އިސްރާއީލުގެ ހައިފާ ބަނދަރު ގޮއްވާލާފާނެ ކަމުގެ ބިރުވެރި ކަމުގެ ތެރޭގައި

Loading

Facebook
Twitter
WhatsApp

މަތީގައި އެވަނީ އިއްޔެ ( 2024 އޯގަސްޓް 16 ހުކުރު ) ދުވަހު މާލޭގަޑިން ހަވީރު 5.30 ހާއިރު އެސޯޝިއޭޓެޑް ޕްރެސްގެ ރަތް ސުރުޚީ އެވެ.  

އިސްރާއީލުގެ ތެޔޮ ސާފުކުރާ ކާރުޚާނާއާއި ބިޔަ ތެޔޮ ޓޭންކުތަކާއި އަދި ގޭސް ޓޭންކުތައްވެސް ބަހައްޓާފައި ހުންނަނީ ހައިފާގެ ބަނދަރު ސަރަހައްދުގައެވެ. ތެލާއި ގޭހުގެ ވަސްގަނޑާ ހެދި އެތަނުގައި ދިރިއުޅޭ މީހުންނަށް އޮންނަނީ މުސީބާތަކަށްވެފައެވެ. އެކަމަކު އެއަށްވުރެން މާ ނުރައްކާތެރި އިންޒާރެއްގެ ބިރުވެރިކަން އިއްޔެ ހަވީރު އަޑު އިވިގެން ހިނގައްޖެކަމަށް އެސޯޝިއޭޓެޑް ޕްރެސްގެ ޚަބަރުގައި ބުނެފިއެވެ.

ހިޒްބު އަށް އެ ސަރަހައްދު ފިސާރި ރަނގަޅަށް ފެންނަ ކަމަށް އިންޒާރު ދީފައި ވުމުންނެވެ.

އެ ސަރަހައްދުގައި ދިރިއުޅޭ އުމުރުން 66 އަހަރުގެ ޑޯވި ސޮނީއާއި އެހެން ރައްޔިތުންތިބީ ވާނުވާއެއް ނޭންގޭ ބޮޑު އަނދިރި ކަމެއްގެ ތެރެއަށް ދޫކޮށްލާފައެވެ. އެމީހުން ކިޔާދިންގޮތުގައި އެ ބަނދަރު ސަރަހައްދުގައި މީހުން ދިރިއުޅެނީ ހިޒްބު ގެ ރޮކެޓުތަކުން އެއްވެސް ހުރަހެއް ނެތި ހަމަލާދެވޭ ހިސާބު ކައިރީގައެވެ. ރޮކެޓް ހަމަލާއަންނަ ކަމުގެ އިންޒާރުގެ އަޑު އިވޭ ކޮންމެ ފަހަރަކު އަހަރެމެންގެ މޭގަނޑު އަނގައިގެތެރެއަށް އަންނަ ކަހަލައެވެ. ގަލްފު ހަނގުރާމައިގެ ދުވަސްވަރު އެންމެ މިސައިލެއް އަހަރެމެންގެ ގެތައް ކައިރިއަށް އަމާޒުވިއެވެ. އެއީ ބިރުވެރި ދުވަހެކެވެ. ބުނަން އެގެނީ މިހާވަރަށެވެ. ހިތަށް ވެރިވި ބިރުވެރިކަން ދުލުން ބުނެދޭކަށް ނޭގެއެވެ. 

ހައިފާގެ ބަނދަރަކީ ލެބަނަންގެ ބޯޑަރުން ހަމައެކަނި ތިރީހަކަށް ކިލޯމީޓަރު ދުރުގައި އޮންނަ ތަނެކެވެ.

ކިރްޔަތު ހައިމްގައި ދިރިއުޅޭ ގްރީން ޕާރޓީއަށް ނިސްބަތްކުރެވޭ ކުރީގެ ހައިފާ ސިޓީ ކައުންސިލަރ ހިލާ ލައުފަރ އެސޯޝިއޭޓެޑް ޕްރެސް އަށް ކިޔާދީފައިވާގޮތުގައި “ އަހަރެމެންގެ ބިރުވެރިކަމަކީ މިތާގައިހުރީ ކިތަށް ހުސްޓޭންކު ކަމެއް ކިތަށް ފުލް ޓޭންކުކަން ސަރުކާރުން ބުނެނުދޭތީއެވެ. ހަމައެއާއެކު އެތާންގީތައް ހުސްކުރަން އޭގައި ހުރި ތެޔޮތައް ގެންދާނެ ތަނެއްވެސް ނުހުންނާނެކަން އެނގެއެވެ. މިސަރަހައްދުން އޮއިލް ރިފައިނަރީ އާއި ތެލާ ގޭސް ރައްކާކުރާ ތާންގީތައް ހުސްކުރަން ރައްޔިތުން ގޮވަމުންގެންދާތާ ގިނަ އަހަރުތަކެއް ވެއްޖެއެވެ. އަޑުއިވޭ ސިޔާސީ ކަންފަތެއް ނެތެވެ. އީރާނުންނާއި އީރާނުގެ ވާގިވެރިންގެ ސީދާ ހަމަލާއެއް އަމާޒުވާ ދުވަހު ވާހަކަ ދައްކަން އެކެކުވެސް ދުނިޔޭގައި ނުހުންނާނެއެވެ ”

މިކަމާގުޅޭގޮތުން ސުވާލުކުރުމުން އިސްރާއީލުގެ ސިފައިންގެ ފަރާތުން ޖަވާބު ދީފައިވަނީ “ ހަކަތަ އާއި ގުޅޭ ހުރިހާ އެއްޗެހި އެހެން ތަނަކަށް ބަދަލުކުރަން އޮންނާނީ އަންގާފައެވެ. އާންމު ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަކީ ހޯމް ފްރަންޓް ކޮމާންޑުގެ މަސްއޫލިއްޔަތެކެވެ. ކަމާގުޅުން ހުރި އެހެން އިދާރާތަކާ ގުޅިގެން ހޯމްފްރަންޓް ކޮމާންޑުން އެކަންތައް ބަރާބަރަށް ބަލަހައްޓަމުން ގެންދާނެއެވެ. “ އިތުރު ތަފްސީލެއް ނުދެއެވެ. އިސްރާއީލުގެ ހަކަތަ ރައްކާކޮށް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައި އޮންނަ ސަރުކާރުގެ ކުންފުނި ތަޝާން އަށް އެސޯޝިއޭޓެޑް ޕްރެސް އިން ކުރި ސުވާލަށްވެސް ޖަވާބެއް ނުލިބުނެވެ.

ހައިފާ ބަނދަރުގައި ހުންނަ ސަރުކާރުގެ އޮއިލް ރިފައިނަރީއާއި ކުޑަތަންކޮޅެއް ދުރުގައި ހުރި އަމިއްލަ ކުންފުނި ބަސަން ގުރޫޕާއި ”ސުވާލުކުރުމުން ލިބުނު ޖަވާބަކީ “ ސިފައިންގެ އަމުރުތަކަށް އަހަރެމެން ބަރާބަރަށް ކިޔަމަންވަމުން ގެންދާ ކަމަށެވެ.                                                         

ހައިފާ ބަނދަރުގައި ތެލާއި ގޭސް ރައްކާކުރުމުގެ މައްސަލައަކީ މީގެކުރިންވެސް އެތަނުގައި ދިރިއުޅޭ ރައްޔިތުންގެ ބިރުވެރި ކަންބޮޑުވުމެކެވެ. އެތަނަށް ދެވޭ ހަމަލާއަކީ ބެއިރޫތު ބަނދަރު ސަރަހައްދުގެ ގުދަނެއް 2020 އޯގަސްޓް 4 ވަނަދުވަހު ގޮވުމުން ލިބުނު ގެއްލުމަށް ވުރެން ވަކިން ގެއްލުން ކުޑަ ކާރިސާއަކަށް ނުވާނެކަމަށް އެތަނުގައި ދިރިއުޅޭ ރައްޔިތުން ގެންދަނީ ޝަކުވާކުރަމުންނެވެ. ބެއިރޫތުގެ ގުދަން ގޮވި ކާރިސާގައި 200 އަށްވުރެން ގިނަމީހުން މަރުވެ ތިން ލައްކަ މީހުންގެ ގެދޮރު ވަނީ ވީރާނާ ވެފައެވެ.

ހައިފާ ބަނދަރު ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ޝަކުވާއަކީ އެތަނުގައި ހުރި އެއްޗެއްގެ ބާވަތާއި މިންވަރަކާ ބެހޭ އެއްވެސް މައުލޫމާތެއް ނޭގުމެވެ. އެމީހުންނަށް އެނގޭހާވެސް މިންވަރަކީ އެއީ އިންތިހާއަށް ނުރައްކާތެރި މެޓީރިއަލް ތަކެއް ގުދަންކޮށްފައިހުރި ސަރަހައްދެއް ކަމަށާއި އެތަނަށް އަމާޒުކުރެވޭ ހަމަލާއެއް ބޮޑު ބޮމެއް ގޮއްވާލުމުން ލިބޭނެ ގެއްލުމަށް ވުރެން ކުޑަ ނުވާނެ ކަމެވެ. މެދުއިރުމަތީގެ މަސްރަހް ދުވަހެއް ދުވަހަކަށް ހޫނު ވަމުންދާއިރު އީރާނުގެ ބާރުގަދަ ހަމަލާއެއް އަތުވެދާނަކަމަށްބަލައި އިސްރާއީލުގެ މިއުޒިއަމްގައި ހުރި ޕަބްލޯ ޕިކާސޯ އާއި ގުސްޓަވް ކްލިމްޓުގެ އަގުބޮޑު ކުރެހުންތައް ތެލް އަވީވުގެ މިއުޒިއަމް އޮފް އާރޓްގެ ބޮމް ޝެލްޓަރތަކަށް ބަދަލު ކޮށްފިއެވެ. މިއުޒިއަމްގެ އިތުރުން މުޅި އިސްރާއީލުވެސް އޮތީ އީރާނާ އެކުއެކުގައި އެތައް ދިމާލަކުން ހަމަލާތައް އަތުވެދާނެ ކަމުގެ ބިރަށް އެންމެ ނުރައްކާތެރި ހާލަތުގެ އެލާރޓުގައެވެ.

މިވަގުތު ލެބަނަންއަށް ވަޑައިގެން އުޅުއްވާ އެމެރިކާގެ ސަފީރު އެމޯސް ހޮކްސްޓެއިން ލެބަނަންގެ ޕާރލަމެންޓް ސްޕީކަރ ނަބީހް ބެއރީ އާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގައި ގައްޒާގައި ހިންގަމުން ގެންދާ ހަނގުރާމަ ހުއްޓުމަށް ދެއްކޭނެ އެއްވެސް އުޒުރެއް ނުވަތަ ބަހަނާއެއް މިހާރު ނޯންނާނެ ކަމަށާއި އެ ހަނގުރާމަ ހުއްޓުވި ސުލްހަ ގާއިމް ކުރެވިއްޖެނަމަ ލެބަނަން ގެ މަސްރަހްވެސް ހަމަޔަކަށް އެޅިގެންދާނެ ކަމަށް ދެބޭފުޅުން ވަނީ އެއްބަސްވެފައެވެ. ނަބީހް ބެއްރީއަކީ ހިޒްބު ގެ ހަރަކާތްތަކަށް ތާއީދު ކުރައްވާ ބޭފުޅެކެވެ. 

މިދިޔަ އަންގާރަ ދުވަހު ލެބަނަންގެ އަލް އަޚްބާރު ނޫހުގައި އެމޯސް ހޮކްސްޓެއިނަކީ އިސްރާއީލަށް މޮޅުގޮތް ހޯދާ ދޭން މަސައްކަތް ކުރަމުންގެންދާ މެދުވެރިއެއް ކަމަށާއި އޭނާއަށް ލެބަނަން އިން މަރުހަބާ ނުކިއުމަށް ބާރު އަޅާފައި ވެއެވެ. ހޮކްސްޓެއިން ވަނީ ލެބަނަންގެ ބޮޑުވަޒީރު ނަޖީބު މިކާތީ އާވެސް ބައްދަލު ކުރައްވާފައެވެ.

މިވަގުތު ލެބަނަން އަށް ވަޑައިގެން އުޅުއްވާ ފަރަންސޭސި ޚާރިޖީ ވަޒީރު ސްޓެފާން ސެޔޫރނޭ ވެސް ލެބަނަންގެ ޕާރލަމެންޓް ސްޕީކަރ އާއި ބައްދަލު ކުރައްވައި ހަމަ މިމޭރުމުން ވަނީ ވާހަކަ ދައްކަވާފައެވެ. ލެބަނަންއަކީ ގާނޫނީ ގޮތުން ފަރަންސޭސި ވިލާތަށް ބަލަދު އަރާފައިވާ ގައުމެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް