ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން އެކަން ކުރަނީ ކުށްކުރުމުގެ ނިޔަތުގައެއް ނޫން

Loading

Facebook
Twitter
WhatsApp

މަސްތުވާތަކެތި ބޭނުން ކުރާމީހުންނަކީ ކުށްވެރިންނެއް ނޫނެވެ. އެހެނަސް ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ ދުނިޔޭގެ އާޖުފާއްޖު ނުދަންނަ ގަމާރުން މަސްތުވާތަކެތި ބޭނުން ކުރާމީހުންގެ މައްޗަށް ކަނޑައަޅާފައި އެވާގާނޫނީ އަދަބަކީ އެއަދަބު ދިނުމުގެ ސަބަބުން އެކަން ހުއްޓޭނެ ކަމަށް ބަލައިގެން ކަނޑައަޅާފައިވާ އަދަބެކެވެ. މަސްތުވާތަކެތި ބޭނުންކުރާމީހެއްގެ އަތުގައި ފަސްގުރާމު ނުވަތަ ދިހަ ގުރާމް އޮތުމަކީ އެމީހަކު އެތަކެތި ވިއްކާ ވިޔާފާރި ކުރުމަށްޓަކާ އަތުގައި ބެހެއްޓުންކަމަށް ނިންމުމަކީ އެއްވެސް ހަމައެއް އުޞޫލެއް ނެތި ނިންމާ ޣައިރުގާނީ ނިންމުމެއް ކަމަށް ބެލެވިދާނެއެވެ.

މަސްތުވާތަކެތީގެ ވިޔާފާރި ކުރިކަމަށް ނިންންމޭނީ އެމީހަކު މަސްތުވާތަކެތި ވިއްކާ ވިޔާފާރި ކުރާކަން ނުވަތަ ކުރިކަން ޝަރީޢަތަށް ސާބިތުވާ މިންވަރަށް ހެއްކާ ގަރީނާ ލިބިގެންކަމުގައި ދަންނަވަން ޖެހެއެވެ. ގާނޫނެއްގައި މީހެއްގެ އަތުން ދިހަގްރާމުގެ ބަރުދަނުގެ މަސްތުވާތަކެތި ހުރުމަކީ ނުވަތަ ފެނުމަކީ އެއިން އޭނާ ވިޔާފާރިކުރިކަން ސާބިތުވާން ޖެހޭ ކަމެއް ނޫނެވެ. މީހެއްގެ މައްޗަށް ކުށެއް ސާބިތުވާންޖެހޭނީ އެމީހަކު އެކުށެއް ކުރިކަން ދެނެހުރި ހެއްކާ ގަރީނާ ހުރެގެންނެވެ.  މަސްތުވާތަކެތި ބޭނުންކުރާ މީހެއްގެ އަތުން ނުވަތަ އޭނާ ދިރިއުޅޭތަނުގައި ކިތަންނެ ގިނަ މަސްތުވާތަކެތި ހުއްޓަސް އަދި ފެނުނަސް އެއިން އެމީހަކު ވިޔާފާރި ނުކުރާހާހިނދު ވިޔާފާރި ކުރިކަމަކަށް ނުބެލެވޭނެއެވެ.

 މިސާލަކަށް މީހަކު އަންހެން ކުއްޖަކާއެކު އެއްކޮޓަރިއެއްގައި ތިއްބާވެސް ފެނިދާނެއެވެ. އަދި އެދެމީހުންގެ ހަށިގަނޑުގައި ޒިނޭ ކުރާ ހަތިޔާރުވެސް ވާނެއެވެ. އެފަދަ ޙާލަތެއް ކުރިމަތިވެ އެ ދެފަރާތް ޝަރީޢަތުގެ މަޖިލީހަށް ޙާޒިރުކޮށް އެދެމީހުން ގެ ކިބައިގާ ޒިނޭކުރާ ހަތިޔާރު ހުރީތީ ޒިނޭކުރިކަމަށް ނިންމޭ ކަމަށް ވަންޏާ އަތުގައި ދިހަގްރާމު ނުވަތަ ވިހިގްރާމް ހިރޮއިން ހުރީތީ ވިޔާފާރިި ކުރިކަމަށް ނިންމަންވީއެވެ. އިސްލާމްދީނުގައި މީހެއްގެ މައްޗަށް ޙުކުމެއް ކުރެވޭނީ އެމީހަކު އެކުށް ކުރިކަން ޝައްކެއް ނެތް މިންވަރަށް ހެކިންގެ ހެކިބަހުން ޝަރީޢަތަށް ސާބިތުވާނަމައެވެ.

 އަނެއްކޮޅުން ރާއްޖޭގައި ހިރޮއިން ބޭނުންކުރާ ގިނަމީހުން އެކަން ކުރަނީ އެކަމުން ސަލާމަތް ނުވެވިގެންނެވެ. އެކަން އެނގެނީ އެކަމުންސަލާމަތް ވުމަށް އަމިއްލައަށް އެދިގެން ރާއްޖޭގެ ރިހެބިލިޓޭޝަން ސެންޓަރުތަކުން ފަރުވާ ހޯދަމުންދާތީއެވެ. ކަން މިހެން ހުރިނަމަވެސް ރާއްޖޭގެ ރިހެބިލިޓޭޝަން ސެންޓަރުތަކުން މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުނަށް ދޭ ފަރުވާއަކީ އަމާބުނީތީ ފަރަށް ދިޔަ އުޞޫލުން ދޭ ފަރުވާތަކެކޭ ބުނެވޭނެ ޖާގައެބައޮތެވެ.

 އަމިއްލައަށް އެދިގެން ގޮސް ރިބިލިޓޭޓުވެ އެމުއްދަތަށްފަހު ގެއަށް އަންނަ ދުވަހުވެސް މަސްތުވާތަކެތި ހޯދައިގެން އެތަކެތި ބޭނުން އެބަކުރެއެވެ. މިއިން އެނގެނީ އޭނާއަށް ލިބުނުފަރުވާގެ އޮއްޓަރެއް ނެތް ކަމެވެ.ރަނގަޅަށް ފަރުވާ ދެވޭނަމަ އެހާ އަވަހަށް މަގުގެއްލި ނުދިޔައީހެވެ. އެހެންކަމާއެކު ސަރުކާރަށް ގޮވާލަން ޖެހެނީ ރާއްޖޭގެ ޒުވާނުންގެ ކުރިމަގާމެދު ތަންކޮޅެއް ފުންކޮށް ވިސްނާވަޑައިގެން ފަނާވަމުން މިދާ ރާއްޖޭގެ ޒުވާން ޖަނަރޭޝަން އެ ހަލާކުގެތެރެއިން ނެރެދިނުމަށް ރާއްޖޭގެ ރިހެބިލިޓޭޝަން ސެންޓަރުތަކަށް ކަމަށް އެކަށޭނެ ޢިލްމީ ގާބިލް ތަޖްރިބާހުރި ފަރާތްތައް ރާއްޖެއިން ބޭރުން ހޯއްވައި އެފަރާތްކުގެ އެހީ ހޯއްދަވާދެއްވުމަށެވެ.

 ކުރާ ހުކުމެއް ބޮޑުވުމަކުން މިކަން ރާއްޖެއިން ފޮހެވިގެން ނުދިޔަކަން ވޭތުވެދިޔަ މާޟީގެތެރެއިން މިހާރުވާނީ އެނގިވަޑައިގެންފައިކަމަށް ދެކެމެވެ. މަސްތުވާތަކެތި ރާއްޖެއަށް އެތެރެވަނީ ސަރުކާރުގެ އިސްފަރާތްތަކުގެ މަދަދު ލިބިގެން ރާއްޖޭގެ ބައެއް މަހުޖަނުންނެވެ. ދުވަހަކުވެސް އެއިންފަރާތެއް ތަޙުގީގީ އެއްވެސް އިދާރާއަކަށް ހޯދިފައެއްނެތެވެ. ކެންސަރު އުފެދޭތަން ކަނޑާނުލާނަމަ އެބަލި ފެތުރުން ކޮންޓްރޯލެއްނުވާނެއެވެ. އެހެންކަމާއެކު ހިތާމަޔާ އެކު ދަންނަވަންޖެހެނީ ރާއްޖޭގެ ޒުވާނުން ހަލާކު ކުރާ ވައިރަސް އުފެދިފައިވަނީ ސަރުކާރުގެ ތެރެއިންނެވެ.

 މަސްތުވާތަކެތި ކަސްޓަމުން އަތުލިޔަސް އޭގެ ޙަގީގީ ވެރިފަރާތެއް ނުހޯދެއެވެ. އެތަކެތި އެތެރެ ކުރަނީ އެތަކެތީގެ ވެރިފަރާތަކުންނޫނެވެ. އޭގެ ވެރިފަރާތް ވަނީ ޙިމާޔަތް ކުރެވިފައެވެ. ބޮސް އަތުލައިގެން ނޫނީ އެކަމެއް ނުހުއްޓުވޭނެއެވެ. ރާއްޖެއަށް މަސްތުވާތަކެތި އެތެރެވަނީ ސިފައިންނާ ފުލުހުންގެ ތެރޭގައި އުޅުއްވާ ނުފޫޒާ ބާރުގަދަ ބައެއްގެ އެހީތެރިކަމާއެކު ފައިސާވެރިންގެ ތެރޭގައި ހިމެނޭ ބައެކެވެ. ގަސްކަނޑާލިއަސް ގަސްބުޑު ނުނަގާނަމަ ކުރިފަޅާ ހެދެންފަށާނެތާއެވެ.

ރާއްޖޭގައި އުފެދިފައިވާ ގޭންތައް ކޮންޓްރޯލް ކުރަނީވެސް މިދެންނެވިފަދަ ބާރާނުފޫޒު އޮންނަބައެއްގެ އެހީތެރިކަމުގެ ދަށުން ކޮންމެވެސް މަހުޖަނެކެވެ. މަސްތުވާތަކެތި ވިއްކައިދެނީ ގޭންގްތަކުންނެވެ. ފުލުހުންނަކަށް އެއިންމީހެއްގެ ގައިގައި ނުހިފެއެވެ. ވިއްކަނިކޮށް ފެނުނަސް ވެހެވެ. އެއްވެސް ކަމެއް ޢިޚުލާޞްތެރިކަމެއް ނެތި ރަނގަޅެއްނުކުރެވޭނެއެވެ.

  

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް