ރައްޔިތުން މަޖިލީސް އިދާރާ ކުރިމަތީގައި “ މަޖިލިސް ހޭލައްވާ މުޒާހަރާ“ގެ ނަމުގައި މުޒާހަރާއެއް ކުރަން ސިޔާސީ ހަރަކާތްތައް ހިންގަމުންގެންދާ “ ނަވާނަވައި“ އިން ތައްޔާރުވާން ފަށައިފި އެވެ.
މިއަންނަ ހޯމަ ދުވަހު ކުރުމަށް ރާވަމުންދާ އެ މުޒާހަރާ އަށް ތައްޔާރުވަމުންދާކަން ހާމަކޮށް ނަވާނަވައިން އިއްޔެ ކޮށްފައިވާ ޓްވީޓްގައި ބުނެފައިވާނީ މަޖިލީހުން ސިޔާސީ ސަކަރާތް ޖެހުމުގައި ތިބޭ މަންޒަރު ބަލަން އެމީހުން ނުތިބޭނެކަމަށެވެ.
“ ރައްޔިތުންގެ ޓެސް ފައިސާއިން ބޮޑު މުސާރަ ނަގައިގެން ރައްޔިތުން އެންމެ ހާލުގައި ޖެހުނު ދުވަހު އެއްވެސް މަސައްކަތެއްނުކޮށް ސިޔާސީ ސަކަރާތް ޖެހުމުގަ ރެއާދުވާލު އުޅޭތަން ބަލަން ނުތިބެވޭނެ“ ނަވާނަވައިގެ ޓްވީގައި ވެއެވެ.
މި މުޒާހަރާއަށް ތައްޔާރު ވުމުގެ ގޮތުން މިރޭ ބައްދަލުވުުމެއް ބާއްވަން އެމީހުން ވަނީ ނިންމާފައެވެ. މިމުޒާހަރާ އޯގަނައިޒް ކުރުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 9477309 އަށް ގުޅުއްވުމަށް ވެސް ނަވާނަވައިން އެދެއެވެ.
ނަވާނަވައި އަކީ ސިޔާސީ އިޖްތިމާއީ އަދި އިގްތިސާދީ ގޮތުން ރައްޔިތުން ބާރުވެރިކުރުވުމަށް މަސައްކަތްކުރާ ވާތުފިޔައިގެ ސިޔާސީ ހަރަކާތެކެވެ. މީގެ ކުރިންވެސް އެމީހުންވަނީ މިފަދަ ހަރަކާތްތައް ބާއްވާފައެވެ. އެގޮތުން މަހުޖަނުންގެ ނުފޫޒުން މަޖިލިސް ސަލާމަތްކުރަން ގޮވާލާ މުޒާހަރާއެއް ވެސް ކޮށްފައިވެއެވެ.