ޒުވާން ފިރިހެނަކު މީހަކާ ކައިވެނި ކުރުމަށް ނިންމާ އެކަމުގެ އިންތިޒާމްތައް ކުރިޔަށް ގެންދަން ފެށިއެވެ.ނަމަވެސް ކުރަން ހުރި ކަންތައްތައް ގިނަ ކަމުން އެކި މީހުންގެ އެހީ ހޯދުމަށް ނިންމިއެވެ. މިގޮތުން ބައްޕަ ކައިރިޔަށް ގޮސް ބުންޏެވެ. އަޅުގަނޑަށް އެކަނި މިއުޅެނީ ކައިވެނީގެ ހުރިހާ އިންތިޒާމް ތަކެއް ނުނިންމިގެންނެވެ. އެހެންވީމަ ބައްޕަ ވެސް ކަމެއް ކޮށްދެއްވަން އެބަޖެހެއެވެ. މިއޮތީ އަޅުގަނޑުގެ އެންމެ ގާތް 50 އެކުވެރިންގެ ލިސްޓެކެވެ. މިމީހުންނަށް ގުޅާ އަޅުގަނޑުގެ ކައިވެންޏަށް އައިސް ދިނުމަށް އެދޭ ކަމަށް ބުނެދެއްވާށެވެ.
މިހެން ބުނެ ބައްޕަ އަތަށް ލިސްޓް ދިނުމުން ބައްޕަ ބޯޖަހާލިއެވެ. އަދި ބުންޏެވެ. އެއްވެސް މައްސަލައެއްނޯންނާނެއެވެ.ގުޅާނަމެވެ.
ކައިވެނީގެ ދުވަސް އަތުވެއްޖެއެވެ.ފިރިހެންކުއްޖާ ކައިވެނީގެ ހޯލަށް ބަލާލިއިރު ހުރިހާކަމެއްވެސް ހުރީ ވަރަށް ފުރިހަމަޔަށް ނިމިފައެވެ.ތަންވަނީ ޒީނަތްތެރިކޮށްފައެވެ. އަދި އޯޑަރު ކުރި ކާއެއްޗެތި ވަނީ އަތުރާފައެވެ. ނަމަވެސް ކޮންމެވެސް އެއްކަމެއް އެބަ މަދުވެއެވެ. އޭނާގެ ރައްޓެހިންނެއް ނާދެއެވެ.
މިކަމާކަންތައް ބޮޑުވެގެން އޭނަބައްޕަ ކައިރިޔަށް ގޮސް ބުންޏެވެ. އަޅުގަޑު ދިން ލިސްޓްގައި ތިބި އެންމެންނަށް ބައްޕަ ނުގުޅުއްވަންތޯއެވެ. އެންމެ ފަސް މީހުން އައިސް އެތިބީ ކީއްވެގެން ބާވައެވެ؟
ބައްޕަ ހުރީ ހަމަ ޖެހިފައެވެ.އަދި ހިއްވަރު ދިނުމުގެ ގޮތުން ދަފުޅުގެ ކޮނޑުމަތީ އަތް އަޅާލިއެވެ. އަދި ބުންޏެވެ. ދަރިފުޅާއެވެ.ބައްޕަ ލިސްޓްގައިވާ އެންމެނަށް ވަކި ވަކިން ގުޅާ ވާހަކަ ދެއްކީމެވެ. ނަމަވެސް ބައްޕަ ގުޅާފަ ކައިވެންޏަށް ދައުވަތުދިނީކީ ނޫނެވެ.ބައްޕަ ބުނީ ތަފާތު ވާހަކައެކެވެ. ބައްޕަ ބުނީ ދަރިފުޅަށް ބޮޑުކަމެއް ކުރިމަތިވެގެން އުޅޭ ކަމަށާ އެމީހުންގެ އެހީތެރިކަމަށް ބޭނުން ވެފައިވާ ކަމުގައެވެ.
ބައްޕަ މިހެން ބުނުމުން ފިރިހެން ކުއްޖާގެ ދެލޯ ބޮޑުވިއެވެ.އަދި ބުންޏެވެ.ބައްޕަ އެހެން ބުނުއްވީ ކީއްވެގެންތޯއެވެ.މީގެ ޖަވާބުގައި ބައްޕަ އޯގާތެރިކަމާއި އެކު ބުންޏެވެ.ބައްޕަ އެގޮތަށް ކަންތައް ކުރީ ދަރިފުޅަށް ފިލާވަޅެއް ދަސްކޮށްދިނުމަށެވެ.
ދަރިފުޅު ނިކަން ވަށައިގެން ބަލާލަބަލާށެވެ.އައިސް އެތިބަ ފަސް ރައްޓެހިންނަކީ ދަރިފުޅަށް އެމީހުންގެ ބޭނުން ޖެހުނު ވަގުތު އެހީވުމަށް އައި މީހުންނެވެ.އެހެން މީހުންނަކީ ހަގީގަތުގައި ދަރިފުޅަށް ހެޔޮއެދޭ ދަރިފުޅުގެ ރައްޓެހިންނެއް ނޫނެވެ.
ބައްޕަ މިހެން ބުނުމުން ޒުވާނާ އަށް ހިމޭން ކަމެއް އައެވެ.ހަޤީޤަތާ ކުރިމަތިލަމުންނެވެ.އެވަގުތު ބައްޕަގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.ދަރިފުޅާއެވެ. ދަސްކުރާށެވެ. ހަޔާތަކީ މިކަހަލަ އެއްޗެކެވެ.އުފާ ފާޅުކުރުމުގެ ވަގުތުގައި ވަރަށް ގިނަމީހުން ކައިރީގައި ތިބޭނެއެވެ.ނަމަވެސް ދަތިކަމުގެ ވަގުތުގައި ކައިރީގައި ތިބޭނީ މަދު ބަޔެކެވެ. ހަޤީޤީ ރަހުމަތްތެރިންނަކީ އެއީއެވެ.އެމީހުން ދޫކޮށްގެން ނުވާނެއެވެ.
އެދުވަހު ޒުވާނާޔަށް ވަރަށް މުހިންމު ފިލާވަޅެއް ދަސްވިއެވެ.އަގުބޮޑު ކައިވެނީގެ ހަދިޔާއަކަށް ވުރެ މާ އަގުބޮޑު ފިލާވަޅެކެވެ.