މެލޭޝިޔާއާއި ތައިލަންޑުގައި ފެންބޮޑުވެ 12 ވަރަކަށް މީހުން މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

މެލޭޝިޔާއާއި، ތައިލަންޑަށް ބޯކޮށް ވާރޭވެހި ބޮޑެތި ސަރަހައްދުތަކެއްގައި ފެންބޮޑުވެ ހިނގި ހާދިސާތަކުގައި މަދުވެގެން 12 މީހުން މަރުވެފައިވާ ކަމަށް ޚަބަރު ލިބެއެވެ.

ބޮޑުވެފައިވާ ފެންގަނޑުގެ ސަބަބުން މެލޭޝިޔާގެ އުތުރުގެ ހިސާބު ތަކުން 122،000 މީހުން ގެދޮރު ދޫކޮށް ދާންޖެހިފައިވާއިރު ތައިލަންޑްގެ ދެކުނުގެ ހިސާބުތަކުން ވެސް 13،000 މީހުން ވަނީ އެހެން ތަންތަނަށް ބަދަލުވެފައެވެ.

ކުރިޔަށް އޮތް ދެތިން ދުވަހުވެސް މޫސުން ރަގަޅުނުވާނެ ކަމަށް ފޯކާސްޓް ކޮށްފައިވާއިރު، އިތުރު ގިނަ ބަޔަކު ގެދޮރު ދޫކޮށް އެހެން ތަންތަނަށް ބަދަލުވާނެ ކަމަށް ވަނީ ބެލިފައެވެ.

ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ވަގުތީ ހިޔާތައް ހަދާފައިވާއިރު އިމަޖެންސީ ސާވިސްތަކުން ދަނީ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މެލޭޝިޔާ އަދި ތައިލަންޑަށްވެސް ވިއްސާރަކުރަން ފަށާފައިވަނީ ހަފްތާގެ މެދެއްހާ ހިސާބުން ފެށިގެންނެވެ. ސޯޝަލް މީޑިޔާ އަދި ނިއުސް ޗެނެލް ތަކުން ފެންނަ ވީޑިއޯ ތަކުން، ގެތަކާއި ކާރުތައް ފެނު އަޑީގައިވާ ތަން ފެނެއެވެ. އަދި މީހުންވެސް ކަކޫތާފެނުގައި ހިނގާތަން ފެނެއެވެ.

ބޯވިއްސާރައިގެ ސަބަބުން ތައިލަންޑްގެ ދެކުނުގެ ހިސާބުތަކުގެ 534،000 ގޭބިސީއަކަށް އަސަރުކޮށްފައިވާ ކަމަށް އޮފިޝަލުން މައުލޫމާތު ދެއެވެ. އަދި ފެންބޮޑުވެ ތަކެއްޗަށް ގެއްލުން ލިބިދާނެކަމަށް ބަލައި އެހިސާބުގެ ދެ ހޮސްޕިޓަލް ވެސް ބަންދުކުރަން ޖެހުނު ކަމަށް ޚަބަރުތައް ބުނެއެވެ.

ވިއްސާރައިގެ ސަބަބުން ތައިލަންޑްގެ ހަ ސަރަހައްދެއްގައި ކުއްލި ހާލަތު ވަނީ އިއުލާން ކޮށްފައެވެ. މި ހާލަތުން ސަލާމަތްވުމަށް ކުރެވޭ މަސައްކަތަށް ސަރުކާރުންވަނީ ކޮންމެ ސަރަހައްދަކަށް 50 މިލިއަން ބާތު (1.7 މިލިއަން ޑޮލަރު) ކަނޑައަޅާފައެވެ.

މެލޭޝިޔާގައި އެންމެ ބޮޑަށް ފެންބޮޑުވެފައިވަނީ ތައިލަންޑާ އިމުން ގުޅޭ ކެލަންޓަން ސަރަހައްދުގައެވެ. އެ ގައުމުގެ ނެޝަނަލް ޑިޒސްޓަރ މެނޭޖްމަންޓް އޭޖެންސީން މައުލޫމާތު ދީފައިވާ ގޮތުގައި ކެލަންޓަން ގެ އާބާދީގެ 63 އިންސައްތަ ވަނީ އެހެން ތަންތަނަށް ބަދަލުވެފައެވެ. ކެލަންޓަން ސްޓޭޓް ފިޔަވާ މެލޭޝިޔާގެ އިތުރު 9 ސްޓޭޓަކަށް ވަނީ ވިއްސާރައިގެ އަސަރު ކޮށްފައެވެ.

މެލޭޝިޔާގައި ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ އެންމެ ގިނަމީހުން ހާލުގަ ޖެހުނީ 2014 ވަނަ އަހަރު ކަމަށް ވެއެވެ. ނަމަވެސް އޭރު ގެދޮރު ދޫކޮށް ދާންޖެހުނު މީހުންނަށް ވުރެ ގިނަ މީހުން މިހާރުވެސް ގެދޮރު ދޫކޮށް ގޮސްފައިވާ ކަމަށް ޚަބަރު ލިބެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް