ޔޫކްރެއިނަކީ ނޭޓޯގައި ބައިވެރިކުރާ ވަރަށްވުރެ މާ ކޮރަޕްޓް ގައުމެއް

Loading

Facebook
Twitter
WhatsApp

އެމެރިކާގެ ޚާރިޖިއްޔާގެ ވަރަށް އިސްބޭފުޅަކު ދަ ޓެލިގްރާފަށް ހާމަކޮށްދީފައިވާ ގޮތުގައި ޔޫކްރެއިނަކީ ނޭޓޯގެ މެމްބަރުކަންދޭ ވަރަށްވުރެން މާ ކޮރަޕްޓް ގައުމެއްކަން މިހާރު އޮންނާނީ ރައީސް ޒެލެންސްކީއަށް ދަންނަވާފައެވެ.

މިއީ ރައީސް ޒެލެންސްކީ ދެކިވަޑައިގަންނަވާ ގޮތުގައި ނޭޓޯއަށް ވަނުމަށް ހުޅަނގުގެ ގައުމުތަކުގެ ފައިގާހިފާ އާދޭސް ދަންނަވަމުން ގެންދަނިކޮށް އެމަނިކުފާނުގެ އިސްތަށިފުޅުގައި ކޮޅުފައިން އެތިފަހަރެއް ޖެހުން ކަހަލަ ކަމެކެވެ.      

ނޭޓޯގެ މެމްބަރުކަމަށް ތަސައްރުފު ފުދުމަށްޓަކައި ޔޫކްރެއިނުން ވަރަށްގިނަ ކަންތައްތައް އިސްލާޙް ކުރަން ޖެހޭނެއެވެ. ޖުލައި 9 ގައި ބޭއްވުނު ނޭޓޯގެ ވެރިންގެ ސަމިޓުގައި ރަސްމީގޮތުން ލިއުމުން ވަނީ ޔޫކްރެއިނަށް އަންގާފައެވެ.

އެމެރިކާގެ އޮފިޝަލް ދަ ޓެލިގްރާފަށް ކިޔާދީފައިވާ ގޮތުގައި ފާއިތުވެގެންމިދާ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ވަރަށް ގިނަ އިސްލާޙީ ފިޔަވަޅުތަކެއް ޔޫކްރެއިނުން އަޅާފައިވާކަން ފާހަގަކޮށް އެކަމަށް މަރުޙަބާ ކިޔަމެވެ. އެހެންނަމަވެސް ކޮރަޕްޝަނާއި ފަސާދަ ނައްތާލުމަށްޓަކައި ޔޫކުރެއިންގެ ވެރިރަށް ކީވުން ކުރަންހުރި ކަންތައްތައް އަދިވެސް ވަރަށް ގިނައެވެ. މިއީ ނޭޓޯއިން އެންމެ ބޮޑަށް އިސްކަންދޭ ކަންތައްވެސް މެއެވެ.                         

ޔޫކްރެއިންގެ ރައީސް ކަށަވަރު ކޮށްދެއްވަނީ ޔޫކްރެއިން-ރަޝިޔާގެ ހަނގުރާމަ ނިމެންވާއިރަށް ޔޫކްރެއިނުން ކޮރަޕްޝަން ނައްތާލައްވާނެ ކަމަށެވެ. އެމަނިކުފާނުގެ އެދުމަކީ މުސްތަގްބަލްގައި ޔޫކްރެއިނުން އެއްވެސް ހަނގުރާމައެއްގެ ތެރެއަށް ވަންނަން ނުޖެހޭނެ ވެއްޓެއް ޔޫކްރެއިންގައި ގާއިމް ކުރުމެވެ.                

ދަ ޓެލިގްރާފަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިނގިރޭސި ވިލާތާއި ޔޫރަޕްގެ ބައެއް ގައުމުތަކުން މަސައްކަތް ކުރަމުން މިހާރު ގެންދަނީ ޔޫކްރެއިންގެ ކޮރަޕްޝަނާއި ފަސާދައިގެ ވިހަ ނައްތާލުމަށް ޓަކައި އެގައުމުން ފަހަތުފަޔަށް ބުރަނުނެވެވޭނެ ޓައިމްޓޭބަލެއް އެކުލަވާލުމަށެވެ.

އޭގެތެރޭގައި މިލިޓްރީންގެ ތެރޭގައި އުފެދިގެން އުޅޭ ކޮރަޕްޝަނާއި ފަސާދަ ޚާއްސަގޮތެއްގައި ފާހަގަ ކުރުމަށް ވަނީ ނިންމާފައެވެ. ނަމަވެސް އެމެރިކާއިން ގެންދަނީ އެފަދަ ޓައިމްޓޭބަލެއް އެކުލަވާލުމަށް ހުރަސް އަޅަމުންނެވެ.

ޓައިމް މަޖައްލާއަށް ދެއްވި ބަސްދީގަތުމެއްގައިވެސް ރައީސް ބައިޑްން ވަނީ ޔޫކްރެއިނަށް ނޭޓޯގެ މެމްބަރުކަން ދިނުމާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ. އަދި ޔޫކްރެއިނަށް ނޭޓޯގެ މެމްބަރުކަން ދިނުމަށް އެމެރިކާއިން ރުހުން ނުދެއްވާނެކަމަށް ވަރަށް ސަރީޙަކޮށް ވަނީ ވިދާޅުވެފައެވެ.   

ޔޫކްރެއިންގައި އަތްނުފޯރާ ހިސާބަށް ގޮއްސާއޮތް ކޮރަޕްޝަންގެ މުގޫއޮތީ ދިފާއީ ބާރުތަކުގެ ތެރޭގައިކަން މިހާތަނަށް އޮތީ ފަޅާއަރާފައެވެ. ވަރަށް ގިނަ ދިފާއީ އަދި މިލިޓްރީ އިސްވެރިން ވަޒީފާއިން ވަކިކޮށް ގެއަށް ފޮނުވާލާފައިވާކަންވެސް މީޑިއާތަކުން ވަނީ ހާމަކޮށްފައެވެ.                                   

ޔޫކްރެއިންގައި ހުރި އިސްލާޙްކުރަންޖެހޭ ކަންތައް ތަކުގެ ލިސްޓަށް އެގައުމުން އަމަލުކުރަމުން ގެންދާގޮތް ނޭޓޯގެ ރާޑަރުން ބަލަމުން ގެންދާނެއެވެ. ރައީސް ޒެލެންސްކީވެސް ބައިވެރިވެ ވަޑައިގެންނެވި އެ މީޓިންގ ގައި އެމެރިކާގެ ބަހުރުވައިން ނޭޓޯއިން އެވަނީ ނޭޓޯގެ މަންޒިލަށް ދަތުރު ކުރެއްވުމަށްޓަކައި އެމަނިކުފާނަށް ދެފަރާތުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއި އެކު  ފިސާރި އަލިގަދަ ބައްތިތަކަކުން ދިއްލާފާއޮތް ވަގުތީ ފާލަމެއް އަޅާދީފައެވެ. ކައްސާލައިގެން ނުވެއްޓި މަންޒިލާހަމަޔަށް ދަތުރުކުރުމަކީ ރައީސް ޒެލެންސްކީގެ ޒިންމާއެކެވެ.                                                                 

ނޭޓޯގެ މެމްބަރުކަން ލިބިގަތުމަށްޓަކައި ކީވުން ކުރަންޖެހޭ ދަތުރު ފެންނަ ފެނުމުގައި ފަސޭހައެއް ނުވާނެއެވެ. އެހެންނަމަވެސް ރަޝިޔާ ބަލިކުރުމަށްޓަކައި ނޭޓޯގެ އެހީއާއި މަދަދު ޔޫކްރެއިނަށް މެދު ނުކެނޑި ލިބިލިބި ހުންނާނެއެވެ.

މިފަހަރުގެ ނޭޓޯ ސަމިޓަކީ އިނގިރޭސި ވިލާތުގެ މިހާރުގެ ބޮޑުވަޒީރު ސަރ ކޭރ ސްޓާމަރ މަގާމާ ޙަވާލުވެވަޑައި ގަތުމަށްފަހު އެންމެ ފުރަތަމަ ބައިވެރިވެ ވަޑައިގަންނަވާ ބައިނަލް އަގްވާމީ ސަމިޓެވެ. އިނގިރޭސި ވިލާތުގެ ޖީޑީޕީގެ 2.5% ދިފާއަށް ޚަރަދުކުރަން ކަނޑައެޅުމަށް ބާރުއަޅުއްވައި ލޯޑް ކެމަރޫން ދަ ޓެލިގްރާފަށް ލިޔުއްވާފައި ވެއެވެ.                   

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް