ބައްޝާރުގެ ވެރިކަން ވެއްޓުމުން ސީރިޔާގެ މުސްތަގްބަލް ސުވާލުތަކެއްގެ ތެރެއަށް

Loading

Facebook
Twitter
WhatsApp

ހަޔާތު ތަހްރީރު އަލް ޝާމް ( އެޗް ޓީ އެސް ) އިން ވަރަށް ފަސޭހަކަމާއެކު ޝާމްކަރައިގެ ސީރިޔާގައި އޮތް ޚުދު މުޚްތާރު ސަރުކާރު ނިމުމަކަށްގެނެސް ގައުމުގެ ރައީސް ބައްޝާރުލް އަސަދު އޭނާގެ އާއިލާއާއެކު ގައުމުދޫކޮށް ވަޑައިގަތުން މަޖުބޫރުވެގެން މިދިޔައީ ދުނިޔެ ހައިރާން ކޮށްލާފައެވެ.

ސީރިޔާއަށް މަދަދު ކުރަމުންގެންދިޔަ އީރާނާއި އަދި މުޖާހިދުންގެ ޖަމާއަތްތަކަށް ކުރެވުން އެއްވެސް ކަމެއް ނެތްކަހަލަ އެވެ. ހަގީގަތަކީ ކޮބައިކަން މުސްތަގްބަލްގައި އަލިވިލެމުންދާނެއެވެ. މިހާތަނަށް މީޑިއާތަކަށް ލިބިފައިވާ މައުލޫމާތު ތަކަށްބަލާއިރު ބައްޝާރުގެ ސަރުކާރަށް  ކުރިމަތިވަމުންދިޔަ ހައިބްރިޑް ހަނގުރާމައިގެ ހިޔަނިން ސަލާމަތްވުމަށް އީރާނުން އެތައްފަހަރަކު އިންޒާރު ދިންކަމަށް ވެއެވެ. އެހެންނަމަވެސް އެތައް އަހަރަކަށް އަރަބިންގެ ސަފުން އެއްފަރާތް ކޮށްފައި ބެހެއްޓުމަށްފަހު އަލުން އަރަބިންގެ ސަފުން ޖާގަލިބުމުން ބައްޝާރު ހުންނެވިކަމަށް ވަނީ ވަރަށް ހިތްޕުޅު ހަމަޖެހިފައި ކަމަށް ބުނެއެވެ. އެހިސާބުން މަޑުމަޑުން ހުޅަގުގެ މުނާފިގު އޮޅުވާލުންތަކުގެ ހައިބްރިޑް ހަނގުރާމަ ފެށުނީއެވެ. އަދި ބައްޝާރު އެ މަކަރުވެރި މަޅިގައި ފިސާރި ރަނގަޅަށް ޖެހިވަޑައިގަތީއެވެ.

ހަޔާތު ތަޙްރީރް އަލް ޝާމްގެ ވެރިކަން ދިމިޝްގުގައި ބިނާކުރެވެމުންދާނީ ކޮންމެވެސް ކުޑަކުޑަ އިސްލާހަކާއެކު އަލްގާއިދާ ފަލްސަފާގެ މައްޗަށް ކަމުގައި ބެލެވެއެވެ. ހަޔާތު ތަޙްރީރް އަލްޝާމް އަކީ ނިރުބަވެރި ޖަމާއަތެއްގެ ގޮތުގައި އެމެރިކާއިން ވަނީ ކަނޑައަޅާފައެވެ. 

ސީރިޔާގައި އަސަދު ޚާންދާނުން ކުރަމުންއައި ގޮށްމުށު ބާރުގެ ވެރިކަން ވެއްޓުމަކީ އީރާނަށް ގެއްލުންހުރި ކަމެއް ކަމަށާއި ގަތަރަށް ފައިދާކުރަނިވި ކަމެއްކަމުގައި ބައެއް މީޑިއާތަކުން މިހާއަވަހަށް ސިފަކުރަމުން ގެންދާންފަށައިފިއެވެ. ހަގީހަތުގައި މީޑިއާތަކުގެ އަސްލު ސޫރަ ފާޅުވެގެންދާ ވަގުތަކީވެސް އެއީއެވެ.

ޖެރޫސަލަމް ޕޯސްޓުން ބުނެފައިވާގޮތުގައި ބައްޝާރުގެ ސަރުކާރު ވެއްޓުމުން އީރާނުގެ ހަތިޔާރު ހިޒްބުއްލާ ޖަމާއަތަށް ފޯރުކޮށްދިނުމުގެ މަގު ބަންދުވީއެވެ. މިއީ އިސްރާއީލުން ބޭނުންވާނެ ގޮތެވެ. 

ގަތަރަކީ މުޅި މެދުއިރުމަތީގައި އިސްލާމިކް ބްރަދަރހޫޑަށް ތާއީދުކޮށް ކެމްޕޭން ކުރަމުން ގެންދިޔަ ގައުމެކެވެ. ގަތަރުން ނެގީ ސުންނީ މުސްލިމުންގެ ސިޔާސީ ފަލްސަފާއެވެ. އެއީ އީރާނުގެ ފަލްސަފާއެއް ނޫނެވެ. ލީބިޔާއާއި ސީރިޔާ އަދި ހަމާސްގެ ގުޅުންތަކުގައިވެސް ގަތަރުން ބޭނުންކުރީ ސުންނީ މުސްލިމް ސިޔާސަތެވެ. ބައެއްފަހަރު ގަތަރަށްވެސް ނާކާމިޔާބީއާއި ކުރިމަތިލާން އޮތީ ޖެހިފައެވެ. 2013 ގައި ސިފައިންގެ ބާރުގައި މިސްރުން މުސްލިމް ބްރަދަރހޫޑް ނަގާ އެއްލާލުމާއި 2017 ގައި ސައޫދީ އެރޭބިޔާގެ ބާރުގައި ގިނަ އަރަބި ގައުމުތަކަކުން ގަތަރު އެއްފަރާތް ކުރިތަން ފެނިގެން ދިޔައެވެ. 

އީރާނަށް ކުރިމަތިވާ ކޮންމެ ގޮން ޖެހުމަކީ އިސްރާއީލުން އުފާކުރާނެ ކަމެކެވެ. އެކަމަކު ސީރިޔާގައި ބައްޝާރުގެ ވެރިކަންފުރޮޅިގެން ދިއުމަކީ އިސްރާއީލަށް ލިބުނު ކާމިޔާބީއެއް ކަމަށް ދުށުން އަދި މާއަވަހެވެ. ސަބަބކީ ހަމާސްގެ ވެރިކަން ގައްޒާއިން އަދިވެސް ފޮހެ ނުލެވުމެވެ. ގައްޒާގެ މައްސަލާގައި ގަތަރާއި ތުރުކީއާއި އީރާނަކީ އެއް އަޒުމެއްގައި ތިބި ބައެކެވެ. އަދި ސީރިޔާގެ ދާޚިލީ ހަނގުރާމަ ހުއްޓުވަން އެންމެ ބުރަކޮށް މަސައްކަތް ކުރަމުން ދިޔަ އަސްތާނާ ގުރޫޕަކީ ތުރުކީއާއި އީރާނާއި އަދި ރަޝިޔާއެވެ. ހަމާސް އަށްވެސް އެ 3 ގައުމާއެކު ގަތަރުން ގެންދަނީ ތާއީދު ކުރަމުންނެވެ. ބައްޝާރުގެ ވެރިކަން ނިމިގެން ދިޔަގޮތް ރަޝިޔާއިން މީޑިއާތަކަށް ހިއްސާކުރި ގޮތުންވެސް އާސްތާނާ ގުރޫޕްގެ އެއްބައިވަންތަކަން ހާމަވެގެން ދިޔައެވެ. ރަޝިޔާއިން އެ ބައްދަލުކުރުމުގައި ބައިވެރި ވެފައި ނުވުމާއެކުވެސް އިދިކޮޅު ފަރާތްތަކާއެކު ބައްޝާރުގެ ސަރުކާރުން ކުރެވުނު މަޝްވަރާތަކުގެ ފުރިހަމަ މައުލޫމާތު ރަޝިޔާއަށް ވަނީ ފޯރުކޮށްދީފައެވެ. ރައްޔިތުން އެދޭ ބަޔަކަށް އަމާންކަމާއެކު ވެރިކަން ހަވާލުކުރަން އެ ބައްދަލުކުރުމުގައި ވެވުނުއެއްބަސްވުން ރަޝިޔާއިން ވަނީ މީޑިއާތަކަށް ތިލަކޮށްދީފައެވެ.

އިސްރާއީލާއި ހަމާސްގެ ހަނގުރާމަ އަދި ނުނިމެއެވެ. ހަމާސްއިން ބޭނުންވަނީ ހުޅަނގު އައްސޭރީން ފަލަސްތީނުގެ މިނިވަން ދައުލަތެއް ކަށަވަރު ކުރުމަށްޓަކައިމިހާރަށްވުރެން ކެރިގެން ނިކުންނާށެވެ. މިހާތަނަށް އިސްރާއީލަށް ނުރައްކަލަކަށް ވެފައި އޮތީ އީރާނާއި އީރާނުގެ ވާގިވެރި މުޖާހިދުންގެ ޖަމާއަތްތަކެވެ. ސީރިޔާގެ ދެން އުފެދޭ ސަރުކާރަކުން ހަމަކަށްވަރުންވެސް އިސްރާއީލަށް ތާއީދެއް ނުކުރާނެއެވެ. 

ސީރިޔާގެ ސަރުކާރު ވެއްޓުމާ ބެހޭގޮތުން އެމެރިކާގެ ރައީސް ޖޯ ބައިޑްން ވިދާޅުވެފައި  ވަނީ ބައްޝާރުލް އަސަދުގެ ވެރިކަން ނިމުމަކަށް އައުމަކީ އިންސާފު ކަމަށް ބުނެވި ދާނެއެވެ. އެކަމަކު މިހާރު ކުރިމަތިން ފެންނަން އޮތް ނުރައްކާތެރިކަން މާ ބޮޑުވާނެކަން ޔަގީނެވެ. ސަބަބަކީ އައި އެސް އައި އެސް އަށް މި ލިބުނު ފުރުސަތގެ ބޭނުން ހިފަން މަސައްކަތް ކުރާނެތީއެވެ. އަދި މިހާރުވެސް ހަމާސްގެ ރަހީނުންގެ ގޮތުގައި އިސްރާއީލުގެ 100 މީހުން ތިބިކަންވެސް ހަނދާންކުރަން ޖެހޭ ކަމަށް ބައިޑްން އިޝާރާތް ކުރެއްވިއެވެ. 

ބައްޝާރުލް އަސަދުގެ ވެރިކަން ވެއްޓިގެން ދިޔަގޮތާބެހޭ ގޮތުން އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ ސީރިޔާގެ ރައްޔިތުންނާ ދެކޮޅަށް ރައީސް ބައްޝާރަށް އެހީތެރިވާން ރައީސް ޕޫޓިން ބޭނުންފުޅު ނުވީ ކަމަށެވެ. އެހެންނަމަވެސް ރަޝިޔާއިން ވަނީ ބައްޝާރަށާއި އާއިލާއަށް ހިޔާވަހިކަން ފޯރުކޮށްދީފައެވެ. ޓްރަމްޕް ގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވެފައިވަނީ ސީރިޔާގައި އެމެރިކާގެ 900 ސިފައިން ތިބި ކަމުގައިވިޔަސް މިއީ އަހަރެމެންނާ ބެހޭ ހަނގުރާމައެއް ނޫންކަމަށެވެ. އެމެރިކާގެ ސިފައިން ސީރިޔާގައި އެތިބީ އިސްލާމިކް ސްޓޭޓްގެ އިތުރު އުދަނގޫ ތަކެއް ކުރިމަތި ވެދާނެތީއާއި ކުރުދީންގެ ފައުޖުތަކަށް އެހީތެރިވެ ދިނުމުގެ ބޭނުމުގައެވެ. މިދިޔަ އާދީއްތަ ދުވަހުވެސް އެމެރިކާގެ ސިފައިން އިސްލާމިކް ސްޓޭޓްގެ ކޭމްޕްތަކަށް ވަރަށް ގިނަ ފަހަރު ހަމަލާ ދިންކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފައި ވެއެވެ. 

އެންމެފަހުންވެސް އެމެރިކާއިން ބުނެފައިވަނީ އިސްލާމިކް ސްޓޭޓްގެ ހަނގުރާމަވެރިން ސީރިޔާގެ ތެރެއަށް ވަނުން ހުއްޓުވުމަށްޓަކައި ސީރިޔާގެ އިރުމަތީ ސަރަހައްދު ތަކުގައި އެމެރިކާގެ ސިފައިން ތިބޭނެ ކަމަށެވެ. އެކަމަކު މިހާރުވެސް އިސްރާއީލުގެ ސިފައިން އެ ގެންދަނީ ސީރިޔާގެ ގޯލާންގެ އުސްބިންތަކަށް ވެރިވަމުންނެވެ. އަދި މިއުޅެނީ ބައްޝާރުގެ ވެރިކަން ވެއްޓުނުފަހުން ހަފުތާއެއް ނުވެގެންނެވެ.

ސީރިޔާއަށް ވަމުންދާ ގޮތާއި ފެންނަ މަންޒަރުތަކަށް ބަލާއިރު ރައީސް ބައްޝާރުގެ ވެރިކަން ވައްޓާލުމުގައި ފޮރުވިފައިވާ އެޖެންޑާތަކެއް ހިމެނިފައިވުން އެކަށީގެން ވެއެވެ. އެމެރިކާއިން ނިރުބަވެރިން ކަމުގައި ކަނޑައަޅާފައިވާ ޖަމާއަތަކުން ކުރާ ވެރިކަމަކާ ދޭތެރޭ އެމެރިކާއިން ދެކޭނެ ގޮތް އޮޅުން ފިލުވުމަކީ މާބޮޑު ކިޔެވެލިތަކެއް ކިޔަވަން ޖެހޭނެ ކަމެއް ނޫނެވެ.  

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް