އިސްރާއީލުން އީރާނަށް ތީރެއް ޖަހާލިޔަސް އީރާނުން އެކަމަށް މާފު ނުކުރާނެ ކަމަށާއި ޔަގީނުންވެސް އިސްރާއީލަށް ރައްދު ދޭނެ ކަމަށް އީރާނުގެ ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ.
އީރާނުގެ ޑިފެންސް މިނިސްޓަރު ބްރިގޭޑިއާ ޖެނެރަލް އަޒީޒް ނާސިރުޒާދޭ މިހެން ވިދާޅުވީ މިއަދު ހެނދުނު ބޭއްވި ކެބިނެޓް ޖަލްސާގެ ތެރެއިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ.
އިސްރާއީލުން އެގައުމުގެ ފަސްގަނޑަށް ކުރާ ކޮންމެ އަނިޔާއަކަށް އީރާނުން ރައްދުދޭނެކަން ފާހަގަކުރައްވާ އަޒީޒް ނާސިރް ޒާދޭ ވިދާޅުވީ އިސްރާއީލުން އީރާނަށް ތީރެއް ޖެހި ނަމަވެސް އެ ގައުމުން އެކަމަށް މާފު ނުކުރާނެ ކަމަށެވެ. އަދި އެ ކަމަށް ޔަޤީނުންވެސް އިސްރާއީލަށް ރައްދުދޭނެ ކަމަށް އަޒީޒް ވިދާޅުވި އެވެ.
ހަމައެހެންމެ ޤައުމަކުން އެހެން ޤައުމެއްގެ ޖައްވަށް އަރައިފިނަމަ އެޤައުމަށް ރައްދު ދިނުމުގެ ހައްޤު ލިބިގެންވާ ކަމަށްވެސް އަޒީޒް ނާސިރު ޒާދޭ ފާހަގަކުރެއްވި އެވެ.
އީސްރާއީލުން މިދިޔަ ހުކުރު ދުވަހުގެ ދަންވަރު އިރާނަށް ދިން ހަމަލާތައް އަމާޒުކޮށްފައި ވަނީ އީރާނުގެ މިސައިލް ފެސިލިޓީތަކަށެވެ.އީރާނުގެ އެއާ ޑިފެންސް ބޭސް އިން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އިޒްރޭލުން އިރާނަށް ދިން ހަމަލާ ކާމިޔާބު ކަމާއެކު އެ ގައުމުގެ އިންޓަގްރޭޓެޑް އެއާ ޑިފެންސް ސިސްޓަމުން ކުރިމަތިލާ ނާކާމިޔާބު ކޮށްލާފައިވާ ކަމަށެވެ. ނަމަވެސް މި ހަމަލާގައި ބައެއް ސަރަހައްދުތަކަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި މި ހަމަލާތަކުގައި އިރާނުގެ އަސްކަރިއްޔާގެ ސިފައިންގެ ހަތަރު މީހަކު ޝަހީދުވެފައިވާ ކަމަށްވެސް ހާމަކޮށްފައި ވެއެވެ.