ޖޭއެސްސީ އާއި ފަނޑިޔާރުގެ މިނިވަންކަން ކަށަރުކޮށްދޭ ސިޔާސީ ވިސްނުމެއް މުހިންމު

Loading

Facebook
Twitter
WhatsApp

ޝަރުޢީ ދާއިރާ މުސްތަގިއްލުކޮށް އޮތުމަކީ އިޖުތިމާޢީ ޢަދާލަތާއި އިންސާނީ ހޙައްގުތައް ރައްކާތެރި ކުރުމަށް ޓަކައި ވާޖިބެއްގެ ގޮތުގައި ބެލެވޭ އަދި އެއާ ނުލައި ދެމެހެއްޓެނިވި މުޖުތަމަޢަކަށް ވާސިލުނުވެވޭނެ ކަމެކެވެ.

ޖޭ.އެސް.ސީ. އާއި ފަނޑިޔާރުގެ މިނިވަން ކުރުމަށްޓަކައި ސަރުކަރުގެ ނުފޫޒު ނުވަންނަ ގޮތަކަށް ގާނޫނު އަސާސީ އިސްލާޙު ކުރަން ޖެހޭނަމަ އިސްލާޙް ކުރުން ވަރަށް މުހިންމު ވެއްޖެއެވެ. އެގޮތުން ޤާނޫނު އަސާސީގެ 158 ވަނަ މާއްދާ އިޞްލާޙު ކުރުމަށްފަހު ޖޭ.އެސް.ސީ އަކީ ހަމައެކަނި ފަނޑިޔާރުންގެ މައްޗަށް އެކުލެވިފައިވާ ކޮމިޝަނަކަށް ހެދުމާއި އަދި ޤާނޫނު އަސާސީގެ 147-148 ދެ މާއްދާއަށް އިޞްލާޙު ގެނަސްގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޢައްޔަން ކުރާނީ ފަނޑިޔާރުންގެ ޢާއްމު ވޯޓަކުން ކަމަށް ބަދަލުކުރަން ޖެހިއްޖެއެވެ. ނުވަތަ ޖޭ.އެސް.ސީ ގައި ފަނޑިޔާރުން ތިބެގެން އެމީހުންގެ މެދުގައި ނެގޭ ވޯޓަކުން ކަމަށް ހަމަޖައްސަން ޖެހިއްޖެއެވެ.

ޤާނޫނު އަސާސީގެ 147-148 ވަނަ މާއްދާގެ ސަބަބުން ޖުޑިޝަރީ އަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް :

      އިސްވެ ދެންނެވުނު ދެ މާއްދާއަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޢައްޔަން ކުރުމާބެހޭ ދެ މާއްދާއެވެ. ވޭތުވެ ދިޔަމަދު ދުވަސްކޮޅު ތެރޭގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބެންޗަށް ގެނެވިފައިވާ ބަދަލާއި އެ ކޯޓުން ފަނޑިޔާރުން ބޭރުކޮށް، އެތެރެ ކޮށްފައިވާ ގޮތުގެ މަންޡަރަކީ އިސްވެ ދެންނެވުނު ދެ މާއްދާގެ ގޮންޖެހުން ސާބިތުވާނެ އެންމެ ރަނގަޅު ހެކިތަކެވެ.

ސުޕްރީމް ކޯޓުގެ ބެންޗަށް ގެނެވިފައިވާ ބަދަލުތައް :

އެކެއް: ސުޕްރީމް ކޯޓު އުފެދިގެން އައި ވަގުތު ފަނަޑިޔާރަކަށް ހުންނެވީ މިވެނި ބޭކަލެކެވެ.

ދޭއް: 10 އޮގަސްޓް 2001 ގައި ސުޕްރީމް ކޯޓް އެފުށް މިފުށަށް ޖަހައި ދެ ފަނޑިޔާރުން ބޭރުކޮށް އިތުރު ދެބޭފުޅަކު ޢައްޔަންކޮށް އުއްތަމަ ފަނޑިޔާރަކަށް މިވެނި ބޭކަލަކު ވެރިަކަމުގެ ނުފޫޒުން ހަމަޖެއްސެވިއެވެ.

ތިނެއް: 10 ޑިސެންބަރު 2014 ގައި ސުޕްރީމް ކޯޓުގެ ބެންޗުގެ ޢަދަދު 7 ން 5 އަށް ވެރިކަމުގެ ނުފޫޒުން ބަދަލު ކުރެވުނެވެ. 

ހަތަރެއް: 14 ޑިސެންބަރު 2014 ގައި ދެވަނަ ފަހަރަށް ސުޕްރީމް ކޯޓު އެފުށް މިފުށަށް ޖަހައި އެ ވަގުތުގެ އުއްތަމަ ފަނޑިޔާރު މަގާމުން ދުރު ކުރައްވައި، އިތުރު ފަނޑިޔާރަކު ވެސް މަޤާމުން ދުރުކުރައްވައި ދެވަނަ ފަހަރަށް މިވެނި ބޭކަލަކަށް އުއްތަމަ ފަނޑިޔާރުކަން ދެއްވިއެވެ.

ފަހެއް: ވޭތުވެދިޔަ ސަރުކާރުން ސުޕުރީމް ކޯޓަށް ގެނަސްފައިވާ ބަދަލުތަކާއި އެކަންތައް ކުރިގޮތް ފެންނަން އެއޮތީއެވެ. 

ދަންނަވަން ބޭނުންވަނީ ސުޕްރީމް ކޯޓަށް މިގޮތަށް ގެނެވޭ މިފަދަ ބަދަލުތަކަކީ ބައިނަލްއަޤްވާމީ މުޖްތަމަޢުގައި ކަންބޮޑުވުން އުފެދިފައިވާ އަދި ޖުޑިޝަރީގެ މުސްތަޤިއްލު ކަމާއިމެދު ޝައްކު އުފެދޭ ކަންތައްތަކެވެ. މިފަދަ ޢަމަލުތައް ތަކުރާރު ވަމުން ގޮސް އެންމެފަހުން ޔޫގަންޑާގެ ޢަސްކަރިއްޔާ އިން އެ ޤައުމުގެ ސުޕްރީމް ކޯޓަށް ވަދެ ފަނޑިޔާރުން ނަގައިގެން ގެންދިޔަ ގޮތަށް މި ޤައުމުގައި ވެސް ވަނީ ފުރާޅު ނައްޓާލައިގެން ފަނޑިޔާރުން ނަގައިގެންވެސް ގޮސްފައެވެ. 

      ޖުޑިޝަރީ މުސްތަޤިއްލުކޮށް އޮތުމޭ ބުނެވޭ ބަހުގެ މުރާދަކީ ދައުލަތުގެ ތިން ބާރު ވަކިވެފައި އޮތުމެވެ. ޖުޑިޝަރީގެ ތެރެއަށް ދައުލަތުގެ އެއްވެސް އިދާރާއަކުން ވިޔަސް އަދި ޤާނޫނު ހަދާ އިދާރާއަކުން ކަމުގައި ވިޔަސް ނުވަދެވޭގޮތަށް، ނުފޫޒެއް ނުހިންގޭގޮތަށް ވަކިވެފައި އޮތުމެވެ.

      ދިވެހިރާއްޖޭގެ ޖުޑިޝަރީ އިސްވެ ދެންނެވި މޭރުމުން މުސްތަޤިއްލުވެފައި ނުވެއެވެ. އާ ޤާނޫނު އަސާސީގައި ތިން ބާރު ވަކިވެފައިވާ ކަމަށާއި ދައުލަތް ހިނގާނީ ޑިމޮކްރަސީގެ އުޞޫލުން ކަމުގައި ލިޔެވިފައި އޮތުމާއި އެކުވެސް ޖުޑިޝަރީގެ މުސްތަޤިއްލުކަން ވަނީ ގެއްލިފައެވެ. މިކަމުގައި ދިމާވެފައިވާ ސަބަބުތައް ގިނައެވެ. އޭގެ ތެރެއިން އެންމެ ކަންބޮޑުވާ ސަބަބަކީ ޖޭ.އެސް.ސީ އެކުލެވިފައިވާ ގޮތާއިމެދު ގައެވެ. އެތަނަކީ ފަނޑިޔާރުންގެ ސްލޫކާއި އަދި ފަނޑިޔާރުންގެ ވަޒީފާއާބެހޭ އެންމެހައި ކަންތައްތައް ކުރުމަށް އެކުލެވިފައިވާ މުސްތަޤިއްލު ކޮމިޝަނަކަށްވީ ހިނދުވެސްމެ އެތާނގައި ގިނައީ ސީދާ ސިޔާސީ އެކުޓިވިސްޓުންނެވެ. ނުވަތަ ކޮންމެވެސް ޕާޓީއެއްގެ ވިސްނުމުގައި މަސައްކަތްކުރާ އެކުޓިވިސްޓެކެވެ. އެހެންކަމުން އެތަނުގެ ތެރެއަށް ސިޔާސީ ނުފޫޒު ފޯރާފައި ވެއެވެ.

ޤާނޫނު އަސާސީ ބުނަނީ ޝަރުޢީ ދާއިރާ އޮންނަންޖެހޭނީ ވަކި ބާރެއްގެ ގޮތުގައިކަމަށާއި އެއްވެސް ބަޔަކަށް ތަދައްޚުލެއް ނުވެވޭގޮތަކަށް ކަމަށް.

ޝަރްޢީ ދާއިރާ މުސްތަޤިއްލުކޮށް އޮތުމަކީ އިޖްތިމާޢީ ޢަދާލަތާއި އިންސާނީ ޙައްޤުތައް ރައްކާތެރި ކުރުމަށްޓަކައި ވާޖިބެއްގެ ގޮތުގައި ބެލެވޭ އަދި އެއާ ނުލައި ދެމެހެއްޓެނިވި މުޖުތަމަޢަކަށް ވާޞިލުނުވެވޭނެ ކަމެކެވެ.

ޤައުމެއްގެ އިގުތިސާދީ ތަރައްގީ ބިނާވެފައިވާނީ އެ ގައުމެއްގެ ސިޔާސީ ހަމަޖެހުން އޮތް މިންވަރެއްގެ މައްޗަށެވެ. އަދި ސިޔާސީ ހަމަޖެހުން ބިނާވެފައިވަނީ އެ ގައުމެއްގެ ޖުޑިޝަރީ މުސްތަގިއްލުވެފައި އޮތް މިންވަރެއްގެ މައްޗަށެވެ. އެހެންކަމުން މި އިސްތިޤްލާލުގެ ލަނޑުދަނޑި ޙާޞިލްކުރުމަށްޓަކާ ޤާނޫނު އަސާސީ ބިނާކުރައްވާފައިވާ އަންނަނިވި ދެކަންތައް ޙާޞިލް ކުރުމަށް އިސްކަންދޭނެއެވެ.

ފުރަތަމަ ކަމަކީ:-  ޖުޑިޝަރީއަކީ ޤައުމުގެ ތިން ބާރުގެ ތެރެއިން ވަކި ބާރެއްގެ ގޮތުގައި އޮތުމެވެ. އަދި އެހެން ބާރެއްގެ ދަށުގައި ނެތުމެވެ. 

ދެވަނަ ކަމަކީ:-  ފަނޑިޔާރުންގެ މަސައްކަތަށް އެއްވެސް ފަރާތެއްގެ ތަދައްޚުލެއް ނެތުމެވެ.    

ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޝަރުޢީ ދާއިރާގެ މުސްތަޤިއްލު ކަމާމެދު ދީނީ ނަޒަރަކުން ނުދެކުން.

      ޖުޑިޝަރީގެ މުސްތަޤިއްލު ކަމުގެ ތާރީޚު ފެށިފައިވަނީ ކީރިތި ޤުރުއާނުގެ ވަޙީ ބާވައިލެއްވުމަށް ފެށުމާއެކުއެވެ. އެގޮތުން ކީރިތި ޤުރުއާނުގެ ވަރަށް ގިނަ އާޔަތްތަކާއި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމް)ގެ ވަރަށް ގިނަ ޙަދީޡުތަކުން އެކަމުގެ ހެކި ލިބިފައި ވެއެވެ. އޭގެ އިތުރުން މާތްﷲ ރުއްސުންލެއްވި ޢުމަރު ގެފާނުގެ ޚަލީފާވެރިކަމުގެ ދުވަސްވަރު މާތްﷲ ރުއްސުންލެއްވި ޢުބާދަތު ބުނިއްޞާމިތުގެފާނާމެދު ދިމާވި ޙާދިޘާއަކުން ވެސް ޖުޑިޝަރީގެ މުސްތަޤިއްލުކަން މުސްލިމުންގެ މެދުގައި އޮތް މިންވަރު ހާމަވެއެވެ.  

       އެޙާދިޘާ އަކީ: މާތްﷲ ރުއްސުންލެއްވި ޢުބާދަތު ބުނިއްޞާމިތު ހުންނެވީ ފަލަސްޠީނުގެ ޤާޟީ އަކަށެވެ. އެވަގުތު ޝާމުކަރައިގެ އަމީރަކަށް ހުންނެވީ މާތް ﷲ ރުއްސުންލެއްވި މުޢާވިޔަތު ބުނި އަބީ ސުފިޔާނެވެ. އެ ދުވަސްވަރު މުސްލިމުންގެ ޚަލީފާވެރިޔަކީ މާތްﷲ ރުއްސުންލެއްވި ޢުމަރުގެފާނެވެ. ކަންދިމާވިގޮތަކީ މާތްﷲ ރުއްސުންލެއްވި ޢުބާދަތު ބުނިއްޞާމިތު ނިންމެވި ނިޔާއެއްގެ މައްޗަށް މާތްﷲ ރުއްސުންލެއްވި މުޢާވިޔަތުގެެފާނު ހިތްޕުޅު ހަމަނުޖެހުމުން އެ ދެ ބޭކަލުންގެ މެދުގައި ހިނގާދިޔަ ވާހަކަތަކަށް ފަހު މާތްﷲ ރުއްސުންލެއްވި ޢުބާދަތުގެފާނު އެނބުރި މަދީނާ އަށް ވަޑައިގަތެވެ. އަދި އެ ޙާދިސާގެ ވާހަކަ ޢުމަރުގެފާނަށް ކިޔުއްވާދެއްވިއެވެ. އެހިނދު ޢުމަރުގެފާނު ވިދާޅުވިއެވެ. ކަލޭގެފާނު އެނބުރި ފަލަސްޠީނުގެ ޤާޟީ ކަމަށް ވަޑައިގަންނަވާށެވެ. ދެން ޢުމަރުގެފާނު ޝާމުކަރައިގެ އަމީރު މާތްﷲ ރުއްސުންލެއްވި މުޢާވިޔަތު ބުނި އަބީސުފިޔާނުގެ އަރިހަށް ފަތްތޫރަ ކުރެއްވިއެވެ. އޭގައި ލިޔުއްވިއެވެ. ”ތިބާއަށް ޢުބާދަތު ގެފާނުގެ މައްޗަކަށް ވެރިކަމެއްނުވެއެވެ.“ (އިބްނު މާޖާ،ޖ1، ސ.8) މުރާދަކީ ފަނޑިޔާރެއްގެ މައްޗަށް ވެރިކަމުގެ ނުފޫޒެއް ހުއްދަނުވެއެވެ.

ނަމަވެސް ދިވެހިރާއްޖޭގައި ދީނީ ޢިލްމުވެރިއަކު ޖުޑިޝަރީގެ މިނިވަންކަމުގެ މައްޗަށް ސަރުކާރަށް ސަމާލުކަން ގެނައުމުގެ ގޮތުން މީޑިއާގައި ނުވަތަ އެހެން ތަނެއްގައި ވެސް އަޑު އުފުލާތަނެއް ވަރަށް މަދުންނޫނީ ނުފެނެއެވެ.

ޖުޑިޝަރީގެ މުސްތަޤިއްލުކަމޭ ބުނެވޭ ބަހުގެ މުރާދު ސަރުކާރަށް ނޭގެނީ ހެއްޔެވެ؟ ނުވަތަ ކުރީގެ ސަރުކާރުތަކުން ހެދިގޮތަށް ޖުޑިޝަރީ މިނިވަން ކުރާނެ ކަމުގެ ހުވަފެން ދައްކަމުންގޮސް ދައުރު ހަމަކޮށްލަނީ ހެއްޔެވެ؟ 

      ޖުޑިޝަރީ މުސްތަޤިއްލުކަމޭ ބުނެވޭ ބަހުގެ މުރާދަކީ އެއީ ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއް ބާރުކަމަށް ޤަބޫލުކޮށް ޖުޑިޝަރީގެ އެއްވެސް އިދާރީ އަދި ޝަރުޢީ ކަމަކަށްވެސް އެއްވެސް ފަރާތަކުން ނުވަނުމެވެ. މިގޮތުން ޖުޑިޝަރީ މުސްތަޤިއްލު ކުރުމަށްޓަކައި ދެ ކަމެއް ބޭނުންވެއެވެ.

      ފުރަތަމައީ: ޝަރީޢަތް ކުރުމާއި ފައިޞަލާ ކުރުމުގެ ތެރެއަށް ފަނޑިޔާރުން ފިޔަވައި އެހެން އެއްވެސް ފަރާތެއްގެ ނުފޫޒެއް ނުވެއްދޭގޮތައް ޖުޑިޝަރީ ބަށްޓަންކުރެވިފައި އޮތުމެވެ.

     ދެވަނައީ: ފަނޑިޔާރުންނާ ބެހޭ އެންމެހާ ކަންތައްތައް ކުރުން ހަމައެކަނި ފަނޑިޔާރުންގެ އަތްމައްޗަށް ދޫކުރެވިފައި އޮތުމެވެ.

ބައިނަލްއަޤްވާމީ މުޢާހަދާތަކުން ޖުޑިޝަރީ އަށް ލިބިދީފައިވާ މުސްތަޤިއްލުކަން ސަރުކާރުން ކަށަވަރުކޮށް ދީފައިނުވޭ.

      ބައިނަލްއަޤްވާމީ ހުރިހާ މުޢާޙަދާތަކުން ވަނީ ޖުޑިޝަރީގެ މުސްތަޤިއްލުކަން ކަށަވަރުކޮށްދީ އެކަމަކީ ވާޖިބު ކަމެއްގެ ގޮތުގައި ހައްދަވާފައެވެ. އެގޮތުން ޖުޑިޝަރީއަށް އެއްވެސް ފަރާތެއްގެ ތަދައްޚުލެއް އޮވެގެން ނުވާނެކަމަށް ބަޔާން ކުރައްވާފައި ވެއެވެ. އަދިވެސް އެ މުޢާޙަދާތަކުގައި ލިޔެވިފައި ވެއެވެ. ޖުޑިޝަރީ ޙިމާޔަތް ކޮށްދީ އަދި އެކަމަށް ބޭނުންވާ އެންމެހައި މާލީ އަދި ފަންނީ އެހީތެރިކަން ހަމަޖައްސައި ދިނުމަކީ ކޮންމެ ދައުލަތެއްގެ މައްޗަށް އޮތް ވާޖިބެކެވެ.

ނަމަވެސް ދައުލަތް ހިންގުމަށް ސަރުކާރުން އެކުލަވައިލި ޖޭ.އެސް.ސީ ގައި ގިނައީ ސިޔާސީ އެކުޓިވިސްޓުންނަށް ވުމީ ވަރަށްބޮޑު ގޯހެއްނޫންތޯއެވެ. ފަނޑިޔާރުންނާއި ބެހޭ ކަންތައް އެތަނުން ނިންމަނީ ޖަލްސާތަކުގެ އަޣުލަބިއްޔަތުންނެވެ. އަޣުލަބިއްޔަތު އޮތީ ސިޔާސީ އެކުޓިވިސްޓުންގެ މައްޗަށް ނަމަ ކޮންމެ ކަމެއްވެސް ނިމިގެންދާނީ އެ ވިސްނުމުގައި ކަމަކާއި މެދު ދެބަސްވެރިވާން ނުޖެހެއެވެ.

ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން  ޖުޑިޝަރީ އަށް ކަށަވަރުކޮށް ދީފައިވާ މުސްތަޤިއްލުކަމަށް ދައުލަތް ހިންގަދިނުމަށް ޙަވާލުވާ ސަރުކަރުން ފުރުސަތު ދީފައި ނުވޭ. 

      ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ (2008) އިން ވަނީ ޖުޑިޝަރީ އަށް މުސްތަޤިއްލުކަން ކަށަވަރުކޮށް ދެއްވާފައެވެ. އެ ޤާނޫނުގެ 7 ވަނަ ބާބުގެ 141 ވަނަ މާއްދާގައި ވެއެވެ.

”މި ޤާނޫނު އަސާސީގައިވާ ކަންތައްތަކުގެ ތެރޭގައި ޖުޑިޝަރީގެ ބާރަކީ ވެރިކަމުގެ ބާރާއި ޤާނޫނު ހަދާ ބާރުގެ ތެރޭގައި ނުހިމެނޭ މުސްތަޤިއްލު ބާރެއް ކަމަށް ކަނޑައަޅުއްވާފައި ވެއެވެ. މިނިވަން ކަމާއި ޙައްޤުތައް ޙިމާޔަތް ކުރުމަށްޓަކައި ޖުޑިޝަރީ އަކީ މުސްތަޤިއްލުކޮށް އޮންނަންޖެހޭ މުޢައްސަސާއެއް ކަމަށް ބަޔާން ކުރައްވާފައި ވެއެވެ. އަދި ތަކުރާރުކޮށް ފަނޑިޔާރުގެތަކަކީ މުސްތަޤިއްލު ތަންތަން ކަމަށާއި ފަނޑިޔާރުންނަކީ މުސްތަޤިއްލު ބައެއް ކަމަށް ބަޔާން ކުރައްވާފައި ވެއެވެ. އެއްވެސް ފަރާތަކުން ވިޔަސް ފަނޑިޔާރުންގެ މަސައްކަތާއި ބެހި ނުފޫޒު ފޯރުވައި ހަދައިގެން ނުވާނެކަމަށް ބަޔާން ކުރައްވާފައި ވެއެވެ.“ ނަމަވެސް ސުޕްރީމް ކޯޓަށް ފަނޑިޔާރުން ޢައްޔަން ކުރުމުގައި ވެރިކަމުގެ ނުފޫޒުއޮވެއެވެ. އެހެންކަމުން ސުޕްރީމް ކޯޓް ސިފަވަނީ ވެރިކަމުގެ ތެރެއިން އުފެދިގެން އަންނަ ވަޡީފާތަކެއްގެ ގޮތުގައެވެ. ވެރިކަމުގެ ފަރާތުން ބޭނުންވާ ކޮންމެ ހިނދަކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބަދަލުވާގޮތަށް ތަންދޭ ނަމަ ޖުޑިޝަރީގެ މުސްތަޤިއްލުކަމާއި މެދު ޝައްކު އުފެދެއެވެ.

ޝަޚްޞީގޮތުން ފަނޑިޔާރުން މުސްތަޤިއްލުވުމޭ ބުނެވޭ ބަހުގެ މާނައަކީ ފަނޑިޔާރުންގެ މައްޗަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތުމެވެ. އަދި ފަނޑިޔާރުން ބޯލަނބަންޖެހޭ ފަރާތަކީ ހަމައެކަނި ޤާނޫނަށްވުމެވެ. އަދި އެމީހުންނަށް އެ ވަޡީފާގައި ތިބޭ ތިބުމުގައި ނުފޫޒެއް ނެތްކަމަށް ޔަޤީންކަން ލިބިފައި ވުމެވެ. އެގޮތުން ޤާޟީންނަށް ވަޡީފާ ދިނުމާއި އަދި އެމީހުންގެ ސުލޫކު ބެލުމާއި އެމީހުންގެ މެދުގައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށް ތިބެންޖެހޭނީ ހަމައެކަނި ފަނޑިޔާރުންނެވެ. އެހެންކަމުން ޖޭ.އެސް.ސީ އެކުލެވިފައި އޮންނަންޖެހޭނީ ހަމައެކަނި ފަނޑިޔާރުންގެ މައްޗަށެވެ.

ޙުކުމްތައް ނެރުމުގައި އާއި ޝަރީޢަތް ހިންގުމުގައި ފަނޑިޔާރަށް ލިބޭ މިނިވަންކަމަކީ ފަންނީގޮތުން ފަނޑިޔާރުން މުސްތަޤިއްލުވުމެވެ. ޤާނޫނު އަސާސީގެ 141 ވަނާ މާއްދާ އާއި 142 ވަނަ މާއްދާއިން މިކަން ވަނީ ކަށަވަރުކޮށް ދެއްވާފައެވެ. ނަމަވެސް ޝަރުޢީ ދާއިރާގައި ދިމާވާ ކަންތައްތަކަށް ބަލާއިރު ބުނެވެން އަންނަނީ  ފުރިހަމަ ގޮތުގައި ފަނޑިޔާރުން މުސްތަޤިއްލުނުވާ ކަމަށެވެ.

އެއްވެސް ސަބަބެއް އެނގުމަކާ ނުލައި ހުރި ކޯޓުން އެހެން ކޯޓަކަށް ކުއްލި ގޮތަކަށް ބަދަލު ގެނެސްފައިވާ މަންޡަރުތަކުން މިކަމުގެ ހެކި ލިބެއެވެ. ފަނޑިޔާރަކަށް ތައުދީބީ ފިޔަވަޅެއްގެ ގޮތުން ނޫނީ އެއް ކޯޓުން އަނެއް ކޯޓަކަށް ބަދަލު ކުރުމަކީ ފަނޑިޔާރުންގެ މުސްތަޤިއްލު ކަމާމެދު ޝައްކު އުފެދޭ ކަމެކެވެ. ބައެއް ފަހަރަށް ފަނޑިޔާރުން ބަދަލުކުރާ ގޮތުން ކަންބޮޑުވާގޮތް މެދުވެރިވެއެވެ. މިސާލެއްގެ ގޮތުން އައްޑު އަތޮޅުގެ ޤާޟީއަކު އެއްރޭ ރޭގަނޑު ނިދާފައި ހެނދުނު ހޭލެވުނުއިރު އޮތީ ރާއްޖޭގެ އެންމެ ދެކުނު ކަމުގައިވާ، އައްޑު އަތޮޅުން ރާއްޖޭގެ އުތުރު ނ.ހޮޅަދު އަށް ބަދަލު ކުރެވިފައެވެ.

ޖުޑިޝަރީގެ މުސްތަޤިއްލުކަމަށް ދިމާވި ދާޚިލީ ގޮންޖެހުންތައް :

އެކެއް: 2010 އޮގަސްޓުގައި ސުޕްރީމް ކޯޓުގައި ވެރިކަމުގެ ބާރުން، ގަދަކަމުން ތަޅު އެޅުވުން.

ދޭއް: 16 ޖަނަވަރީ 2012 ދުވަހު ރޭގަނޑު ދަންވަރު ދިވެހި ޢަސްކަރިއްޔާ ޤާޟީއަކު ޙިޞޯރުކުރުން.

  • ނުނިމޭ …..

Loading

One Response

Leave a Reply to ފުއާދު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް