އިންޑިއާގައި އަނެއްކާވެސް ކުޑަ އަންހެން ކުއްޖަކު ރޭޕް ކޮށްލުމަށްފަހު އެކުއްޖާ މަރާލާފައި ޖަންގަލީގެ ތެރެއަށް އެއްލާލާފައި އޮއްވާ ފެނިއްޖެއެވެ. މިފަހަރު ރޭޕްކޮށް މަރާލައިފައި އޮއްވައި ފެނުނީ އުމުރުން ފަސްއަހަރުގެ ތުއްތު ކުއްޖެކެވެ.
އިންޑިއާގެ އޮފިޝަލުންނާއި ހަވާލާދީ ބައިނަލްއަޤުވާމީ މީޑިއާތަކުން ބުނެފައިވާ ގޮތުގައި އިންޑިއާގެ އޮޑިއްސާ ސްޓޭޓްގައި އަންހެން ކުއްޖަކު ގެއްލިގެން އާއިލާ އިން އެކުއްޖާ ހޯދުމުގެ މަސައްކަތް ފެށީ ބުރާސްފަތި ދުވަހު ފެށިކަމަށެވެ. އަދި އެކުއްޖާ މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނީ ހުކުރު ދުވަހު ކަމަށެވެ.
އަންހެން ކުއްޖާގެ އާއިލާ އިން ބުނަނީ އަންހެން ކުއްޖާ ރޭޕް ކޮށްލުމަށް ފަހު އެކުއްޖާ މަރާލާފައި ވަނީ އޮއްގަލުން ތަޅައި އަނިޔާ ކޮށްގެން ކަމަށް ބެލެވެއެވެ.
މިމައްސަލަ އާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވާއިރު، ފުލުހުން ބުނަނީ މައްސަލައިގެ ތަޙްޤީޤު ކުރިއަށްދާ ކަމަށެވެ.
އަންހެން ކުއްޖާ ރޭޕް ކޮށްފައި ވަނީ އެންމެ މީހަކު ވެގެން ނޫން ކަމަށް އާއިލާއިން ބުނެއެވެ. އަދި މިކަމުގައި އެކަކަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާނެ ކަމަށް ބެލެވޭ ކަމުގައިވެސް އެތުއްތު ކުއްޖާގެ އާއިލާ އިން ބުނެއެވެ.
އިންޑިއާ އަކީ މުޅި ދުނިޔެ އިން ވެސް އަންހެނުންނަށް އެންމެ ނުރައްކާތެރި އެއްގައުމެވެ. އިންޑިއާގައި ދުވާލަކު އަންހެނުންނަށް ރޭޕް ކުރުމުގެ 90 މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރެއެވެ. ތަފާސް ހިސާބުތައް ހަދާ ފަރާތްތަކުން ބުނާ ގޮތުގައި އިންޑިއާގައި ދުވާލަކު ރޭޕްގެ ޝިކާރައަކަށްވާ އަންހެނުންގެ އަދަދު ހަޤީޤަތުގައި އެތައް ސަތޭކައަކަށް އަރާނެއެވެ.
އިންޑިއާގައި އަންހެނުންނަށް ޖިންސީ ފުރައްސާރަކުރުމާއި ރޭޕް ކުރުމާއި އަދި ހާއްސަކޮށް ކުޑަކުދިން ރޭޕްކޮށް މެރުން އިތުރުވެފައި ވީނަމަވެސް އެފަދަ އަމަލުތައް ހުއްޓުވުމުގައި ފުލުހުންނާއި ކަމާގުޅޭ އިދާރާތައް ފެއިލް ވެފައިވާ ކަމުގެ ޝަކުވާތައް އިންޑިއާގެ ރައްޔިތުން ދަނީ ކުރަމުންނެވެ.