ފުލުހުން މަގުތަކަށް ނެރުމުގެ ބަދަލުގައި ވެހިކަލްތައް ދުއްވާނޭ ރައްކާތެރި އަމާން މަގުތަކެއް ނުދައްކާހާ ހިނދު ހިނގާ އެކްސިޑެންޓްތައް މަދު ނުކުރެވޭނެއެވެ. ހުޅުމާލެ ސިޓީ އަކީ ބޮޑެތި މަގުތައް ހަދާފައިވާ ރަށެކެކެވެ. ސައިކަލާއި ހަތަރުފުރޮޅުލީ ވެހިކަލާއި ބައިސްކަލް ދުއްވާނޭ ލައިންތަކެއް ހަދާފައިވާ ސިޓީއެކެވެ. އެހެނަސް މިދެންނެވި ލައިންތަކުގެ ބޭނުން ހިފޭނެގޮތެއް ނެތެވެ.
އެހެނީ ސައިކަލް ދުއްވަން އިންނަ ލައިނުގާ ހުންނަނީ ކާރާ ލޮރީއާއި ސައިކަލް ޕާކު ކޮށްފައެވެ.
މި ދެންނެވި ވެހިކަލްތައް ޕާކުކޮށްފައި ހުންނަނީ ގަވާޢިދާ ޚިލާފަށެވެ. އެކަމުގެ ސަބަބުން ސައިކަލާއި ހަތަރު ފުރޮޅުލީ ވެހިކަލްތައް ދުއްވަން ޖެހިފައި ވަނީ ހަތަރު ފުރޮޅުލީ ވެހިކަލް ތަކަށް ޚާއްޞަކުރެވިފައިވާ ލައިނުންނެވެ. އަދި ފިހާރަތަކުގެ ކުރިމަތީގައި އޮންނަ ސައިކަލް ދުއްވާލައިނުގައި ލޯރިއާއާއި ވޭންފަދަ ތަކެތި މުދާބާލަން ޕާކުކޮށްގެން އޮތުމުގެ ސަބަބުން ސައިކަލްތައް ދުއްވަން ޖެހެނީ ނުރައްކަލުގެ ތެރޭގައެވެ. ހުރިހާ ވެހިކަލްތައް އެއްލައިނުން ދަތުރުކުރަމުން ދަނިކޮށް މީހަކު ޓެކްސީއަކަށް ހަނާއެޅުމާއެކު ފަހަތަށް ބަލާލުމެއްނެތި އެމީހަކު ހުރި ދިމާލަކަށް ޓެކްސީ ހުއްޓާލުމަކީވެސް ނުރަކަލުން ފުރިގެންވާ ކަމެކެވެ.
ކަން މިހެން ހުރުމާއެކު މަގުތަކަށް ފުލުހުން ނެރުމުގެ ކުރިން މަގުތަކުގައި ގަވާޢިދާ ޚިލާފަށް ޕާކުކޮށްފައި ހުރި ވެހިކަލްތައް ނަގާ އަމާންކަމާއެކު މަގުތަކުގައި ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ޖެހެއެވެ. ފުލުހުން މަގުތަކުގައި ތިއްބެވި ނަމަވެސް މަގުތަކުގައި ވެހިކަލްތައް ދުއްވޭނެ ރައްކާތެރި ގޮތެއް ނެތް ނަމަ ހިނގާ އެކުސިޑެންޓްތައް މަދެއް ނުވާނެއެވެ. ކޮންމެ ކަމެއްވެސް ކުރަންވާނީ އެކަމުގެ ހެޔޮބަދަލުތައް ރައްޔިތުންނަށް ފެންނާނޭ ގޮތަކަށެވެ.
އެހެން ކަމާއެކު ރައްޔިތުން ތުހުމަތު ކުރަނީ ވެހިކަލް ދުއްވާ ފަރާތްތަކުގެ ކިބައިން ސަރުކާރަށް ފައިސާ ހޯދުމުގެ ބޭނުމުގައި ޖައްސައިގެން އުޅޭ އިންސްޓެންޓެއް ކަމަށެވެ. މިތުހުމަތުތައް ކުރަން އެ ޖެހެނީ މަގުތަކުގެ ކުޑަކަމާއި މަގުތަކުގައި ރައްކާތެރި ކަމާއެކު ދަތުރުކުރެވޭނޭ މާހައުލެއް އުފެއްދުމެއް ނެތި ފުލުހުން މަގުތަކުގައި ތިއްބަވައިގެން ވެހިކަލްތައް ހުއްޓުވާ އެ ކުރައްވާ ޖޫރިމާނާތަކަށް ރިޢާޔަތް ކޮށެވެ. ސަރުކާރުން ކުރައްވާ މަސައްކަތްތައް ވާން ޖެހޭނީ އިޚުލާޞްތެރި މަސައްކަތް ތަކަކަށެވެ.
ދެފުށުގައި މިޔައަޅައިގެން ރައްޔިތުންނަށް އަވާމެންދުރު ދައްކަވަން އުޅުނު ޒަމާން މާޒީވެ ހިނގައްޖެއެވެ. މިހާރު ރާއްޖޭގެ ރައްޔިތުންނަކީ ހޭލުންތެރި ހެޔޮވިސްނޭ ބައެކެވެ. ރައްޔިތުން ޅޮސްއުނދޯއްޔަށް ލައި ރަން އިލޮށިން ކަދުރުކާންދީގެން އުޅުނު ޒަމާނުގެ ވެރިންވެސް ރައްޔިތުން ތިބީ ދެކެފައެވެ.