ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއް ހޯދައިނުދެވޭ ސަރުކާރެއް އޮތުމަކީ ބޮޑު ގެއްލުމެއް

Loading

Facebook
Twitter
WhatsApp

ރާއްޖޭގެ އާބާދީ އަންނަނީ ބޮޑުވަމުންނެވެ. އެއްތަނަކަށް މުޅި ގައުމު ގިއްގަޅުވާލުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވަމުން އަންނަނީ އިއާދަނުކުރެވޭ ވަރުގެ ގެއްލުމެކެވެ. އޭގެ ސަބަބުން އުފެދޭ ބަލިތައް އަންނަނީ ކޮންޓްރޯލްނުވާ މިންވަރަށް އިތުރުވަމުންނެވެ. ރާއްޖޭގެ ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއް ހޯދައި ދިނުމަށް ސަރުކާރު ވަނީ ނުކުޅެދިފައެވެ.

ސިއްހީ ފަރުވާދޭން ހަދާފައިވާ އިމާރާތްތައް ނުހަނު ގިނައެވެ. އަދި އެހާމެ ފުރިހަމައެވެ. އެހެނަސް އެ އިމާރާތް ތަކުގައި ޚާއްސަ ބަލިތަކަށް ފަރުވާދޭނޭ އިލްމީ ތަޖުރިބާކާރު ޑޮކްޓަރުންނެއް ނެތެވެ. އެ ތަންތާގައި ޖާގަނެތީއެއް ނޫނެވެ. އެ ފެންވަރުގެ ޑޮކްޓަރުން ހޯދައި ދިނުމުގެ ހެޔޮ ނިޔަތް ސަރުކާރުގައި ނެތީއެވެ. ރާއްޖޭގައިވެސް އަދި މުޅި ދުނިޔޭގައިވެސް ލޭ މައްޗަށް ދިއުމާ ހަކުރުބައްޔާއި ނޭވާހިއްލުންފަދަ ބަލިތަކަކީ ޢާންމު ކޮށް ގިނަ ރައްޔިތުން ފަރުވާ ހޯދާންޖެހޭ ބަލިތަކެވެ.

ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއް ހޯދައިދިނުމުގެ އިޙުސާންތެރި ހެޔޮ ވިސްނުމެއް ސަރުކާރުގައި އޮތްނަމަ އިސްވެ ބަޔާން ކުރެވުނު އެންމެ އާދައިގެ ބަލިތަކުގެ ފަރުވާ ދެވުނީހެވެ. އެހެނަސް ހިތާމައަކީ ސަރުކާރުގެ ބޭސް ފިހާރަތަކުގައި ވެސް މި ދެންނެވި ފަދަ ޢާންމު ބަލިތަކަށް ޑޮކްޓަރުން ލިޔެދޭ ބޭސްކޮޅު ލިބެން ނުހުރުމެވެ.

ދާދިފަހުން އަޅުގަނޑުގެ ބައްޔަށް ފަރުވާ ކުރުމަށް ޑޮކްޓަރު ލިޔެދެއްވި ބޭސްސިޓީ އަށް ބޭސްނަގަން އެސްޓީއޯ ފާމަސީއަށް ދިއައިމެވެ. އޭގައި ލިޔެފައިވާ އިން ހެއިލާ ބޭނުންކުރަން ޑޮކްޓަރު ބޭސް ސިޓީގައި ލިޔެފައި އިނީ އުނދަގޫވާ ކޮންމެ ފަހަރަކު ދެ ޕަފް ޖެހުމަށެވެ. އެހެނަސް ފާމަސީ އިން ޑިސްޕެންސަރު ދެއްވީ އެންމެ އިންހެއިލާ އެކެވެ. ބުނީ ބޭނުންކުރަންވީ ޢަދަދު ޑޮކްޓަރ ސިޓީގައި ލިޔެދީފައި ނުވާތީ ތިނެތި ދެވެން ނެތްކަމުގައެވެ. ނަމަވެސް އަޅުގަނޑަށް އުނދަގޫވާނީ ކިތައްފަހަރުކަމާއި އަދި ކޮންގަޑިތަކެއްގައިކަން ޑޮކްޓަރަށް އެނގިލައްވާނެތޯއެވެ. އަސްލު މިވީ ގޮތަކީ ފާމަސީގައި އިންހެއިލާ ނެތީއެވެ. މިއީ ދައުލަތުގެ ބޭސްފިހާރައެއްގެ ޙާލަތު ހުރި ގޮތެވެ. ބޭސްސިޓީ ހިފައިގެން މުޅި މާލެ ސަރަޙައްދުގައި އެހީތެރިޔާ ގަނަތެޅުވުމަކީ ސަރުކާރުގެ އުފަލެކެވެ.

ސަރުކާރު ޙިއްޞާވާ ކުންފުނިތަކުން ހިންގާ ބޭސް ފިހާރަތަކުގައި އެގައުމެއްގެ ރައްޔިތުންނަށް ކުރިމަތިވަމުން އަންނަ އާންމު ބަލިތަަށް ޑޮކްޓަރުން ލިޔެދޭ ބޭސްކޮޅު ނެތުމަކީ ރައްޔިތުންނަށް ކުރާ ޖެއްސުމެއް ކަމަށް އިޙުސާސް ކުރެވެން ފަށައިފިއެވެ. ބޭސްފިހާރައެއް ހިންގުމަކީ ވަރަށް ސީރިއަސް ކަމެކެވެ. އެހެނަސް ބޭސްވިއްކާ ފިހާރަތަކަށް ބޭސް ސިޓީ ހިފައިގެން ބަލިމީހާ ދުވަންނުޖެހޭ ޒަމާނެއް އަދި ތާރީޚަކުންވެސް ނުފެނެއެވެ. މިކަން ތަރައްގީވާނެ މަގެއްވެސް ނުފެނެއެވެ. ބޭސްފިހާރައެއް ހިންގާން ބޭނުންވާނަމަ އެގައުމުގެ ރައްޔިތުންނަށް ޑޮކްޓަރުން ލިޔެދޭ ބޭސް ސިޓީތަކުގައި ހުންނަ ބޭސް ފާމަސީ އިން ލިބެންވާނެއެވެ.

ރައްޔިތުންނަށް ބޭނުންވާ ބޭސްފަރުވާ ނުލިބޭނަމަ ރައްޔިތުން ވޯޓުދީގެން ސަރުކާރެއް ހޮވުމުގެ އެއްވެސް ބޭނުމެއް އެބަ އޮތް ތޯއެވެ. ރައީސުލް ޖުމްހޫރިއްޔާ ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު އެމަނިކުފާނުގެ ކުރިފުޅުމަތިން ރައްޔިތުން ގެއްލި އެމަނިކުފާނުގެ އަމިއްލަފުޅު އެޖެންޑާއެއް އެކަށައަޅުއްވާތަން ފެންނަން ފަށައެވެ.މި އީ ގިނަ ވެރިން ޢަމަލު ކުރައްވަމުން އަންނަ ގޮތެވެ. އެހެން ކަމާއެކު ސަރުކާރުތަކުން ރައްޔިތުންގެ މަޞްލަޙަތަށް ބަލައިގެން ކުރާކަމެެއް ނޯވެއެވެ. ކޮންމެ ރައީސަކުވެސް މަސައްކަތް ކުރައްވަނީ ވެރިކަމުގެ ލައްޒަތާ ހައިބަތު އަދި ވެރިކަމުގެ ބާރުތައް ދެމެހެއްޓުމަށެވެ.

ވިސްނާވަޑައިގެން ބައްލަވާށެވެ. ރާއްޖެއަކީ އާބާދީގެ ނިސްބަތުން ނުހަނު ތަނަވަސް އަދި ފުޅާ އިގުތިޞާދެއް އޮތް ގައުމެކެވެ. އެހެނަސް ގިނަ ސަރުކާރުތަކުން މަސައްކަތް ކުރައްވާފައިވަނީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ބެއްލުމެއްނެތިއެވެ. ވެރިކަން ކުރާ ބޮޑީގައި ޝާމިލްވާ ފަރާތްތައް އުފާކޮށް އެވެރިންގެ ތަނަވަސްކަން އިތުރު ކުރުމަށެވެ. ބޭރު ގައުތަކަށް ޒިޔާރަތް ކޮށް އެގައުމުތަކުގައި އުފާކޮށް މަޖާކުރުމެވެ. މި ހިނގާ އަހަރުގެ ބަޖެޓަށް ވީ ކިހިނެއްކަމެެއްވެސް ރަސްމީ ހައިސިއްޔަތުން ދެނެހުރި ރައްޔިތަކު ނެތެވެ. މިއީ ރަނގަޅު ގޮތެއް ހެއްޔެވެ.

Loading

One Response

  1. ހުރިހާ ބޯ އެއްޗެއް އެތެރެނުކުރެވޭ ގޮތް ހަދަންވީއެވެ. އޭރުން ބޮއިގެން މަގުމައްޗަށް ވެއްޓިފާ ނުތިބޭނެއެވެ. ހާދަހާ ދެރަކަމެކެވެ. ނަމުން އިސްލާމް ކަމުން ކާފަރުންނާއި އެެއްހަމައެއްގައި އުޅޭ މުސްލިމުން ތަކަކަށްވީމާ ސަކަރާތެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް