ދުންފަތް ކޮންޓްރޯލްކުރުމަކީ ރައްޔިތުން އެދޭ ކަމެކެވެ.
އެހެނަސް ދެއިރު ދެ ދަޅައަށް ދުންފަތުން ޓެކްސް ނެގުމަކީ ރައްޔިތުން ބޭނުންވާ ގޮތެއް ނޫނެވެ. ރާއްޖޭން ދުންފަތުގެ އިސްތިޢުމާލު ކުރާމީހުންގެ އާބާދީއަކީ ކުޑައާބާދީއެއް ނޫނެވެ.
އެހެންކަމުން ސިނގިރޭޓްގެ އަގު ދުވަހެއް ދުވަހެއް ބޮޑުކުރަމުންދިއުމުގެ ސަބަބުން ރައްޔިތުންގެ ޖީބުތަކަށް ބާރުބޮޑުވެ ރައްޔިތުންނަށް އެ ދަނީ މާލީ ގޮތުން ނުއުފުލޭވަރުގެ ތަކުލީފުތައް އުފުލަމުންނެވެ.
ސަރުކާރުން ކުރާ ކޮންމެ ކަމެއްވެސް ކުރަންވާނީ އެކަމެއްގެ ސަބަބުން ރައްޔިތުންނަށް ދަތިނުވާނޭ ގޮތަކަށެވެ. ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުންނަށް އޭގެ ބޭނުން ކުރެވޭނެ ތަންތަނާއި ނުކުރެވޭނެ ތަންތަންވެސް އެވަނީ ގާނޫނަކުން ކަނޑައަޅާ ބަޔާންކޮށްފައެވެ. ދުންފަތުގެ އިސްތިޢުމާލު ކުރާމީހުން މަދުކުރުމަށްޓަކާ ސަރުކާރުން ކުރެވޭނެ ގިނަ ކަންތައްތަކެއް ހުރިއިރު އެކަންކަން ނުކޮށް ސިނގިރޭޓްގެ އަގުބޮޑުކުރުމުން ރައްޔިތުން އަރާނީ ރަތަށެވެ.
ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ ގޯސްކަމެއްކަން އޭގެ ބޭނުންކުރާ އެންމެނަށްވެސް އެނގެއެވެ. އެހެނަސް އެއިން ލިބޭނީ ކިހާވަރެއްގެ ގެއްލުންތަކެއްކަން އެ ފަރާތްތަކަށް ނޭނގެއެވެ. އެހެންކަމާއެކު ދުންފަތް ކޮންޓްރޯލް ކުރުމަށްޓަކާ ސްޓޭޖްތަކަކަށް ބަހާލައިގެން ރައްޔިތުން ހޭލުންތެރި ކުރުވުމުގެ ގައުމީ ފެންވަރުގައި ކެންޕޭނެއް ފަށަން ޖެހެއެވެ. އެގޮތުން ޢާންމުތަންތާގައި ބޮޑުސްކްރީނު ބަހައްޓައި ޑޮކްޓަރުން ތިބެގެން ދުންފަތުގެ އިސްތިޢުމާލު ކުރުމުން ގެއްލުން ލިބޭ ހަށިގަނޑުގެ އެކިގުނަވަންތަކުގެ އޯޑިއޯ ވީޑިއޯ ސްކްރީނުން ދައްކާ ރައްޔިތުންނަށް އޮޅުން ފިލުވައިދޭން ޖެހެއެވެ.
އިންސާނާއަށް ދުންދަތުގެ އިސްތިޢުމާލު ކުރުމުން ލިބޭ ގެއްލުންތައް މި ދެންނެވި ޒަރީޢާތަކުން އޭނާއަށް ގަބޫލު ކުރެވޭމިންވަށް ކިޔައިދީ އެކަމުން ސަލާމަތް ވުމަށް ގައުމީ ފެންވަރުގައި މަސައްކަތް ކުރާންޖެހެއެވެ. މިކަންކަން ވެސް އިޚުލާޞްތެރިކަމެއް ނެތި ކުރުމަކުން މާ ބޮޑު ފައިދާއެއް ނުކުރާނެއެވެ.
މި ދެންނެވީ ޑޮކްޓަރުންނާއި ސަރުކާރުގެ ވެރިން ދުންފަތް ވިއްކާ މީހުންގެ ޖީބަށް ނުވެއްޓި ގައުމަށްޓަކާ ތެދުވެރި ކަމާއެކު ރައްޔިމުތުންނަށް ހެޔޮއެދިގެން އިޚުލާޞްތެރި ނިޔތުގައި ކޮށްފިނަމަ ދުންފަތް ކޮންޓްރޯލު ކުރެވޭނެ ވާހަކައެވެ.
ސަރުކާރަކުން އެސަރުކާރުގެ ލަނޑުދަނޑި ޙާޞިލް ކުރަން ބޭނުންވެއްޖެ އެކަން އޮތީ މިހާތަށް ކޮށްފައެވެ. އެހެންކަމާއެކު ސަރުކާރު ބޭނުންވި ލަނޑުދަނޑި ޙާޞިލްކުރި ގޮތް ކުޑަކޮށް ޚުލާޞާކޮށްލާނަމެވެ.
ރަންތިރީސް އަހަރުގެ ވެރިކަމުގެ ތެރޭގައި ސްކޫލްތަކުގެ ދަރިވަރުން ލައްވާ މަސްތުވާ އެއްވެސް އެއްޗެއް ބޭނުން ނުކުރާނެކަމަށް ހުވާ ކުރުވައި އެ ހުވާގައި ސޮއި ވެސް ކުރުވާ ހެދިއެވެ.
އެ ސަރުކާރުން ބޭނުންވީ ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން ގިނަކުރުމަށެވެ. އެކަމަށްޓަކާ ހުވާކުރުވަން ނެރުނީ ޖުމްހޫރީ މައިދާނު މިހާރު އެ ހުރި ޕާކަށެވެ. ހުރިހާ ބެލެނިވެރިންނާ ވެސް އެކުގައެވެ. އަދި އެ އެންމެންތަކުގެ ތެރޭގައި އެތަކެތި ހުންނާނޭ ގޮތާއި އެތަކެތި ބޭނުންކުރާނެ ގޮތް ވެސް ކިޔައި ދެއްވިއެވެ. އަދި މަސްތުވާ ގޮތާއި މަސްތުވުމުން ހުންނާނޭ ގޮތަށް ދާންދެން ކިޔައިދެއްވިއެވެ.
އަދި އެވަރަކުން ފުދުނީއެއް ވެސް ނޫނެވެ. ނޫސްތަކުގައި އެކަމަށް ކަނޑައަޅާފައިވާ ސްލޯގަން ނޫސްބަލާ ކޮންމެ މީހެއްގެ ސިކުނޑިގައި ވެސް އަޅައިނުގަނެ ނުދެވޭ މިންވަރަށް އިޝްތިހާރު ޖެއްސިވެއެވެ. އަދި މީގެއިތުރުން ޓިވީއާއި ރޭޑިއޯތަކުންވެސް އޭރުދެކެވެނީ މަސްތުވާތަކެތި ބޭނުންކުރާނެ ގޮތާއި، އެތަކެތި ބުއިމަށް ބޭނުވާ އާލާތްތަކާއި،
އަދިއެކަން ކުރާގޮތުގެ ވާހަކައެވެ. އަދި ގެއަށް ދަރިފުޅުވަނުމާއެކު މައިންބަފައިނަށް މަގްޞަދު ނޭގިނަމަވެސް އޮޅުންފިލުވައި ކިޔާދެވެނީ ބްރައުންޝުގަރ ނުވަތަ ހަކުރާއި ތެޔޮ ބޭނުންކުރާނެ ގޮތެވެ.
މާގިނަ ދުވަސްތަކެއް މާޒީނުވެ ސަރުކާރުގެ ލަނޑުދަނޑި ޙާޞިލުވެއްޖެއެވެ. ދެ ޖިންސުގެ ޒުވާނުންނާއި މުސްކުޅިން ވެސް މަސްތުވާތަކެތީ ބޭނުންކުރަން ފަށައިފިއެވެ. ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ ފަރާތަކުން މަހެއްގެ މައްޗަށް ސޯޅަ މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި ގަންނަ ކަމަށްވެއެވެ. އެތަކެތި ވިއްކައިގެން މުޅި ޖަނަރޭޝަނެއް ފަނާކުރީ އެ ސަރުކާރުގެ ބޮޑެތި މީހުން ކަމަށް ވާހަކަދެކެވިފައިވެއެވެ.
ބުނަން މި އުޅޭ ވާކައަކީ ސަރުކާރުގެ ޙަގީގީ ލަނޑުދަނޑިއަކީ
ދުންފަތް ކޮންޓްރޯލު ކުރުން ކަމުގައިވާނަމަ އިސްވެ މި ދެންނެވި ފަދައިން ލަނޑުދަނޑި ސަރުކާރަށް ޙާޞިލްކުރެވޭނެކަމީ ޝައްކެއް ނެތް މިންވަރަށް ޔަގީންވާ ކަމެކެވެ. އެހެނަސް ޔަގީން ނުކުރެވެނީ ސަރުކާރުން ސިނގިރޭޓް ކޮންޓްރޯލްކުރަން އިޚުލާޞްތެރި ނިޔަތެއް އޮވެދާނެ ކަމާމެދުގައެވެ. މިހެން ދަންނަވަން ޖެހެނީ ހުރިހާ ސަރުކާރުތަކު ކަމާބެހޭ ގިނަ ވެރިންނަކީ ރިޝްވަތުގެ މުޑުދާރު ފައިސާއިން މި ދުނިޔެމަތީގައި ލައްޒަތާއި އަރާމު ޙާޞިލްކުރަމުން ދާ ބައެއްކަން މުޅިމުޖުތަމަޢަށް ވެސް އެނގޭތީއެވެ.
އެހެންކަމާއެކު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އިންސާނާގެ ބުއްދި ގަބޫލުކުރާ މިންވަރަށް އެކަން އިންސާނާގެ ސިކުނޑިއަށް ވައްދައިދެވޭފަދަ ހުނަރުވެރި ޢިލްމުވެރިން މި ދުނިއެއިން ހޯދައިގެންވިޔަސް ބައިނަލްއަގްވާމީ ފެންވަރުގެ ކެންޕެއިނެއް ފަށައިފިނަމަ ދުންފަތް ކޮންޓްރޯލު ކުރެވޭނެއެވެ. އެހެނަސް ބައެއްގެ ޖީބުތެރޭގައި ތިބެގެން ދައްކާ އެއްވެސް ވާހަކައަކުން ރައްޔިތަކަށް ކުރާނެ ރާޙަތެއް ޙަރާމެވެ.
ސިނގިރޭޓްގެ އަގު އެއްގޮތަކަށް ވެސް ބޮޑު ކޮށްގެން ނުވާނެއެވެ. ދުންފަތުގައި އަތް ނާޅުއްވައި ވެރިކަން ކުރައްވާށެވެ. ރަނގަޅުވާނީ އޭރުންނެވެ. ސަރުކާރަށާއި ސަރުކާުރުގެ ކަމާބެހޭ ވެރިންނަށާއި އަދި ރާއްޖޭގައި ވިއްކާ މީހުނަށް ސިނގިރޭޓުން މަހެއްގެ މައްޗަށް ފައިދާގެ ގޮތުގައި ބިލިއަނުން ލިބޭ ކަމަށް ބުނެއުޅެތެވެ. އެހެންކަމުން މިފަދަ ކަމެއް އިޚުލާޞްތެރި ކަމާއެކު ހެޔޮ ނިޔަތުގައި ކޮންޓްރޯލްކުރާން އުޅެވިދާނެތޯ ސުވާލު އުފެދޭނެ ނޫން ހެއްޔެވެ.
ސަރުކާރުން ތިޔަ ކުރައްވާ އިސްރާފުތައް ދެކޮޅު ޖައްސަން ތިނޫން އެހެން މަގެއް ހޯއްދަވާށެވެ. ރައްޔިތުން ނުހަނު ދަތިޙާލުގައި ޖެއްސުމަށްފަހު އެޙާލުގަ ރައްޔިތުން ތިއްބާ އިތުރަށް ބަނޑަށް ފައިން ނައަރުއްވާށެވެ.ވެރިކަން ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. ވެރިކަން ދެމިއޮންނާނީ ވެސް ރައްޔިތުން ބޭނުމިއްޔާއެވެ.
ސިނގިރޭޓުގެ އަގުބޮޑުވެއްޖެނަމަ ޖަމާޢަތަށް ވަރަށްބޮޑު ނޭދެވޭ އަސަރު ކުރާނެ ކަމަށް ބެލެވެއެވެ. ދުންފަތަށް ދެވިހިފާފައިވާ ބަޔަކުވެސް މުޖުތަޢުގައި އުޅެމުންދެއެވެ. އެހެންކަމުން ކޮންމެ ގޮތެއް ހަދައިގެން ވިޔަސް އޭނާގެ ހަށިގަނޑަށް ބޭނުންވާ ނިކޮޓިން އޭނާ ހޯދާނެއެވެ. މީހުނަށް ސަލާމް ޖަހައިގެން ނުހޯދިއްޖެނަމަ ވައްކަންކޮށްގެން ނަމަވެސް އޭނާ ހޯދާނެއެވެ. މިހާރުވެސް ބައެއް ތަންތަނުން ސިނގިރޭޓް ފޮށްޓެއް ސަތޭކަފަންސާސް ރުފިޔާއަށް އެބަ ވިއްކައެވެ. އެހެނަސް ގަނެވޭ ފެންވަރުގެ ކޮންމެ މީހަކުވެސް އެދަނީ އެ އަގުގައި ގަނެގެންނެވެ. އަދި ސަރުކާރުން މަޖިލީހަށް އެ ބިލް ހުށަހެޅީ އެއްވެސް ނޫނެވެ.
ބައެއް ފިހާރަތަކާ ކަޑަތަކުން ސިނގިރޭޓް ކާޓޫނު ވިއްކުންވެސް ހުއްޓާލައިފިއެވެ. މީހަކަށް ވިއްކަނީ އެންމެ ސިނގިރޭޓް ފޮށްޓެކެވެ. ގިނައިން ނުވިއްކަނީ ކީއްވެތޯ ސުވާލު ކޮށްފިނަމަ ދޭ ޖަވާބަކީ ނުލިބެނީއެވެ. އެހެނަސް ޙަގީގީ ބޭނުމަކީ އެއެއް ނޫނެވެ. ހެޔޮއަގުގައި ގިނައިން ގަނެ ގަންނަ މީހުން ފަހުން ބޮޑު އަގުގައި ވިއްކަން ބަހައްޓަފާނެތީއާއި ސިނގިރޭޓްގެ އަގު ބޮޑުވުމުގެ ކުރިން ވިއްކަން ބޭނުން ނުވާތީއެވެ. ކޮންޓްރޯލްކުރުމުން އަގުބޮޑުކޮށް ވިއްކަން ބަހައްޓާ ސިނގިރޭޓް ސްޓޮކް ބޮޑުވާނެތީވެސް މެއެވެ.
ސިނގިރޭޓްގެ އަގު ބޮޑުކުރުމަކީ މުޖުތަމަޢު ސިނގިރޭޓްގެ އަގުބޮޑުވެއްޖެނަމަ މުޖުތަމަޢު ފަސާދު ކުރުމުގެ އިތުރު ދޮރުތައްވެސް ހުޅުވިގެންދާނެއެވެ. މިހާރުވެސް އެކަމުގެ ނޭދެވޭ ބައެއް އަސަރުތައް މުޖުތަމަޢު އެދަނީ ޙިއްޞާކުރަމުންނެވެ. އެގޭތެރޭގައި ފޭކު ސިނގިރޭޓް ގެނެސްގެން ވިއްކުންވެސް ހިމެނެއެވެ. އަދި ޖާލީ ނޫޓު ތައްޔާރުކޮށް ރާއްޖެއަށް އެތެރެވަމުންވެސް އެބަދެއެވެ. މިހެންގޮސް ހީވެސް ނުކުރާފަދަ ރަނގަޅު ނޫން ގޮތްގޮތް މުޖުތަމަޢު ޙިއްސާ ކުރާނެެެވެ. ވީމާ ގިނަ ރައްޔިތުން އެދެނީ ސިނގިރޭޓްގެ އަގުބޮޑުނުކޮށް ރައްޔިތުން ހޭލުންތެރި ކުރުވައިގެން ސިނގިރޭޓް ކޮޓްރޯލް ކުރުމަށެވެ.
މިކަމަށްޓަކާ ހިންގާ ޕޮރޮގްރާމްތަކުގައިވެސް ފޭކު ތަކެތި ބޭނުންނުކޮށް ތެދުވެރި އީމާންތެރި އިޚުލާޞްތެރި ހެޔޮނިޔަތުގައި އޮރިޖިނަލް އާލާތްތައް ގެނެސް ޕްރޮގްރާމު ހިންގުމަށްވެސް ގޮވާލަމެވެ. ސިނގިރޭޓް ކޮންޓްރޯކުރުމަށް ހިންގާ ބައެއް ޕްރޮގްރާމް ތަކުގައި ބޭނުން ކުރުމަށް އެ ދޫކުރާ ސްޓިކާއާއި ޗުއިންގަމްފަދަ ތަކެއްޗަކީ އޭގެ އޮރިޖިނަލް ކަމުގައި ނުވާނަމަ އެއިން ނުކުންނަ ނަތީޖާވެސް ރަނގަޅެއް ނުވާނެއެވެ.