ދުޅަހެޔޮ ސިއްހަތަކަށް ބޭނުންވާ ތަރުކާރީއާއި މޭވާ ދިވެހީންނަށް ގަންނަން ލިބެނީ ގާތްގަނޑަކަށް ރަނާއި ރިހީގެ އަގުގައިކަމަށް އަޅުގަނޑު ވަނީ މީގެކުރީގެ ލިޔުމެއްގައި ބުނެފައެވެ. އެހެންކަމުން އެ ތަކެތީގެ ޑިއުޓިއާއި ޓެކުސް 0% އަށް ދަށްކުރުން ޖެހޭކަމަށް ވެސް ވާނީ ބުނެފައެވެ. ނަމަވެސް އެއީ ވަގުތީ ޙައްލެކެވެ. ދާއިމީ ޙައްލެއްނޫނެވެ. ދާއިމީ ޙައްލަކީ ދެހެއްޓެނިވި ދަނޑުވެރިކަމަކަށް ރާއްޖޭގައި މަގުފަހިކުރުވުމެވެ.
ދިވެހިރާއްޖެ ވަނީ ދެމެހެއްޓެނިވި ދަނޑުވެރިކަމަށް މުހުތާދުވެފައެވެ. ދިވެހިރާއްޖޭގައި ހުރިހާ ބާވަތެއްގެ ތަރުކާރީއާއި މޭވާ އުފެއްދުން ދަތިކަމަކަށް ވިޔަސް ތަރުކާރީތަކާއި މެވާގެ ބައެއް ބާވަތް ހެއްދިދާނެކަން މިހާރުވަނީ އެނގި އަދި ތަޖުރިބާވެސް ކޮށްފައެވެ. މިސާލަކަށް ޓޮމާޓޯ، ކިއުކަމްބަރ، އަދި ބައެއް ބާވަތުގެ ތަރުކާރީ ވިނަތައް މިހާރަށްވުރެ ރަނގަޅަށް ހެއްދިދާނެކަމަށް ފެނެއެވެ. ނަމަވެސް މިކަމަކީ ދަނޑުވެރިކަމުގެ މަތީތަޢުލީމު ބޭނުންވާކަމަކެވެ.
ހުސްނުވާ އާސަންދައެއް ދީގެން މިވަގުތު މިދަނީ ދިމާވާ ސިއްޙީ މައްސަލަތައް ޙައްލުކުރަމުން ކަމުގައި ބުނެވެއެވެ. އެ އާސަންދަ މުސްތަގުބަލުގައި ހުސްނުވެ ބޭއްވުމަށްޓަކައި ވެސް ދުޅަހެޔޮ ސިއްޙަތަކަށް ބޭނުންވެއެވެ. އެކަމަށްޓަކައި ކުރަންޖެހޭއެއް ކަމަކީ ރައްޔަތުންނަށް ދުޅަހެޔޮ ސިއްޙަތެއް ލިބުންއެދިގެން ތަރުކަރީއާއި މޭވާ އަގުހެޔޮކޮށް ލިބޭނެގޮތެއް ހެދުމެވެ. އެހެންކަމުން ދެހެއްޓެނިވި ދަނޑުވެރި ކަމަކަށް މަގުފަހިކުރުން ދިވެހީންނަށް މިއަދު މިވަނީ ނުހަނު ބޭނުންވެފައެވެ.
ދިވެހިރާއްޖެއަކީ ބިމުގެ ދަތިކަން އޮތް ތަނަކަށްވިޔަސް ހޮލެންޑު ފަދަ ކުދި ގައުމުތައް ވެސް ތަރުކާރީއާއި މޭވާ އުފެެއްދުމުގެ ރޮގުން ކުރިހޯދާފައި ވާތީވެ، ކަމުގެ ޕުރޮފިޝަނަލް މީހުންގެ އެހީގައި ދިވެހިރާއްޖެއަށް އަމާޒުކޮށްގެން ދިރާސާއެއް ހަދައި ނަތީޖާ ނެރެވިދާނެކަމަށް ފެނެއެވެ. ބިމުގެ ދަތިކަން އޮންނަ ތަންތަނުގައި މިހާރު ދަނޑުވެރި ކަމަށް ބޭނުން ކުރަނީ ޢިމާރާތްތަކެވެ. އެހެންކަމުން ދިވެހި ޒުވާނުންނަށް ދަނޑުވެރިކަމުގެ މަތީތަޢުލީމު ދެވިއްޖެނަމަ މުސްތަގުބަލުގައި އެކުދީންނަށް ދަނޑުވެރިކަމުގެ ރޮގުން ރަނގަޅު ނަތީޖާއެއް ނެރެދެވިދާނެ ކަމަށް ފެނެއެވެ.
ނިސްބަތުން ގިނަ ޒުވާނުންތަކެއް މިހާރު ތިބެނީ ކުރާނެ ކަމެއްނެތިގެން ނުވަތަ އަދާކުރާނެ ވަޒިފާއެއް ނެތިގެން މަގުމަތިވެފައޭ ބުނެތެވެ. މަސްތުވާތަކެތީގެ ވަބާއި ކުށުގެވެށިތައް ގިނަވާން މެދުވެރިވާ އެއް ސަބަބަކީވެސް ޒުވާނުން ބޭކާރުވެފައި ތިބުމެވެ. އިސްވެދެންނެވިފަދަ ދަނޑުވެރިކަމުގެ މަޝްރޫޢުތައް އަތޮޅުތަކުގައި ގިނަވެއްޖެނަމަ ވަޒީފާގެ ފުރުސަތު އިތުރުވާނެކަން ކަށަވަރެވެ. އަންދާސާ ކުރެވޭ ގޮތުން ކޮންމެ އަތޮޅެއްގައި އެ ފަދަ މަޝްރޫއު ހިންގަން ފަށައިފިނަމަ މަދުވެގެން ތިރީސްހާސް ވަޒިފާގެ ފުރުސަތު ހުޅުވައިލެވިގެން ދާނެއެވެ. އަދި ޒުވާނުން މަސްތުވާތަކެއްޗާއި ދުރުކުރުމުގެ ފުރުސަތު ބޮޑުކުރެވި ދާނެއެވެ. ސަބަބަކީ މިފަދަ ދަނޑުވެރި ކަމުގެ މަޝްރޫއު ތަކަކީ އެ ފަންނުގެ ޓެކުނިކަލް މީހުން ގިނަ އަދަދަކަށް ބިނާކުރަން ޖެހޭ ކަމަކަށް ވާތީއެވެ. ޒުވާނުން ބިނާކުރުން ގިނަވާ ވަރަކަށް މަސްތުވާތަކެއްޗާއި ކުށުގެ ވެށިތަކުން ޒުވާނުން ސަލާމަތް ކުރެވޭނެކަމަށް ފެނެއެވެ.
އަނެއްކޮޅުން ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ ފަތުރުވެރިކަމުގެ ސިނާއަތެއް އޮންނަތަނެކެވެ. ބޭނުންވާ ތަރުކާރީއާއި މޭވާގެ މާރުކޭޓު މުޅީންހެންވެސް އޮންނަނީ އަވަށްޓެރި ގައުމުތަކުގެ ނުވަތަ ބޭރު ގައުމުތަކުގެ ނުފޫޒުގެ ދަށުގައެވެ. ދަނޑުވެރިކަމުގެ މަޝްރޫއުތައް އަތޮޅު ތަކުގައި ރަނގަޅަށް ހިނގަންފަށައިފިނަމަ އާއްމުންނަށް ބޭނުންވާ ވަރަށްވުރެ އިތުރަށް އުފެއްދޭ ތަކެތި އެ އަތޮޅެއްގެ ކައިރި ރިސޯޓުތަކަށް ވިއްކައިގެން އެރޮގުންވެސް ދިވެހި ވިޔަފާރި ފުޅާކޮށްލެވިދާނެކަމުގެ އުއްމީދު ވަރަށް ބޮޑެވެ.
އިސްވެދެންނެވުނު ކަންތައްތަކަށް ރިޢާޔަތްކުރުމާއި އެކު ތިރީގައި މިދަންނަވަނީ އެގުރިކަލްޗަރުގެ ރޮގުން ދުނިޔޭގެ ރަނގަޅު ގައުމަކަށް ދިވެހިރާއްޖެ ހެދުމުގެ ހުވަފެނެކެވެ. ގޮވާމާއި ނަޢަމިސޫފީގެ މަޝްރޫޢު ތަކަކީ އެކަތި އަނެކައްޗާ ގުޅި ލާމެހިފައިވާ ކަންތަކެވެ. މިސާލަމަށް ދަނޑުވެރިކަމުގެ މަޝްރޫއެއް އުފައްދައިފި ނަމަ އެއިން އުކައިލެވޭތަކެތި ގެރިބަކަރީގެ ކާނާއަށް ބޭނުން ކުރެވޭނެއެވެ. އެގޮތުން:
އެކެއް: އެގުރިކަލްޗަރުގެ ރޮގުން މަތީތަޢުލީމު ހޯދަން ބޭނުންވާ ޒުވާނުންނަށް އެގުރިކަލްޗަރުގެ ރޮގުން ދުނިޔޭގެ ކުރިހޯދާފައިވާ ގަމުތަކުގައި ކިޔެވުމުގެ ފުރުސަތު ފުޅާކޮށް ހުޅުވައިލުމެވެ.
ދޭއް: ޒަމާނީ ޓެކުނޮލެޖީގެ އެހީގައި ތަރުކާރީއާއި މޭވާ އުފެއްދުމުގެ މަޝްރޫއެއް ދިވެހިރާއްޖޭގެ ކޮންމެ އަތޮޅެއްގައި ގާއިމުކުރުމަށް ނުވަތަ މިވަގުތައް ޚާއްސަ ބައެއް ބައެއް އަތޮޅުތަކުގައި ޒުވާނުންނަށް ފަންނީ އެހީތެރިކަމާއި މާލީ ހެހީތެރިކަން ފޯރުކޮށްދިނުމެވެ.
ތިނެއް: ޒަމާނީ ޓެކުނޮލެޖީގެ އެހީގައި ގެރި ފާމެއް އުފެއްދުމުގެ މަޝްރޫއެއް ދިވެހިރާއްޖޭގެ ކޮންމެ އަތޮޅެއްގައި ގާއިމުކުރުމަށް ޒުވާނުންނަށް ފަންނީ އެހީތެރިކަމާއި މާލީ ހެހީތެރިކަން ފޯރުކޮށްދިނުމެވެ. މިވަގުތު ދިވެހިރާއްޖޭގެ ގިނަ ރައްޔަތުން ބޭނުންކުރަން ޖެހެނީ ބޭރުން އެތެރެކުރާ ހިކިކިރެވެ. ދިވެހިރާއްޖޭގައި މުނިފޫހި ފިލުވަން އަސް ގެންގުޅެވޭ ނަމަ ފާމެއް ހަދައިގެން އަތޮޅުތަކަށް ބޭނުންވާ ނިސްބަތަކުން ގެރި ބަކަރި ވެސް ގެންގުޅެވިދާނެ ކަމަށް ފެނެއެވެ.
ހަތަރެއް: ޒަމާނީ ޓެކުނޮލެޖީގެ އެހީގައި ކުކުޅު ފާމެއް އުފެއްދުމުގެ މަޝްރޫއެއް ދިވެހިރާއްޖޭގެ ކޮންމެ އަތޮޅެއްގައި ގާއިމުކުރުމަށް ޒުވާނުންނަށް ފަންނީ އެހީތެރިކަމާއި މާލީ ހެހީތެރިކަން ފޯރުކޮށްދިނުމެވެ. ދިވެހިރާއްޖެއަކީ މަސްވެރިކަމުގެ ސިނާއަތެއް އޮންނަތަނަކަށް ވާތީވެ މަހުން އުކާލެވޭ ކަށްޓާއި އެހެނިހެން ބަކީވާ މަހުގެ ތަކެއްޗަކީ ކުކުޅުގެ ކާނާ ތައްޔާރު ކުރުމަށް ބޭނުން ކުރެވިދާނެ ތަކެއްޗެވެ.
ދަންނައެވެ! ދިވެހި ޒުވާނުންގެ ތެރެއިން ބައެއް ޒުވާނުން މިކަމަށް ވަރަށް ހިތްވަރުކޮށްފިއެވެ. ނަމަވެސް ފަށައިގެންނަތަނުން ކުރިޔަށް ދެވޭނެ އެއްވެސް މަގެއް ނުފެއެވެ. އެ ޒުވާނުން އެތިބީ މާޔޫސްވެ ވަރުބަލިވެފައެވެ. ސަބަބަކީ އެ ފަދަ މަޝްރޫއުތަކަށް ސަރުކާރުން ދޭންޖެހޭ އެއްބާރުލުން ނުލިބޭތީކަމަށް ފެނެއެވެ. އެ ފަދަ އެއްބާރުލުމުގައި ހިމެނެނީ އެންމެ ފުރަތަމަ އެކަމަށް ބޭނުންވާ ތަޢުލީމު ދިނުމެވެ. ދެން އެ ކަން ފަށައިގަތުމަށް ބޭނުންވާ މާލީ އެހީތެރިކަމާއި ފަންނީ އެހީތެރިކަން ދިނުމެވެ.
ތިނެއް: ދިވެހިރާއްޖޭގެ ރަށްތަކުގެ މަގުތަކުގައި ގަސް އިންދުމުގެ މަޝްރޫއެއް ގާއިމުކުރުމެވެ. މިހާރުވެސް އެ މަޝްރޫއު ކުރިޔަށް އެބަދެއެވެ. އެއީ ރަނގަޅު ވިސްނުމެކެވެ. ނަމަވެސް އެކަމުގައި ވެސް ފެންނަނީ މާލީ ފަސާދައިގެ އަސަރުތަކެވެ. ދާދި ފަހުން ބައެއް އަތޮޅުތަކުގައި އިންދަން ބިޔަ ކަދުރު ރުށްތަކެއް ބޭރުން ބޮޑު ޚަރަދުކޮށްގެން ގެނައުމުގައި ކޮރަޕުޝަނުގެ އަސަރު ނެތްކަމަކަށް ގަބޫލެއް ނުކުރެވެއެވެ.
ދުބާއި ގޮތަށް ހަދަން ފައިސާތަކެއް ބޭކާރު ކޮށްގެން މުސްކުޅިވެފައި ތިބި ކަދުރު ރުއްތަކެއް ގެނެސް ބައެއް ހިސާބުގައި ސަރުކާރުން އިންދާފައި އެބަހުއްޓެވެ. ދުބާއިއަކީ އާއްމުކޮށް ވާރޭ ވެހޭތަނެއްނޫނެވެ. ވައިގެ ތެތްކަން ހިކިތަނެކެވެ. އެހެންކަމުން އެތަނުގައި ކަދުރު ރުކުގައި ފަންގަސް ނައަޅައެވެ. ރުއްތަށް ހުންނާނީ ނުލާހިކަ ޗާލުކޮށް ރުކުގެ ދަނޑިގަނޑު ހިކިކޮށެވެ. އެއާ ޚިލާފަށް ރާއްޖޭގައި ދުބައި ގޮތަށް ހަދަންވެގެން މިލިއަނުން ޚަރަދުކޮށްގެން އިންދި ކަދުރު ރުކުގެ ދަނޑިގަނޑުތައް މީހާރު ބަލާލަމާހިނގަށެވެ.
ރާއްޖެއަކީ އަބަދުހެން ވާރޭވެހޭ ތަނެކެވެ. އެހެންކަމުން އެ އިންދި ކަދުރު ރުއް ހުންނަނީ ދަނޑިގަނޑު ފަންގަސް އުފެދި ކަޅުވެ އަދި ނުވިތާކަށް ވާރޭގެ ސަބަބުން ފަންތައް މޫޑި ފައިއެވެ. ވީމާ މީގެ ފަހުން ވެސް ދުބައި ހަދަން އުޅުއްވާއިރު ދެ ގައުމުގެ މޫސުމާއި އާދަކާދައާއި ޖޯގުރަފީއަށް ވިސްނަވާލުން އެދެވިގެން ވެއެވެ. ރާއްޖެއަކީ ވާރޭ ވެހޭ ތަނަކަށް ވާތީ ތަރައްގީގައި މެލޭޝިއާ ނުވަތަ އެފަދަ ގައުމުތަކަށް ނުބަލަނީ ކީއްވެބާއޭ ހިތަށްއަރައެވެ. ވީމާ އާއްމު މަގުތަކުގައި އާލާކުރެވިދާނެ މޭވާ ލިބޭނެ ވައްތަރުގެ ގަސްތަކަކީ ކޮބައިތޯ ބަލައި އެފަދަ ގަސްތައް އިންދުމަށް އިސްކަންދިނުން މުހިންމުކަމަށް ފެނެއެވެ.
ނޭގެނީއޭ ދަންނަވަން ވަރަށް އުނދަގުލެވެ. އެނގުނުކަމުގައި ވިޔަސް ކަރަޕުޝަން ބޮޑު ވެއްޖަ ނަމަ ދެން އޮތި އެކަންތައް ރަނގަޅުކުރުމަށް ބަޔަކު ތެދުވުމެވެ. އިޚުލާސްތެރިކަން އިސްކުރުމުމެވެ. ހަމަ ގައުމުދެކެ ލޯބިވާ އިޚުލާސްތެރީން މަދީއެވެ.