ހުވަޔަކީ ﷲގެ ނަންފުޅު ގަނެ ނުވަތަ ﷲގެ ޞިފަފުޅުތަކުގެ ތެރެއިން ޞިފަފުޅެއް ނަންގަނެ ތިމާގެ ބަސް ތައުކީދު ކުރުމެވެ. މިވެނި ކަމެއް ކުރަން ހުވާކުރާ ކަމުގައި ވުމާއި މިވެނި ކަމެއް ނުކުރަން ހުވާ ކުރާ ކަމުގައި ވީނަމަވެހެވެ.
ހުވާ ބެހިގެންވަނީ ތިން ބާވަތަކަށެވެ. އެއީ
- ޤަޞްދަކާއި ނުލައި ކުރާ ހުވާ.
- ހުވާ ކުރުމުގެ ޤަޞްދުގައި ކުރާ ހުވާ.
- ދޮގު ހުވާ، މިއެވެ.
- ޤަޞްދަކާއި ނުލައި ކުރާ ހުވަޔަކީ: އާދައިގައި ވާހަކަ ދައްކައި އުޅޭއިރު ހުވާ ކުރުމުގެ ޤަޞްދެއްނެތި ހުވާގެ ގޮތުގައި ބުނެވޭ ބަހެކެވެ. ޢަރަބި ބަހުން ވާހަކަ ދައްކާ މީހުން ވަރަށް ގިނަގިނައިން މިބާވަތުގެ ހުވާ ކުރެއެވެ. މިބާވަތުގެ ހުވާ ކުރުމަކުން މީހާ ފާފަވެރިއެއް ނުވާނެއެވެ. އަދި މިބާވަތުގެ ހުވަޔާ ޚިލާފު ވިޔަކަސް ކައްފާރާ ދޭކަށްވެސް ނުޖެހޭނެއެވެ.
- ޤަޞްދުގައި ކުރާ ހުވަޔަކީ: ހުވާ ކުރުމުގެ ނިޔަތުގައި ހަމަ ޤަޞްދުގައި ކުރާ ހުވައެވެ. މިބާވަތުގެ ހުވަޔަކާ ޚިލާފުވެއްޖެނަމަ ހުވާގެ ކައްފާރާ ދިނުން ވާޖިބު ވާނެއެވެ.
ހުވަޔާ ޚިލާފު ވުމަށް ފަހުގައި މެނުވީ ކައްފާރާ ވާޖިބެއް ނުވާނޭ ކަމަށް ފިޤުހު ޢިލްމުވެރިން ޢިއްތިފާޤު ވެފައި ވެއެވެ. ނަމަވެސް ހުވަޔާ ޚިލާފު ވުމުގެ ކުރީގައި ކައްފާރާ ދިނުން ޖާއިޒު ކަމާއިމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ހުރެއެވެ. ފިޤުހު ޢިލްމުވެރިންގެ ތެރެއިން ޖުމްހޫރުން (ގިނަ ޢިލްމުވެރިން) ވިދާޅުވަނީ ހުވަޔާ ޚިލާފު ވުމުގެ ކުރީގައިވެސް ކައްފާރާ ދެވިދާނޭ ކަމުގައެވެ. މިސާލު: ދަތުރުވެރިޔަކު މެހްމާނެއްގެ ގޮތުގައި ގެއަކަށް ވަންނަވައިފިއެވެ. ގޭގެ ވެރިމީހާ ވަރަށް މުހިއްމު ކަމަކު ތަނަކަށް ދުރުވަންނަވަން ޖެހިއްޖެއެވެ. ވީމާ މެހްމާނާއަށް ރޭގަނޑުގެ ކޭން ބެއްލެވުމާއި ނިދި ކުރެއްވޭނެ ގޮތް ހަމަޖައްސައި ދިނުމަށް ގޭގެ އަހުލުވެރިންނަށް ވަޞިއްޔަތް ކުރައްވާފައި ބޭރަށް ދުރު ވެއްޖެއެވެ. ކޭން ބެއްލެވުމުގެ ވަގުތުގައި، ގޭގެ ވެރިމީހާ ގެއަށް ދުރުވީމާ އޭނާއާ އެކުގައި ނޫނީ ކޭން ނުބައްލަވާނޭ ކަމަށް ބުނުއްވައިފިއެވެ. ވެރިމީހާއަށް ދުރުވެންނެވުނީ ވަރަށް ލަހުންންނެވެ. މެހްމާން ކެއިން ނުބައްލަވާ ހުންނެވީތީ ގޭގެ ވެރިމީހާ ރުޅި ދުރުވިއެވެ. އެއަށްފަހު، ދެމީހުންކުރެ ކޮންމެ މީހަކުވެސް އަނެކަކު ކޭން ބެއްލެވުމުގެ ކުރިން ކޭން ނުބައްލަވާނޭ ކަމަށް ﷲ ގަންދީ ހުވާ ކުރައްވައިފިއެވެ. މިހުވައިން ބަރީއަ ވުމަށް ކައްފާރާ ދޭން ޖެހޭނެއެވެ. އެހެނީ ޤަޞްދުގައި ކުރާ ހުވަޔަކުން ބަރީއަވެވޭހުށީ ހުވާ ކުރި ގޮތަށް ޢަމަލު ކުރުމުން ނުވަތަ ހުވަޔާ ޚިލާފު ވެވިއްޖެނަމަ ކައްފާރާ ދިނުމުންނެވެ.
ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، މިޚާލަތުގައި، ކެއުމުގެ ކުރީގައި ކައްފާރާ ދިނުމާއި ކެއުމުގެ ފަހުގައި ކައްފާރާ ދިނުމާއި މިގޮތުންކުރެ ކޮންމެ ގޮތެއްވެސް ޖާއިޒުވާނެއެވެ.
ހުވާގެ ކައްފާރާއަކީ އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއްކުރުމެވެ.
- ދިހަ މިސްކީނުންނަށް ކާންދިނުން.
- ދިހަ މިސްކީނުންނަށް އަންނައުނުދިނުން.
- އަޅެއް މިނިވަންކުރުން
- އިސްވެދިޔަ ކަންތަކުގެތެރެއިން ކަމެއް ކުޅައުމުގެ ކުޅަދާނަކަން ލިބިފައިނުވާ މީހާ ތިންދުވަހު ރާދަހިފުން މިއެވެ. ވިދިވިދިގެން ތިންދުވަހު ރޯދަހިފުމާއި، އެކި ދުވަސްމަތިން ރޯދަހިފައި ތިންދުވަސް ހަމަކުރުމާއި މިދެގޮތުންކުރެ ގޮތެއް ޖާއިޒުވާނެއެވެ.
ސޫރަތުލް މާއިދާގެ 89 ވަނަ އާޔަތުގައި ހުވާގެ ކައްފާރާގެ ޙުކުމްތައް، އަރަހުށި މާތްﷲ ބަޔާންކޮށްދެއްވާފައިވެއެވެ.
لَا يُؤَاخِذُكُمُ اللّٰهُ بِاللَّغۡوِ فِىۡۤ اَيۡمَانِكُمۡ وَلٰـكِنۡ يُّؤَاخِذُكُمۡ بِمَا عَقَّدْتُّمُ الۡاَيۡمَانَ فَكَفَّارَتُهٗۤ اِطۡعَامُ عَشَرَةِ مَسٰكِيۡنَ مِنۡ اَوۡسَطِ مَا تُطۡعِمُوۡنَ اَهۡلِيۡكُمۡ اَوۡ كِسۡوَتُهُمۡ اَوۡ تَحۡرِيۡرُ رَقَبَةٍ فَمَنۡ لَّمۡ يَجِدۡ فَصِيَامُ ثَلٰثَةِ اَيَّامٍذٰ لِكَ كَفَّارَةُ اَيۡمَانِكُمۡ اِذَا حَلَفۡتُمۡ وَاحۡفَظُوۡۤا اَيۡمَانَكُمۡ كَذٰلِكَ يُبَيِّنُ اللّٰهُ لَـكُمۡ اٰيٰتِه لَعَلَّكُمۡ تَشۡكُرُوۡنَ ﴿المـائدة :89﴾
”ޤަޞްދަކާއިނުލައި، ތިޔަބައިމީހުން ކުރާހުވާތަކާމެދު، ﷲ ތިޔަބައިމީހުންނަށް ޖަޒާއެއްނުދެއްވާނެއެވެ. (އެބަހީ: އާދައިގައި ވާހަކަދައްކައި އުޅޭއިރު ހުވާކުރުމުގެ ޤަޞްދެއްނެތި، ހުވާގެ ގޮތުގައި ބުނެވޭބަހެއް ބޭނުންކުރުމަކީ ކުށެއްނޫނެވެ.) އެހެނެއްކަމަކު ޤަޞްދުކޮށްގެންކުރާ ހުވާތަކާމެދު، އެކަލާނގެ ތިޔަބައިމީހުންނަށް ޖަޒާދެއްވާނެއެވެ. ފަހެ، ހުވާގެ ކައްފާރާއަކީ ތިޔަބައިމީހުންގެ އަނބިދަރީންނަށް ކާންދީއުޅޭ މެދުމިނުން ދިހަ މިސްކީނުންނަށް ކާންދިނުމެވެ. ނުވަތަ އެމީހުންނަށް އަންނައުނުދިނުމެވެ. ނުވަތަ އަޅަކު މިނިވަންކުރުމެވެ. ފަހެ، (އެއިން ކަމެއްކުރަން) ނުލިބުނުމީހާ، ތިންދުވަހު ރޯދަޔަށް ހުރުމެވެ. އެއީ ތިޔަބައިމީހުން ހުވާކޮށްފި ހިނދެއްގައި (އެބަހީ: ހުވާކޮށް އެހުވަޔާ ޚިލާފުވެއްޖެ ހިނދެއްގައި) ތިޔަބައިމީހުންގެ ހުވާގެ ކައްފާރާއެވެ. އަދި ތިޔަބައިމީހުން ހުވާތައް ރައްކައުތެރި ކުރާށެވެ! ތިޔަބައިމީހުން ޝުކުރު ކުރުމަށްޓަކައި، ﷲ އެކަލާނގެ އާޔަތްތައް ތިޔބައިމީހުންނަށް އެފަދައިން ބަޔާންކޮށްދެއްވައެވެ.“
- ދޮގުހުވާ: ދޮގުހުވަޔަކީ ހުވާކުރާމީހާ އެހުވަޔެއްގައި ދޮގުހެދުމަށް ޤަޞްދުކޮށްގެން ކުރާހުވަޔެވެ.
ދޮގުހުވަޔަކުން ޤަޞްދުކުރެވެނީ ފާސިޤުކަމާއި ޚިޔާނާތްތެރިކަމެވެ. ދޮގުހުވަޔަކީ މީސްމީހުންގެ ޙައްޤުތައް އެބަޔަކުގެ ކިބައިން ނިގުޅައިގަންނަކަމެވެ. ދޮގުހުވަޔަކީއެންމެ ބޮޑެތި ފާފައިގެތެރޭގައި ހިމެނޭކަމެކެވެ. ދޮގުހުވަޔަކަށް ކައްފާރާ ދެވިދާނެކަމަށް އަލްއިމާމުއް ޝާފިޢީ ވިދާޅުވެއެވެ. ގިނަ ޢިލްމުވެރިން ވިދާޅުވަނީ ދޮގުހުވަޔަކުން ބަރީއަވުމަށް ކައްފާރާއެއް ނޯންނާނެކަމަށެވެ. ދޮގުހުވާކުރާ މީހާއީ ނަރަކައިގެ ތެރެއަށް ގެނބިގެން ހިނގައިދާނެ މީހަކަށްވާތީ ދޮގުހުވަޔަށް ޢަރަބިބަހުން ކިޔަނީ ”އަލްޔަމީނުލް ޣަމޫސު“ މިނަމުންނެވެ. ދޮގުހުވާކޮށްފި މީހާ ތަޥްބާވުން ވާޖިބުވާނެއެވެ. އޭނާގެ ދޮގުހުވާގެ ސަބަބުން ގެއްލިދިޔަ ޙައްޤުތައް، އެޙައްޤުތަކުގެ އަހުލުވެރިންނަށް ހޯދައިދިނުން ވާޖިބުވާނެއެވެ.
وَلاَ تَتَّخِذُواْ أَيْمَانَكُمْ دَخَلاً بَيْنَكُمْ فَتَزِلَّ قَدَمٌ بَعْدَ ثُبُوتِهَا وَتَذُوقُواْ الْسُّوءَ بِمَا صَدَدتُّمْ عَن سَبِيلِ اللّهِ وَلَكُمْ عَذَابٌ عَظِيمٌ (16:94) ﴿النحــل :94﴾
”ތިޔަބައިމީހުންގެ ހުވާތައްއެއީ ތިޔަބައިމީހުންގެ މެދުގައި ފަސާދަކުރުމަށްޓަކައި އޮތް އެއްޗެއް ކަމުގައި ތިޔަބައިމީހުން ނަހަދާށެވެ! ފަހެ، (އެހެންވެއްޖެނަމަ) ފައިތިލަ ސާބިތުވެ ހުރުމަށްފަހު(އެހުވާގެ ސަބަބުން) އެފައިތިލަ ކައްސައިލައިގެން ހިނގައިދާނެއެވެ. އަދި ތިޔަބައިމީހުން ﷲގެ މަގުން (މީސްތަކުން) އެއްކިބާކޮށް އުޅުމުގެ ސަބަބުން މުޞީބާތުގެރަހަ ތިޔަބައިމީހުންނަށް ލިބިދާނެއެވެ. އަދި ބޮޑުވެގެންވާ ޢަޛާބު ތިޔބައިމީހުންނަށް ހުއްޓެވެ.“
وَلَا تَجْعَلُوا۟ ٱللَّهَ عُرْضَةً لِّأَيْمَٰنِكُمْ أَن تَبَرُّوا۟ وَتَتَّقُوا۟ وَتُصْلِحُوا۟ بَيْنَ ٱلنَّاسِ ۗ وَٱللَّهُ سَمِيعٌ عَلِيمٌ ﴿البقرة :224﴾
”ތިޔަބައިމީހުން ހެޔޮކަންތައް ކުރުމަށާއި، ތަޤްވާވެރި ވުމަށާއި، މީސްތަކުންގެ މެދުގައި ޞުލްޙަ މަސަލަސްކަން ޤާއިމު ކުޅައުމަށް ތިޔބައިމީހުންގެ ހުވާތަކުން އެޅޭ ހުރަހެއްކަމުގައި ﷲގެ ނަންފުޅުނުލާށެވެ! ﷲ އީ، މޮޅަށް އައްސަވާ ވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.“
މަރްޖިޢު:
- އަލްފިޤުހުލް މަންހަޖިއްޔު ޢަލާ މަޛްހަބިއް ޝާފިޢިއްޔި
ފިޤުހުއްސުއްނާ: އައްސައްޔިދުއް ސާބިޤު.
One Response
މިހާރު ދޮގުހެދަން ބިރުގަންނަ ކިތެއް ދިވެހިން ތިބީ؟