'ބާރަ ދުވަސް' – ކީރިތި ރަސޫލާ (ސއވ)ގެ ޢީދު ސިޔަރަތުގެ ބައެއް މުހިއްމު މަގުފާހަގަތައް -1

Loading

Facebook
Twitter
WhatsApp

 އިހުގައި ދިވެހިން ކިޔާ އުޅުނު ގޮތުން ބާރަދުވަހަކީ ރަބީއުއްލައައްވަލު މަހުގެ ބާރު ދުވަހެވެ. އާދެ، ވަރަށް ގިނަ ބަޔަކު ދެކޭ ގޮތުގައި، ކީރިތި ރަސޫލުﷲ (ސއވ)ގެ އުފަން ދުވަހެވެ. މި ދުވަސްވަރު ބާރަ ދުވަސް އައުމުން، އެންމެ ފުރަތަ ދެކެވޭ ވާހަކަތަކުގެ ތެރޭގައި މިދުވަސް ފާހަގަކުރުމުގެ ޝަރުއީ ޙުކުމް ބަޔާންކުރުން ހިމެނެއެވެ. އެއްބަޔަކު ދެކެނީ އެއީ ބިދުއަތެއްގެ ގޮތުގައެވެ. ދީނުގައި އަލަށް އުފައްދައިގެން އުޅޭ ކަމެއްގެ ގޮތުގައެވެ. ކީރިތި ރަސޫލާ (ސއވ)އާއި އަދި ސަލަފުއްސޯލިހުގެ ދުވަސް ވަރު، އާދެ، މުސްލިމުންގެ އިހުގެ ފުރަތަ ދެތިން ޖީލުގެ ފަރާތުން މި މުނާސަބާ އެއްގޮތަކަށްވެސް ފާހަގަކޮށްފައި ނުވާކަމެވެ. އަނެއް ބަޔަކު، މިކަން ފާހަގަކުރުމުގައި މައްސަލައެއް އޮތް ކަމަކަށް ނުދެކެއެވެ. މިއީ ދީނީ ކަމެއް، އެބަހީ، އަޅުކަމެއްގެ ގޮތުން، މާތްﷲ އާއި ކުއްތަންވުމަށްޓަކައި، ކުރެވޭ ކަމެއް ނޫންކަމެވެ. ނަމަވެސް، ސަގާފީ، އެބަހީ، އާދަކާދައާ ގުޅުވައިގެން ކުރެވޭ ކަމެއްގެ ގޮތުގައި ކަމަށް ދެކެއެވެ. ކޮންމެ އަކަސް، މި ލިޔުމުގެ ބޭނުމަކީ މި ބަހުސްގެ ތެރެއަށް ވަދެ، ޝަރުޢީ ގޮތުން، މިކަމުގެ ރަނގަޅު ނުރަނގަޅު ގޮތް ކަނޑައެޅުމެއް ނޫނެވެ. މި ލިޔުމުގެ ބޭނުމަކީ އެހެން ދުވަސްތައް ފަދައިން، މިއަދުވެސް (ބާރަ ދުވަސް)، ކީރިތި ރަސޫލާ (ސއވ) މަތިން ހަނދާންކޮށްލުމެވެ. އަދި، މި ގޮތުން ކޮންމެވެސް އެއްޗެއް ބުނެލުމެވެ.

ކީރިތި ރަސޫލާ (ސއވ) މަތިން ހަނދާންކޮށްލަން ގަސްދުކުރާއިރު، ލިޔެލާނެ ދެ ކަމެއް ހިތަށް އަރައެވެ. އެންމެ ފުރަތަމަ އެކަލޭގެފާނުގެ ސިޔަރަތެވެ. އެ ސިޔަރަތުގެ މުހިއްމު މަގުފާހަގަތަކެވެ. ދެން، އެކަމުން، މިއަދު، އަޅުގަނޑުމެންނަށް އޮތް ފިލާވަޅަކީ ކޮބައިކަމެވެ. މިއިން ކޮންމެ މައުޟޫއަކީ ވެސް، އެކަމާ ބެހޭ ގޮތުން ކުޑަވެސް ތަފްސީލެއް ލިޔާ ނަމަ، އެތައް އެތައް ހާސް ސަފުޙާތަކެއް ފުރާލެވިދާނޭ މައުޟޫއުތަކެކެވެ. ނަމަވެސް، އަޅުގަނޑުމެން ކަހަލަ، ކިޔުންތެރިކަމުގެ އާދަ ވަރަށް ވެސް ކުޑަކޮށް އޮތް ތަނެއްގައި، ދިގުކޮށް ލިޔަން ވެއްޖެ ނަމަ، ގިނަބަޔަކަށް، ލިޔުން ބަލާލުން އޮންނާނީ ދަތިކަމަކަށް ވެފައެވެ. އެހެންވެ، ކުރުކޮށް ނަމަވެސް، މިނަންގަތް ދެކަމުގެ މައްޗަށް އަލިއަޅުވާލެވޭތޯ މަސައްކަތްކޮށްލާނަމެވެ. ކުރުކޮށޭ ބުނި ކަމުގައި ވިޔަސް، ގިނަ ބަޔަކަށް މިވާނީ ދިގު ލިޔުމަކަށެވެ. އެކަމަށް މާފަށް އެދި، ލިޔަން ފަށަމެވެ.

ކީރިތި ރަސޫލާގެ (ސއވ) ސިޔަރަތަކީ އަޅުގަނޑުމެން އެހާ ބީރައްޓެހި ސިޔަރަތަކަށް ނުވާނެއެވެ. ކޮންމެ ރޯދަ މަހެއްގައި އެ މާތް ސިޔަރަތު، ދިވެހި ރޭޑިޔޯގެ ޒަރިއްޔާއިން، އަޅުގަނޑުމެންނަށް އިއްވެމުންދާތާ ފަސްދޮޅަސް އަހަރަށް ވުރެ ގިނަ ދުވަސް ވެދާނެހެން ހީވެއެވެ. އާދެ، މަރްހޫމު ސަލާޙުއްދީނު ދިވެހި ބަހުން ލިޔުއްވި ކީރިތި ރަސޫލާގެ (ސއވ) ސިޔަރަތުގެ ވާހަކަތަކެވެ. އެހެންވެ، މިވާހަކަތަކަކީ މުޅިން އާ ވާހަކަތަކަކަށް ނުވާނެއެވެ. ނަމަވެސް، ވާހަކަތަކުގެ ހުށަހަޅާލުމާއި އަމާޒު، އާންމުކޮށް އިވޭ ސިޔަރަތުގެ ވާހަކަތަކާ ތަފާތުވުން އެކަށީގެން ވެއެވެ.

ކީރިތި ރަސޫލާގެ ސިޔަރަތުގެ ވާހަކަ ދައްކާއިރު، އެ ސިޔަރަތު ދެބަޔަކަށް ބަހާލެވިދާނެއެވެ. ފުރަތަމަ ބަޔަކީ ނަބަވީ ދައުވަތުގެ ކުރީ ދައުރެވެ. ދެވަނަ ބަޔަކީ ނަބަވީ ދައުރެވެ. ނަބަވީ މި ދައުރުވެސް ދެ މަރުޙަލާއަކަށް ބަހާލެވިދާނެއެވެ. ނަބަވީ ދައުވަތުގެ މައްކީ މަރުޙަލާއާއި ނަބަވީ ދައުވަތުގެ މަދަނީ މަރުޙަލާއެވެ.

ކީރިތި ރަސޫލާގެ (ސއވ) ސިޔަރަތުގެ ނަބަވީ ދައުރުގެ ކުރިއަށް ނަޒަރު ހިންގާލާއިރު، ލިބެން ހުރި މައުލޫމާތު ވަރަށް ވެސް ކުޑައެވެ. ފަހުގެ ނަބަވީ ދައުރާ އަޅާ ކިޔާއިރުއެވެ. އެނގެން އޮތް މިންވަރަކީ އެކަލޭގެފާނު އުފަންވެވަޑައިގަތީ ’އެތުގެ ހަނގުރާމައިގެ ޙާދިސާ‘ ހިނގި އަހަރުއެވެ. އެކަން ހިނގީ މީލާދީ ސަނަތުން 570 ނުވަތަ 571 ވަނަ އަހަރުއެވެ. އެއަހަރު، ޔަމަނުކަރައިން ގެފުޅު ތަޅާލައި ނެތިކޮށްލަން، އެތްތަކެއްގެ މަތީ ލަޝްކަރެއް އައެވެ. ނަމަވެސް، އެމީހުންގެ މަގުސަދު ޙާސިލު ނުވެ، އެމީހުން ހަލާކުވެދިޔައީއެވެ. ކީރިތި ގުރުއާނުގައި ފީލު ސޫރަތުގައި މި ހާދިސާއަށް އިޝާރަތްކުރެވިފައިވެއެވެ. ދެން އެނގެނީ އެކަލޭގެފާނު އުފަންވެ ވަޑައިގަތީ މައްކާގައި ކަމެވެ.

ގުރައިޝެއޭ ކިޔުނު ގަބީލާގެ ވަންހަތަކުގެ ތެރެއިން ހާޝިމުވަންހައިގެ ތެރެއަށެވެ. ހާޝިމު ވަންހައަކީ ގުރައިޝީ ގަބީލާގެ ބަނޑު ތަކުގެ، އެބަހީ، ބައިތަކުގެ، ތެރެއިން، ބަނޑެކެވެ، ނުވަތަ ބައެކެވެ. އެކަލޭގެފާނުގެ މަންމާފުޅަކީ އާމިނަތު ބިންތު ވަހަބު ކަމާއި ބައްޕާފުޅަކީ އަބްދުލް މުއްތަލިބުގެ ފުތް އަބްދުﷲ ކަމެވެ. އަދި، އެކަލޭގެފާނު އުފަންވެ ވަޑައިގަތުމުގެ ކުރިން، ބައްޕާފުޅު އަވަހާރަވިކަމާއި އަދި މަންމާފުޅު ވެސް އެކަލޭގެފާނުގެ އުމުރުފުޅުން ހަ އަހަރުފުޅުގައި އަވަހާރަވިކަމެވެ. އެކަލޭގެފާނު އެންމެ ތުއްޕުޅުއިރު ބެއްލެވީ އެކަލޭގެފާނުގެ ކިރުމައިކަމަނާ ކަމުގައިވާ ޘުވައިބަތުގެފާނެވެ. ދެން، އެއަށްފަހު އެކަލޭގެފާނުގެ މަންމާފުޅެވެ. އެކަލޭގެފާނުގެ މަންމާފުޅު އަވަހާރަވުމުން އެކަލޭގެފާނުގެ ކާފާފުޅެވެ. އެކަލޭގެފާނުގެ އުމުރުފުޅުން އަށް އަހަރުފުޅުގައި އެކަލޭގެފާނުގެ ކާފާފުޅު އަވަހާރަވުމުން، ބޮޑުފުޅުވަންދެން އެކަލޭފެފާނު ބެއްލެވީ ބޮޑުބޭބޭފުޅު އަބޫ ތޯލިބެވެ.

ޢުމުރުން ވަރަށް ހަގުފުޅުއިރުއް ސުރެން އެކަލޭގެފާނު މަސައްކަތްޕުޅު ކުރައްވަން ފެއްޓެވިއެވެ. އެންމެ ފުރަތަމަ، ބޮޑުބޭބޭފުޅަށް އެހީވެވަޑައިގެން ބަކަރި ހުއިހެއްޕެވުމުގައެވެ. ފަހުން ވިޔަފާރީގައި އެހީވެދެއްވުމުގައެވެ. އެކަލޭގެފާނުގެ އުމުރުފުޅުން ވިހީގެ އަހަރުތަކަށް އެޅުނުއިރު، މައްކާގައި އެކަލޭގެފާނު މަޝްހޫރުވެފައިވަނީ ވިޔަފާރީގެ މައިދާނުގައި މަސައްކަތްކޮށްދެއްވާ ވަރަށް ވެސް ތެދުވެރި ބޭކަލެއްގެ ގޮތުގައެވެ. އާދެ، އަލްއަމީނުގެ ގޮތުގައެވެ. އެހެންވެ، މައްކާގެ މުއްސަނދި ބޭކަނބަލެއް ކަމުގައިވާ ޚަދީޖަތުގެފާނު އެކަމަނާފާނުގެ ވިޔަފާރީގައި އެހީވެދެއްވުމަށް ކީރިތި ރަސޫލާގެ އަރިހުން އެދިވަޑައިގަތެވެ. އަދި، އެކަލޭގެފާނު އެކަން ގަބޫލުފުޅުކުރައްވައި އެކަން ކޮށްދެއްވިއެވެ. މިކަމުގެ ނަތީޖާއަކަށްވީ ޚަދީޖަތުގެފާނު ކީރިތި ރަސޫލާގެ އަރިހުން ކައިވެންޏަށް އެދިވަޑައިގަތުމެވެ. ދެން، އެދެބޭފުޅުން ކައިވެނި ކުރެއްވިއެވެ. ތާރީޚީ މަސްދަރުތައް ބުނާ ގޮތުން، އެއިރު އިތުރުއެކަލޭގެފާނުގެ އުމުރުފުޅުން ފަންސަވީސް އަހަރެވެ. ޚަދީޖަތުގެފާނުގެ އުމުރުފުޅުން ސާޅީސް އަހަރެވެ. ބައެއް އިލްމުވެރިންގެ ނަޒަރުގައި އެކަމަނާ އެއަށް ވުރެ ތަންކޮޅެއް ހަގުވެސް ވެދާނެއެވެ. އެކަމަނާއަށް ލިބިލެއްވި ދަރިކަލުންނާއި ދަރިކަނބަލުންގެ އަދަދުގެ މައްޗަށް ބަލައި، އަދި އާންމު ގޮތެއްގައި އަންހެނަކު ދަރިމައިވުމުގެ އުމުރަށް ވެސް ރިއާޔަތްކޮށް، އެކަމާނގެ އެއިރުގެ އުމުރުފުޅަކީ، 35ކަމުގައި ވެސް، މި ނަންގަތް އިލްމުވެރިން ލަފާކުރައްވައެވެ. ސުންނީ މުއައްރިޚުން ދެކެވަޑައިގަންނަވާ ގޮތުގައި އެކަމަނާފާނު، ކީރިތި ރަސޫލާ (ސއވ)އާ ކައިވެނި ބައްލަވައި ގަތުމުގެ ކުރިން ދެކައިވެންޏެއް ކުރައްވައި، ދަރިކަލުން ލިބިވަޑައިގަތެވެ.

ކީރިތި ރަސޫލާގެ ތުއްޕުޅުއިރާއި އަދި ޅަ ޒުވާންއިރުގެ ދުވަސްތަކަށް ބަލާލާއިރު، އެ ދުވަސްތަކަކީ އެއްގޮތަކަށް ވެސް މުއްސަނދި ޙަޔާތެއްގެ ދުވަސްވަރެކޭ ނުބުނެވޭނެއެވެ. އެދުވަސް ވަރު ސިފަކުރުން ގާތީ ފަގީރު ދުވަސްވަރެކޭ ބުނުމާއެވެ. ނަމަވެސް ޚަދީޖަތުގެފާނާއި ކައިވެނި ބައްލަވައިގެން، އެކަމަނާގެ މުދާ އިސްތިސްމާރުކުރައްވައި ވިޔަފާރިގެ މަސައްކަތްޕުޅުގައި އުޅުއްވުމުގެ ނަތީޖާއަކަށްވީ އެކަލޭގެފާނުގެ އާންމު ދިރިއުޅުއްވުން، މީހުންގެ އެހީއަށް ބޭނުން ނުވާ ފުދިވަޑައިގެންފައިވާ ދިރިއުޅުއްވުމަކަށް ބަދަލުވުމެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ މިދުވަސްވަރަށާއި އަދި އެކަލޭގެފާނުގެ މިދުވަސްވަރުގެ މައީޝަތަށް ޟުޙާ ސޫރަގުގައި އިޝާރަތްކުރެވިފައި ވެއެވެ. ފަގީރު ޙާލުކޮޅެއްގައި އުފަންވެ ބޮޑުފުޅުވުމާއި އަދި ފަހުން އެ ޙާލަތު ބަދަލުވެގެން ދިޔަ ގޮތުގެ މައްޗަށެވެ.

މި ނަންގަތް ގޮތަށް އެކަލޭގެފާނުގެ މައީޝީ ޙާލަތު ބަދަލުވުމުން، މައްކާގެ އާންމު ޙާލަތާ މެދު ވިސްނާލެއްވުމުގެ ފުރުސަތު އެކަލޭގެފާނަށް ލިބިވަޑައިގަތެވެ. މައްކާގެ ދީނީ ޙާލަތުގެ މައްޗަށެވެ. އެމީހުންގެ ދީނީ އިއުތިގާދުތަކާއި ދީނީ ރަސްމުތައް، އެބަހީ އެއިތުގާދުތަކާއި ގުޅިފައި އޮންނަ ދީނީ އަޅުކަމުގެ ކަންކަމުގެ މައްޗަށެވެ. މިކަންކަމުން، އެމީހުންގެ ފަރުދީ އަޚުލާގަށް ކުޑަކޮށް ވެސް އަސަރުނުކުރާ ކަމުގެ މައްޗަށެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ މުއްސަނދިކަމެއް ހޯދުމުގެ ރޭހުގައި އަވަދި ނެތި އުޅެ މުޖުތަމައުގެ އެހެން ފަރުދުންނަށް އަޅާނުލުމުގެ މައްޗަށެވެ. ކީރިތި ގުރުއާނުގެ މައްކީ މަރުހަލާގެ ކުރީ ކޮޅުގެ ސޫރަތްތަކުގައި މިކަން ކަމަށް އިޝާރަތްކުރެވިފައި ވެއެވެ. މިސާލަކަށް، ތަކާޘުރު ސޫރަތާއި ޟުޙާ ސޫރަތުގެ އެންމެ ފަހު ތިން އާޔަތާއި، އަދި މާޢޫން ސޫރަތަށް ބައްލަވާލައްވާށެވެ. މައްކާގެ ފަރުދިއްޔަތުގެ މި ގޮތް ނިޔާކުރީ މައްކާގެ މުޖުތަމައު ގިންތިތަކަކަށް ބެހިފައި އޮތުމެވެ. ފައިސާވެރި މުދާވެރި ލިބޭ ބަޔަކާއި ފަގީރު ނިކަމެތި ބަޔަކަށެވެ. މި ދެވަނަ ބައިގެ ތެރޭގައި އެއްވެސް ހައްގެއް ނެތް، އަޅުންވެސް ހިމެނުނެވެ.

ޚަދީޖަތުގެފާނާ ކައިވެނިބައްލަވައިގަތުމަށް ފަހު، އިތުރު އެކަލޭގެފާނުގެ މައީޝީ ޙާލަތު ރަނގަޅުވުމުން، މައްކާގެ މިނަންގަތް މައްސަލަތަކުގެ މައްޗަށް ވިސްނުމުގެ ފުން ނަޒަރެއް ހިންގަވައި އެކަންކަމަށް ޙައްލެއް ހޯއްދެވުމާބެހޭ ގޮތުން މަސައްކަތްކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތެވެ. އަދި، މުޖުތަމަޢުއާ އެކަހެރިވެވަޑައިގެން، މައްކާގެ ރަށްބޭރުގެ ފަރުބަދައަކަށް އަރާވަޑައިގެން އެކަނި އިންނަވައި ތައައްމުލުކޮށް، ފިކުރުކުރައްވަން ފެއްޓެވިއެވެ. ކީރިތި ޤުރުއާނުގެ އިންޝިރާހު ސޫރަތުގައި މިފިކުރުއްވުމުގެ މަސައްކަތަށް އިޝާރަތްކުރެވިފައިވެއެވެ. އެ ސޫރަތުގައި އެކަލޭގެފާނުގެ މި ފިކުރުކުރެއްވުމަކީ އެކަލޭގެފާނުގެ ބުރިކަށިފުޅު ’ބިންދާލި’ކަމެއް ކަމުގައި ސިފަކުރެވިފައި ވެއެވެ. އާދެ، އެކަމުގެ ތެރެއަށް ވެދެވަޑައިގެން، އެކަމާގެން މަޝްޣޫލުވެލެއްވި ބޮޑުކަމުން އެކަލޭގެފާނަށް ކުރި އަސަރު ބަޔާންކޮށްދިނުމުގެ ގޮތުންނެވެ.

އެކަލޭގެފާނު ކަންބޮޑުވެވަޑައިގެން އެކަންކަމާ މެދު ފިކުރުކުރެއްވި މައްސަލަތައް – މައްކާގެ މީސްތަކުންގެ ފަރުދީ ޙަޔާތް އިސްލާޙުކުރުމުގެ މައްސަލައާއި އަދި މައްކީ މުޖުތަމަޢު އަލުން ތަންޒީމުކުރާނޭ ގޮތުގެ މައްސަލަ މިމައްސަލަތަކުގެ ޙައްލު އައީ އިލާޙީ ރިސާލަތެއްގެ ސިފައިގައެވެ. އާދެ، ކީރިތި ގުރުއާނުގައެވެ. ކީރިތި ގުރުއާނުގެ ރިސާލަތުގެ ފެށުން އައީ ހިރާ ފަރުބަދައިގައި އެކަލޭގެ ފާނުގެ ތަހައްނުސުގެ ޢަމަލުގައި ވިސްނާ ފިކުރުކޮށް، ތަޢައްމަލު ކުރުމުގެ ޢަމަލުގައި–އިންނަވަނިކޮށެވެ. އެއިރު އެކަލޭގެފާނުގެ އުމުރުފުޅުން ސާޅީސް އަހަރުފުޅެވެ. އާދެ، އެކަލޭގެފާނުގެ ސިޔަރަތުގެ ނަބަވީ ދައުރުގެ ފުރަތަމަ މަރުޙަލާ ފެށުނީއެވެ.

އެކަލޭގެފާނުގެ ނަބަވީ މަރުޙަލާ ފެށުނީ ’اقرأ’، ކަލޭގެފާނު ކިޔުއްވާވިދާޅުވާށެވެ!، މި އިބާރާތުންނެވެ. އާދެ، ކިޔުމާއި ކިޔެވުމަށް ބާރުއަޅަމުންނެވެ. ނޭނގޭ ކަންކަމަށް އުނގެނުމަށް ބާރުއަޅަމުންނެވެ. އެހެން އިބާރާތަކުން ބުނާ ނަމަ، ވިސްނާ ފިކުރުކޮށް، ސިކުނޑީގެ ބޭނުންކުރުމަށް ބާރުއަޅަމުންނެވެ. މައްކީ ސޫރަތްތަކުގައި އިންސާނުންގެ ނަފްސަށާއި އަދި އޭނާގެ ވަށައިގެންވާ ބިމުގެ ތަބީޢީ މަންޒަރުތަކަށާއި، އުޑުގެ ފަލަކީ މަންޒަރުތަކަށް ވެސް ވިސްނާ ފިކުރުކުރަން ގޮވާލެވިފައިވެއެވެ. މިކަންކަމަކީ އެއްކައުވަންތަ އިލާހެއް ވޮޑިގެންވާކަން އިންސާނާގެ ސިކުނޑި މެދުވެރިކޮށް ދެނެގަނެވޭނޭ، ކަމަކަށްވާތީއެވެ. މިސާލަކަށް ނާޒިޢާތު ސޫރަތާއި ޢަބަސަ ސޫރަތާއި ޠާރިޤު ސޫރަތަށް ބައްލަވާލައްވާށެވެ. މިކަންކަމުގެ މައްޗަށް ނަޒަރު ހިންގުމަށް ގޮވާލެވިފައިވާތަން ފެންނާނެއެވެ.

ނަބަވީ ދައުރުގެ މައްކީ މަރުޙަލާގައި އިތުރުއެކަލޭގެފާނުގެ އަމާޒަކަށްވީ ފަރުދީ އިސްލާހެވެ. ވަކި ޚާއްސަ އަގުތަކެއްގެ މައްޗަށް ބިނާވި ފަރުދީ އިސްލާހެކެވެ. މި އަގުތަށް ޚުލާސާވެފައިވަނީ ’ތަޤުވާވެރިވުމުގެ‘ މަފްހޫމުގެތެރޭގައެވެ. މާތްކަލާނގެ ވޮޑިގެންވުމާއި އެކަލާނގެ އެއްކައުވަންތަކަން ގަބޫލުކުރުމެވެ. އަދި، މިކަން ގަބޫލުކުރާ މީހާ، އާދެ، މުއުމިނާގެ ނަފްސުގައި، މާތްކަލާނގެ މި ތަސައްވުރު، އެއްކައުވަންތަ ކަމުގެ ތަސައްވުރު، އަށަގަންނަވައި، އެގޮތުގެ މަތީގައި ނަފްސު ހޭލައްވައި، ރަނގަޅާއި ނުރަނގަޅެއް، ހެވާއި ނުބައެއް އޮތްކަން ދެނެގަނެ، ރަނގަޅުކަންތައް ކުރުންމަތީ ދެމިހުންނަށް މަސައްކަތްކޮށް، އޭނާގެ ނަފްސު އިސްލާޙުކުރުމާއެވެ.

މި ގޮތުން، އެންމެ ފުރަތަމައިންވެސް ކުރަންޖެހޭނޭ ކަންތައްތަކާއި ކޮށްގެން ނުވާނޭ ކަންތައްތަކެއް ކަނޑައަޅާލެވުނެވެ. މާތްރަސްކަލާނގެއަށް އީމާންވެ އެކަލާނގެއާ އެއްވެސް އެއްޗެއް ޝަރީކުނުކުރުމެވެ. ދޮގު ހެދުމާއި ވައްކަންކުރުމުން، މުޅިން، ދުރުވުމެވެ. ޒިނޭފަދަ ފާޙިޝް އަމަލުތަކާ ގާތްވެސް ނުވުމެވެ. ސިހުރު ހާހޫރައާ ދުރުވުމެވެ. އަދި، ކެރިފޯދިވީ ވަރަކުން ނިކަމެތިންނަށް އެހީވުމެވެ. ކުރުގޮތަކަށް، ކީރިތި ޤުރުއާނުގެ ޢިބާރަތުން، ބުނާނަމަ ’އިސްތިގާމާގެ‘ މީހަކަށް، އެބަހީ، ’ސީދަލަށް’، ނުވަތަ ’ތެދަށް‘ ހުންނަ މީހަކަށް ވުމެވެ. އާދެ، ހެޔޮލަފާ މީހަކަށް ވުމެވެ. އަޅުގަނޑުމެން މުސްލިމުން މިއަދުވެސް، ކޮންމެ ދުވަހަކު މަދުވެން ސަތާރަ ފަހަރު، އެކަމަށް އެދި މާތްރަސްކަލާނގެ ޙަޒުރަތުގައި ދަންނަވާ ކަންތައް، ’އަޅަމެނަށް ސީދާ މަގު ދައްކަވާފާނދޭވެ’، މިކަން ހާސިލުވެ، މިފަދަ ހެޔޮލަފާ މީހަކަށް ވުމެވެ.

ނަބަވީ މައްކީ ދައުރުގައި ފަރުދީ އިސްލާޙުގެ މި މަސައްކަތުގައި ތޭރަވަރަކަށް އަހަރު އިތުރު އެކަލޭގެފާނު ދެމިހުންނެވިއެވެ. ނަމަވެސް މާބޮޑު ކާމިޔާބެއް ލިބިވަޑައެއް ނުގަނެއެވެ. މައްކާގެ އަހުލުވެރިންގެ މަދުބަޔަކު ފިޔަވައި، އެކަލޭގެފާނުގެ ދައުވަތާ އިދިކޮޅު ހެދިއެވެ. އަދި، އެކަލޭގެފާނަށާއި އަދި އެކަލޭގެފާނަށް ތަބާވީ މީހުންނަށް ދަތިއުނދަގޫތައް މެދުވެރިކުރިއެވެ. މުސްލިމުންގެ ނިކަމތެންނަށް ޖިސްމާނީ އަނިޔާކޮށް އަދި ބައެއް މުސްލިމުން މެރިވެސް މެއެވެ. ނަމަވެސް، މިއިން އެއްވެސް ކަމެއްގެ ސަބަބުން، ކީރިތި ރަސޫލާގެ އަޒުމަކަށް ކުޑަވެސް ގުނޑުމެއް ނާދެއެވެ. އަދި އެކަލޭގެފާނުންނަށް ތަބާވީ މީހުންގެ އީމާންކަމަކަށް އެއްވެސް ހީނަރުކަމެއް، ބަދަލެއް ނާދެއެވެ. ބިލާލުގެފާނަށް އަނިޔާކުރެވެމުން ދިޔައިރު، ’އަހަދް، އަހަދޭ؛ (އެކަލާނގެއީ އެއްކައުވަންތަ އިލާހޭ) ވިދާޅުވަމުން ގެންދެވި މަންޒަރު ހިތަށް ގެންނަވާށެވެ.

