ތާރީޚީ ހާދިސާތަކަކީ ތަފާތު ރިވާޔަތުތަކެއްގެ މައްޗަށް ބުރަވެ ލިޔެވިފައިވާ އެހެނަސް ހަގީގަތާ ގާތްކުރާ ވާހަކަތަކެއް ނުވަތަ ލިއުންތަކެއް ކަން ގަބޫލު ކުރަން ޖެހެއެވެ. ހާދިސާތައް ގެނެސް ދިނުމުގައި ލިއުންތެރިޔާއަށް ލިބިފައިވާ މައުލޫމާތާއި ރަހަ މީރުކޮށްލުމަށްޓަކައި ބޭނުންކޮށްފައިވާ އިބާރާތްތަކެއްވެސް ހުންނާނެއެވެ.
ސަންދާނުގެ ކިއުންތެރިން ވިސްނާ ފިކުރު ކުރުމަށްޓަކައި އަޅުގަނޑު މި ގެނެސްދެނީ ދުނިޔެ ދެކިފައިވާ ބައެއް މަޝްހޫރު ޝަޚްސިއްޔަތު ތަކުގެ ކުރުކުރު ޚުލާސާއެކެވެ. ބައެއް ކިއުންތެރިންނަށް މި މައުލޫމާތު ކުރިން އެނގިވަޑައިގެންފައި އޮތުމަކީ ވަރަށް ގާތް ކަމެކެވެ. އެހެންނަމަވެސް ހަނދާން އާކޮށްލަ ދިނުމުން ފައިދާކުރާނެ ކަމަށް އިލްމުވެރި ވިދާޅުވަމުން ގެންދަވާތީ އެ ފުރުސަތުގެ ބޭނުންވެސް ކޮށްލަން ގަސްދުކުރީއެވެ.
ބުނެވޭގޮތުގައި 1900 ގެކުރީ ކޮޅުގެ އަހަރުތަކުގެ ތެރެއިން އެއްދުވަހަކު ދަނޑުވެރިކަން ކުރާ ސަރަހައްދެއްގައި ހެދިފައިވާ ޗަކަ ފެންގަނޑަކަށް ކުޑަ ފިރިހެން ކުއްޖަކު ވެއްޓުނެވެ. ކުޑަކުއްޖާ ގެނބެމުން ދިޔައިރު ގެންފައިހުރި ބިރާއެކު ފުރާން ސަލާމަތްކޮށްދިނުމަށް އެދި ހަޅޭއްލަވަން ފެށިކަމަށް ވެއެވެ. އެ ހަޅޭއްކުގެ އަޑު އިވުނީ ތަންކޮޅެއް ދުރުގައި ވަޑާމުގެ މަސައްކަތެއްގެ ތެރެއަށް ގެއްލިފައިހުރި ފްލެމިންގް އެވެ ކިއުނު ދަނޑުވެރިއަކަށެވެ. އޭނާއަށް އެ މަންޒަރު ފެނުމާއެކު އަމިއްލަ ހަށިގަނޑާއި ފުރާނަ މަތިންވެސް ހަނދާން ނެތުނު ކަހަލައެވެ. އަވަސްވެ ގަތީ އެ ކުޑަކުއްޖާ ސަލާމަތްކުރުމަށެވެ. ދަނޑު މަތީގައި ހުރި ލަކުޑިތަކަކުން ލަކުޑިގަނޑެއްވެސް ބޭނުން ކޮށްގެން އެކުޑަކުއްޖާ ސަލާމަތް ކުރިއެވެ.
އޭގެ އަނެއް ދުވަހު ކާރެއްގައި ފައިސާވެރިއަކުކަން އަންގައިދޭ މީހަކު ދަނޑުވެރިޔާއަށް ޒިޔާރަތް ކުރިއެވެ. އަދި އޭނާގެ ނަމަކީ ރެންޑޯލްފް ހެންރީ ސްޕެންސަރ ޗާރޗިލް ކަމަށާއި އިއްޔެ ފެންގަނޑުން ސަލާމަތްކޮށްދިން ކުޑަކުއްޖާގެ ބައްޕަ ކަމަށްބުނެ ތަޢާރުފް ވިއެވެ. އެއަށްފަހު އޭނާގެ ދަރިފުޅު މަރުން ސަލާމަތްކޮށްދިން ކަމަށްޓަކައި ޝުކުރުވެރިވާ ކަމަށާއި އެކަމަށް އިނާމެއް ދޭން ގަސްދުކުރާކަން ހާމަ ކުރިއެވެ. ކޮންމެއަކަސް ގިނަ ފަގީރުންނަކީ މިޒާޖުގައި އަނެކުންނަށް ކަމޭހިތުމާއި އިޙްސާންތެރިކަމުގެ އަގު ފައިސާއިން ބޭނުން ކުރާ ބަޔަކަށް ނުވާތީ ދަނޑުވެރިޔާވެސް ބުނެފައިވަނީ އޭނާ އަދާކުރީ އިންސާނީ ވާޖިބެއް ކަމަށާއި އަގު ބޭނުން ނުކުރާނެކަމަށެވެ.
ކަންދިމާވިގޮތުން އެ ވާހަކަ ދައްކަންތިއްބާ ދަނޑުވެރިޔާގެ ކުޑަ ފިރިހެން ދަރިފުޅު އެލެގްޒެންޑަރ އެމީހުންގެ ޖިފުޓިގަނޑުން ބޭރަށް ނިކުމެއްޖެއެވެ. އެ ކުއްޖާ ފެނުމާއެކު މުއްސަނދިމީހާ އެ ދަނޑުވެރިޔާއަށް ބުންޏެވެ. އެންމެ ރަނގަޅެވެ. ކަލޭ ކޮށްދިން ހެޔޮ ކަންތައްތަކުގެ ބަދަލުގައި ކަލޭގެ ފިރިހެން ދަރިފުޅަށް ރަނގަޅު ތައުލީމް ދިނުމުގެ ފުރުސަތު އަހަންނަށް ދޭށެވެ. ދަނޑުވެރިޔާ އެކަމަށް އެއްބަސްވުމުން އެ ދަރިފުޅު ރަނގަޅު ސްކޫލަށް ވައްދައި އަދި އެއަށް ފަހު މަތީ ތައުލީމް އުނގެނުމުގެ ހުރިހާމަގެއް ފަހިކޮށްދިނެވެ.
އެ ކުޑަ ފިރިހެންކުއްޖާ އިޚްތިޔާރުކުރީ ސައިންސާއި ބޭސްވެރިކަމުގެ ރޮނގުން ކުރިއަށް ދިއުމަށެވެ. އެ ކުޑަ ކުއްޖާގެ ތައުލީމީ ހަޔާތް ނިންމާލުމަށްފަހު ކުރިދިރާސާތަކުން ޕެނިސިލިން އީޖާދު ކުރެވިއްޖެއެވެ. ދުނިޔޭގައި ދިރިއުޅެމުން ގެންދާ އިންސާނުންގެ އާންމު ސިއްހަތަށްޓަކައި ކޮންމެހެން ބޭނުންވެފައިވާ ފަރުވާއެކެވެ. މުޅި ދުނިޔެއަށް ނަންވިދާލި އެލެގްޒެންޑަރ ފްލެމިންއަކީ އެ ފަގީރު ދަނޑުވެރިޔާގެ ދަރިފުޅެވެ.
އިއްތިފާގުން ކަންތައް މެދުވެރި ކުރެއްވި ގޮތް ދެކިބަލާށެވެ. އޭނާއަށް ކިޔަވާދިނުމުގެ ހުރިހާ ޚަރަދަކާއި މަސްއޫލިއްޔަތެއް ހަވާލުވެގެންހުރި ރެންޑޯލްފް ހެންރީ ސްޕެންސަރގެ ފިރިހެން ދަރިފުޅު ފަހުގެ ތާރީޚެއްގައި ބަލިވެހާލު ދެރަވުމުން އޭނާއަށް ފަރުވާ ދިނުމުގައި ބޭނުން ކުރަންޖެހުނީ އެލެގްޒެންޑަރ ފްލެމިންގ އިޖާދުކުރި ޕެނިސިލިން އެވެ.
އެކުއްޖާގެ ބަލި ރަނގަޅުވެ އިނގިރޭސި ވިލާތަށް އޭނާގެ ޚިދުމަތް އެންމެބޮޑަށް ބޭނުންވި ވަގުތު 2 ފަހަރެއްގެ މަތިން އެ ގައުމުގެ ބޮޑުވަޒީކަން ކުރައްވަން ޖެހި ވަޑައިގެންނެވިއެވެ. އެ ބޭފުޅަކު ދުނިޔެއަށް ތަޢާރުފް ވެފައިވަނީ ވިނަސްޓަން ޗާރޗިލްގެ ނަމުންނެވެ.
މިފަދަ އެހެން ރިވާޔަތެއްގައި ތޯމަސް އެޑިސަންގެ ވާހަކަ ބަޔާން ކުރެވިފައިވެއެވެ.
އެއްދުވަހަކު ކުޑަކުޑަ ތޯމަސް ސްކޫލުން ގެއަށް އައިސް ޓީޗަރ ދިން ނޯޓެއް އޭނާގެ މަންމައަށް ދީފައި އޭގައި އޮތް އެއްޗަކާބެހޭގޮތުން މަންމައާއި ސުވާލު ކުރިއެވެ. ޖަވާބުގައި މަންމަ ބުނިކަމަށްވަނީ ތޯމަސްގެ ވިސްނުމުގެ ފެންވަރު މާބޮޑަށް ކުރިއަރާފައިވާތީ އެ ސްކޫލްގައި އޭނާއަށް ކިޔަވާދެވޭ ފެންވަރުގެ މުދައްރިސުން ނެތް ކަމަށެވެ. އަދި އޭނާއަށް ކިޔަވާދިނުމަށް މަންމައަށް އިރުޝާދު ދީފައިވާ ކަމަށެވެ. އެ ނޯޓުގައި އޮތް އެއްޗެއް ތޯމަސްއަށް ކިޔާދިން އިރު މަންމަ އިނީ ފެންކަޅިވެފައެވެ.
ތޯމަސް އެޑިސަން ބޮޑުވެ ތައުލީމީ ހަޔާތް ނިންމާލުމަށްފަހު ކަންތައްތައް ދިރާސާކުރުމުގެ ހުނަރުން ކުރިއަށް ދިއުން އިޚްތިޔާރު ކުރިއެވެ. ނަތީޖާއެއްގެ ގޮތުން ތޯމަސް އެޑިސަން މަޝްހޫރުވެގެން ދިޔައީ ދުނިޔެއަށް މުޅިން އާ އީޖާދުތަކެއް ގެނައި ހުނަރުވެރި އިލްމުވެރިއެއްގެ ގޮތުގައެވެ. އޭނާގެ އީޖާދުތަކުގެ ތެރޭގައި އިލެކްޓްރިކް ޕަވަރ ޖެނެރޭޝަން އާއި މާސް ކޮމިއުނިކޭޝަނާއި ސައުންޑް ރެކޯރޑިން އަދި މޫވީ ކެމެރާ ފަދަ އެތައް ކަމެއް ހިމެނެއެވެ.
ތޯމަސް އެޑިސަންގެ މަންމަ މަރުވެ އެތައް އަހަރެއް ފާއިތުވެ ދިޔަ ފަހުން އެއްދުވަހަކު އަލަމާރީގެ ތެރެއިން ޓީޗަރ ދިން ނޯޓް ފެނިއްޖެއެވެ. އެ ނޯޓުގައި ލިއެފައިވަނީ “ ކަލޭގެ ދަރިފުޅަކީ ސިކުނޑިހަމަނުޖެހޭ ކުއްޖެކެވެ. މި ސްކޫލްގައި އޭނާއަށް ޖާގައެއް ނެތެވެ. އޭނާ މި ސްކޫލުން ވަކިކޮށްފީމެވެ.“
ސިކުނޑި ހަމަނުޖެހޭ ކުއްޖެއް ކަމަށް ސްކޫލުން ކަނޑައެޅުމުން ސްކޫލް ދައުރު ނިންމާލަން ޖެހުނު ތޯމަސްގެ މަންމަގެ އަޒުމަކަށްވީ އެ ދަރިފުޅަކީ އިންސާނިއްޔަތަށް ބޭނުންހުރި ދަރިއަކަށް ހެދުމަށެވެ. މަންމަގެ މިންނެތް މަސައްކަތުން އެ ދަރިފުޅަކީ މުޅިދުނިޔެއަށް އެތައް އާ އީޖާދުތަކެއް ގެނެސްދިން މަޝްހޫރު އިލްމުވެރިއަކަށް ބަދަލު ވެގެން ދިޔައީ އެވެ.
މިއީ މައިން ބަފައިން މިސާލު ނަގަން ރީތި ނަމޫނާއެކެވެ.