ކ.އަތޮޅުގެ ރަށްތަކުގައި ޞިއްޙީ ދާއިރާ ތަރައްޤީކޮށްދިނުމަށް އެ އަތޮޅު ކައުންސިލުން އެދިއްޖެއެވެ.
ކ.އަތޮޅު ކައުންސިލުން މިގޮތަށް އެދިފައި ވަނީ މިއަދު ހަވީރު މާލެއަތޮޅު ހުރާ ކައުންސިލް އިދާރާގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުކުރެއްވުމުގައި އަތޮޅު ކައުންސިލުން ވަނީ މުޅި އަތޮޅުގެ ތަރައްޤީއަށް އެންމެ ބޭނުންވާކަންކަމާއި އަތޮޅުގެ ވަކި ވަކި ރަށްރަށަށް ބޭނުންވާކަންކަން ފާހަގަކުރައްވާފައެވެ. އެގޮތުން ކ. އަތޮޅަކީ ލޯކަލް ޓޫރިޒަމް ފުޅާ ދާއިރާއެއްގައި ކުރަމުންދާ އަތޮޅަކަށްވާތީ އަތޮޅުގެ ރަށްތަކުގައި ޞިއްޙީ ދާއިރާ އިތުރަށް ތަރައްޤީކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން އަތޮޅުގެ ބައެއް ރަށްތައް ގިރަމުންދާކަން ފާހަގަކުރައްވައި އެކަމަށް އަވަސް ހައްލެއް ބޭނުންވާކަމަށާއި މުޅި އަތޮޅުގެ ފަތުރުވެރިކަން ކުރިއަރުވައި ފަރުމަސްވެރިކަން ކުރިއެރުވުމަށް ބޭނުންވާ ކަންކަން އަތޮޅު ކައުންސިލުން ޙިއްޞާކުރެއްވިއެވެ. އަދި މާފުށީގައި ޙައްޖު ކޯޕަރޭޝަނުން ހިންގުމަށް ބޭނުންވާ މަޝްރޫޢު ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންނެވިއެވެ
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ މާލެ އަތޮޅުގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ޙިއްޞާކުރައްވާފައެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވިކަންކަން ބައްލަވާނެކަމުގައެވެ.