މާލެ ސިިޓީ ކައުންސިލް ޚިދުމަތްތައް އެއްފުރާޅެއްގެ ދަށުން ނުދެވޭތީ ކުރިމަތިވާ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުއާ އާ ހިއްސާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މާލެ ސިޓީ ކައުންސިލުގެ އިދާރާގައެވެ. މި ބައްދަލު ކުރެއްވުމުގައި ރައީސް މުޢިއްޒު ވަނީ މާލެ ސިޓީ ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވައި މާލެ ސިޓީގެ ތަރައްޤީއާ ގުޅޭ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި ބައްދަލު ކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި، މިހާރު މާލެ ސިޓީގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތަކުގައި ކުރިމަތިވާ ގޮންޖެހުންތައް ޙިއްޞާކުރެއްވިއެވެ. އެގޮތުން ގޯތި ގެދޮރުގެ މައްސަލައަށާއި މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އެދެވޭ ހައްލެއް ހޯދުމަށް ކުރެވެންހުރި ކަންކަމާގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
ހަމައެހެންމެ މާލޭގެ ސަހަރާތައް ތޮއްޖެހުމުގެ މައްސަލައާއި ކައުންސިލް ޚިދުމަތްތައް އެއްފުރާޅެއްގެ ދަށުން ނުދެވޭތީ ކުރިމަތިވާ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާކުރެއްވިއެވެ. މީގެ އިތުރުންވެސް ރައްޔިތުންނަށް އެންމެ ފުރިހަމައަށް ޚިދުމަތް ދިނުމުގައި ކުރިމަތިވާ ގޮންޖެހުންތައް އެ މަނިކުފާނާއި ޙިއްޞާކުރެއްވިއެވެ.
މި ބައްދަލު ކުރެއްވުމުގައި ރައީސް ވަނީ މާލެ ސިޓީ ކައުންސިލްގެ ޚިދުމަތް އެއްފުރާޅެއްގެ ދަށުން ދިނުމަށް މި ސަރުކާރުން މިހާރު ކުރައްވަމުންދާ މަސައްކަތްތައް ޙިއްޞާ ކުރައްވާފައެވެ. މާލެ ސިޓީ ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތް ފުރިހަމައަށް ދިނުމަށް ސަރުކާރުން ސިޓީ ކައުންސިލަށް ބޭނުންވާނެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަންވެސް އެ މަނިކުފާނު ދެއްވިއެވެ.
ޓްރެފިކްގެ މައްސަލަ ހައްލުކުރުމަށާއި، ގެދޮރުވެރިކަންފަދަ ރައްޔިތުންނާ އެންމެ ގުޅުންހުރި ކަންކަމުގައި ސިޓީ ކައުންސިލުގެ ބައިވެރިވުންވެސް ހިމަނުއްވައިގެން ކުރިއަށް ގެންދަވާނެކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު މާލެ ސިޓީ ކައުންސިލަށް ކުރެއްވި ޒިޔާރަތުގައި އެ މަނިކުފާނު ވަނީ މާލެ ސިޓީ ކައުންސިލް އިދާރާގެ ޢިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ. އަދި މާލެ ސިޓީ ކައުންސިލާއެކު އޮތް ބައްދަކުރެއްވުމަށްފަހު ކައުންސިލްގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލައެއް އަރުވާފައެވެ.
މިއަދުގެ ބައްދަލުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ރަށްރަށާއި ސިޓީ ކައުންސިލްތަކާ ބައްދަލުކުރެއްވުމުގެ ސިލްސިލާގެ ތެރެއިން ކުރިއަށްގެންދިޔަ ބައްދަލު ކުރެއްވުމެކެވެ.