' ބާރަ ދުވަސް ' ކީރިތި ރަސޫލާ (ސއވ)ގެ ޢީދު ސިޔަރަތުގެ ބައެއް މުހިއްމު މަގުފާހަގަތައް -2

Loading

Facebook
Twitter
WhatsApp

ކުރީގެ ޢަދަދާއި ގުޅޭ ….

’ބާރަ ދުވަސް‘ – ކީރިތި ރަސޫލާ (ސއވ)ގެ ޢީދު ސިޔަރަތުގެ ބައެއް މުހިއްމު މަގުފާހަގަތައް -1

މަދީނާގައި އިސްލާމީ ދައުލަތެއް ގާއިކުރެއްވުމުގެ މަސައްކަތުގައި ކުރިއަށް ވަޑައިގެންނެވިއިރު، އެކަލޭގެފާނައި ވަރުގަދަ ދެ ގޮންޖެހުމެއް ކުރިމަތިވިއެވެ. މަދީނާގެ ތެރެއިން އައި ދާޚިލީ ގޮންޖެހުމަކާއި މަދީނާގެ ބޭރުންއައި ޚާރިޖީ ގޮންޖެހުމެކެވެ. މަދީނާގެ ތެރެއިން މަދީނާގައި އުޅުނު ޔަހޫދީ ގަބީލާތައް އެމީހުންނާކުރެވުނު މުއާހަދާތަކާ ޚިލާފުވެ، މުސްލިމުންނާ ދެކޮޅުވެރިވެ ގަތެވެ. މިކަމުގެ އަސްލު ގުޅެނީ މަދީނާގައި އޮތް މަދީނާގެ ޔަހޫދީންގެ ވިޔަފާރީގެ މަގާމާއެވެ. މި މަގާމު ގެއްލި މުސްލިމުންގެ އަތް މައްޗަށް މިކަން ފުރޮޅިގެން ހިނގައިދާނެ ކަމުގެ ބިރު ހީވުމުން، މުސްލިމުންނާ ދެކޮޅުވެރިވެގަތީއެވެ.

މިކަން ފެށުނީ ކީރިތި ރަސޫލާގެ ނިންމެވި ނިންމުމަކަށް އަމަލީ ސިފަ ގެންނަވާތަން ފެށުމުންނެވެ. ކުރިން ނަންގަތް، މަދީނާގެ ގާނޫނު އަސާސީގައި ކަނޑައެޅިފައި އޮތް އެއް ބަންދަކީ މުސްލިމުންނަކީ އިގުތިސާދީ ގޮތުން މިނަވަން ބައެއް ކަމުގައެވެ. އަދި އެހެންވެ، އެމީހުންނަކީ، އެމީހުންގެ މައީޝީކަންކަން ފުއްދުމުގައި އެހެން މީހުންގެ މައްޗަށް ބަރޯސާވާނޭ ބަޔަކަށް ނުވާނޭކަމެވެ. މިކަމަށް އަމަލީ ސިފަ ގެންނެވުމުގެ ގޮތުން، އިޚާއުގެ މުއައްސަސާ ގާއިމުކުރެވުނެވެ. މުހާޖިރިއްޔަ ބޭކަލުންނާއި އަންސާރިއްޔަ ބޭކަލުންނަކީ އަޚުންކަމުގައި ހައްދަވައި، މުޖުތަމައުގެ ފަގީރުކަމުގެ މައްސަލައިގެ މަސްއޫލިއްޔަތު އުފުލުން އެންމެންގެ މައްޗަށް ބައްސަވާލެއްވިއެވެ. އަދި، ސަދަގާތް ދިނުމަށް އިތުރަށް ބާރުއެޅިގެން ދިޔައެވެ. މުސްލިމުންގެ އިގުތިސާދީ ޙާލަތު ރަނގަޅުވެ، ޒަކާތުގެ ތަފްސީލުތައް ހަމަޖެހިދަންދެން މިކަން ކުރިއަށް ގެންދެވުނެވެ. މިކަންވެސް ކީރިތި ރަސޫލާގެ ބަސްފުޅަކުން ފެނިގެން ދެއެވެ. ’ކަލޭމެންގެ އަތުގައި ކަދުރެއްގެ އެތިކޮޅެއް ބާކީ އޮތް ނަމަވެސް، އެއިން ސަދަގާތްކުރާށެވެ!’، މިބަސްފުޅުންނެވެ.

މީގެ އިތުރުން، މުސްލިމުންގެ އަމިއްލަ ބާޒާރެއް ވެސް، މަދީނާގައި ގާއިމުކުރެވުނެވެ. މިކަން ވެގެން ދިޔައީ ޔަހޫދީ ގަބީލާތަކުގެ ނުރުހުން ލިބުނުކަމަކަށެވެ. އަދި، މަދީނާގެ ޔަހުދީ ގަބީލާތަކާއި މުސްލިމުންނާ ޖެހިގަންނަން ދިމާވި މައިގަނޑު ސަބަބަށެވެ. މިކަމަކަށް ޙައްލެއް ހޯދުމުގެ ގޮތުން، އެއްކޮޅުން، މަދީނާގެ ޔަހޫދީ ގަބީލާތަކަށް އިސްލާމް ދީނަށް ވަނުމަށް ދައުވަތު ދެވުނެވެ. އެމީހުންގެ ފަރުދުންގެ އިގުތިސާދީ ޙާލަތު، އޭރުން، އެމީހުން ހީކުރާ ގޮތަށް ބަދަލުނުވެ، ދެމިއޮންނާނެތީއެވެ.

އަނެއްކޮޅުން، މައްކާގެ މުޝްރިކުންނާ ގުޅިގެން، މުސްލިމުންނާ ދެކޮޅަށް އެމީހުން ރާވަމުންދާ ރޭވުންތަކުން، ސަލާމަތްވުމަށް މުސްލިމުން ހޭލުންތެރިކުރުވައި އަދި، ޔަހޫދީންގެ ތާރީޚުން އިބުރަތް ލިބިގަނެ، ދީނީ އަގުތަކުގައި ހިފަހައްޓައިގެން ތިބުމަށް މުސްލިމުންނަށް އިރުޝާދު ދެވުނެވެ. މިވާހަކަތައް، ބަޤަރާ ސޫރަތުގެ ސާޅީސް ވަނަ އާޔަތުން ފެށިގެން ސަތޭކަ ސައްވީސް ވަނަ އާޔަތާ ހަމައަށް ބަޔާންކުރެވިފައިވެއެވެ.

ކޮންމެއަކަސް، މަދީނާގެ ޔަހޫދީންގެ ފަރާތުން ކުރިމަތިވީ ގޮންޖެހުމާއި އިތުރު އެކަލޭގެފާނު ކުރިމަތިލެއްވިއެވެ. އެމީހުންނާ ކުރެވުނު މުޢާހަދާއާ ޚިލާފުވެ، މައްކާގެ މުޝްރިކުންނާ ބައިވެރިވެ، މުސްލިމުން ނެތިކޮށްލަން މަދީނާގެ ޔަހޫދީން ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ. އާޚިރުގައި، އެމީހުން ބަލިވެ، އެމީހުންގެ ދެ ގަބީލާއަކަށް މަދީނާއިން ބޭރުވާން ޖެހުނެވެ. އަދި، އެމީހުންގެ ތިން ވަނަ ގަބީލާއެއްގެ މީހުން، ހަނގުރާމައިގައި ބަލިވެ، އެދުވަސްވަރުގެ ހަނގުރާމައިގެ ގާނޫނާއި ގަވާއިދުތަކުގެ މަތިން، މަރަން ހުކުމްކޮށް މެރުނެވެ. މި ހަނގުރާމައަކީ ޚަންދަގު ހަނގުރާމައެވެ. އެމީހުން ތިބީ، މައްކާގެ މުޝްރިކުން ބޭރުން އައިސް މަދީނާއާ ޙަމަލަދީ މަދީނާއަށް އަރައިގަތުމުން، މަދީނާގެ އެތެރެއިން މުސްލިމުންނާ ހަމަލާދޭށެވެ. ކޮންމެ އަކަސް މައްކާގެ މުޝްރިކުންގެ ރޭވުން ނާކާމިޔާބުވެ، އެމީހުން ބޭނުން ގޮތަކަށް ކަންތައް ނުވީއެވެ. އަދި، އެއަށް ފަހު، މައްކާގެ މުޝްރިކުންނާ ބައިވެރިވި މީހުން، ހިސާރުކުރެވި، ބަލިކުރެވި، އެމީހުންނަށް މަރުގެ އަދަބު ދެވުނީއެވެ.

ޚާރިޖީ ގޮން ޖެހުމަކަށްވީ ދެންމެ އިޝާރަތްކޮށްލި ފަދައިން، މައްކާގެ މުޝްރިކުންނެވެ. މައްކާގެ މުޝްރިކުންގެ ވެސް އެދުމަކަށްވީ މުސްލިމުން ނެތިކޮށްލުމެވެ. މިގޮތުން މައިގަނޑު ހަތަރު ހަނގުރާމަ ކުރެވުނެވެ. އެންމެ ފުރަތަ މައިގަނޑު ހަނގުރާމައަކީ ހިޖުރައިން ދެވަނަ އަހަރު ކުރެވުނު ބަދުރު ހަނގުރާމައެވެ. މި ހަނގުރާމައިގައި، މުސްލިމުނަށް ފުރިހަމަ ކާމިޔާބީއެއް ލިބުނެވެ. އަދި، އެކަމުގެ ނަތީޖާއެއްގެ ގޮތުން، އަރަބި ކަރައިގެ ބާރަކަށް މުސްލިމުން ވިއެވެ. ދެން، ވިދިގެން އައި އަހަރު، އުޙުދު ހަނގުރާމަ ކުރެވުނެވެ. އެ ހަނގުރާމައިގައި ކޮންމެ ވެސް ވަރެއްގެ ނާކާމިޔާބީއަކާ މުސްލިމުން ކުރިމަތިލާން ޖެހުނެވެ. ނަމަވެސް، މައްކާގެ މުޝްރިކުންގެ ބޭނުން، މުސްލިމުން ނެތިކޮށްލުން މިކަން ހާސިލެއް ނުވެއެވެ. އުޙުދު ހަނގުރާމައަށް ފަހު، ހިޖުރައިން ފަސްވަނަ އަހަރު، ޚަންދަގު ހަނގުރާމަ ކުރެވުނެވެ. އެ ހަނގުރާމައިގައިވެސް މައްކާގެ މުޝްރިކުންނަށް ކާމިޔާބީއެއް ނުލިބެއެވެ.

މިހިސާބަށް އައިރު، މުސްލިމުންގެ އިގުތިސާދީ ހާލަތު ރަނގަޅުވެ، މުސްލިމުންގެ ބާރު ގަދަވެއްޖެއެވެ. މިކަން ނިޔާކުރީ، ހިޖުރައިން ހަ ވަނަ އަހަރު، ސުލްޙަވެރި ކަމުގައި، މުސްލިމުން މައްކާއަށް ޒިޔާރަތްކުރުމެވެ. އުމުރާ އަދާކުރުމުގެ ބޭނުމުގައެވެ. މައްކާއަކީ ޙަރަމަށް ވެފައި، އެބަހީ އަރަބިންގެ އާދަކާދައިގެ މަތިން، ހަނގުރާމަ ކުރެވިގެންވާނޭ ތަނަކަށް ނުވެފައި، ކޮންމެ އަރަތްބަކަށް ވެސް، މައްކާއަށް ޒިޔާރަތްކުރުމުގެ ޙައްގު ލިބިގެން ވެއެވެ. ނަމަވެސް، ޢުމުރާގެ މިދަތުރު، ނިމުނީ ޢުމުރާ ނުކުރެވި، މައްކާގެ މުޝްރިކުންނާއި މުސްލިމުންނާ ދެމެދު ހުދުނާއެއްގެ (ޓްރޫސްއެއްގެ)، އެބަހީ ވަގުތީ ސުލްޙައެއްގެ، އެއްބަސްވުމެއް ވެވިގެންނެވެ. އާދެ، ސުލްޙަލް ހުދައިބިއްޔައިގެ ހުދުނާގެ އެއްބަސްވުމެވެ. މި އެއްބަސް ވުމުގައި މުސްލިމުންނާއި މައްކާގެ ގުރައިޝުނާ ދެމެދުގައި ހުދުނައިގެ ދިހަ އަހަރު އޮތުމަށް އެއްބަސްވެވުނެވެ.

އަދި، އެ އަހަރު، އާދެ، ހިޖުރީ ހަވަނަ އަހަރު، އުމުރާ ނުކޮށް މުސްލިމުން މަދީނާއަށް އެނބުރި ގޮސް، ވިދިގެން އަންނަ އަހަރު، އާދެ، ހިޖުރީ ގޮތުން ހަތް ވަނަ އަހަރު، މުސްލިމުން ބޭނުން ނަމަ، ޢުމުރާއަށް އާދެވޭ ގޮތަށް ވެސް އެއްބަސްވެވުނެވެ. ކޮންމެ އަކަސް، ސުލްޙައިގެ އެއްބަސްވުމާ މައްކާގެ މުޝްރިކުން ޚިލާފުވިއެވެ. އެއީ މުސްލިމުންނާ އެކު ޚިލްފީ އިއްތިހާދެއްގައިވި ގަބީލާއަކަށް ޙަމަލާދިނުމަށް އެހެން ގަބީލާއަކަށް އެހީތެރިވުމުންނެވެ. މި ޚިލާފުވުމުގެ ނަތީޖާއަކަށްވީ މައްކާ ފަތަޙަކުރެއްވުމަށް ކީރިތި ރަސޫލާ ނިންމެވުމެވެ. އަދި، ހިޖުރައިން އަށް ވަނަ އަހަރު މިކަމަށް އަމަލީ ސިފަގެނެވި، މައްކާ ފަތަހަކުރެވުނެވެ.

ނަބަވީ މަދަނީ މަރުޙަލާގެ އެންމެ މުހިއްމު ހާދިސާއެއްކަމަށް ފާހަގަވަނީ މައްކާ ފަތަހަކުރެއްވުމެވެ. މިކަމުގެ މުހިއްމުކަން ދެ ސޫރަތެއްގައި ފާހަގަކުރެވިފައިވެއެވެ. ނަޞްރު ސޫރަތާއި ފަތުޙު ސޫރަތުގައެވެ. މިކަން މުހިއްމު ވެގެން ދިޔައީ މައްކާއަކީ އަރަބިކަރައިގެ މައި މަރުކަޒަށް ވެފައި، މައްކާގެ އަހުލުވެރިން އިސްލާންވުމުން، އަރަބިކަރައިގެ އެންމެންހެން އިސާލާމް ދީން ގަބޫލުކުރުމުންނެވެ. ނަސްރު ސޫރަތުގައި ފާހަގަކުރެވިފައިވާ ފަދައިންނެވެ. އަދި، މިކަން ވެގެން ދިޔައީ، އަބްދުﷲ އިބްނު އައްބާސްގެފާނު ފާހަގަކުރެއްވި ގޮތުގައި، ކީރިތި ރަސޫލާގެ ރިސާލަތުގެ ނިމުމުގެ ފެށުމާއެވެ. އަދި، އިތުރު އެކަލޭގެފާނުގެ ދުނިޔަވީ ޙަޔާތުގެ ނިމުން ގާތްވުމާވެސް މެއެވެ.

މައްކާ ފަތަހަވުމަށް ފަހު، އިތުރު ދެތިން ހާދިސާއެއް، އިތުރު އެކަލޭގެފާނުގެ ސިޔަރަތުން ފެނިގެންދެއެވެ. ޙުނައިނު ހަނގުރާމައާއި ތަބޫކު ހަނގުރާމައެވެ. ޙުނައިނު ހަނގުރާމަ ކުރެވުނީ މައްކާ ފަތަޙަކުރެއްވުމަށް ފަހު، ހަމަ ހިޖުރައިން އަށްވަނަ އަހަރުއެވެ. އެއަހަރު ޝައްވާލު މަހުއެވެ. އެ ހަނގުރާމަކުރެވުނީ މައްކާގެ ވަށައިގެން އުޅުނު މުސްލިމުންނާ ޢަދާވަތްތެރިވި ގަބީލާތަކާއެވެ. މި ހަނގުރާމަށް، އެ ހަނގުރާމައިގެ ނަންގަނެވި، ތައުބާ ސޫރަތުގައި އިޝާރަތް ކުރެވިފައިވެއެވެ.

ތަބޫކަކީ އަރަބިކަރައިގެ އުތުރު ހުޅަނގުގައި، އަގަބާގެ ޚަލީޖު ކައިރީ، މަދީނާއާ ގާތްގަނޑަކަށް އަށެއްކަ ސަތޭކަ ކިލޯ މީޓަރު ދުރުގައި އޮންނަ ރަށެކެވެ. އަރަބި ގަބީލާއެއްކަމަށްވާ ޤަޟާޢަތުގެ ވަޒަނެވެ. އޭރު އެމީހުން އޮތީ ރޫމާނީންގެ ބާރުގެ ދަށުގައެވެ. އެ ހަނގުރާމައިގެ މައްސަލަ ކުރިމަތިވީ މި ހިސާބުގަނޑުން، ރޫމާނީންގެ ލަޝްކަރެއް މުސްލިމުންނާ ހަނގުރާމަކުރަން ތައްޔާރުވަމުންދާ ކަމުގެ ޚަބަރު ލިބުމުންނެވެ. ކޮންމެ އަކަސް، ތިރީހަކަށް ހާހުގެ ލަޝްކަރަކައިގެން، ހިޖުރައިން ނުވަ ވަނަ އަހަރު، ކީރިތ ރަސޫލާ ތަބޫކަށް ވަޑައިގެން، އެހިސާބު ގަނޑުގައި ކަންތައް އޮތް ގޮތް ބެއްލެވިއެވެ. ނަމަވެސް، ރޫމީންގެ ލަޝްކަރެއް ނައުމުން، އެހިސާބުގަނޑުގެ ގަބީލާތަކާއި މުޢާޙަދާތައް ކުރެއްވުމަށް ފަހު، މަދީނާއަށް އެނބުރިވަޑައިގަތީއެވެ.

ދެން އޮތް މުހިއްމު ދެ ހާދިސާއަކީ ނުވަ ވަނަ އަހަރު އަރަބިކަރައިގެ އެތައް މިތަނުން، މަދީނާއަށް ވަފްދުތައް އައުމާއި ހިޖުރައިން ދިހަވަނަ އަހަރުގެ އެކަލޭގެފާނު ކުރެއްވި ހައްޖު، އާދެ، ވަދާއީ ހައްޖުގެ ހާދިސާއެވެ.

ހިޖުރައިން ނުވަ ވަނަ އަހަރު، އާދެ، އިސްލާމީ ތާރީޚުގައި ވަފްދުތަކުގެ އަހަރުގެ ނަމުން ނަންދެވިފައިވާ އަހަރު، ހިމެނިގެން ދިޔައީ ދެންމެ ބުނިފަދައިން، އަރަބިކަރައިގެ އެކި ދިމަދިމާއިން، އެކިއެކި ގަބީލާތައް މަދީނާއަށް ޒިޔާރަތްކޮށް، އިސްލާން ދީން ގަބޫލުކުރިކަން އިއުލާނުކޮށް ކީރިތި ރަސޫލާއަށް ބައިއަތުހިފި އަހަރު ކަމުގައެވެ. އަދި، އެ ގަބީލާތަކުގެ މީހުންނަށް، އިސްލާމް ދީން އުނގަންނައި ދެއްވުމުގެ ގޮތުން، އިލްމުވެރި އަސްޙާބު ބޭކަލުން ފޮނުއްވިއެވެ. މިފަދަ ބޭބޭކަލުންގެ ތެރެއިން އިސްލާމީ ތާރީޚުގައި މަޝްހޫރުވެފައިވަނީ ޔަމަނުކަރައަށް ފޮނުއްވުނު، މުޢާޛުގެފާނެވެ. މިތަނުގައި ވެސް، އިސްލާމް ދީނުގައި އިލްމު އުގެނުމަށް ދެވިފައިވާ އަހައްމިއްޔަތުކަން ފާހަގަކުރެވެއެވެ. ދީނީ އިއުތިގާދުތަކާއި ދީނީ އަމަލުތައް ބިނާވާން ޖެހޭނީ އިލްމުވެރިކަމުގެ މައްޗަށެވެ. އުނގެނުމާއި ދެނެގަތުމުގެ މައްޗަށެވެ.

ކީރިތި ރަސޫލާގެ ސިޔަރަތުގައި އެންމެ ފަހުގެ މަގުފާހަގައަކަށް އޮތީ ހިޖުރައިން ދިހަ ވަނަ އަހަރުގައި އެކަލޭގެފާނު އަދާކުރެއްވި ޙައްޖުގެ އަޅުކަމެވެ. މިއީ އެކަލޭގެފާނު ކުރެއްވި ހަމައެކަނި ހައްޖެވެ. މި ހައްޖުގައި ހިނގައިދިޔަ މުހިއްމު ކަންތައްތަކުގެ ތެރެއިން ދެކަމެއް ފާހަގަކޮށްލަން ބޭނުމެވެ. ފުރަތަމަ ކަމަކީ ހައްޖުގެ އަޅުކަމުގެ ރަސްމެވެ.

އެކަން، އިސްލާމީ ގޮތަށް، އަދާކުރާނޭ ގޮތުގެ އަމަލީ ސިފައެވެ. މިކަން ފުރިހަމަވުމުން، އިސްލާމް ދީނުގެ އަޅުކަންތައް ފުރިހަމަވެ، އިސްލާމްދީނުގެ ތައުލީމާތުތައް ފުރިހަމަވެގެން ދިޔައީއެވެ. އަދި މިކަން ފުރިހަމަވުމާއި ވިދިގެން، اليوم أكملت لكم دينكم وأتممت عليكم نعمتي ورضيت لكم الإسلام دينا، (މިއަދު، ކަލޭމެންނަށްޓަކައި ކަލޭމެންގެ ދީން، އެބަހީ ކަލޭމެން މާތްﷲ އަށް ތަބާވެ، އެކަލާގެއާއި ގުޅުން އުފައްދައި، ކުއްތަންވާނޭ ގޮތް، ތިމަން ރަސްކަލާނގެ ފުރިހަމަ ކޮށްދެއްވައިފީމުއެވެ. އަދި، އެގޮތުން ތިމަންﷲގެ ނިއުމަތްތައް ކަލޭމެންގެ މައްޗަށް ފުރިހަމަކުރައްވައި، ދީނެއްގެ ގޮތުގައި، ތިމަން ﷲެއަށް (ކަލޭމެންގެ ނަފްސު) ދީލާލުން، ތިމަންރަސްކަލާނގެ ރުހިވޮޑިގަންފީމުއެވެ.)، މިއާޔަތް ބާވާލެއްވުނެވެ. މިއާޔަތަށް ފަހު، ޝަރީއަތާ ބެހޭ އެއްވެސް އާޔަތެއް ބާވާ ނުލެއްވެއެވެ.

ހައްޖުގައި ހިނގި ކަންތައްތަކުގެ ތެރެއިން ދެން ފާހަގަކޮށްލަން ޖެހޭ ހާދިސާއަކީ ހައްޖުގައި އެކަލޭގެފާނުން އުއްމަތާއި މުޚާތަބުކުރައްވައި ދެއްކެވި ވާހަކަތަކެވެ. އާދެ، ވަދާއީ ހައްޖުގެ ވަދާއީ ޚުތުބާއެވެ. އެ ޚުތުބާގައި، މުސްލިމުންނާ މުޚާތަބުކޮށް މުހިއްމު ކަންތައްތަކެއް ހަނދާންކޮށް ދެއްވިއެވެ. ތަގުވާވެރިކަން މަތީ ދެމި ތިބުމަށެވެ. އާދެ، ފަރުދީ އިސްލާހުވުމުގެ މަގުގައި، ހުއްޓުމެއް ނެތި މަސައްކަތްކޮށް، މާތްރަސްކަލާނގެއަށް އީމާންވާ، ހެޔޮލަފާ ބައެއްގެ ގޮތުގައި ދެމިތިބުމަށެވެ. ތަޅާފޮޅައި ލޭ ނުއޮހުރުވަމަށެވެ.

ޖާހިލީ ޒަމާނުގައި އެއްބަޔަކު އަނެއްބަޔަކާ މެދު އޮތް ދެކޮޅުވެރިކަމާއި އަދާވަތްތެރިކަން އަލުން ނުނެގުމަށެވެ. ރިބާގެ މުއާމަލާތު، އެބަހީ ދަރަނީގެ ގޮތުގައި ފައިސާދީ، މިކަމުން ނާޖާއިޒު ފައިދާތައް ނަގައި މީހުން އަޅުވެތިކުރުމުގެ، މުއާމަލާތުތައް ނުކުރުމަށެވެ. އަނބިންގެ ހައްގުތައް އަދާކޮށް އެމީހުންނަށް ހެޔޮކޮށް ހިތުމަށެވެ. އިސްލާމް ދީން ދޫކޮށް މުރުތައްދުވެ، ޖާހިލީ ޒާމާނުގައި ކަންތައް އޮތްފަދައިން އެއްބަޔަކު އަނެއްބަޔަކާ އަދާވަތްތެރިވެ ހަނގުރާމަ ނުކުރުމަށެވެ. އަދި، އެކަލޭގެފާނުގެ ރިސާލަތުގެ މަސައްކަތް ފުރިހަމަކުރައްވައި، ނިންމެވި ވާހަކަ އިއުލާނުކޮށް، ”ދެން ތިމަންކަލޭގެފާނު ކަލޭމެންނާ މިހެން ބައްދުލުވެދާނެ ކަމެއް ނޭނގެއޭ ވިދާޅުވެ“ އެކަލޭގެފާނަށް، މި ފަނާވަނިވި ދުނިޔޭ ދޫކުރެއްވުމުގެ ވަގުތު ޖެހިއްޖެކަމަށް ވެސް އިޝާރަތްކުރެއްވިއެވެ.

ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ފަހު، މަދީނާއަށް އެނބުރިވަޑައިގަތެވެ. އަދި، ދެމަހެއްހާ ފަހުން އެކަލޭގެފާނު މިދުނިޔެ ދޫކުރައްވައި ސުވަރުގެ ވަޑައިގަތެވެ. އެއީ ހިޖުރައިން އެގާރަ ވަނަ އަހަރުގެ ރަބީއުލް އައްވަލު މަހުގެ ބާރަވަނަ ދުވަހެކެވެ. ހައްޖުވެވަޑައި ގަތުމަށް ފަހު، ގާތްގަނޑަކަށް އަށްޑިހަ ދުވަސް ފަހުންނެވެ. އެކަލޭގެފާނު އަވަހާރުވުމުގެ ނުވަ ވަރަކަށް ދުވަސްކުރިން، ކީރިތި ގުރުއާނުގެ އެންމެ ފަހު އާޔަތްކަމުގައިވާ ބަޤަރާ ސޫރަތުގެ ދުއިސައްތަ އެކާހި ވަނަ ބާވާލެއްވުނެވެ. އެއާޔަތުގައި އަދިވެސް އެއްފަހަރު، މާތްﷲއަށް އީމާންވެ، ހެޔޮ ގޮތުގައި ތިބުމަށް މުސްލިމުންނަށް ހަނދާންކޮށްދެވުނެވެ. واتقوا يوما ترجعون فيه إلى الله ثم توفى كل نفس ما كسبت وهم لا يظلمون (އެދުވަހަކުން، ތިޔަބައި މީހުން މާތްﷲގެ ހަޒުރަތަށް ގެންދެވޭނޭ ދުވަހަކަށް ބިރުވެތިވާ ހުށިކަމެވެ. އެދުވަހުން، އެއްވެސް ބަޔަކަށް އަނިޔާވެރިވުމެއް ނެތި، ކޮންމެ ނަފްސަކަށް ވެސް، އެ ނަފްސެއް ލިބިގެން ކަމެއް ފުރިހަމަކޮށް ދެވޭނެއެވެ.) މިއާޔަތެވެ. އާދެ، މި ހިސާބުން ކީރިތި ރަސޫލާގެ ސިޔަރަތު ނިމުނީއެވެ.

މިއަދާއި އަދި އެހެން ދުވަސްތަކުގައި ވެސް، އެކަލޭގެފާނު މަތިން އަޅުގަނޑުމެން ހަނދާންކުރާ އިރު، ހިތަށް ގެންނަން ޖެހެނީ ކޮން ކަމެއް ހެއްޔެވެ؟ އެކަލޭގެފާނުގެ ރިސާލަތުގެ ވާހަކައެވެ. އެ ރިސާލަތު ބިނާވެފައި އޮތީ ދެކަމެއްގެ މައްޗަށެވެ. ހެޔޮލަފާ އަފުރާދުންތަކެއް އުފެއްދުމާއި އަދި ހަމަހަމަކަމާއި އަދުލު އިންސާފުގެ މައްޗަށް ބިނާވެފައި އޮތް މުޖުތަމަޢުއެއް އުފެއްދުމެވެ. އަޅުގަނޑުމެންގެ މުސްލިމު މުޖުތަމަޢަތަކަށް ބަލާލާއިރު، އަދު ފެންނަނީ ކޮން ކަހަލަ މަންޒަރެއް ހެއްޔެވެ؟ ހަމަ އެކަނި، ދީނުގެ ބޭރުފުށުގެ ކަންކަމަށް އިސްކަންދީ، ދީނުގެ ދީނީ ޖައުހަރު، އެތެރެ އިސްލާހުކުރުމުގެ މަސައްކަތް، ނެތެމުންދާތަނެވެ. ހަމަހަމަކަމާއި ޢަދުލު އިންސާފު ގެއްލި، އެކަކު އަނެކަކަށް ވުރެ، ކޮންމެ ވެސް ސިފައެއްގައި، މޮޅުކަން ދައްކައި، ޚާއްސަ އިމްތިޔާޒުތަކެއް ލިބިގެންވާ ކަން ދެއްކަމުންދާ ތަނެވެ.

ކީރިތި ރަސޫލާގެ ސިޔަރަތަށް ނަޒަރު ހިންގާލުމުން، މިއަދުވެސް އަޅުގަނޑުމެންނަށް ފެނިގެންދަނީ، އަޚުލާގީ އަގުތަކެއްގެ މަތީގައި ފަރުދީ އިސްލާހުންވުން ހަގީގަތަކަށް ހަދާލައި، ހެޔޮ މުޖުތަމައުއެއް ބިނާކުރާނޭ ގޮތުގެ އަގުހުރި މިސާލެކެވެ. އެކަލޭގެފާނަށް ހައްގު އިހުތިރާމު އަދާކޮށް، އެކަލޭގެފާނަށް ތަބާވާކަމުގެ ދައުވާ އަޅުގަނޑުމެން ކުރާ ނަމަ، މިއަދު އަޅުގަނޑުމެންގެ އެންމެ އިސް ވާޖިބަކަށް ހަދަންވީ، އެކަލޭގެފާނު އަޅުގަނޑުމެންނަށް ދެއްކެވި އިލާހީ ހިދާޔަތުގެ މަގުގެ އަލީގައި ފަރުދީ އިސްލާހުވުން ގެންނާނީ ކިހިނެއްކަމާއި އަދި ހަމަހަމަކަމާއި އަދުލު އިންސާފުގެ މުޖުތަމާއެއް ބިނާކުރާނީ ކިހިނެއްކަމާ މެދު ވިސްނާ ފިކުރުކުރުމެވެ. އަދި، އެކަމަށް އަމަލީ ސިފައެއް ގެންނާނީ ކިހިނެއްކަން ބުނެދީ އެކަން ކުރުމުގެ މަސައްކަތް ފެށުމެވެ. މިކަން ފެށެން އަންނަނީ އަޅުގަނޑުމެންގެ ފިކުރު ތަރައްގީ ކުރެވިގެންނެވެ. އަޅުގަނޑުމެންގެ ތެރޭގައި އާ އިލްމީ އޮއިވަރެއް އުފައްދާލައި، އިސްލާމީ ފިކުރީ ހަރަކާތެއް ފެށިގެންނެވެ. ކީރިތި ރަސޫލާގެ އީދު މީލާދު ދުވަހު، ހަނދާން ކޮށްލަން ޖެހޭ މުހިއްމު އެއްކަމަކީ މިއެވެ.

 

Loading

One Response

  1. ޑރ ގެ ލިިޔުއްވުންތަށް އަޅުގަނޑަށް ވަރަށް ކަމުދޭ. ވަރަށް ބައިވަރު އެނގޭ. ޝުކުރިއްޔާ!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް