ތަރައްގީ އިންތިގާލީ - 1

Loading

Facebook
Twitter
WhatsApp

ތަރައްގީގެ މަގުގައި ކަޑައްތުކުރާ

އިންތިގާލީ މަރުޙަލާއާއި އެ މަރުޙަލާގެ ޗެލެންޖުތައް.

ދިވެހިރާއްޖެ ކަޑައްތުކުރަމުން މިދަނީ ވަރަށް ވެސް ޚުތޫރަތްތެރި ދުވަސްތަކެކެވެ. ވަރަށް ވެސް ނުރައްކާތެރި، އަހައްމިއްޔަތުކަން ބޮޑު ދުވަސްތަކެކެވެ. އެއީ މިދުވަސްތަކަކީ ރާއްޖޭގެ މަސީރު ކަނޑައަޅާލާނޭ ދުވަސްވަރަކަށް ވާނެތީއެވެ. ރާއްޖޭގެ ކުރިމަގު އޮންނާނެ ގޮތަކާއި، އެ ގޮތުގައި އޮވެ، ރާއްޖެ ކުރިއަށް ފިޔަވަޅު އެޅުން ކަނޑައަޅާނޭ ދުވަސްތަކަކަށް ވާނެތީއެވެ. ޝައްކެއްނެތް ގޮތުގައި، ރާއްޖޭގެ މަސީރު ކަނޑައަޅާލުމުގެ ބާރާއި އިޚްތިޔާރަކީ ދިވެހި މުވާތިނުންގެ، ދިވެހި ރައްޔިތުންގެ، ހައްގެކެވެ.

މިއީ، ޝައްކެއްނެތް ގޮތުގައި، ވަރަށް ވެސް ބޮޑު މަސްއޫލިއްޔަތެކެވެ. މި މަސްއޫލިއްޔަތު އެންމެ އެކަށީގެންވާ ގޮތުގައި އަދާކުރެވޭނީ އެންމެންވެސް ހޭލުންތެރި ވެގެންނެވެ. ޒިހުނީ ގޮތުންނެވެ. ވިސްނުމާއި ފިކުރުކުރުމުގެ ގޮތުންނެވެ. މިހޭލުންތެރިކަން ލިބިގަނެވޭނީ ކިޔައި، ކިޔަވައި އުނގެނުމުގެ މަސައްކަތް ކުރެވިގެންނެވެ. ތިމާގެ ވަށައިގެން ހިނގަމުންދާ މައްސަލަތައް ރަނގަޅަށް ސާފުވެދިޔުމައްޓަކައެވެ. އަޅުގަނޑުމެން ކަޑައްތުކުރަމުން މިދާ މަރުހަލާއަކީ ކޮބައިކަން ދެނެގަތުމައްޓަކައެވެ. އަޅުގަނޑުމެންގެ ރާއްޖޭގައި މިހާރު އޮތް ސިޔާސީ ނިޒާމާއި ސިޔާސީ ސަގާފަތް، އިހުނާ އަޅާބަލާއިރު، ތަފާތުވާ ނަމަ، ތަފާތުވަނީ ކިހިނެއް ކޮންގޮތަކުންކަމާއި އަދި މުސްތަގުބަލުގައި، ކުރިމަގުގައި، ހިނގަން، އަޅުގަނޑުމެން ޚިޔާރުކުރަން ބޭނުންވަނީ ކޮންކަހަލަ މަގެއްގައިކަން ވެސް، އެނގިތިބެ، ކަނޑައަޅާލުމައްޓަކައެވެ.

ކުރިން ވެސް ބުނިހެން، މިހޭލުންތެރިކަން ލިބިގަތުމައްޓަކައި ކިޔުމާއި އެނގުން ވަރަސް ވެސް މުހިއްމެވެ. އެހެން އެއްވެސް މަސްލަހަތެއް އިސްނުކޮށް، ސީދާ ގައުމީ މަސްލަހަތު އިސްކޮށްގެން، އަމިއްލަ އަތުން، ޖަމާއީ ސިފައެއްގައި، އަޅުގަނޑުމެން ބޭނުންވާ ގޮތަކަށް، އަޅުގަނޑުމެންގެ ކުރިމަގުގެ މަސީރު، ކުރިއަށް ހިނގަން ބޭނުންވާ މަގު، ކަނޑައަޅާލުމައްޓަކައެވެ. މިކަން މިހެން ނުކުރެވިއްޖެ ނަމަ، އާދެ، ދެންމެ މިބުނި ގޮތުގެ މަތިން ޖަމާއީ ސިފައެއްގައި، ޖަމާއަތުގެ އެންމެން ބައިވެރިވެގެން، އަޅުގަނޑުމެންގެ މަސީރު ކަނޑައަޅާ ނުލެވިއްޖެ ނަމަ، އަޅުގަނޑުމެންގެ މަސީރު އަޅުގަނޑުމެންނަށް ކަނޑައަޅާލާނީ، އެހެން ބަޔެކެވެ. އެގޮތަކީ ކުރިމަގުގައި، އަޅުގަނޑުމެންނަށް ގެއްލުންހުރި، އަޅުގަނޑުމެންގެ ރާއްޖޭގެ ގައުމީ ސިޔާދަތަށާއި އަޅުގަނޑުމެންގެ އަމިއްލަ ފަރުދީ މިނިވަންކަމަށް ބުރޫއަރާ ފަދަ ގޮތަކަށް ވެސް ވެދާނެއެވެ. އަޅުގަނޑުމެންގެ މަސީރު ކަނޑައެޅުމުގެ ބާރާއި އިޚުތިޔާރު މިވަގުތު އަޅުގަނޑުމެންގެ އަތްމަތީ އޮތްހެން ހީވާތީ، މިވާހަކަތައް ހުށަހަޅާލަން ގަސްދުކުރަމެވެ. މައްސަލައާ މެދު ހޭލުންތެރިވެ، ގައުމީ މަސްލަހަތު އިސްކޮށްގެން، ޖަމާއީ ސިފައެއްގައި، އެންމެންވެސް ބައިވެރިވެގެން، އަޅުގަނޑުމެންގެ ކުރިމަގު އަޅުގަނޑުމެން އަމިއްލައަށް، ކަނޑައަޅާލުމުގެ ގާބިލުކަން ލިބިގަތުމަށްޓަކައެވެ. މިކަން ކަނޑައެޅުމާއިގެން ކުރިއަށްދާން ގަސްދުކުރާއިރު، ހަނދާންކޮށްލަން ޖެހޭނެ ކަމަށް ފެންނަ ބައެއް މުހިއްމު ކަންކަން، މި ސިލްސިލާގައި ހުށަހަޅާލަން ގަސްދުކުރަމެވެ.

އިންތިގާލީ މަރުހަލާއެއް

އަޅުގަނޑުމެންގެ ރާއްޖެ މިއަދު ކަޑައްތުކުރަމުން މިދާ ދުވަސްތައް ސިފަކުރެވެނީ ’އިންތިގާލީ މަރުހަލާއެއްގެ‘ ގޮތުގައެވެ. އިހުގައި ރާއްޖޭގައި އޮތް ސިޔާސީ ނިޒާމު ނެތެމުން ގޮސް، އޭގެ ބަދަލުގައި އާ ނިޒާމެއް ގާއިމުވެދިޔުމާ ދިމާއަށް ދަތުރުކުރަމުންދާއިރު، ހުރަސްކުރާ ދެމެދުގެ ދުވަސްވަރެއްގެ ގޮތުގައެވެ. ދެމެދުގެ ދުވަސްވަރެކޭ މިނަންގަތީ، އިހުގައި އޮތް ނިޒާމު، ސީދާ ކުރިން އޮތް ސިފައިގައި ނެތް ކަމުގައި ވިޔަސް، އެ ނިޒާމުގެ ބައެއް ސިފަތައް، އަދި ވެސް މުޅިން ނުފިލައި އޮތުމުން، މުޅިން އާ ނިޒާމެއް، އަދި، ގާއިމުކުރެވިފައި ނެތީމައެވެ. އާދެ، އިހުގައި އޮތް އެކެއްގެ ބާރުގެ ދަށުގައި އޮތް އިސްތިބްދާދީ ނިޒާމެއް ނެތެވެ. އަޅުގަނޑުމެން މިދަނީ އެނޫން، ހެޔޮ ނިޒާމަކާ ދިމާއަށް ދަތުރުކުރަމުންނެވެ. އިހުގައި އޮތް ވަކި މީހެއްގެ އިސްތިބްދާދީ ސިޔާސަތުގެ ސަގާފަތުގެ ބަދަލުގައި އެންމެން ބައިވެރިވާ، ފިކުރާ ޚިޔާލަށް އަހައްމިއްޔަތުކަން ދެވޭ މިނިވަން ސިޔާސީ ސަގާފަތެއް އަދި ގާއިމު ކުރެވިފައި ނެތަސް، އަޅުގަނޑުމެން ދަތުރުކުރަމުން މިދަނީ އެ ފަދަ ސަގާފަތެއް އުފައްދައި އަދި އޭގެ މައްޗަށް ބިނާވާ ހެޔޮ ސިޔާސީ ނިޒާމެއް ގާއިމުކުރުމާ ދިމާއަށެވެ. މިކަމުގެ އިތުރު ތަފްސީލަށް ދިޔުމުގެ ކުރިން، އިންގިލާބީ ބަދަލަކާ ދިމާއަށް ދަތުރުކުރަމުންދާއިރު، މިފަދަ އިންތިގާލީ މަރުހަލާއެއް ކަޑައްތުކުރުމަކީ ތަބީއީ ކަމެއްކަން ބަޔާންކޮށްދިނުމައްޓަކައި ތާރީޚީ ވާހަކަ ކޮޅެއް ލިޔެލާނަމެވެ.

ތާރީޚުން މިސާލެއް

ތަރައްގީގެ މަގުގައި ފިޔަވަޅުއަޅައި ގައުމުތައް ކުރިއަށް ހިނގަމުންދާއިރު، މިފަދަ އިންތިގާލީ މަރުހަލާތައް ކަޑައްތުކުރުމަކީ އާ ކަމެއް ނޫނެވެ. މީގެ އަލިގަދަ ހެއްކެއް، މިޒަމާނުގެ ޔޫރަޕްގެ ތާރީޚުން ފެނިގެންދެއެވެ. މިއަދު ހުޅަނގަށް – (މިތާނގައި، ހުޅަނގޭ ބުނެ އިޝާރަތްކުރެވެނީ ހުޅަނގު ޔޫރަޕާއި، ޔޫ.އެސް، އޮސްޓުރޭލިޔާ އަދި ނިޔޫޒީލަންޑު ފަދަ ގައުމުތަކަށެވެ) – ބަލާލާއިރު ޑިމޮކުރަސީގެ މައްޗަށް ތައުސީސުކުރެވި، ހަމަޖެހިފައިވާ ސިޔާސީ މިނިވަން ނިޒާމެއް ހުޅަނގުގައި ގާއިމުކުރެވިފައިވާ ތަން ފެނެއެވެ. މި ސިޔާސީ ނިޒާމުގެ އަސްލު އުސޫލުތައް ގުޅެނީ ފަރަންސޭސި އިންގިލާބާއެވެ. މިއިންގިލާބު އޭގެ މައްޗަށް ބިނާވި މައިގަނޑު އަގުތަކާއެވެ.

ފަރަންސޭސި އިންގިލާބު ބިނާވީ މައިގަނޑު ތިން އަގެއްގެ މައްޗަށެވެ. އެއީ ’މިނިވަންކަން‘ ’ހަމަހަމަކަން’، ’އެއްބަނޑު އެއްބަފާކަން’، މިތިން އަގުގެ މައްޗަށެވެ. މިތިން އަގު ކޮމާ ކޯޅިއެއްގެ ތެރޭގައި ލިޔެވިފައިވަނީ އޭގައި ކަނޑައެޅިގެން ވަކި ޚާއްސަ މާނައެއް އޮތީމައެވެ. އެމާނައިގެ މައްޗަށް ފަހުން އަލިއަޅުވާލެވޭނެއެވެ. އަޅުގަނޑުމެންގެ އިންތިގާލީ މަރުހަލާގެ ވާހަކަތައް ދެއްކުމުގެ ކުރިން، އެ ވާހަކަތައް ވިސްނިދިޔުމައްޓަކައި، ފަރަންސޭސި އިންގިލާބުގެ މައްޗަށް ޚުލާސާ ގޮތެއްގައި، ބަލާލާނަމެވެ.

ފަރަންސޭސި އިންގިލާބުގެ ފެށުން ކަމުގައި ކަނޑައަޅާލެވޭ ތާރީޚަކީ 1789ވަނަ އަހަރެވެ. ހަލަބޮލި އަހަރުތަކެއް، ވޭތުކުރުމަށް ފަހު، އިންގިލާބުގެ ހަރަކާތްތަކަށް ނިމުން އައީ 1799ވަނަ އަހަރު ނެޕޯލިޔަން ބޮނަޕާޓުގެ އިސްތިބްދާދީ ވެރިކަން ގާއިމުކުރެވިގެންނެވެ. މިއީ އިސްތިބްދާދީ ވެރިކަމެއް ކަމުގައި ވިޔަސް، މިނިވަންކަން ފިޔަވައި، ފަރަންސޭސި އިންގިލާބުގެ އަގުތައް، ޖުމްލަ ގޮތެއްގައި، މި ވެރިކަމުގެ ދުވަސް ވަރު ވެސް ދެމެހެއްޓުނެވެ. މިނިވަންކަމަށް، ކޮންމެވެސް ވަރަކަށް، ހުރަސް އެޅުނެވެ. ދީނީ މިނިވަންކަން ކޮންމެވެސް ސިފައެއްގައި އޮތް ކަމަށް ވިޔަސް، ނޫސްތަކުގައްޔާއި ފޮތްފޮތުގައި، ނެޕޯލިޔަންގެ ސިޔާސަތާ ފުށުއަރާފާނޭ މިނިވަން ޚިޔާލުތައް ފާޅު ނުކުރެވޭ ގޮތް ހެދުނެވެ. އެކަން ކުރެވުނީ، އަޅުގަނޑުމެން ރާއްޖޭގައި ވެސް، 90ގެ އަހަރުތަކުގެ ތެރޭގައި، ސަރުކާރުގެ ސިޔާސަތާ އިދިކޮޅު ލިޔުމެއް ޝާއިއުކުރެވިއްޖެ ނަމަ، އެލިޔުމަކީ، އޭގެ ކުރިންވެސް އެފަދަ ލިޔުންތަކާ މެދު ބެލުނު ފަދައިން، ފިތުނަ އުފެއްދުމުގެ ލިޔުމެއް ކަމަށް ބަލައި، އަދި މީގެ އިތުރުން، އެފަދަ ލިޔުމެއް ލިޔުނު މީހާއާއި އެ ލިޔުން ޗާޕުކޮށް ޝާއިކުރާ ފަރާތްވެސް ކުށްވެރިވާ ގޮތަށް ގާނޫނުތަކާއި ގަވާއިދުތައް ހެދުނު ފަދައިންނެވެ. އާދެ، ނެޕޯލިޔަންގެ ސިޔާސަތާ ޚިލާފު ވާހަކަތައް ނޫސްތަކާއި ފޮތް ޝާއިކުރާ ދާރުތަކަށް (ޕަބްލިޝިން ހައުސަސްތަކަށް) މަނާކުރާ ގޮތް ހަދައިގެންނެވެ. ކޮންމެ އަކަސް ފަރަންސޭސި އިންގިލާބު މެދުވެރިކޮށް، އެ ނިޒާމަކާ ހަމައަށް ދަތުރުކުރުމަށް މަސައްކަތްކުރެވުނު ނިޒާމު ގާއިމުކުރެވުނީ 1815ވަނަ އަހަރު ނެޕޯލިޔަން ވެއްޓިދިޔުމަށް ފަހު، ދެން އައި ދުވަސްތަކުގެ ތެރޭގައެވެ. މީގެ މާނައަކީ ފަރަންސޭސި އިންގިލާބުގެ ކުރީގައި އޮތް ނިޒާމު ބަދަލުވެ، އިންގިލާބީ ފިކުރު ތައާރަފުކުރުވި އަގުތަކަށް އަމަލީ ސިފަ ގެނެވި، އޭގެ މައްޗަށް ބިނާވި ސިޔާސީ އަދި އިޖުތިމާއީ ނިޒާމު ގާއިމުވާން މަދުވެގެން ވިއްސަކަށް އަހަރު ނެގިކަމެވެ. މި ވިއްސަކަށް އަހަރު ވެގެން ދިޔައީ ކުރީގެ މުސްކުޅި ނިޒާމާއި ފަހުން ގާއިމުކުރެވިގެން ދިޔަ އާ ނިޒާމާ ދެމެދުގައި އައި އިންތިގާލީ އަހަރުތަކަކަށެވެ.

އިންގިލާބީ ބޮޑު، ހެޔޮ ބަދަލެއް، ކާމިޔާބީއާއެކީ، ގެނެވެނީ، އަގުތަކަކާއި މުސުލުތަކެއްގެ (އައިޑިއަލްސްގެ) މައްޗަށް، އެ ގެންނަން އުޅޭ ބަދަލު ބިނާވެގެންނެވެ. ފަރަންސޭސި އިންގިލާބު ބިނާވީ، ކުރިން ވެސް ނަންގަނެވި ދިޔަފަދައިން، މިނިވަންކަމާއި ހަމަހަމަކަމާއި އެއްބަނޑުއެއްބަފާކަން، މި އަގުތަކުގެ މައްޗަށެވެ. މުސުލަކީ އެ އަމާޒުފަތްގަނޑާ ހަމައަށް ވާސިލުވާން ބޭނުންވާ އަމާޒުފަތްގަނޑެވެ. އެހެން އިބާރަތަކުން ބުނާ ނަމަ، މިނަންގަތް ފަދަ އަގުތަކުގެ މަތީގައި ތިބެ، ހަގީގަތަކަށް ހަދާލަން ބޭނުންވާ، އެންމެނަށް ވެސް ހަމަޖެހިގެން ދިރިއުޅެވޭނެ ފަދަ ދިރިއުޅުމެއް ހޯދައިދޭނޭ ނިޒާމެކެވެ.

ދެން، ކުރު ގޮތަކަށް ނަމަވެސް، ފަރަންސޭސި އިންގިލާބުގެ އަގުތަކުގެ މައްޗަށް އަވަސް ކަޅިއެއް އެއްލާނަމެވެ. އެ އަގުތަކުގެ ހިއްސީ މާނައެއް ލިބިދިނުމައްޓަކައެވެ. މައުނަވީ މަފްހޫމެއްގެ މާނަ، ހިއްސީ މަފްހޫމަކާ ގުޅުވާލުމުން އިތުރަށް ސާފުވާނެތީއެވެ. ’ބޮޑޭ‘ ބުނުމުން އޭގެ މާނަ މުޅިން ސާފު ނުވިޔަސް، އެވަރެސްޓު ފަރުބަދަހާ ބޮޑޭ ބުނުމުން، ބޮޑުކަމުގެ މިނުގެ ތަސައްވުރެއް ހިތަށް ނެގި ’ބޮޑުކަން‘ ހިއްސީ ގޮތެއްގައި ސާފުވާފަދައިންނެވެ. މީގެ އިތުރުން، އަޅުގަނޑުމެން ވެސް އަޅުގަނޑުމެން ގަބޫލުކުރާ އަގުތަކެއްގެ މާނަ ކަނޑައަޅާލަން ފަސޭހަވެ ދިޔުމައްޓަކައި ވެސް މެއެވެ.

ފަރަންސޭސި އިންގިލާބުގެ އަގުތަކުގެ މައްޗަށް ބަލާލާއިރު އެންމެ ފުރަތަމަ އޮތީ މިނިވަންކަމެވެ. ފަރަންސޭސި އިންގިލާބުގެ ސިޔާގަށް، (ކޮންޓެކްސްޓްއަށް) ބަލާލާއިރު، މި މިނިވަންކަން ދެތިންކަމަކާ ގުޅެއެވެ. އެންމެ ފުރަތަމަ، ވެރިކަމުގެ ބާރުތައް ހިންގާނޭ ވެރިން ހޮވުމުގެ މިނިވަންކަމެވެ. މިކަން އެންމެ ފުރަތަމަ އޮތީ އެހާ މިނިވަން ސިފައެއްގައެއް ނޫނެވެ. މި ހައްގު އެންމެ ފުރަތަމަ ގުޅިފައި އޮތީ މީހާގެ އުމުރާއި، އޭނާގެ ޖިންސާއި އަދި ދައުލަތަށް އޭނާ ވާރު ނުވަތަ ޓެކުސްގެ ގޮތުގައި ދައްކާ ފައިސާއާއެވެ. އެންމެ ފުރަތަމައިން، މި ހައްގު ލިބިދީފައި އޮތީ ވަކި އަދަދަކަށް، ޓެކުސްގެ ގޮތުގައި ފައިސާ ދައްކާ ފިރިހެނުންނަށެވެ. ފަހުން މިކަމަށް އިސްލާހުތަކެއް ގެނެވުނެވެ. މިނިވަންކަމުގެ އަގު ދެން ގުޅެނީ، ޚިޔާލުފާޅުކުރުމާއެވެ. މިކަން އެންމެނަށް ވެސް ލިބިފައި އޮތެވެ. ކުރިން ބަޔާންކުރެވިދިޔަ ފަދައިން، ނެޕޯލިޔަންގެ އިސްތިބްދާދި ދުވަސްވަރު ފިޔަވައެވެ. މިނިވަންކަމުގެ އަގު ތިންވަނައަށް ގުޅެނީ ދީނާއެވެ. އެދުވަސްވަރުގައި ދީނީ މިނިވަންކަން ގުޅިފައި އޮތީ މިހާރު އެކަން މާނަކުރެވޭ ގޮތަކަށް ނޫނެވެ. އެމީހަކު ބޭނުންވާ ދީނެއް ޚިޔާރުކުރުން ނުވަތަ އެއްވެސް ދީނެއް ޚިޔާރުނުކުރުން، މިމާނައިގައެއް ވެސް ނޫނެވެ. ކެތަލިކުންނާއި ޕުރޮޓެސްޓުންނާއި ޔަހޫދީން، އެމީހުންގެ ދީން ނުވަތަ ދީނީމަޒުހަބު ޚިޔާރުކުރުމުގެ މިނިވަންކަން ލިބިދިނުމުގެ މާނައިގައެވެ. ފަރަންސޭސީ ވިލާތުގައި، އެދުވަސްވަރު، ކެތަލިކު މަޒުހަބުގެ ބޮޑު އަޣުލަބިއްޔަތެއް އޮތެވެ. އެހެންވުމުން، އެދުވަސްވަރުގެ ހާލަތަށް ބަލާއިރު، މި މިނިވަންކަން ބެލެވުނީ ލިބުނު ވަރަށް ބޮޑު ކުރިއެރުމަކަށެވެ. މި މިނިވަންކަން އޮތްކަމުގައި ވިޔަސް، ނެޕޯލިޔަންގެ ވެރިކަމުގައި، އެކުލަވާލެވުނު ފަރަންސޭސިވިލާތުގެ ގާނޫނު އަސާސީގައި ފަރަންސޭސީންގެ އަޣުލަބިއްޔަތަކީ ކެތަލިކު މަޒުހަބުގެ މީހުން ކަމުގައި ލިޔެވުނެވެ. ތަނުގެ ބޮޑުބައެއްގެ އެދުމާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މިކަންކަމުގެ އިތުރުން، ދީނީ މިނިވަންކަމުގެ ތެރޭގައި، ފަރަންސޭސިވިލާތަކީ ޕޯޕުގެ ނުފޫޒުން މިނިވަންވެ، އޭނަގެ ބާރުގެ ދާއިރާއިން ބޭރުގައިވާ ތަނެއްކަމާއި އެތަނުގެ ދީނީ ކަންތައްތައް ނިންމާނީ ސީދާ ފަރަންސޭސި ދައުލަތަކުގެ ފަރާތުންކަން ވެސް ހަމަޖެހިގެން ދިޔައެވެ. މާނައަކީ ކަނީސާގެ މުއައްސަސާއަކުން، އެއީ ފަރަންސޭސި ކަނީސާގެ މުއައްސަސާކަމުގައި ވިޔަސް، ފަރަންސޭސި ދައުލަތުގެ މައްޗަކަށް، އެއްވެސް ބާރެއް ނުފޯރުވޭނެއެވެ. މީގެ މާނައަކީ، ކަނީސާގެ މަގާމުތަކަށް ދީނީ އިމާމުން އައްޔަނުކުރާނީ ދައުލަތުންކަމާއި އަދި އެމީހުންގެ މުސާރަ ވެސް ހަމަޖައްސާނީ ދައުލަތުގެ ފަރާތުން ކަމެވެ. މީހުންގެ އަތުން، އެއްވެސް ބާވަތެއްގެ ވާރެއް، ޓެކުސްއެއް، ނެގުމާއި އަދި ތައުލީމީ ކަންތައް ހިންގުމުގެ އެއްވެސް ބާރެއް ކަނީސާއަކަށް ލިބިގެން ނުވެއެވެ. މިހުރިހާ ބާރަކާއި އިޚުތިޔާރެއްގެ ހައްގުވެރި ފަރާތަކީ ދައުލަތެވެ.

ފަރަންސޭސި އިންގިލާބުގެ އަނެއް އަގު ކަމަށްވާ ހަމަހަމަކަމުގެ މައްޗަށް ބަލައިލަމާ ހެއްޔެވެ؟ މި ހަމަހަމަކަން ވެސް ދެތިން ކަމަކާ ގުޅެއެވެ. އެންމެ ފުރަތަމަ މިކަން ގުޅެނީ ފަރަންސޭސި އިންގިލާބުގެ ކުރިން، ފަރަންސޭސި މުޖުތަމައުގައި އޮތް ގިންތިތައް އުވާލުމާއެވެ. އިންގިލާބުގެ ކުރިން، ފަރަންސޭސި މުޖުތަމައުގައި ރަސްމީ ތިން ގިންތިއެއް އޮތެވެ. އެސްޓޭޓުގެ ނަމުން ނަންދެވިފައިވާ ތިން ގިންތިއެވެ. ފުރަތަމަ އެސްޓޭޓުގެ ގިންތިއާއި ދެވަނަ އެސްޓޭޓުގެ ގިންތިއާއި ތިންވަނަ އެސްޓޭޓުގެ ގިންތިއެވެ. ފުރަތަމަ އެސްޓޭޓުގައި ހިމެނެނީ ދީނީ ’އިމާމުވެރި‘ (މަގުދައްކާ) ބޭކަލުންނެވެ. ދެން، ’މާތް ނަބީލުންނެވެ‘. އާދެ، ’ބޭފުޅުންނެވެ.‘ ރަސްގެފާނު ފިޔަވައި، ރަސްދަރިކޮޅުގެ މީހުންނާއި އަސްކަރީ އިސް ސަފުތަކުގައި ހިމެނޭ ބޭކަލުންނެވެ. ރަސްގެފާނު ހިމެނިވަޑައިގަންނަވީ މި ހުރިހާ ގިންތިއެއްގެ ވެސް މަތީގައެވެ. އެހެން މީހުންގެ އަތް ނުފޯރާ ފަށުގައި ހުންނަ، އިލާހުވަންތަ ފަރާތް ރަމްޒުކޮށްދޭ، މުގަދައްސު ފަރާތެއްގެ ގޮތުގައެވެ. ދެން، ތިންވަނަ ގިންތީގައި އެހެން ހުރިހާ އާންމު އަފުރާދުން ހިމެނި ޝާމިލުކޮށްލެވެއެވެ. މީގެ ތެރޭގައި ވިޔަފާރިވެރިންނާއި، އިލްމުވެރި ބޭކަލުންނާއި ޑޮކްޓަރުންނާއި މުދައްރިސުންނެވެ. މަސައްކަތްތެރިންނާއި މަސައްކަތު މީހުންނާއި ގެރިބަކަރި ގެންގުޅޭ މީހުންނާއި ދަނޑުވެރިންނެވެ. ހަމަހަމަކަން ނިޔާކުރާ ގޮތުން، މި ގިންތިތައް އުވާލައި، މަތީ ދެ ގިންތިއަށް ލިބިފައި އޮތް ޚާއްސަ އިމްތިޔާޒުތައް ވެސް އުވާލެވުނެވެ. ޓެކުސް ދައްކަން ނުޖެހުމާއި ބައެއްކަހަލަ މަސައްކަތްތައް ކުރުމުން އިސްތިސްނާކުރެވިފައި އޮންނަ އޮތުން ފަދަ އިމްތިޔާޒުތަކެވެ. މީގެ އިތުރުން، ގާޒީކަމާއި ދައުލަތުގެ ބައެއް އިސް އިދާރީ ވަޒީފާތައް މަތީ ގިންތިތަކަށް ޚާއްސަވެފައި އޮންނަ އޮތުމުގެ އިމްތިޔާޒު ވެސް އުވާލައި ނެތިކޮށްލެވުނެވެ. މިކަންކަން އުވާލައި، ގާނޫނުތަކުގެ ކުރިމަތީގައި އެންމެން ވެސް އެއްވަރުވެ، ހަމަހަމަވުމާއި އެންމެނަށް ވެސް ޓެކުސް ދައްކަން ޖެހޭ ގޮތް ހެދުމާއި މީހަކު ނިސްބަތްވާ ގިންތިއަކަށް، އާއިލާއަކަށް ބެލުމެއް ނެތި، ހަމައެކަނި އެމީހެއްގެ އިލްމުވެރިކަމާއި ހުނަރާއި ގާބިލުކަމުގެ މައްޗަށް ބަލައި ވަޒީފާތައް ދެވުން، އެންމެން ހަމަހަމަވުމުގެ ތެރޭގައި ހިމެނުނެވެ.

ދެން، ފަރަންސޭސި އިންގިލާބުގެ ތިންވަނަ އަގުކަމުގައި އެންމެންނަކީ ވެސް އެއްބަޑު އެއްބަފާ ބައެއްކަމުގެ އަގު ހިމެނެއެވެ. މިތަނުގައި، ’އެންމެންނޭ‘ ބުނެ އިޝާރަތްކުރަނީ ފަރަންސޭސީންގެ އެންމެނަށެވެ. މީގެ މާނައަކީ، އެދުވަސްވަރު ފަރަންސޭސި މުޖުތަމައުގައި އޮތް ތަފާތު އަޅުވެތިކުރުންތައް އުވާލެވުމެވެ. ބިމުގެ ވެރިން، އެ ބިންތަކުގައި މަސައްކަތްކުރާ މީހުންނަކީ އެމީހުންގެ އަޅުވެތި ބައެއްކަމުގައި ހަދާ ހެދުމެވެ. މިފަދަ ބިމުވެރިން، އެމީހުންގެ ދަނޑުތަކުގެ މަސައްކަތްކުރާ މީހުން ލައްވައި، އެއްވެސް އަގަކާ ނުލައި، މަސައްކަތްކޮށްދިނުން ފަދަ އަޅުވެތިކުރުމެވެ. ދީނީ މީހުން، އެމީހުންގެ ދީނީ އުނގަންނައިދިނުންތައް މެދުވެރިކޮށް އާންމުން ބަނދެ އަޅުވެތިކުރާކުރުމެވެ.

ފަރަންސޭސި އިންގިލާބުގެ މިނަންގަތް އަގުތަކަށް، އާދެ، މިނިވަންކަމާއި، ހަމަހަމަކަމާއި އެއްބަޑުއެއްބަފާކަން، މިކަންކަމަށް، އަމަލީ ސިފަތައް ގެނެވި، މި އަގުތަކުގެ ބިންގާ މަތީ މުޅިން އާ ދައުލަތަކާއި އެ ދައުލަތް ހިންގާނޭ ސަރުކާރެއް ބިނާވާން، ކުރިންވެސް ނަންގަނެވި ދިޔަފަދައިން، ވިއްސަކަށް އަހަރު ނެގިއެވެ. 1789 ވަނަ އަހަރު އިންގިލާބު ފެށުމާއި 1815 ވަނަ އަހަރުގައި ނެޕޯލިޔަން ވެއްޓި، މި އާ ދައުލަތް ބިނާވާން ނެގި ވިއްސަކަށް އަހަރެވެ. އާދެ، 1789 ވަނަ އަހަރާއި 1815 ވަނަ އަހަރު ދެމެދުގެ އަހަރުތަކުގައި ފަރަންސޭސި އިންގިލާބުގެ އިންތިގާލީ މަރުހަލާއާ ކުރިމަތިލާން ޖެހުނެވެ.

