ހުޅަނގުގެ ބޯޓު ފަހަރަށް ހަމަލާދޭން ހޫތީ މުޖާހިދުންނަށް އެހީތެރިވަނީ ރަޝިޔާއިން

Loading

Facebook
Twitter
WhatsApp

އިނގިރޭސި ވިލާތުގެ ޑިފެންސް އޮފިޝަލުން ހާމަކޮށްފައިވާ ގޮތުގައި އިނގިރޭސި ވިލާތާއި ހުޅަނގުގެ ބައެއް ގައުމުތަކުގެ ބޯޓުފަހަރު ރެޑް ސީ ތެރެއިން ދަތުރުކުރަމުންދާއިރު ހޫތީ މުޖާހިދުން އެ ބޯޓުފަހަރަށް ހަމަލާ ދިނުމުގައި ބޭނުންކުރަމުންގެންދަނީ ރަޝިޔާއިން ފޯރުކޮށްދޭ ސްޓެލައިޓް ޑޭޓާ ކަން ހާމަވެއްޖެއެވެ. ވޯލްސްޓްރީޓް ޖާރނަލުން ބުނެފައިވަނީ ރަޝިޔާއިން ހޫތީ މުޖާހިދުންނަށް އެ ޑޭޓާތައް ފޯރުކޮށްދެނީ އިރާން މެދުވެރިކޮށްގެންނެވެ.

ރަޝިޔާއަކީ ވަކި ގައުމުތަކަށް ނިސްބަތްކުރެވޭ ބޯޓުފަހަރު ރެޑްސީގެ ތެރެއިން ދަތުރުކުރުން ހުއްޓުވުމަށްޓަކައި ހޫތީ މުޖާހިދުން ދެމުން ގެންދާ ހަމަލާތަކަށް ފުރިހަމައަށް އެއްބާރުލުން ދެމުންގެންދާ ގައުމެކެވެ. ރަޝިޔާގެ މަގްސަދަކީ ރެޑްސީ ގެތެރެއިން ކުރާ ދަތުރުތައް ހުއްޓުވައިގެން ހުޅަނގުގެ އިގްތިސާދަށް ގެއްލުން ދިނުން ކަމުގައި ބެލެވެއެވެ. އަދި ހޫތީ މުޖާހިދުންގެ އެއްވެސް ހަމަލާއެއް ރަޝިޔާއާއި ޗައިނާގެ ބޯޓުފަހަރަށް އަމާޒު ނުކުރާނެ ކަން ކަށަވަރު ވެފައި އޮތުމުން މިއީ އެ 2 ގައުމުގެ އިގްތިސާދަށް ލިބޭ ރަނގަޅު ފުރުސަތެއްވެސް މެއެވެ. އަދި މެދުއިރުމަތީގެ މި ހާލަތުން ރަޝިޔާއާއި ޗައިނާގެ ވިޔަފާރި ކުރިއެރުވުމަށް ފުރިހަމައަށް ބޭނުންވެސް ކުރާނެއެވެ. 

މިދިޔަ އަހަރު ނޮވެމްބަރު މަހުން ފެށިގެން ހޫތީ މުޖާހިދުން ގެންދަނީ ރެޑް ސީ އާއި ގަލްފް އޮފް އަދަނުގެ ތެރެއިން ދަތުރުކުރާ ބައެއް ގައުމުތަކުގެ ބޯޓުފަހަރަށް މެދުކެނޑުމެއްނެތި ހަމަލާ ދެމުންނެވެ.

މިދޔަ ފެބްރުއަރީ މަހުގެ ތެރޭގައި އިނގިރޭސި ވިލާތުގެ ބޯޓެއް 41000 ޓަނުގެ ފާރޓިލައިޒަރ އާއެކު ރެޑް ސީގެ ތެރެއިން ހޫތީ މުޖާހިދުންގެ މިސައިލް ހަމަލާއެއްގައި ވަނީ ފައްތާލާފައެވެ. އަދި މިމަހުގެ ކުރީކޮޅު ގޮވާތަކެތިން ބަރުކޮށްފައިވާ ޑްރޯނަކުން ހަމަލާދީ އިނގިރޭސި ވިލާތުގެ އޮއިލް ޓޭންކަރ ކޯރޑެލިއާ މޫން އަށް ބޮޑެތި ގެއްލުންތަކެއް ވަނީ ދީފައެވެ. ހޫތީ މުޖާހިދުންގެ ހަމަލާތަކުގައި ވަރަށްފަހުން އެހެންބޯޓެއްވެސް ވަނީ ފައްތާލާފައެވެ. އަދި މިހާތަނަށް ހޫތީ މުޖާހިދުން ދީފައިވާ 100 ހަމަލާގައި 30 ބޯޓަކަށް ބޮޑެތި ގެއްލުން ވަނީ ލިބިފައެވެ.

ރަޝިޔާގެ އެހީއާއެކު ހޫތީ މުޖާހިދުން ރެޑް ސީގެ ދަތުރުތަކަށް ކުރިމަތި ކުރަމުން ގެންދާ ނުރައްކާތަކާހުރެ އެމެރިކާގެ ނޭވީން ފުރަތަމަ ފަހަރަށް ހޫތީ މުޖާހިދުންގެ ބިންގަރާސްތަކަށް ބީ-2 މަރުކާގެ ބޮން އަޅާ ބޯޓުފަހަރު ބޭނުން ކޮށްގެން މިދިޔަ ހަފުތާގައި ހަމަލާ ދީފިއެވެ. 

ހޫތީ މުޖާހިދުންގެ ހަރަކާތްތަކަށް ފާރަލަމުންގެންދާ ހުޅަނގުގެ ދިފާއީ ދާއިރާގެ އިސް 2 ބޭފުޅަކު ވޯލްސްޓްރީޓް ޖާރނަލްއަށް ކިޔާދީފައިވާ ގޮތުގައި ރަޝިޔާގެ އެހީތެރިކަމާއެކު ހޫތީ މުޖާހިދުންގެ ހަރަކާތްތައް މިހާރު މިވަނީ މުޅިން އެހެން ލެވަލްއަކަށް ބަދަލު ކޮށްފައެވެ. ކާރނެގީ ރަޝިޔާ ޔުރޭޝިޔާ ސެންޓަރުގެ ބާރލިން އޮފީހުގެ ޑިރެކްޓަރ އެލެގްޒެންޑަރ ގަބުއޭވް ބުނެފައިވަނީ މެދު އިރުމަތީގައި މިހާރު ހިނަގަމުންދާ ދެކޮޅުވެރިކަމުން ރަޝިޔާއަށް ފައިދާތަކެއް ކުރާނެ ކަމަށެވެ. ރަޝިޔާގެ އެންމެ ބޮޑު ބޭނުމަކަށްވާނީ އެމެރިކާގެ ވިސްނުންތަކަށް ސާފު ސީދާ މަގެއް ހުޅުވިފައި އޮތުން ބަންދުކުރުމެވެ. އެހެން ގޮތަކަށް ބުނާނަމަ ކުރިން ވިސްނާނީ މެދު އިރުމަތީގައި ހޫނުވަމުންދާ ދެކޮޅުވެރިކަމަށްތޯ ނުވަތަ ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމަށްތޯ އެމެރިކާ ލީޑަރުންގެ ސިކުނޑިތައް ޚަރާބުކޮށްލުމެވެ.

ރަޝިޔާގެ ޔާޚޯންޓް މަރުކާގެ ގިނަ އަދަދެއްގެ މިސައިލް ހޫތީ މުޖާހިދުންނަށް ފޯރުކޮށްދިނުމާ ބެހޭގޮތުން ރަޝިޔާގެ އޮފިޝަލުންނާއެކު މިއަހަރު 2 ފަހަރު ހޫތީ މުޖާހިދުން ބައްދަލުކޮށްފައިވާ ކަމަށް ދަ ޓެލިގްރާފަށްވެސް ވަނީ އެނގިފައިކަމަށް ބުނެއެވެ. 

ރަޝިޔާއިން ނުވަތަ ހޫތީ މުޖާހިދުންވެސް މި ރިޕޯރޓާ ބެހޭގޮތުން ވާހަކަ ދައްކާކަށް ބޭނުމެއްނުވެއެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް