މައިދައިތައާ އޮންނަ ގުޅުން ރަނގަޅު ކުރާނީ ކިހިނެއް؟

Loading

Facebook
Twitter
WhatsApp


މައިދައިތައަކާއި ދަނބިދަރިއެއްގެ މެދުގައި އޮންނަ ގުޅުމަކީ ބައެއްފަހަރު ވަރަށް ނާޒުކު ބަދަހި ކުރަން އުނދަގޫ ގުޅުމަކަށް ވެދާނެއެވެ. މިކަމުގައި ފިރިމީހާގެ މަންމަ ނުވަތަ އަނބިމީހާގެ މަންމަ ނަމަވެސް ބައެއްފަހަރު ގޮންޖެހުންތަކާ ދިމާވެއެވެ.
މުޅި އާއިލާގެ ހަމަޖެހުމަށްޓަކައި މައިދައިތައާއި ދަނބިދަރިންގެ މި ގުޅުން ބަދަހިކުރުން މުހިންމެވެ. މި ގުޅުން ކާމިޔާބު ކުރެވިއްޖެނަމަ ތިމާއާ ތިމާގެ ދަރިންނަށްވެސް މިކަމުގެ އުފަލާއި ހިތްހަމަޖެހުން ލިބި މީގެ ހެޔޮ އަސަރު ކުރާނެއެވެ. މި ހިމަނާލަނީ މައިދައިތައެއްގެ ހިތް ކާމިޔާބުކޮށް، ވަރުގަދަ ގުޅުމެއް އުފެއްދުމަށް ކުރެވިދާނޭ ބައެއް ކަންކަމެވެ.
މައިދައިތައަށް އިޙްތިރާމް ކުރާށެވެ. އިޙްތިރާމަކީ ކޮންމެ ގުޅުމެއްގެ ބިންގަލެވެ. ތިމާއަކީ އޭނާގެ އުފަން ދަރިއެއް ނޫންކަން އިހްސާސްވާގޮތަށް އެއްވެސް ކަމެއް ނުކުރާށެވެ. ޚާއްސަކޮށް ވާހަކަދައްކާއިރު މިކަމަށް ސަމާލުކަންދީގެން އަމިއްލަ މައިންބަފައިންނާވެސް ވާހަކަދައްކާހެން އިހްތިރާމާއެކު ވާހަކަދައްކާށެވެ! އޯގާތެރިކަމާއި، އިޙްތިރާމާއެކު ކަންތައް ކުރާށެވެ. އަދަބުވެރިކަމާއެކު އޭނާގެ އިޙްސާސްތަކާއި ޚިޔާލުތަކަށް ސަމާލުކަން ދޭށެވެ. އޭނާގެ ދިރިއުޅުމުގެ ތަޖުރިބާތަކުގެ ވާހަކަތައް އަޑުއެހުމަކީ ބަދަހި ގުޅުމެއް ބިނާ ކުރުމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރެވޭނެ ކަމެކެވެ.ބަދަހި ގުޅުމެއް މައިދައިތައާއެކު ބިނާ ކުރުމަށް ކެތްތެރިކަން ބޭނުންވާނެއެވެ. މިއީ ވަގުތު ނަގާ ކަމެއް ނަމަވެސް ކެތްތެރިވެ ވިސްނުންތެރިވާށެވެ. ތަފާތު އުންމީދުތަކާއި ގަބޫލުކުރުންތައް ހުރެދާނެކަން ދެނެގަނެ، ކެތްތެރިވާށެވެ!

ހަމައެހެންމެ މައިދައިތައާއި ތެދުވެރިކަމާއެކު ވާހަކަ ދައްކައި އެއްވެސް ކަންބޮޑުވުމެއް ނުވަތަ އޮޅުންބޮޅުންވުމެއް ދެމެދުގައި ވާނަމަ އިޙްތިރާމާއެކު ޙައްލު ކުރުމުން ބަދަހި ގުޅުމެއް އުފެއްދުމަށް އެހީތެރިވެދޭނެއެވެ.
ހަމަޖެހޭ އުފާވެރި ގުޅުމެއް ބޭނުންވާނަމަ މާފުކުރުމުގެ ޤާބިލުކަން ތިމާގެ ކިބައިގައި ހުންނަން ޖެހޭނެއެވެ. މިއީ ހިތްހަމަނުޖެހޭ ދަތި ހާލަތްތަކާއި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ހާލަތްތަކެއް ކަމަށްވެސް ވެދާނެއެވެ. ގަބޫލުކުރަން ދަތި އުނދަގޫ ބައެއް ކަންކަން ކުރިމަތިވި ނަމަވެސް މިފަދަ ހާލަތްތަކުގައި އިތުރު މައްސަލަތަކެއް ފެންމަތި ނުވާނެހެން މަޑުމައިތިރިކަން އިސްކުރާށެވެ! ރުޅިވެރިކަމާއި ނަފްރަތު ދޫކޮށްލައި، އޯގާތެރިކަމާއެކު ކުރިއަށް ދިއުމަށް އުފާވެރި ހަމަޖެހޭ ގުޅުންތަކެއް ދެމެހެއްޓުމަށް އެހީތެރިވެދޭނެއެވެ.

ކަންކަމުގައި ވީ މިންވަރަކުން އެހީތެރިކަން ފޯރުކޮށްދިނުމަކީ ޢަމަލީ ގޮތުން މައިދައިތައަކާއެކު އޮންނަ ގުޅުން ރަނގަޅު ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. މި ގޮތުން އޭނާއަށް ބަދިގޭގެ މަސައްކަތްތަކާއި ގޭތެރޭގެ އިތުރު މަސައްކަތްތަކުގައި އެހީތެރިވެދޭށެވެ. މިސާލަކަށް އޭނާ ކައްކާނަމަ ކެއްކުމުގައި ނުވަތަ ކުނި ކަހާނަމަ ކުނި ނެގުމުގައި އެހީތެރިކަން ފޯރުކޮށްދޭށެވެ. އެހީތެރިވުމުގެ ގޮތުން ބަލިވެއްޖެނަމަ އޭނާއަށް އަޅާލާ ޑޮކްޓަރަށް ދައްކަން ގޮވައިގެން ދެވިދާނެއެވެ. އަދި މި ނޫންވެސް އިތުރު ކަންކަމުގައި މައިދައިތައަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ހުށަހެޅިދާނެއެވެ.
މައިދައިތައާއި ހިއްސާކުރެވޭނެ ދެމީހުންގެ އެއްގޮތް ކަމެއް ނުވަތަ ޝައުގުވެރިކަން ހުންނަ ކަމެއް ހޯދާށެވެ. މިއީ ފަހަރުގައި ކެއްކުމުގައިވިޔަސް، ބަގީޗާ ހެއްދުމުގައި ވިޔަސް، ނުވަތަ ޝޮޕިން ކުރުމުގައި ވިނަމަވެސް، ވަރިހަމައެވެ. އެއްގޮތް ކަމެއް ހޯދުމަކީ ގުޅުން ބަދަހިކޮށް، އެކުގައި ގިނަ ވަގުތު ހޭދަކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. އަދި މި ކަމުގެ ސަބަބުން މައިދައިތައާއި ދަނބިދަރިންގެ މެދުގައި ގުޅުން ރަނގަޅުވުމަށް މަގު ފަހިވާނެއެވެ.
ތިބާގެ ދިރިއުޅުމުގައި މައިދައިތަ އަދާކުރާ ދައުރު ޝުކުރުވެރިކަމާއެކު ފާހަގަކޮށް އޭނާއަށް އިސްކަންދޭކަން އިހްސާސްކޮށްދޭށެވެ. މިއީ އޯގާތެރިކަމާއި ޝުކުރުވެރިކަމާއެކު މުއާމަލާތުކުރުން ނުވަތަ ހަދިޔާއެއް ދިނުން ނަމަވެސް އެންމެ ރަނގަޅެވެ.
މައިދައިތައާއެކު ރަނގަޅު ގުޅުމެއް އުފެއްދުމަކީ މުހިންމު ކަމެއް ނަމަވެސް އަމިއްލަ ބޭނުންތަކާއި ތިމާގެ އިންތައް ކަނޑައަޅާށެވެ. މިއީ ތިމާ ކުރާނެ ކަންކަމާއި ނުކުރާނެ ކަންކަމެވެ. އަދި އޭނާގެ ޙައްދުތަކަށް ވެސް އިޙްތިރާމް ކުރާށެވެ. މައިދައިތައާއެކު ރަނގަޅު ގުޅުމެއް އުފެއްދުމަށް މިކަމުގައި ބެލެންސް ހޯދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
މައިދައިތައާއިއެކު ހަމަޖެހޭ އެކުވެރި ގުޅުމެއް ބިނާކުރުމަކީ ބައެއް ފަހަރު ގޮންޖެހުންތަކަކަށް ވެދާނެ ކަމެކެވެ. މިހެން ވެއްޖެނަމަ ފިރިމީހާ/އަނބިމީހާ އަދި އިތުބާރުހިފޭ ރަހުމަތްތެރިއަކު ނުވަތަ އާއިލާގެ މެމްބަރެއްގެ ސަޕޯޓް ހޯދާށެވެ. މައިދައިތައާ އޮންނަ ގުޅުން ރަނގަޅު ކުރުމަށް ލަފާ ހޯދުމަކީ އޭނާއާއެކު ރަނގަޅު ގުޅުމެއް އުފެއްދުމަށް އެހީތެރިވެދޭނެ ކަމެކެވެ.
މައިދައިތައާއެކު ބަދަހި ގުޅުމެއް ބިނާ ކުރުމަކީ ވަގުތާއި ކެތްތެރިކަމާއި ވިސްނުންތެރިކަން ބޭނުންވާ ކަމެކެވެ. އޭނާއަށްވެސް އިޙްތިރާމްކޮށް ތިމާއާއި އޭނާއާ ދެމީހުންގެ އެއްގޮތް ކަންކަން ހޯދައިގެން، އޭނާގެ ހިތް ކާމިޔާބުކޮށް، މުޅި އާއިލާއަށް ފައިދާހުރި އެއްބައިވަންތަ ގުޅުމެއް އުފެއްދުމަށް މަސައްކަތް ކުރެވިދާނެއެވެ. ދަނބިދަރިން ކަމުގައި ވިޔަސް ނުވަތަ މައިދައިތަ ކަމުގައި ވިޔަސް ދެ ފަރާތުންވެސް އެމީހުންގެ ޚިޔާލު ތަފާތުވުންތަކާއި ހިތްހަމަނުޖެހުން އެއްފަރާތްކޮށް އެކަކު އަނެކަކަށް ކަންކަމުގައި ދޫދީ އިހުތިރާމްކޮށް މުޅި އާއިލާގެ ހަމަޖެހުމާއި އުފާވެރިކަމަށް އެކުގައި މަސައްކަތް ކުރަން ދަސްކުރަންޖެހެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް