މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ރ. އިނގުރައިދޫން ހަތް މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ އިނގުރައިދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން އިނގުރައިދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހަތް މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޮގަސްޓު 10 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ ދިވެހި ތިން ފިރިހެނުންނާއި ބަނގުލަދޭޝް ހަތަރު ފިރިހެނުންނެވެ. ފުލުހުން ބުނީ މި އޮޕަރޭޝަނުގައި އެމީހުން ހައްޔަރުކޮށް, އެމީހުން ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. އަދި މި ތަކެތީގެ ވަގުތީ ބަރުދަނަކީ 7.38 ގުރާމު ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލައާ ގުޅިގެން އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިނގުރައިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ތިން ދިވެހިން 15 ދުވަހަށް އަދި ހަތަރު ބިދޭސީން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ އިނގުރައިދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.