ތަރައްގީ އިންތިގާލީ - 2

Loading

Facebook
Twitter
WhatsApp

ތަރައްގީގެ މަގުގައި ކަޑައްތުކުރާ

އިންތިގާލީ މަރުޙަލާއާއި އެ މަރުޙަލާގެ ޗެލެންޖު!

ކުރީގެ ޢަދަދާއި ގުޅޭ..

http://sandhaanu.today/3637/

މި ނަންގަތް ފައިލަސޫފުން، ސިޔާސީ އެކިއެކި މައްސަލަތައް ނަންގަވައިގެން ބަހުސްކުރެއްވިއެވެ. ޝަރުއީ ހުކޫމަތް، މާނައަކީ ގާނޫނީ ސިފަ ލިބެގެންވާ ވެރިކަމަކީ، ކޮބައިކަމާއި، ވެރިކަން ކުރުން އެންމެ ހައްގުކަން ބޮޑީ ކާކުކަމާއި، މި މައްސަލަތަކާ ބެހޭ ގޮތުން އެބޭކަލުން ދެކިލައްވާ ގޮތުގެ ވާހަކަތައް އެބޭކަލުންގެ ލިޔުންތައް މެދުވެރިކޮށް އާންމުންގެ ކުރިމައްޗަށް ހުށަހަޅާލިއެވެ. އަދި އިންސާނާގެ ތަބީއީ ހާލަތަކީ ވަކި ގޮތަކަށް އިންތިޒާމުކުރެވިފައި ނުވާ ހާލަތެއްކަމާއި އަދި މިފަދަ ހާލަތެއްގައި، އެއަށް ބަދަލުނުގެނެވޭނޭ ހައްގުތަކެއް، އޭނާއަށް ލިބިގެންވާކަން ވެސް، ލޮކް ފަދަ ފައިލަސޫފުން ފާހަގަކުރެއްވިއެވެ. އަދި ހާކިމާއި މަހްކޫމާ ދެމެދު، އެބަހީ ވެރިޔާއާއި އެމީހުންގެ މައްޗަށް ވެރިކަން ހިންގޭ އާންމު ރައްޔިތުންނާ ދެމެދު، އޮންނަނީ އިޖުތިމާއީ އެއްބަސްވުމެއްކަން ވެސް ހޮބްއާއި ލޮކް ދެކިލެއްވިއެވެ. މި އެއްބަސްވުމުގެ މާނައަކީ މި ދެ ފަރާތުން ވެސް އަދާކުރަން ޖެހޭ ވާޖިބުތަކަކާއި އުފުލަން ޖެހޭ މަސްއޫލިއްޔަތްތަކެއް އޮތްކަމެވެ. އަދި މި ދެ ފަރާތަށް ވެސް ލިބިދޭންޖެހޭ ހައްގުތަކެއް ވެސް އޮންނަކަމެވެ. މިސާލަކަށް، ވެރިކަމުގެ މަސްއޫލިއްޔަތަކީ ހާކިމާގެ ކޮނޑުގައި އެޅިފައި އޮތްކަމެކެވެ. އެ މަސްއޫލިއްޔަތު އުފުލަންޖެހޭނީ އަދުލު އިންސާފުގެ މައްޗަށް ބިނާވާ ގާނޫނުތަކެއްގެ ދަށުންނެވެ. ގާނޫނުތަކަށް ތަބާވެ، ގައުމަށާއި ރައްޔިތުންނަށް ތެދުވެރިކަމާއި އަމާނަތްތެރިކަމާއެކު ގައުމުގެ ކަންތައްތައް ހިންގުން އޭނާގެ މައްޗަށް ވާޖިބުވެގެން ވެއެވެ. ގާނޫނުތަކަށް ތަބާވެ، އިޚުލާސްތެރިކަމާއެކު، ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން ވެރިކަމުގެ މަސްއޫލިއްޔަތު އަދާކުރުމުން، ރައްޔިތުންގެ ފަރާތުން އެއްބާރުލުން ލިބިދިނުމަކީ އޭނާއަށް ލިބިދޭން ޖެހޭ ހައްގެކެވެ. ގައުމުގެ މުއްސަނދިކަން، އަދުލުވެރި ގޮތެއްގައި ބެހި، އަސާސީ ބޭނުންތައް – ކެއުން ބުއިން، އުނުއޮރިޔާން ނިވާކުރުން ބޯހިޔާވެހިކަން ލިބުން – ފުދިދިޔުން، މިއީ ކޮންމެ މުވާތިނެއްގެ ވެސް ހައްގެކެވެ. ސަރުކާރެއްގެ އެންމެ އިސް ވާޖިބަކީ މި ބޭނުންތައް ފުއްދޭނޭ ފަދަ ގޮތެއްގައި ސަރުކާރުގެ ސިޔާސަތުތައް ކަނޑައަޅާލުމެވެ. ވަޒީފާތައް އުފައްދާނޭ ސިޔާސަތުތަކެއް ކަނޑައަޅައި، އާންމު ރައްޔިތުންނަށް މަސައްކަތްތައް ކުރުމުގެ މަގު ފަހިކޮށްދޭނޭ ފަދަ ސިޔާސަތުތަކެވެ. އަދި، މަސައަކަތްކޮށް، ދެންމެ މިނަންގަތް، އަސާސީ ބޭނުންތައް، އެމީހުން އަމިއްލައަށް، ފުއްދާލެވޭނޭ ފަދަ، އާމްދަނީއެއް ހޯދައިލެވޭނޭ ފަދަ ސިޔާސަތުތަކެއް ކަނޑައަޅާލުމެވެ. މިފަދަ ގޮތެއްގައި ކަންތައްތައް ކުރެވެމުންދާއިރު، ހާކިމާއަށް ކިޔަމަންގަނެ، އޭނާއަށް އެއްބާރުލުން ދިނުން ރައްޔިތުންގެ މައްޗަށް ވާޖިބުވެގެން ވެއެވެ. އާދެ، ހާކިމާއި މަހުކޫމާއި ދެމެދު އޮންނަނީ އިޖުތިމާއީ އެއްބަސްވުމެކޭ ބުނެ އިޝާރަތްކުރެވެނީ މިކަމަށެވެ.

ހަމަ މިފަދަ ޚިޔާލުތައް ވޯލްޓެޔަރ އާއި ރޫސޯވެސް ވެސް ފާޅުކުރެއްވިއެވެ. ވޯލްޓެޔާރ ގަބޫލުކުރެއްވި ގޮތުގައި، އާންމުންގެ ހޭލުންތެރިކަމެއް ނެތް ތަނެއްގައި އޮންނަ ’މުތުލަގު ޑިމޮކުރަސީ“ އަކުން އެއްވެސް ފައިދާއެއް ނުކުރާނެއެވެ. މާނައަކީ، ސިޔާސީ ހޭލުންތެރިކަމެއް ނެތް، ތިމާމެންގެ ވަލާއު (އެލީގިއަންސް، ތެދުވެރިކަމާއި ވަފާތެރިކަން) ގައުމަށް ނުދެވޭ، ކިއުމާއި ކިޔެވުމުގެ ސަގާފަތެއް ނެތް ބައެއްގެ ތެރޭގައި ހިންގާލެވޭ ޑިމޮކުރަސީގެ ނިޒާމެއްގައި ފައިދާއެއް ނެތެވެ. ވޯލްޓެއާރ ދެކެވަޑައިގެން ގޮތުގައި ވެރިކަން ކުރަން ޖެހޭނީ އިލްމީ ގާބިލުކަން ލިބިގެން ތިބި ބައެކެވެ. އަދި، އެމީހުންގެ ވެރިކަން ބިނާވެފައި އޮންނަން ޖެހޭނީ ހަމަހަމަކަމާއި މިނިވަންކަން ފަދަ ތަންވީރީ ފިކުރުގެ އުސޫލުތަކުގެ މައްޗަށެވެ.

މި ނަންގަތް ވާހަކަތަކުން ހެކި ލިބިގަންނަން މަސައްކަތްކުރަނީ، ފަރަންސޭސީ އިންގިލާބު އައުން މެދުވެރިވިއިރު، ފަރަންސޭސި މުޖުތަމައު އޮތީ ފިކުރީ ގޮތުން އެކަމަށް ތައްޔާރުވެގެން ކަމެވެ. މަތީގައި ނަންގަނެވި ދިޔަ އިންގިލާބުގެ އަގުތައް ކަމުގައި ބެލެވުނު އަގުތަކާއި އަދިވެސް ދެންމެ މިނަންގަތް ޚިޔާލުތަކާއި ފިކުރުތައް، ފަލްސަފާވެރި އިލްމީ މުފައްކިރުންގެ ލިޔުންތަކުގެ ސަބަބުން، މުޖުތަމައުގެ އަފުރާދުންގެ މެދުގައި ފެތުރި، ބަހުސްކުރެވި، އެފަދަ އަގުތަކާއި ފިކުރުތައް ބަލައިގަނެ، އެނގިތިބެ، ހިތުގެ އަނޑިން ގަބޫލުކުރެވިފައިވާތީއެވެ.

މީގެ އިތުރުން، އިންގިލާބުގެ ނަވުގެ ހުންގާނުގައި ހިފައިގެން ގައުމާއި ރައްޔިތުންނަށް ހެޔޮ މަގު ދައްކައިދޭން، މި ނަންގަތް ސިޔާސީ ތަންވީރީ ފިކުރުގެ، އިލްމުވެރި، ސިޔާސީ އެތައް ލީޑަރުންނެއް ތިއްބެވިއެވެ. އިމޭނުއަލް ޖޯސެފް ސިޔޭއާއި މެކްސިމިލިއަން ރޮބެސްޕިޔައާއި ކަމީޔް ޑެސްމުލިނާއި ޖޯޖެސް ޖާކް ޑެންޓަންއާއި ޖީން ޕޯލް މަރަޓް ފަދަ އެތައް އެތައް ލީޑަރުންނެވެ. އަދި މުއައްދަބު (ޑިސިޕްލިންޑް) ވަރުގަދަ ލަޝްކަރެއް ވެސް އޮތެވެ. އަދި، މިލަޝްކަރު އިތުރަށް ކުރިއަރުވައި ބާރުގަދަކުރުވަނިވި ސިޔާސަތުތައް އެކުލަވާލައި ކަނޑައަޅާލުމުގެ ގާބިލުކަން އިންގިލާބުގެ ލީޑަރުންގެ ކިބައިގައި ހުއްޓެވެ. އިންގިލާބުގެ ލީޑަރުންނަށް ކަންކަން ހައްލުނުކުރެވޭ ހިސާބަށް ދެވުމުން، މަދަނީ ވެރިކަމުގެ ތެރެއަށް އަސްކަރީން ގެނެވުނު އިރު، އަސްކަރީންގެ ތެރޭގައި ވެސް، މިނަންގަތް އަގުތަކާއި ތަންވީރީ ފިކުރީ ޚިޔާލުތައް ބަލައިގަނެވިފައި އޮތެވެ. އެހެންވެ، އަސްކަރީ އިސްތިބާދީ ވެރިކަމެއް ނެޕޯލިޔަންގެ ޒައާމަތުގެ ދަށުން ގާއިމުކުރެވުނު ކަމުގައި ވިޔަސސް ނެޕޯލިޔަން ވެސްވީ އިންގިލާބުގެ އަގުތަކާއި އަދި ގާނޫނުތަކާއި ގަވާއިދުތައް ދަމަހައްޓައި އެކަމަށް ހުރުމަތްތެރިކޮށް ހިތްތެވި ލީޑަރަކަށެވެ. މީގެ އެންމެ ބޮޑު ހެއްކަކީ، ނެޕޯލިޔަން ވިދާޅުވެފައިވާ ފަދައިން، އޭނާގެ ހަނދާންތައް އެންމެ ބޮޑަށް ދެމެހެއްޓީ އޭނާގެ އަސްކަރީ ގާބިލިއްޔަތުކަމެއް ނޫނެވެ. ’ނެޕޯލިޔަންގެ ކޯޑުގެ‘ ނަމުން ނަންދެވިފައިވާ އޭނާ އެކުލަވާލި ގާނޫނީ ހަމަތަކެވެ.

އަޅުގަނޑުމެންގެ ރާއްޖެ ވެސް މިއަދު، ކަޑައްތުކުރަމަން މިގެންދަނީ މަތީގައި ބަޔާންކުރެވި ދިޔަ ފަދަ އިންތިގާލީ މަރުހަލާއެކެވެ. ގައުމުތައް ތަރައްގީގެ މަގުގައި ދަތުރުކޮށް، އިހުގައި އޮތް މުސްތަބިއްދު ސިޔާސީ ނިޒާމަކުން އާ ސިޔާސީ-އިޖުތިމާއީ ނިޒާމަކާ ދިމާއަށް ދަތުރުކުރަމުން ދާއިރު، ކަޑައްތުކުރާ މަރުހަލާއެކެވެ. މި އިންތިގާލީ މަރުހަލާގައި އަޅުގަނޑުމެންނަށް ވެސް ކުރިމަތިވެފައިވާ ތަފާތު ޗެލެންޖުތައް، ގޮންޖެހުންތައް، އެބަ ހުއްޓެވެ. މީގެ ތެރޭގައި، މަތީގައި ބަޔާންކުރެވި ދިޔަ ފަރަންސޭސި އިންގިލާބަށް، ފަރަންސޭސި ވިލާތް ތައްޔާރުވެފައި އޮތް ގޮތަށް އަޅުގަނޑުމެން ތިބީ ތައްޔާރުވެފައި ނޫންކަން ފާހަގަކުރެވެއެވެ. އަޅުގަނޑުމެންގެ ތެރޭގައި އާންމު ގޮތެއްގައި ޒިހުނީ، ފިކުރީ، ހޭލުންތެރިކަމެއް ނެތްކަން ފާހަގަކުރަން ޖެހެއެވެ.

ޝައްކެއްނެތް ގޮތުގައި، އިހުގެ ސިޔާސީ އަދި އިޖުތިމާއީ ނިޒާމު އުވެން ދިމާވިއިރު، އާންމު ރައިއްޔަތް އޮތީ  ފިކުރީ ގޮތުން އާ ނިޒާމަކަށް ތައްޔާރުވެފައެކޭ ބުނެވޭކަށް ނެތެވެ. އިހުގައި އޮތް ވެރިކަމާ ދެކޮޅުވި އިރު، ދެކޮޅުވެރިވީ އެ ވެރިކަމުގެ ނިޒާމަކާ ނޫނެވެ. ދެކޮޅުވެރިވެ، އިދިކޮޅުވެވުނީ، ޒާތީ ސިފައެއްގައި އެ ވެރިކަމުގެ ވެރިޔާއާއެވެ. އޭނާގެ ވެރިކަން ތިރީސް އަހަރުގެ ދިގު މުއްދަތަކަށް ދެމިގެން ދިޔުމުގެ މައިގަނޑު ސަބަބުންނެވެ. އަދި، ގެންނަން ބޭނުންވާ ބަދަލުގެ ހުރިހާ ވެސް އަމާޒަކަށް ވެފައިއޮތީ ވެރިޔާ ވެރިކަމުން ދުރުކުރުމެވެ. އެހެންވެ، އޭނާގެ ވެރިކަމުގައި ނުވަތަ ކުރިންވެސް ވާރުތަވަމުން އައި ވެރިންގެ ވެރިކަމުގައި އޮތް ސިޔާސަތުތަކާ ދެކޮޅު ހަދައި، ތަރައްގީގެ އަމާޒަކީ ސީދާ ރައްޔިތުންކަން ދެކިގެން، އެމަގުގައި ފިޔަވަޅުއަޅަމުން ކުރިއަށްދާނޭ އާ ސިޔާސަތުތަކެއް ކަނޑައަޅައެއް ނުލެވެއެވެ. އަދި، އަލަށް ގާއިމުކުރެވޭ ވެރިކަން ބިނާވެފައި އޮންނާނޭ އާ ސިޔާސަތުތައް ކަނޑައަޅާލުމުގެ ބޭނުންތެރިކަމެއް އޮތް ކަމަކަށް ވެސް، އިހުގެ ވެރިކަން ބަދަލުކޮށްލަން މަސައްކަތްކުރުމުގައި އިސްވެ އުޅުނު މީހުން ވެސް އަދި، ޚުދް، އާންމު އަފުރާދުން ވެސް، ނުދެކެއެވެ. ހަމަ އެކަނި ސިޔާސީ ޕާޓީތަކެއް ހަދައި، ނަމުން ޑިމޮކުރަސީއޭ އާ ނިޒާމަށް ކިޔައި ވޯޓު ނެގުން ނޫން ކަމެއް ނުވެއެވެ. އާންމު ފަރުދުންގެ އިގުތިސާދީ ހާލަތަށް ހެޔޮ ގޮތުގައި އަސަރުކުރުވާނޭ ފަދަ ނިޒާމެއް ގާއިމުކުރެވޭ ތަނެއް ނުފެނުނެވެ. އެންމެންނަށް ގެދޮރު ލިބިދޭނޭ ނިޒާމެއް ގާއިމުކުރެވިދާނޭ ކަމުގެ އިމްކާނިއްޔަތު އޮތްއިރު ވެސް، އެންމެން ޝާމިލުވާ ގޮތެއްގައި އެކަމުގެ ހައްލު ހޯދުމުގެ ވާހަކައެއް ނުދެއްކެއެވެ. އަދިވެސް މައިގަނޑު ވާހަކައަކަށް ވެފައި އޮތީ، ހަމަ އިހުނޭ އެއްފަދައިން، ވެރިކަން އޮންނަން ޖެހޭނީ ވަކި ބަޔެއްގެ އަތްމަތީ ކަމުގައެވެ. އެއީ ވަކި މީހަކާއި ވަކި ޕާޓީއެއްގެ ހައްގެއް ކަމުގައެވެ. އަދި، ހުރިހާ ވެސް މައްސަލައަކީ ނިޒާމުގެ މައްސަލައެއްކަމުގައެވެ. ރިޔާސީ ނިޒާމަކުން ނޫނީ ބަރުލަމާނީ ނިޒާމަކުން ހުރިހާ ކަމެއް ހައްލުވެގެން ދާނޭ ވާހަކައެވެ. ހަލާކުވެ ރޫޅިފައިވާ އިމާރާތެއްގެ ބޭރު ފާރުތަކުގައި އާ ކުލައެއްލައި، އިމާރާތް އާވީ ކަމުގައި ހަދާލާފަދައިންނެވެ. ނަމަވެސް، ބުނަންޖެހެނީ މިކަން ގުޅެނީ ވަކި ނިޒާމަކާ ނޫންކަމެވެ. އަސާސީ ގޮތެއްގައި މިކަން ގުޅެނީ، އަޅުގަނޑުމެން ގަބޫލުކުރާ އަޅުގަނޑުމެންގެ އަމިއްލަ ޖަމާއީ އަގުތަކާއި މުސުލުތައް ކަނޑައަޅާލުމާއެވެ. އަދި، މި އަގުތަކާއި މުސުލުތަކުގެ މައްޗަށް ބިނާވާ ސިޔާސަތުތައް އެކަށައަޅާލައި އެ ސިޔާސަތުތަކަށް އަމަލީ ސިފަ ގެނައުމާއެވެ. އަޅުގަނޑުމެންގެ ސިޔާސީ ބިނާ، އަޅުގަޑުމެންގެ ޖަމާއަތުގެ އެންމެން ޝާމިލުވާނޭ ފަދަ ގޮތެއްގައި، އެންމެންގެ، އާދެ، ހުރިހާ ރަށެއްގެ ހުރިހާ ދިވެހި މުވާތިނުންގެ، ހެވާ ލާބައަށްޓަކައި، އިމާރަތްކުރާނޭ ޕުލޭނެއް ކުރަހާލުމާއެވެ. މިކަންކުރުން ގުޅެނީ ވަކި ސިޔާސީ ނިޒާމަކާ ނޫނެވެ. ކޮންމެ ސިޔާސީ ނިޒާމެއްގެ ދަށުން ވެސް މިކަން ކުރެވިދާނެއެވެ. ހުޅަނގު ގައުމުތަކުން މީގެ ހެކި ފެނެއެވެ. ރިޔާސީ ނިޒާމުގެ ދަށުންނާއި އަދި ބަރުލަމާނީ ނިޒާމުގެ ދަށުން ވެސް، ގައުމަށް އިގުތިސާދީ އަދި އިޖުތިމާއީ ކުރިއެރުން ގެނެސް، ފަގީރުކަމާއި މުހުތާދުކަމަށް ރަނގަޅު ހައްލު ގެންނަތަނެވެ. އެހެންވެ، މަތީގައި ނަންގަނެވުނު ފަދައިން، އަގުތަކާއި މުސުލުތަކާއި ސިޔާސަތުތައް ކަނޑައަޅާލައި، މިކަމަށް ރައްޔިތުން ހޭލުންތެރި ނުކޮށް، ހަމަ އެކަނި ވެރިޔަކު ވެރިކަމުން ދުރުކުރުމުގެ ނަތީޖާއަކީ، ވެރިކަން ބަދަލުވިޔަސް، ވެރިކަމުގެ ސަގާފަތު ދެމި އޮތުމެވެ. ވެރިކަމާ ގުޅޭ އިހުގެ މިސަގާފަތް ބަދަލުނުވެ އޮތުމުން، ދެން ފެނިގެންދަނީ ކަންކަން، ގޯހުން ގޯހަށް ބަދަލު ވެގެންދާ ތަނެވެ. ވައްކަމާއި ފަސާދައިގެ އަމަލުތައް ނުހުއްޓި، އިތުރުވެގެންދާ ތަނެވެ. ގާނޫނުތަކާއި ގަވާއިދުތަކަށް ބެލުމެއް ނެތި ވެރިޔާއަށް ފެންނަ ގޮތަކަށް ކަންތައް ކުރާ ތަނެވެ. ނުވަތަ އެފަދަ ގޮތެއްގައި ކަންތައްތައް ކުރެވޭ ގޮތަކަށް ގާނޫނުތަކާއި ގަވާއިދުތައް ބަދަލުކުރެވޭތަނެވެ. ގާނޫނުތަކާއި ގަވާއިދުތަކުން އެއްބަޔަކު އިސްތިސްނާކޮށް، އެންމެންގެ މައްޗަށް ހަމަހަމަ ސިފައެއްގައި އެކަން ހިންގާ ނުލެވޭ ތަނެވެ. އަދި، އާންމު ފަރުދުންގެ އަޚުލާގީ މިންގަނޑު އިހުނަށް ވުރެ ވެސް ދަށު ދަރަޖައަކަށް ވެއްޓިގެންދާ ތަނެވެ.

އަގުތަކާއި މުސުލުތަކެއްގެ މައްޗަށް ބިނާވާ ފަދަ ސިޔާސަތުތައް ކަނޑައަޅާލެވިފައި ނެތުމުގެ އިތުރުން، ގައުމުގެ މަސްލަހަތާއި ޖަމާއަތުގެ ފައިދާ އިސްކޮށްގެން ކަންތައްކުރާނޭ ތެދުވެރި، އިޚުލާސްތެރި އިލްމީ ގިނަ ލީޑަރުންތަކެއް ނެތުމަކީ ވެސް އާ ސިޔާސީ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތަށް ކުރިމަތިވެފައި އޮތް ޗެލެންޖެކެވެ. މިކަމުގެ ސަބަބުން، މި އިންތިގާލީ މަރުހަލާގައި އާ ހެޔޮ ނިޒާމަކާ ދިމާއަށް ގައުމުގެ ނައު ގެންދިޔުމުގެ ބަދަލުގައި، ކޮންމެ ސިޔާސީ ޕާޓީއަކަށް ވެސް މުހިއްމުވަނީ، ކޮންމެ ގޮތެއް ހަދާފައި ނަމަވެސް، އެ ޕާޓީއެއްގެ ވެރިކަން ދެމެހެއްޓުމެވެ. މިކަން ބިނާވަނީ، ޕާޓީގެ ސިޔާސާތުތަކުގެ މައްޗަށް ބަލައިގެންނެއް ނޫނެވެ. އެއް ޕާޓީ އަނެއް ޕާޓީ ގޯސްކުރުމުގެ މައްޗަށެވެ. އެއް ބަޔަކު އަނެއް ބަޔެއްގެ ބޮލުގައި ވައްކަމާއި ފަސާދައިގެ އަމަލުތައް އެޅުވުމުގެ މައްޗަށެވެ. މިފަދައިން ކަންތައް ކުރުމުން، އެކަން ކުރާ ކޮންމެ ބަޔަކު ވެސް، އެ ފަދަ އަމަލުތަކުން ބަރީއަކުރުވާ ކަހަލައެވެ. އަދި، ތަނުގައި އަށަގަންފައިވާ ފަސާދައާއި ސަގާފަތް ނެތިކޮށްލެވޭ ކަހަލައެވެ.

މިފަދަ ގޮތެއްގައި ޕާޓީތަކުގެ އަމަލުތައް ހުރުމުން، ޕާޓީތައް އެއްގަލަކަށް އަރާނޭ އެއްވެސް ގައުމީ އަސާސެއް ފެންނާކަށް ނެތެވެ. މިހެންވުމުން، ގައުމީ މައްސަލަތަކުގައި، އެއްބަޔަކު އަނެއްބަޔަކަށް އެއްވެސް އިތުބާރެއް ނުކުރެވެއެވެ. ޚުދް، ރައްޔިތުންނާއި އަދި، ގައުމީ ދިފާއީ ބާރުތައް ފަދަ ބައެއް ގައުމީ މުއައްސަސާތަކަށް ވެސް ޕާޓީތަކަށް އޮންނަނީ އިތުބާރު ނުކުރެވިފައެވެ. ތިމާމެންގެ ވެރިކަމަށް، އެފަރާތުން އަތުވެދާނެ ނުރައްކަލަކައްޓަކައެވެ. ނަތީޖާއަކީ، ތިމާމެންގެ ވެރިކަން ދެމެހެއްޓުމައްޓަކައި ބޭރުގެ ބާރުތައް ގައުމުގެ ދާޚިލީ މައްސަލަތަކަށް ވަނުމަށް މަގުފަހިކޮށްދިނުމެވެ. ނޫސްތަކުގައި މިފަދަ މައްސަލަތަކާ ބެހޭ ގޮތުން ލިޔެވޭ ލިޔުންތަކުގައި ބުނެފައިވާ ބުނުންތަކަށް ބަލާލާލުމުން، ޕާޓީގެ ތައައްސުބުގައި ޖެހިފައި ތިބި އާންމު ފަރުދުންވެސް، އެމީހުންގެ ޕާޓީގެ ވެރިކަން ނެތި ގޮސް، އެހެން ޕާޓީއެއް ވެރިކަމަށް އައުމަށް ވުރެ، ތަނުގެ ސިޔާދަތާއި އިސްތިގުލާލު ބޭރު ބައެއްގެ އަތް މައްޗަށް ދިޔުން ވެސް ރަނގަޅޭ ބުނާ މީސްމީހުން ފެންނަނީ މަދެއްކޮށް ނޫނެވެ. މިއީ ގައުމުގެ ކަންތައްތައް އިސްލާހުކުރަން ބޭނުންވާ ހޭލުންތެރި ރައްޔިތެއްގެ ގޮތް ހެއްޔެވެ؟ ޕާޓީގެ ތައައްސުބު، މިފަދަ ބޭސިއްހީ ދަރަޖައަކަށް ގޮސް، އަދި، ބޭރުގެ ބައެއް ބާރުތަކުގެ ވަކިތައް، މަޑުމަޑުން ނަމަވެސް، ތަނުގައި ހިއްޕާލެވޭ ގޮތަށް ކަންތައްތައް ކުރެވެމުންދާއިރު، ގައުމުގެ ސިޔާދަތާ މިނިވަންކަމަށް ބުރޫއަރާފާނެއޭ ހީވުމަކީ ވެސް މި އިންތިގާލީ މަރުހަލާގައި، އަޅުގަނޑުމެންނަށް ކުރިމަތިވެފައި އޮތް ހަގީގީ ވަރަށް ވެސް ބޮޑު ބިރެކެވެ. އާދެ، މިއިން ވެސް އަންގައިދެނީ ގައުމުގެ މަސްލަހަތާއި ޖަމާއަތުގެ ފައިދާ އިސްކޮށްގެން ކަންތައްކުރާނޭ ތެދުވެރި، އިޚުލާސްތެރި އިލްމީ ލީޑަރުންތަކެއް އަޅުގަނޑުމެންގެ ތެރޭގައި އަދި ނެތްކަމެވެ.

މިހުރިހާ ގޮންޖެހުންތަކާއި ބިރުތައް ހުރި ކަމުގައި ވިޔަސް، ހަގީގީ ކުރިއެރުމެއް ރައްޔިތުން އެދޭ ނަމަ، އަދި އެކަން ކުރަން އޮންނަ މަގުކޮށައި އެ މަގުގައި ހިނގަން ގަސްދުކުރާ ނަމަ، މިކަމަކީ، މާތްކަލާނގެ ވާގިފުޅާލައިގެން، ކުރެވިދާނޭ ކަމެކެވެ. މިކަން ފެށޭނީ، ކުރިންވެސް ތަކުރާރުކޮށް ބުނެ، އިޝާރަތްކުރި ފަދައިން، އާންމު އަފުރާދުން ހޭލުންތެރިވެގެންނެވެ. އަޅުގަނޑުމެންގެ ސިޔާދަތާއި މިނިވަންކަން ދަމަހައްޓައި، އަޅުގަނޑުމެންގެ އަމިއްލަ ނަފްސުގެ މައްޗަށް ފުރިހަމައަށް އިތުބާރުކޮށް، މިކަމަކީ އަޅުގަނޑުމެން އަމިއްލައަށް ކުރެވިދާނޭ ކަމެއްކަން ގަބޫލުކޮށް، އަޅުގަނޑުމެން ބޭނުންވާ އަގުތަކާއި މުސުލުތައް، އަޅުގަނޑުމެންގެ އަމިއްލަ ސަގާފަތުގެ ތެރެއިން ކަނޑައަޅާލެވިގެންނެވެ. އަދި، އެއަގުތަކާއި މުސުލުތަކުގެ މައްޗަށް އަޅުގަނޑުމެން އެދޭ އާ ހެޔޮ ނިޒާމުގެ ބިނާގެ ތަސައްވުރެއް، ހިއްސީ ސިފައެއްގައި، އެބަހީ އަޅުގަނޑުމެންގެ ހިއްސުތަކުން އޭގެ ހަގީގަތް ފެންނަ ސިފައެއްގައި ކުރަހާލައި، އެ ކުރެހުން ހަގީގަތަކަށް ހަދާލެވޭނެ ގޮތް ކަނޑައަޅާލެވިގެންނެވެ. މީގެ ތަފްސީލު، އިރާދަކުރެއްވިއްޔާ، މިސިލްސިލާގެ އެހެން ލިޔުންތަކުގައި ގެނެސްދެވޭތޯ މަސައްކަތްކުރާނަމެވެ. މިކަމަށް ޝައުގުވެރިވާ މީހުންގެ ސަމާލުކަމަށް މިވާހަކަ ގެނެސް އިތުރަށް ބަހުސްކުރުމުގެ ބޭނުމުގައެވެ.

Loading

2 Responses

  1. ގިނަ ދިވެހިންނަށް ތަރަށްގީ އަކީ ވޯޓު ވިއްކުމެވެ. ވީމޭ ކިތަންމެ ހެޔޮ ބުއްދިވެރި ވާހަކައެއް ޢިލްމީ ބޭފުޅަކު ނުވަތަ ވިސްނޭ ހަމަބުއްދީގައި ތިބޭ މީހުން ތެއްކިޔަކަށް އަޑުއަހާނެ މޫޑެއްނެތެވެ. ވަގުތެއްވެސް ނެތެވެ. އެއްޗެއްކިޔައި އުނގެނުމަށްވުރެ ސަޅިބައިސާގެ އަހުލުވެރިއަކު މަގުމަތީން ދިމާވެގެން ކަނޑާ ބައިސާ އަޑުއަހަން ވަގުވެއެވެ. މައްސަލައަކީ މިދެންނެވީއެވެ.

  2. ކޮންމެމީހެއްވެސް ދައްކަނީ ގައުމަށް އަދި އެމީހެއްގެ ދިރުއުޅުމަށް އިސްލާމްދީނުގެ ޢަގީދާގެ މަތިން ހެޔޮލަފާ ބަދަލެއްބޭނުންވާހަކައެވެ. ނަމަވެސް އެހެން ބުނެފާ އޭނާގެ ވޯޓު ކޮންމެވެސް ނާގާބިލު ލަނޑައަކަށް ވިއްކާލައެވެ. މިއި ހަމަ ޙަގީގަތެވެ. މިކަން ބަދަލުނުވާހާ ހިނދަކު ބާތިލުފެ އަހުލުވެރިން ގައުމަށާއި ތިމާތިމާގެ ދިރިއުޅުމަށް ބާރު ފޯރުވައި އަޅުވެތިކުރުވައި ދަރަނިވެރި ކުރުވާނެއެވެ. އަބަދުވެސް އަނެކުން ނުބައިމީހާ ކަމުގައި ދައްކަން ކުރާމަސައްކަތް އެންމެވެސް ހުއްޓުމަކަށް ގެނެސް ތިމާއަށެކުރެވިދާނެ ހެޔޮލަފާކަމެއްގައި ބިޒީވުމުން އިސާހިނދަކު ގައުމާއި ރައްޔަތުންނަށް ލާބަޔާއި މަންފާ ފެންނާނެއެވެ. ބަލަމާ؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް