މޫސުމަށް އަންނަ ބަދަލުތަކަކީ ދިރިއުޅުމަށް ކުރާ މަސައްކަތްތަކާއި ކަނޑުގެ ދިރުންތަކާއި އަދި ރާޅާއެޅުންފަދަ ކަންކަމަށް ވެސް އޮތް ނުރައްކަލެއްކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ފާހަގަ ކުރައްވައިފިއެވެ. އެ ކަމަނާ މިކަން ފާހަގަކުރައްވާފައި ވަނީ ”އޭ.އެސް.އެފް އޭސިއަން ސާރފިން ޗެންޕިއަންޝިޕް 2024“ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެކަމަނާގެ ވާހަކަފުޅުގައި ރާޅާއެޅުންފަދަ ހަރަކާތެއްގެ ނިމުން ފާހަގަކުރާއިރު ކަނޑުތަކުގެ ވެށި ހިމާޔަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކަކީ ދިރިއުޅުމަށް ކުރާ މަސައްކަތްތަކާއި ކަނޑުގެ ދިރުންތަކާއި އަދި ރާޅާއެޅުންފަދަ ކަންކަމަށް ވެސް އޮތް ނުރައްކަލެއްކަން ފާހަގަކުރައްވައި ކަނޑުތައް ހިމާޔަތްކުރުމަށާއި ޕްލާސްޓިކް ކުނި މަދުކުރުމަށާ އަދި ދެމެހެއްޓެނިވި ގޮތްތައް ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެކަމުގައި އެ ކަމަނާ ވިދާޅުވިއެވެ.
މީގެ އިތުރުން ރާޅާ އެޅުމަކީ ޝައުގުވެރިކަމާއި ހުނަރާ އަދި އެކުވެރިކަން ދައްކުވައިދޭ މުބާރާތެއްކަން ފާހަގަކުރައްވާ މުބާރާތުގެ ފަޚުރުވެރި ވަނަތައް ހޯދިފަރާތްތަކަށް އެ ކަމަނާ ވަނީ މަރުހަބާ ވިދާޅުވެފައެވެ. އެ ކާމިޔާބީއަކީ އެ ކުޅުންތެރިން ނިސްބަތްވާ ޤައުމަށް ލިބޭ ރީތި ނަމެއްގެ އިތުރުން އެފަރާތްތަކުން އެކަމަށް ދެއްވި ސަމާލުކަމާއި ކުރެއްވި ބުރަ މަސައްކަތް ފެނިގެންދާ ކަމެއްކަންވެސް ސާޖިދާ ފާހަގަކުރެއްވިއެވެ.
ހަމައެހެންމެ މުބާރާތުގައި ބައިވެރިން ދެއްކެވި ކުޅަދާނަކަމާއި ހިތްވަރު އެކަމަނާ ފާހަގަކުރެއްވިއެވެ. ކުޅުންތެރިންގެ ކުޅުމާއި އަދި ހިތްވަރާއެކު ކުރާ މަސައްކަތުން އެހެން މީހުންނަށް ހިތްވަރު ލިބިދޭކަމަށާ އަދި އެއީ ކުޅިވަރުގެ ރޫހާ އެކުވެރިކަން އާލާކުރުމަށް މުހިންމު ކަމެއް ކަމުގައިވެސް އެ ކަމަނާ ފާހަގަކުރެއްވިއެވެ.
ވިހި ޤައުމަކުން ޖުމްލަ 113 އެތުލީޓުން ބައިވެރިވި މި އަހަރުގެ އޭސިއަން ސާފިންގ ޗެންޕިއަންޝިޕް ކުރިއަށް ގެންދިޔައީ ކ. ތުލުސްދޫގައެވެ. މިއީ ރާއްޖޭގައި އޭސިއަން ސާފިންގ ޗެންޕިއަންޝިޕް ބޭއްވި ދެވަނަ ފަހަރު ކަމުގައި ވީނަމަވެސް މިއީ މި މުބާރާތުގެ ކޮލިފިކޭޝަން ހަރަކާތެއް ރާއްޖޭގައި ބޭއްވި ފުރަތަމަ ފަހަރެވެ.