ވެރިކަމާއި ޖާހު ލިބުމުން އިންސާނާއަށް އޭނާގެ ހައިސިއްޔަތު އޮޅިދެއެވެ. އޭނާއަކީވެސް މާ ސިންގާ ކަނޑުގެ ބިޔަ ރާޅުތަކުތެރެއަށް އެއްލާލާފައި އޮންނަ ކުޑަ ކުޑަކަރުދާސް ކޮޅެއްފަދައިން ނެތި ހިނގައިދާނެ އެއްޗެއްކަން ހަނދާން ނެތިދެއެވެ. އެ ރާޅުތަކުގެ ތެރޭގައި ހަމަ ވަރަށްކުޑަ އިރުކޮޅެއްގެ ތެރޭގައި ނެތި ހިނގައިދެއެވެ.
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނާލްޑް ޓްރަމްޕް ދާދިފަހުން ދީފައިވާ ބަސްދީ ގަތުމެއް ގައި ކޮމާކޯޅީގެ ތެރޭގައި އެވާ ބަސްކޮޅުގެ މާނަ ދޭހަވާ މޭރުމަކުން ބައިނަލް އަގްވާމީ މީޑިއާތަކަށް ވާހަކަ ދައްކާފައި ވެއެވެ. “ މުސްލިމުން އަހަރެމެންނަށް ނަފްރަތު ކުރެއެވެ. އަހަރެން އެމެރިކާގެ ރިޔާސަތަށް ދިއުމުގެ ކުރިން ހަމާސްއިން ރަހީނު ކޮށްފައިވާ އެންމެން ދޫކޮށްލަން ޖެހޭނެއެވެ. އެހެންނޫނީ މެދުއިރުމަތި ފަނާކޮށްލައި ދުނިމަތީގެ ނަރަކައަކަށް ހަދާލާނަމެވެ ”. އެމެރިކާގެ އިންތިޚާބީ ރައީސް ޑޮލާންޑް ޓްރަމްޕްގެ މި މަދު ޖުމުލަ ކޮޅު ދުލުން ބޭރުވިތާ 24 ގަޑިއިރު ނުވަނީ އޭނާގެ އަމިއްލަ ގައުމުގެ އެންމެ މުއްސަނދި ޝަހަރުގައި އަލިފާންރޯވެ އަނދަންފެށުމަކީ ވިސްނާ ފިކުރު ކުރަންޖެހޭ ކާރިސާއެކެވެ.
މި އަލިފާން ރޯވި ސަބަބެއް އޮޅުން ފިލުވަން ކުރަމުންގެންދާ މަސައްކަތުގައި ތަފާތު އެތައް ދިމާއަކަށް ތުހުމަތުގެ އިނގިލި ދިއކުރަމުންގެންދިޔައެވެ. އެހެންނަމަވެސް މިހާރު އެމެރިކާގެ ސިއްރު އޭޖެންސީން ޝައްކު ކުރަނީ “ ފަޔަރ ހޯކްސް “ ކިޔާ ކުޑަކުޑަ ދޫންޏެއްގެ މައްޗަށެވެ. އަޅުގަނޑުގެ ލިއުމުގެމަގްސަދަކީ ކެލިފޯރނިއާގައި ރޯވެ އަނދަމުންދާ އަލިފާނަކީ އިންތިޚާބީ ރައީސް ޑޮނާލްޑް ޓްރަމްޕް ދެއްކެވި ވާހަކައާއި ގުޅިގެން ކުރިމަތިވި ކާރިސާއެކޭ ބުނުމެއް ނޫނެވެ. އެހެންނަމަވެސް އެމެރިކާގެ ފުރިހަމަ އެއްބާރުލުމާއެކު ގައްޒާގައި އިސްރާއީލުން ހިންގަމުންގެންދާ ގަތުލު އާންމުގައި ކުށެއްނެތް ތުއްތު ދަރިންނާއި ބަލިވެއިނދެ ވިހަންކައިރިވެފައިތިބި މައިންވެސް ހިމެނޭ ގޮތުގައި މައުސޫމް އެތައް ހާސް އިންސާނުން މަރަމުން ގެންދިޔައިރު އެމީހުންގެ ވޭންތަކާއެކު ކުރަމުން ދިޔަ ދުޢާތައް ގެއްލިގެން ނުދާނެކަން ކަށަވަރެވެ. މި އުންމަތުގެ މާތް ނަބިއްޔާގެ ބަސްފުޅުގައިވާ ފަދައިން ނިކަމެތިކަން ލިބިފައިވާ އިންސާނާގެ ދުއާ އިޖާބަ ނުކުރައްވާ ދޫ ނުކުރައްވާނެއެވެ.
އަޅުގަނޑުމެންގެ އިލްމުވެރިންގެ ދަރުސްތަކުން އޮޅުންފިލުވާދީފައިވާގޮތުގައި އިންސާނާގެ ދޫ ރައްކާތެރިކުރުމަށް މި އުންމަތުގެ މާތް ނަބިއްޔާ ގަދައަޅުއްވައި އިރުޝާދު ދެއްވާފައި ވެއެވެ. ދުލުން ބޭރުކުރާ ބަހެއްގެ ނުރައްކާތެރިކަން ބޮޑު ކަމަށްޓަކައެވެ. އެ ބަހުގެ ސަބަބުން އިންސާނިއްޔަތަށް ލިބިދާނެ ބޮޑު ގެއްލުމަކުން ރައްކާތެރިކަން ލިބިގަތުމުގެ ބޭނުމުގައެވެ.
އެމެރިކާއަކީ މިއަދު ދުނިޔޭގެ އެންމެ ބާރުގަދަ ގައުމޭ ބުނެވިދާނެއެވެ. މިލިޓްރީ ގޮތުންނާއި އިގްތިސާދީގޮތުންވެސް އެމެރިކާއަކީ މިޒަމާނުގައި ދުނިޔޭގެ ސުޕަރ ޕަވަރ އެވެ. މާޒީގެ ތާރީޚުގައި ލިޔެވިފައިވާ ފަދައިން ބާރުގަދަ ގިނަ ގައުމުތަކާއި އަދި ބާރުގަދަކަމަށް ދައުވާކުރި ވެރިން ތިބެނީ އެމީހުންގެ އެ ގައުމުތަކުގެ ބާރުގެ މައްޗަށް ބޮޑާވެ އަދި އެބައިމީހުންގެ ފުދުންތެރިކަމާހެދި ހައިސިއްޔަތު އޮޅިފައެވެ. އިލްމުވެރިންގެ ބަސްފުޅުތަކުގައި ވިދާޅުވެފައިވާފަދައިން މާޒީގެ ތާރީޚުގައި ބާރުގަދަކަމަށް ދައުވާކުރި ކިތަންމެ ބަޔަކު ނިމިދިޔަގޮތުން ފިލާވަޅު ލިބިގަތުމަކަށް ހަނދާނެއް ނުހުރެއެވެ. ގަދަބަސްބުނުމާއި ކިބުރުވެރިކަމުގެ ގޮތުން އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނާލްޑް ޓްރަމްޕް އަށް ވުރެން އެތައް ގުނައެއް ހައްދުފަހަނަޅާފައި ތިބިމީހުން މާޒީގެ ތެރެއަށް ހިނގައްޖެއެވެ. ނަމްރޫދާއި މޫސާގެފާނުގެ ފިރުއައުނާއި ހާމާނާއި ގާރޫނު އަދި ބެބީލޯން އެމްޕަޔަރގެ ބާރުގަދަ ރަސްގެފާނު ނެބޫޗަންދުނިޒާރުގެ ނަން ފާހަގަކުރެއެވެ. އޭގެތެރެއިން ބައެއް ޖައްބާރުންނަކީ އިލާހުންކަމަށްދެކި ނުބައި ނުލަފާކަމުގެ އިންތިހާއަށް ދިޔަ މީހުންނެވެ. އެބައިމީހުންގެ ގަދފަދަ ބާރާއި މުދާވެރިކަމާއި އިންތިހާގެ ފުދުންތެރި ކަމާއެކުގައިވެސް އެބައިމީހުންގާތަށް މަރުއައުމެއް ނުހުއްޓުވުނެވެ. އެބައިމީހުން ނިމިދިޔަގޮތް ދުށުމަށް ޓަކައި ދަތުރުކޮށް ބަލައި ވިސްނާ ފިކުރުކުރުމަށް ކީރިތި ގުރުއާނުގައި ބާރުއަޅުއްވާފައިވާ ކަމަށްވެސް އިލްމުވެރިންގެ ދަރުސް ތަކުން އެނގެއެވެ.
ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުގައި ގޮތްނޭންގޭ ގޮތަކަށް ރޯވި މި އަލިފާނުން އަދާ ހުލިވަމުން ދާއިރު އެއްގަމާއި ވައިގެ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން އަލިފާން ނިއްވަން ކުރަމުން ގެންދާ މަސައްކަތުގައި އަދި މިހާތަނަށް ފާހަގަކުރެވޭ ފަދަ ކާމިޔާބެއް ނުލިބޭ ކަމަށްވެއެވެ. މީޑިއާތަކުން މައުލޫމާތު ހާމަކޮށްފައިވާ ގޮތުގައި ބާރުގަދަ އެމެރިކާއިން މިހާރު ވަނީ އަލިފާން ނިއްވާލުމަށްޓަކައި ބައިނަލް އަގްވާމީ އެހީއަށް އެދިފައެވެ. އެމެރިކާގެ އެންމެ ބޮޑު ދުޝްމިނުންކަމުގައިބެލެވޭ އީރާނުގެ ރެޑްކްރެސެންޓުގެ ވެރިޔާ ވިދާޅުވެފައިވާ ފަދައިން އަނެކުންނަށް ލިބޭ ހިތް ދަތިކަމާއި އަނިޔާއާއި މުސީބާތުގެ ވަގުތުގައި އުފާވެރިކަން ފާޅު ކޮށްގެން ނުވާނެއެވެ. އެއީ އެއް ބައިވަންތަކަމާއި އެކުވެރިކަން ދައްކަންޖެހޭ ވަގުތެވެ.
ކެލިފޯނިޔާގެ ލޮސް އެންޖަލްސް އަކީ ދުނިޔޭގެ އެންމެ އަގުބޮޑު ޚަބަރުތައް އުފައްދާ މަރުކަޒެވެ. މަޝްހޫރު ހޮލީވޫޑްގެ މައި މަރުކަޒަކީވެސް ލޮސް އެންޖަލްސް އެވެ. ދުނިޔޭގެ މަޝްހޫރު ފިލްމްސްޓާރުންނާއި ގިނަ އަދަދެއްގެ މަހުޖަނުން ދިރިއުޅެމުން ގެންދާ ޝަހަރެވެ. އެއްވެސް އިސްތިސްނާއެއްނެތި އަނދާ ހުލިވަމުންދާ ގެދޮރާއި ވިޔަފާރި މަރުކަޒުތައް ސަލާމަތްކުރެވޭނެ ފުރުސަތެއް ނުލިބެއެވެ. އެހެންނަމަވެސް ނިކަމެތި ފަގީރުންނާއި ފުދުންތެރިކަންނެތް އާބާދީ ތަކާއި އިންސާނީ މުޖުތަމާތަކަށް ގިނަގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ބައެއް މަހުޖަނުންގެ ގެދޮރަށް ގެއްލުމެއް ނުލިބި ސަލާމަތްވެފައިވަނީ އަޖައިބެއްފަދަ ގޮތަކަށެވެ.
