މި ލިއުމުގެ ބޭނުމަކީ ޙަމާސްގެ ލީޑަރ އިސްމާއީލް ހަނިއްޔާ ޝަހީދުކޮށްލުމާއި ގުޅިގެން ދުނިޔޭގެ ލީޑަރުން އެކަން ދެކިވަޑައިގަންނަވަމުން ގެންދަވާގޮތް ކޮންމެވެސް މިންވަރަކަށް ކިއުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.
މި ލިއުމައިގެން ކުރިއަށް ދިއުމުގެ ކުރިން ޝަހީދުކޮށްލެވުނު ޙަމާސްގެ ވެރިޔާ ފަލަސްތީނުގެ ކުރީގެ ބޮޑު ވަޒީރު އިސްމާއީލް ހަނިއްޔާގެ ފުރާނަފުޅަށް މާތް ﷲ ސުވަރުގޭގައި ޝަހީދުންނަށް ޚާއްސަކުރައްވާފައިވާ ނިއުމަތް ދެއް ވުން އެދި ދުޢާކުރަމެވެ. ހަމައެއާއި އެކު އިސްމާޢީލް ހަނިއްޔާގެ އާއިލާގައި ދިރިތިއްބެވި މެމްބަރުންނަށް އިޚްލާސްތެރިކަމާއެކު ތަޢުޒިޔާ ދަންނަވަމެވެ.
އިސްމާއީލް ހަނިއްޔާ ޝަހީދުކޮށްލުމާ ގުޅިގެން އެމަނިކުފާނުގެ އަންހެން ދަރިކަނބަލުން ޓްވިޓަރ ގައި ވިދާޅުވެފައިވެއެވެ. ”އަހަރެންގެ ބައްޕާފުޅު ޝަހީދުވެގެންދިޔައީ އީރާނުގެ ސަބަބުންނޭ ބުނަން ޢަރަބިގައުމުތަކުގެ ވެރިން ލަދުގަންނަން ޖެހޭނެއެވެ. ކަލޭމެން ތިޔަ ތިބީ އަހަރެމެން ވަށާލައިގެންނެވެ.“
އަހަރެމެންގެ ޅަދަރިންނާއި މައިން ބަފައިންނާއި މުސްކުޅިން އިސްރާއީލުގެ ޙަމަލާތަކުގައްޔާއި ކާންބޯނެ އެއްޗެއް ނެތިގެންނާއި ސިއްޙީ ފަރުވާ ނުލިބިގެން ދުވާލަކު އެތައް ހާސްމީހުން ޝަހީދުވަމުން ދާއިރު ކަލޭމެން ވެދިން އެހީއެއް ބުނެދީބަލާށެވެ. ކަލޭމެންނަށް ދެއްކޭނީ ހުސްވާހަކައެވެ. އެއްވެސް އެހީއެއް ފޯރުކޮށް ނުދެވޭނެއެވެ.
އެކަމަކު އަހަރެމެންނަށް ދިމާވާ ކޮންމެ ތަކްލީފެއް އަހަރެމެންނެކޭ އެއްފަދައި ކޮނޑު އަޅައިގެން އަހަރެމެންނާއި އެކު ފިރުކެމުންނަމަވެސް އެ ދަނީ އީރާނުންކަން ނުފެނޭ ހެއްޔެވެ؟ ކަލޭމެން ތިޔަ ތިބެނީ ކުޅިބަލާށެވެ. އީރާނޭ ކިޔައިގެން ވާހަކަ ދެއްކުމުގެ ޙައްގު ކަލޭމެން ލިބިގަތީ ކޮންތާކުން ހެއްޔެވެ؟ ކަލޭމެންނާ ޚިލާފަށް އީރާނުން އަހަރެމެންނާ މުޚާތަބުކުރާ ބަސްމަގުންވެސް ހިތްހަމަ ޖެހުމެއް ލިބިގެން ދެއެވެ. ކަލޭމެން ގަބޫލުކުރިޔަސް ނުކުރިޔަސް މިޒަމާނުގެ އިސްލާމީ ދުނިޔޭގެ ދާރުލް ޙުކޫމަތަކީ އިސްލާމިކް ރިޕަބްލިކް އޮފް އީރާނެވެ“.
އިސްމާއީލް ހަނިއްޔާ ޝަހީދުކޮށްލުމުގައި އެމެރިކާއިން އެއްވެސް މިންވަރަކަށް ބައިވެރިވެފައި ނޯންނާނެ ކަމަށް އެމެރިކާއިން އަވަސް އަވަހަށް ބަޔާނެއް އެއޮތީ ނެރެފައެވެ. އެކަމަކު ގާތިލު ކަމަށް ބެލެވޭ އިސްރާއީލުން މިހާތަނަށް އެއްވެސް އެއްޗެކޭ ބުނެފައެއް ނުވެއެވެ.
އިސްމާއީލް ހަނިއްޔާ ޝަހީދުކޮށްލުމާއި ގުޅިގެން އެންމެ ފުރަތަމަ އެކަން ކުށްވެރިކުރައްވައި އީރާނުގެ މީޑިއާ މެދުވެރިކޮށް ވާހަކަފުޅު ދައްކަވާފައިވަނީ އީރާނުގެ ސުޕްރީމް ލީޑަރ އާޔަތު ﷲ އަލީ ޚާމަނާއި އެވެ.
އެމަނިކުފާނު ވިދާޅުވެފައިވެއެވެ. “ އިސް މާޢީލް ހަނިއްޔާ ޝަހީދުކޮށްލުމަކީ އިސްރާއީލުގެ ކްރިމިނަލް އަދި ޓެރަރިސްޓް ޒަޔަނިސްޓު ދައުލަތުން ހަނގުރާމައިގެ ބިންގަނޑު ސާފުކުރީ ކަމަށް ދެކޭށެވެ. ކަލޭމެންނަށް އީރާނުން ހަރުކަށިކަމާއެކު އަދަބު ދޭނަމެވެ.
އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ ޚާއްސަ މެހެމާނެއްގެ ގޮތުގައި އީރާނުގެ ފަސްގަނޑުމަތީ ހުންނަވަނިކޮށް އެމަނިކުފާނު ޝަހީދުކޮށްލާފައި ކަލޭމެންނަށް ދެން ހަމަ ނިދި ނުލިބޭނެއެވެ. “ މިއީ އަހަރެންގެ ވަޢުދެކެވެ.
އީރާނުގެ ރައީސް މަސްއޫދު ޕެޒެސްކިއާން ވިދާޅުވެފައިވެއެވެ. “ އީރާނުން މިގައުމުގެ ގައުމިއްޔަތާއި ޢިއްޒަތާއި ޝަރަފް ރައްކާތެރި ކުރާނެއެވެ. ކަލޭމެންގެ ފިނޑި އަމަލަށް އަހަރެމެން ރައްދު ދޭތަން ދެކެން ތިބޭށެވެ ”. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އަހަރެމެންގެ މި ވަޢުދު ފުއްދާނަމެވެ.
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވެފައިވެއެވެ. “ އިސްމާއީލް ހަނިއްޔާ ޝަހީދު ކޮށްލުމަކީ ވަރަށް ތާކުންތާކު ނުޖެހޭ ފިނޑި އަމަލެކެވެ. އިސްރާއީލާ ދެކޮޅަށް އަހަރެމެންގެ ސަފުތަކުގެ އެއްބައިވަންތަކަން ކަށަވަރު ކުރަން ޖެހޭ ވަގުތަކީ މިއީއެވެ ”.
އިސްމާއީލް ހަނިއްޔާ ދިރިއުޅުއްވަމުން ގެންދަވާ ގަތަރުގެ ޚާރިޖިއްޔާގެ ބަޔާނުގައި ބުނެފައިވެއެވެ.“ އިސްމާއީލް ހަނިއްޔާ ޝަހީދުކޮށްލުމަކީ ލަދުވެތި އަދި އޭގެ ސަބަބުން މުޅި ސަރަހައްދުގައި ބިރުވެރިކަން އާންމުވެ އަދި ސުލްޙައަށް އޮތް މަގު މުޅިން ބަންދުވެދާނެ އަމަލެކެވެ ”.
ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވިދާޅުވެފައިވަނީ އަހަރެމެންގެ އަޚް އިސްމާއީލް ހަނިއްޔާ މަކަރުވެރި ގޮތަކަށް ޝަހީދުކޮށްލުމަކީ ފަލަސްތީނު މައްސަލަ އިތުރަށް ހަލަބޮލި ކޮށްލުމަށްޓަކައި ހިންގި ހަޑިމުޑުދާރު އަމަލެއް ކަމަށެވެ. އޭގެ އިތުރުން މިދިޔަ އާދީއަތް ދުވަހު އެމަނިކުފާނު ވަނީ ޖަސްޓިސް ޑިވެލޮޕްމެންޓް ޕާރޓީގެ ބޮޑުންނާއި ބައްދަލުކުރައްވައި ފަލަސްތީނަށް މެދުވެރިވަމުންދާ ނިކަމެތި އަނިޔަވެރިގޮތް ހުއްޓުވުމަށްޓަކައި އަހަރެމެން ލީބިޔާއާއި ކަރަބާޙް ހަނގުރާމައިގެ ތެރެއަށް ވަން ގޮތަށް އިސްރާއީލާ ދެކޮޅަށް ހަނގުރާމައިގެ ތެރެއަށް ވަންނަން ބޭނުން ކަމަށް ވިދާޅުވެފައެވެ. ތުރުކީގެ ސިފައިންގެ ލަޝްކަރަކީ ނޭޓޯގައި ހިމެނޭ ދެވަނައަށް އެންމެ ބޮޑު ލަޝްކަރެވެ.
ރައީސް އުރުދުޢާންގެ ސްޓޭޓްމެންޓާ ގުޅޭގޮތުން އިސްރާއީލުގެ ޚާރިޖީ ވަޒީރުގެ ރައްދު ވަގުތުން ޢިއުލާން ކުރިއެވެ. އަހަރެމެންނާ ހަނގުރާމައަށް އަތުވެއްޖެނަމަ “ ކަލެއަށްވެސް ޖެހޭނީ ސައްދާމް ޙުސޭނެކޭ އެއްގޮތަށް ދަންމަޅީގެ ތެރޭގައި މަރުވެގެންދާށެވެ ”.
އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވިދާޅުވެފައިވަނީ ހަނގުރާމަ ހުއްޓާލުން ނޫން އެހެން ގޮތެއް މިހާރު ނެތް ކަމަށެވެ. ޖަރުމަނުގެ ޚާރިޖިއްޔާއިން ބުނެފައިވަނީ މިއީ މެދުއިރުމަތީ ގައި އަލިފާން ރޯކުރަންވީ ވަގުތު ނޫން ކަމަށާއި “ ޖަހައިފިއްޔާ ޖަހާނަމޭ “ ބުނަންވީ ވަގުތުވެސް ނޫން ކަމަށެވެ.
އިސްމާއީލް ހަނިއްޔާ އާއި ބެހޭގޮތުން ޗައިނާ އާއި ރަޝިޔާއިން ބުނެފައިވަނީ 2022 ވަނައަހަރު ސެޕްޓެމްބަރު މަހުގެ ތެރޭގައިވެސް އެ މަނިކުފާނު މި ދެ ގައުމަށް ވަޑައިގެން ފަލަސްތީނުގެ މައްސަލައަށް ސުލްޙަވެރި ޙަައްލެއް ލިބިދާނެ މަގެއް ހޯދާ ދިނުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ. އަދި މި ދިޔަ ހަފުތާގައި ފަލަސްތީނުގެ ޖަމާތްތަކާއި އެކު ޗައިނާއިން އިންތިޒާމްކުރި މަޝްވަރާ ތަކުގައި ބައިވެރިވެ ވަޑައިގެން ކާމިޔާބު ކުރުމަށްޓަކައި ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ކަމަށެވެ.
ރަޝިޔާގެ ޚާރިޖީ ވަޒީރުގެ ނައިބު މިޚައިލް ބޮގްޑަނޯވް ރަޝިޔާގެ ގައުމީ ނިއުސް އޭޖެންސީގައި ވިދާޅުވެފައިވަނީ ޙަމާސްގެ ލީޑަރ އިސްމާޢީލް ހަނިއްޔާ އަވަހާރަކޮށްލުން ގަބޫލުކުރެވޭ އެއްވެސް ގޮތެއް ނެތް ކަމަށެވެ.
ރަޝިޔާ ފެޑޭރޭޝަންގެ ގާނޫނު ހަދާ މަޖިލީހުގެ މަތީގޭގެ ނައިބު ރައީސް ކޮންސްޓާޓިން ކޮސާޗިވް ވިދާޅުވެފައިވަނީ މެދުއިރުމަތީގެ ނަފްރަތާއި ރުޅިވެރިކަން ދެން ނެތިކޮށްލުމަކީ ކުރެވިދާނެކަމެއް ނޫންކަމަށެވެ.
ޗައިނާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ލިން ޖިއާން ވިދާޅުވެފައިވަނީ ހަނިއްޔާ އަވަހާރަކޮށްލުން އެންމެ ހަރުކަށި ބަހުރުވައިން ކުށްވެރި ކުރައްވާ ކަމަށެވެ.
މިސްރުގެ ޚާރިޖިއްޔާއިން ބުނެފައިވަނީ މިފަހަކަށް އައިސް އިސްރާޢީލުގެ ޙަމަލާތައް އިތުރު ކުރަމުން ގެންދިއުމުގެ ނަތީޖާއަކަށް ވެގެން މިދަނީ މުޅި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރި ކަމަށްވެސް އިތުރަށް ނުރައްކާ ކުރުވަމުންނެވެ.
އިރާގާއި އޮމާނުންވެސް ބުނެފައިވަނީ އިސްމާޢީލް ހަނިއްޔާ ޝަހީދު ކޮށްލުމުން މެދުއިރުމަތީގެ ހަމަ ޖެހުމާއި ސުލްޙައަށް ކުރަމުން ދިޔަ އުންމީދު ގެއްލިއްޖެ ކަމަށެވެ.
ދިވެހިރާއްޖޭގެ ޚާރިޖިއްޔާ އޮތީ ނެރޭނެ ބަޔާނެއްގެ ޑްރާފް ދެތިންފަހަރަކު ލިޔެ ތައްޔާރުކޮށް ނެރެން ނުކުޅެދިފައެވެ.
ޙަމާސްއިން ފަލަސްތީނުގައި ހިންގަމުންދާ އެއްވުންތަކުގައި ގޮވަމުންގެންދަނީ ހަނިއްޔާ ޝަހީދުކޮށްލުމުން އަހަރެމެންގެ ހިތްވަރު ނުގެއްލޭނެ ކަމަށާއި ޒަޔަނިސްޓް ދުޝްމިނުގެ ކުރިމަތީގައި އަހަރެމެން އިސްދަށަށް ނުޖެއްސޭނެކަމަށެވެ.
ހަމާސްގެ ފަލްސަފާގައި ޔަމަނު ހޫތީ މުޖާހިދުންގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބިލިބި ހުންނާނެ ކަމަށް އެ ޖަމާޢަތުގެ ފަރާތުން މުޙައްމަދު ޢަލީ އަލް ހޫތީ ވިދާޅުވެފައި ވެއެވެ. އަފްޣާނިސްތާނުގެ ތާލިބާނުންގެ ފަރާތުންވެސް ބުނެފައިވަނީ ހަނިއްޔާ ޝަހީދުކޮށްލުމަކީ ފަލަސްތީނުގެ ސުލްޙައަށް ކުރެވޭ މަސައްކަތަށް ކުރިމަތިވި ވަރަށްބޮޑު ގެއްލުމެއް ކަމަށެވެ.
ޙަމާސްގެ ލީޑަރ އިސްމާޢީލް ހަނިއްޔާ ޝަހީދުކޮށްލުމާ ގުޅިގެން އެމަގާމަށް ދެން ވަޑައިގަންނަވާނީ ޚާލިދު މަޝާލް ކަމަށް ބެލެވެން ފަށައިފިއެވެ. ޚާލިދު މަޝާލް ފާޅުކަންބޮޑު ގޮތެއްގައި ފެނިފައިވަނީ 1997 ވަނަ އަހަރު ޖޯރޑްންގެ ވެރިރަށް އައްމާނުގައި ހުންނަ އެމަނިކުފާނުގެ އޮފީސް ޢިމާރާތް ކައިރީ މަގުމަތީގައި ހުންނަވަނިކޮށް އިސްރާއީލުގެ އޭޖެންޓުން އެމަނިކުފާނު ޝަހީދުކޮށްލުމަށްޓަކައި ވިހައަޅާފައިވާ އިންޖެކްޝަނެއް ޖެހުމަށްފަހު ސަލާމަތްވެ ވަޑައިގަތުމަށް ފަހުގައެވެ.
މިއީ އިސްރާއިލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ އަމުރަށް ކޮށްފައިވާ ކަމެއްކަން ޖޯރޑްންގެ އޭރުގެ ރަސްގެފާނު ޙުސައިނަށް އެނގިވަޑައިގަތުމުން އެކަންކުރި މީހާ ދަންޖައްސާ މަރާނެކަމަށާއި އަދި އިސްރާއީލާއެކު ޖޯރޑްން އިން ވެފައިވާ އެއްބަސްވުން އުވާލައްވާނެކަމަށް އިންޒާރު ދެއްވިއެވެ. އިސްރާއީލުން އެމީހާ ޖޯރޑްންއާއި ޙަވާލުކުރިއެވެ. އަދި އިސްރާއީލުގެ ޖަލުގައި ބަންދުކޮށްފައިހުރި ޙަމާސްގެ އޭރުގެ ލީޑަރ ޝައިޚް އަހްމަދު ޔާސީން މިނިވަން ކުރިއެވެ. އެކަމަކު އޭގެ 7 އަހަރުފަހުން އެމަނިކުފާނަށްވެސް އިސްރާޢީލުން ޙަމަލާދީ ޝަހީދު ކޮށްލީއެވެ.
ޚާލިދު މަޝާލްއަކީވެސް ފަލަސްތީނުގެ ބިންތައް އިސްރާއީލުގެ ބާރުދަށުން މިނިވަންކުރަން ޖިހާދުކުރައްވާ ބޭފުޅުންގެ އެންމެ އިސް ސަފުގައި އަބަދުވެސް ހުންނަވާ ބޭފުޅެކެވެ.
One Response
ވ. ފުރިހަމަ ލިޔުމެއް.