ ހާލަތެއް ގުރުއަތުން ހޮވޭ ފަރާތަކަށް މެދުވެރިވެއްޖެނަމަ، އެމީހުންގެ ބަދަލުގައި ފޮނުވާނެ 10 މީހުން ވެސް ވަނީ ގުރުއަތުން ހޮވާފައެވެ.
ދަޢުލަތުގެ ޚަރަދުގައި ޙައްޖަށް ދާނެ މީހުން ކަނޑައެޅުމަށް ގުރުއަތު ނަގާފައި ވަނީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ފަޤީރުންގެ ދަފްތަރަށް ބަލައިގެންނެވެ. މި ދަފްތަރަކީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޒަކާތު ހައުސްއިން ރިވިއުކޮށްފައިވާ ދަފްތަރެކެވެ.
2024 ވަނަ އަހަރުގެ ޙައްޖު މޫސުމުގައިވެސް ދަޢުލަތުގެ ޚަރަދުގައި 50 ފަޤީރުން ވަނީ ހައްޖަށް ފޮނުވާފައެވެ.