މީޑިއާތަކުން ހާމަކޮށްފައިވާ މައުލޫމާތުތަކަށްބަލާއިރު އަލިފާނުގެ މި ކާރިސާގައި މިހާތަނަށް ހަތްހާސް އަށްވުރެން ގިނަ ގެ ދޮރާއި ވިޔަފާރީގެ އިމާރާތްތައް ވަނީ އަނދާ ހުލިވެފައެވެ. ހާލުގައި ޖެހިފައިވާ އިންސާނުންތައް އަތުޖެހުނު އެއްޗެއް ހިފައިގެން ސަލާމަތުގެ އައްސޭރިއަކަށް ދުވަމުން ދަނީ ދިރިއުޅުން ބަނގުރޫޓުވެ ދިއުމުގެ ހިތްދަތިކަން ތަޖްރިބާކުރަމުންނެވެ. ބައެއްމީހުންގެ މީޑިއާތަކަށް މައުލޫމާތު ހާމަކުރަމުންގެންދަނީ ކަރުނަ އަޅަމުންނެވެ. ކުށެއްނެތް އެތައް ހާސް އިންސާނުންނާއި ޖަނަވާރުތަކަށް ހިމާޔަތް ލިބިދާނެކަމުގެ އެއްވެސް އުންމީދެއް ނެތް ހާލުގައެވެ.
ޖެހެމުންދާ ތެތްކަމެއްނެތް ގަދަވަޔާއެކު ރޯވެ އަނދަމުންދާ އަލިފާންގަނޑު ފެތުރެމުން ދަނީ ރޯވެފައިވާ އަލިފާން ގަނޑަކަށް ޕެޓްރޯލް އަޅަމުންގެންދިއުމުން އަނދަމުންދާ ފަދަ ގޮތަކަށެވެ. މާތް ގެ އަމުރުފުޅު އައުމުން އަލިފާނަކީވެސް ނިކަމެތި އަޅެއްކަން ސާބިތުކޮށް ދެމުންނެވެ. އެ އަމުރުފުޅަށް އިންކާރުކުރުމުގެ އެއްވެސް ބާރެއް އެ އަލިފާނަށް ލިބިގެން ނުވާކަން އަންގާދެމުންނެވެ.
3 Responses
އާޓިކަލް ލިޔުއްވި ފަރާތުން އަދި އެއްފަހަރު އާޓިކަލް ކިޔާލެއްވުން ރަނގަޅެވެ.
SubuhaanaAllaah, Allah akubaru.
އާސަންދާނު އާދަނަށް ވެދުން ސަލާމް
މި އާރޓިކަލް ލިއުނީ އަޅުގަނޑެވެ. ސަންދާނަށް ފޮނުވުމުގެ ކުރިން ދެ ތިން ފަހަރު ކިޔާލީމެވެ. އަޅުގަނޑަށް އެނގިފައިވާ މައުލޫމާތާ ތައާރަޒް ކުރާ ގޮތަކަށް ލިޔެވިފައި އޮތްކަމަކަށް ނުފެނެއެވެ. ސަންދާނަށް އާރޓިކަލް ފޮނުވީ އަޅުގަނޑު ލިއުނު އެއްޗެއްގެ ގޮތުގައެވެ. ނަމަވެސް ސަންދާނުގެ އެޑިޓަރަށް ފެނިވަޑައިގެންފައި އެ އޮތީ ސަންދާނުގެ ނަމުގައި ޝާއިއު ކުރުމަށެވެ. އެއީ އެޑިޓޮރިއަލް ބޯޑްގެ ނިންމުމެކެވެ.
ދެވަނަފަހަރަށް ކިޔާލުން ރަނގަޅުކަމަށްވިދާޅުވިއިރު ސަބަބު ބަޔާންކޮށްލަ ދެއްވިނަމަ ޝުކުރުވެރިކަމާއެކު އުފާކުރީމުހެވެ. ކުރިއަށް އޮތް ތަނުގައި އާރޓިކަލެއް ލިޔާނަމަ އެކަމާމެދު ވިސްނުމަށްޓަކައެވެ.
އަޅުގަނޑުގެ ލިއުން އަދި އެއްފަހަރު ކިޔާލުން ރަނގަޅުކަމަށް ވިދާޅުވި ސަބަބު އޮޅުންފިލުވާދެއްވައިފިނަމަ ޝުކުރުވެރިވާނަމެވެ.
މި ކޮމެންޓުގައި އަޅުގަނޑުގެ ނަން ހާމަ ނުކުރި ސަބަބަކީ ސަންދާނުން އަޅުގަނޑުގެ ނަން ހާމަކުރަން ބޭނުން ނުވާކަމަށް ލަފާ ކުރެވޭތީއެވެ.