މައްކާގެ އަހުލުވެރިން އެކަލޭގެފާނުގެ ދައުވަތު ބަލައިނުގަންނާނޭކަން އެނގިވަޑައިގަތުމުން، ދެން އިތުރު ރަސޫލާގެ (ސއވ) ދައުވަތުގެ މަސައްކަތް އެހެން ދިމާއަކަށް އަމާޒުކުރެއްވިއެވެ. އެންމެ، ފުރަތަމަ މައްކާގެ ކައިރީ އޮންނަ ކުޑަ ރަށެއްކަމުގައިވާ ތާއިފުގެ އަހުލުވެރިންނަށެވެ. އެރަށުންވެސް އެކަލޭގެފާނުގެ ދައުވަތަށް އެއްވެސް ކާމިޔާބީއެއް ލިބިވަޑައި ނުގަތުމުން، އެނބުރި މައްކާއަށް ވަޑައިގަތެވެ. އަދި، އެއަށްފަހު، ޙައްޖު މޫސުމުގައި މައްކާއަށް އަންނަ އަރަބި އެހެން ގަބީލާތަކަށް ދައުވަތު ދެއްވަން ފެއްޓެވިއެވެ. މިތާ ހަނދާންކޮށްލަން ޖެހެނީ ޙައްޖަކީ އިސްލާމް ދީނުގެ ކުރިންވެސް ކުރެވެމުން އައި އަޅުކަމެވެ.

ޙައްޖުގެ ދުވަސްވަރު މައްކާއަށް ޒިޔާރަތް ކުރި ޔަޘްރިބުގެ ބަޔަކާ ބައްދަލުވެވަޑައިގެން އެމީހުންނަށް ދައުވަތު ދެއްވިއެވެ. އަދި އެމީހުން އިސްލާން ދީން ގަބޫލުކޮށް، އެނބުރި މަދީނާއަށް ގޮސް، މަދީނާގައި އެމީހުން އިސްލާން ދީނުގެ ދައުވަތުގެ މަސައްކަތްކުރިއެވެ. އަދި، މަދީނާގެ ބައެއް މީހުން އެދައުވަތު ގަބޫލުކޮށް އިސްލާންވިއެވެ. ދެން، ވިދިގެން އައި އަހަރުތަކުގައިވެސް، ޙައްޖު މޫސުމުގައި، މީގެ ތެރެއިން ބައެއް މީސްމީހުން މައްކާއަށް ދިޔައެވެ. އަދި، ޔަޘްތިބަށް ޙިޖުރަކުރެއްވުމަށް، ކީރިތި ރަސޫލާއަށް ދައުވަތު އެރުވިއެވެ. ދެން، އެކަލޭގެފާނު އެ ދައުވަތު ގަބޫލުކުރައްވައި އެކަލޭގެފާނަށް ތަބާވި މީހުންނަށް ޔަޘްރިބަށް ޙިޖުރަކުރެއްވުމަށް އެންގެވިއެވެ. އަދި އެއަށް ފަހު، އެކަލޭގެފާނުވެސް ޔަޘްރިބަށް ޙިޖުރަކުރެއްވިއެވެ. ދެން ޔަޘްރިބު ވެގެން ދިޔައީ ކީރިތި ރަސޫލާގެ ރަށަށެވެ. އާދެ، ޔަޘްރިބުގެ ނަން، މަދީނާގެ ނަމަށް ބަދަލުވެގެން ދިޔައީއެވެ. އަދި، މިހިސާބުން ނަބަވީ މައްކީ މަރުޙަލާ ނިމި ނަބަވީ މަދަނީ މަރުޙަލާ ފެށުނީއެވެ.

ނަބަވީ މަރުޙަލާގެ އަމާޒަކަށްވީ އިސްލާމީ މުޖުތަމައެއް ބިނާކުރުމަށެވެ. މިކަމުގެ އަސާސަކަށް، ބިންގަލަކަށް، ދެ އަގެއް، ކަނޑައަޅާލެވުނެވެ. ހަމަހަމަކަމާއި އަދުލު އިންސާފުގެ ދެ އަގެވެ. މަދީނާގައި ގާއިމުކުރެވުނު އިސްލާމީ ފުރަތަމަ ދައުލަތުގެ ބިނާކުރެވުނީ މިދެކަމުގެ މައްޗަށެވެ. މިސާލަކަށް، ޙުޖުރާތު ސޫރަތުގެ ފަހުބައިންނާއި މާއިދާ ސޫރަތުގެ އަށްވަނަ އާޔަތުން މިކަން ފެނިގެންދާނެއެވެ.

މިތަނުގައި، ކުޑަކޮށް މަޑުޖައްސާލައި، މުހިއްމު ކަމެއް ފާހަގަކޮށްލަން ޖެހެއެވެ. ކީރިތި ރަސޫލާގެ (ސއވ) ސިޔަރަތުގެ ވާހަކަދައްކާއިރު ހަނދާންކޮށްލުން ވަރަށް ވެސް މުހިއްމު ވާހަކައެކެވެ. އެއީ، ޙުޖުރާތު ސޫރަތުގައި ބަޔާންކުރެވިފައިވާ ގޮތުން، ހުރިހާ އިންސާނުންނަކީ ހަމަހަމަ ބައެއް ކަމުގައި ކަނޑައަޅައި ގޮވާލި ގޮވާލުމުގެ ވާހަކައެވެ. މިއީ ކީރިތި ގުރުއާނުގެ ތަޢުލީމާތުތަކުގެ ތެރެއިން، އެންމެ އަސްލީ، (އޮރިޖިނަލް)، އެބަހީ މުޅިން އަލަށް، ގޮވާލައި އިޢުލާނުކުރެވުނު ކުރެވުމެކެވެ.

މިކަމުގެ އަމަލީ ސިފަ މަދީނާގެ ގާނޫނު އަސާސީއޭ ކިޔުމު ވަސީގާއިން، ރަސްމީ ލިޔުމުން ވެސް، ފެނިގެންދެއެވެ. ހުރިހާ ގަބީލާތަކުގެ މީހުންނަކީވެސް، އެއީ މުސްލިމުން ކަމުގައި ވިޔަސް، ނޫނީ މުސްލިމުން ނޫންކަމުގައި ވިޔަސް، އެއްކަހަލަ ޙައްގުތަކެއް ލިބިފައިވާ ބައެއްކަން އެ ލިޔުމުގައި ވެއެވެ. ދީނީ މިނިވަންކަމެވެ. ގާނޫނުތައް ހިންގުމުގެ މިނިވަންކަމެވެ.

މަސައްކަތްކޮށް ހެޔޮ ދިރިއުޅުމެއް ލިބުމުގެ މިނިވަންކަމެވެ. މިއާ ވިދިގެން ވަރަށް ބޮޑު މަސްއޫލިއްޔަތެއްވެސް ކަނޑައެޅިފައި އޮތެވެ. މަދީނާއަށް އެއްވެސް ކަހަލަ ނުރައްކަލެއް ކުރިމަތިވެއްޖެ ނަމަ، އެންމެން އެކުގައި، އެބަހީ މުސްލިމުންނާއި ޣައިރު މުސްލިމުން އެކުގައި، މަދީނާ ދިފާއުކުރުމުގެ މަސްއޫލިއްޔަތެވެ. އަދި މިކަމުގެ ޚަރަދުގައި ވެސް އެންމެ އެކުގައި ހަމަހަމަ ގޮތެއްގައި ހިފުމެވެ.

މީގެ އިތުރުން، ހަމަހަމަކަން އަމަލީ ސިފައެއްގައި ހިންގާލުމުގެ ގޮތުން، ޒަކާތުގެ ތަފްސީލުތައް، މަދަނީ ދައުރުގައި ބަޔާންކުރެވި، މުޖުތަމަޢުން ފަގީރުކަމާއި މުހުތާދުކަން ނައްތާލުމުގެ މަސައްކަތް ފެށުނެވެ. އަދި، ކީރިތި ރަސޫލާއަށް ފަހު ވެސް، ދެން އައި ފަނަރަވަރަކަށް އަހަރު ވަންދެން މިކަން ތަރައްގީކުރެވުނެވެ.

ޒަކާތް ނެގުމުގެ ތަކެތީގެ ދާއިރާ ފުޅާކޮށް، އަބޫބަކުރުގެފާނުގެ ޚިލާފަތުގައި ފެންޝަނުގެ ނިޒާމެއްގެ ބިންގާ ވެސް އެޅި، އަދި އުމަރުގެފާނުގެ ޚިލާފަތުގައި އެކަން އިތުރަށް ތަރައްގީކުރެވުނެވެ. އަދި، ބޭނުން ޖެހިއްޖެ ނަމަ، ޒަކާތުގެ ނިސާބަށް ބަދަލު ގެނައުމުގެ ޚިޔާލުވެސް އުމަރުގެފާނު ފާޅުކުރެއްވިއެވެ. މީގެ އިތުރުން، ހަމަހަމަކަން ނިޔާކުރި އަނެއްކަމަކީ އަދުލު އިންސާފުގެ ކަންކަން އެންމެންގެ ތެރޭގައި، އެއްވެސް މީހެއްގެ މޫނަށް ބެލުމެއް ނެތި، ހަމަހަމަ ގޮތެއްގައި، ހިންގާލުމުވެ. މިކަމުގެ އެންމެ ބޮޑު ހެކި އިތުރު އެކަލޭގެފާނުގެ ބަސްފުޅަކުން ފެނިގެންދެއެވެ. ”ތިމަންގެ ދަރިކަނބަލުން ފާތިމަތުގެފާނުގެ ވައްކަންކުރެއްވިޔަސް، އެކަމަނާގެ އަތްޕުޅުވެސް ތިމަންކަލޭގެފާނު ކެނޑުއްވީމުހެވެ’، މިބަސްފުޅުންނެވެ.

– ނުނިމޭ ….

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް