ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކަށް ސްޓްރޯކެއް ޖެހި ފަރުވާ ދިނުން ލަސްވިކަމަށްބުނާ މައްސަލައެއް ފެންމަތިވެ މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންގޮސްފައި ވަނީ އިއްޔެ ހެނދުނު 10:34 ހާއިރު ހުޅުމާލޭ ފިތުރޯނު މަގުގެ އަރިމައްޗަށް އަރައި ހިނގި އެކްސިޑެންޓަކާ ގުޅިގެންނެވެ. އަދި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މަސްތުވާއެއްޗެއް ބޭނުންކޮށްގެން ހުރި ކަމަށް ފުލުހުން އޭނާއަށް ތުހުމަތުކޮށް ކުޑަކަމުދާ ތަކެތި ޓެސްޓު ކުރުމަށްފަހު ނަތީޖާ ނެގެޓިވްވުމުން އޭނާ ދޫކޮށްލީ އިއްޔެ ހަވީރު 05:28 ހާއިރު އެވެ.
އެގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުއްޓާ ސްޓްރޯކެއް ޖެހުމުން އެ މީހާއަށް ފަރުވާ ދިނުން ލަސްލޮށްފައިވާތީ ހާލަތު ގޯސްވެފައިވާ ކަމަށް އޭނާގެ އާއިލާއިން ތުހުމަތުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އެހެންކަމުން އާއިލާގެ ތުހުމަތާ ގުޅިގެން ފުލުހުން ވަނީ މި މީހާ މެދު އަމަލު ކޮށްފައިވާ ގޮތް ރިވިއުކޮށް މައްސަލަ ތަހުގީގު ކުރަން ނިންމާފައެވެ.