މި އިންތިގާލީ މަރުހަލާގައި، އެންމެ ބޮޑު ގޮންޖެހުމަކަށް، އިންގިލާބުގެ ވެރިންނަށް ކުރިމަތިވީ، ނަންގަނެވި ދިޔަ އިންގިލާބުގެ އަގުތައް ހިފެހެއްޓުމެވެ. މިކަން ހަގީގަތަކަށް ނުވެ، އިންގިލާބު ފޭލިވުމުގެ ނުރައްކާ އެތައް ފަރާތަކުން ކުރިމަތިކުރުވިއެވެ. ރަސްމަތިފުށުގެ ފަރާތުންނާއި، އެމީހުންގެ އިމްތިޔާޒުތައް ގެއްލުމުން، ރަސްކަމަށް ތާއީދުކޮށް، ރަސްކަން އަލުން އިއާދަކުރުމަށް ބޭނުންވި މީހުންގެ ފަރާތުންނެވެ. ތަނުގައި ސިޔާސީ ހަލަބޮލިކަން ފެތުރި، ގާނޫނާއި ގަވާއިދުތައް ބޭކާރުވެ، އާންމުންގެ އަތްމައްޗަށް ކަންކަން ހިންގާލުން ފުރޮޅިގެން ދިޔުމުގެ ބިރެވެ. ދީނީ ބައެއް މީސްމީހުން، އެމީހުންގެ އިމްތިޔާޒުތައް ވެސް ނިގުޅައިގަނެވި ދިޔުމުން، ކުރިމަތިކުރުވި ގޮންޖެހުމެވެ. މީގެ އިތުރުން، މި ނަންގަތް، އިންގިލާބާ އިދިކޮޅު ފަރާތްތައް، ޔޫރަޕުގެ އެހެން ދައުލަތްތަކުގެ އެހީ ހޯދައި، ފަރަންސޭސި ވިލާތާ ހަނގުރާމަކުރުމުގެ ބިރެވެ. މި ބިރު ހަގީގަތަކަށްވެ، އިންގިލާބުގެ ވެރިން، ހަނގުރާމަކުރުމާ ވެސް ކުރިމަތިލާން ޖެހުނެވެ.

މިހުރިހާ ގޮންޖެހުންތަކަކާ ފަރަންސޭސި އިންގިލާބުގެ ލީޑަރުން، ކުރިމަތިލައި ކާމިޔާބު ހޯދިއެވެ. ފަރަންސޭސި އިންގިލާބު މިގޮތަށް ކާމިޔާބުވާން މެދުވެރިވި މައިގަނޑު ދެ ސަބަބެއް އޮތެވެ. ފުރަތަމަ ސަބަބަކީ މުޅި ފަރަންސޭސި ވިލާތް ހެން، މި އިންގިލާބަށް ތައްޔާރުވެފައި އޮތުމެވެ. އާދެ، ބޮޑު ބަދަލަކަށް ތައްޔާރުވެފައި އޮތުމެވެ. ދެވަނަ ސަބަބަކީ ފަރުދީ މަސްލަހަތުތައް އެއްފަރާތްކޮށް، މުޅި ޖަމާއަތުގެ މަސްލަހަތު އިސްކޮށްގެން، ގައުމުގެ ލާބައާއި މަންފާއަށްޓަކައި، އިޚުލާސްތެރިކަމާއެކު އިންގިލާބުގެ ހަރަކާތްތައް ހިންގާލާނޭ ހަރުދަނާ ގާބިލު ލީޑަރުންތަކެއް ތިބި ކަމެވެ. މި ދެ ކަންތަކުގެ މައްޗަށް އިތުރަށް ބަލާލަމާ ހެއްޔެވެ؟

1789 ހަމައަށް އައިރު، ފަރަންސޭސި ދައުލަތް އޮތީ ބަނގުރޫޓުވުމުގެ ވަޅުގަނޑަކަށް ވެއްޓުމުގެ ތުންފަތްމަތީ ގައެވެ. މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ހުރިހާ މުޖުތަމައީ ގިންތިތައް އެއްކޮށް ޖަލްސާ ކުރެވި، އިޖުމާއަކާ (އެއްބަސްވުމަކާ) ހަމައަށް ނާދެވުންވީ ފަރަންސޭސި އިންގިލާބުގެ ހުޅުކޮޅު ރޯވާން އެޅުނު އަލިފާން ދަނޑިއަށެވެ. މިހިސާބަށް ކަންތައް ދިޔައިރު، ފަރަންސޭސި ވިލާތް އޮތީ ފިކުރީ ގޮތުން ބޮޑު ބަދަލަކަށް ތައްޔާރުވެފައެވެ. އިންގިލާބުގެ 100 ވަރަކަށް އަހަރު ކުރިއްސުރެން ފެށިގެން ’ރިނައިސާންސްގެ‘ ނުވަތަ ’އާދިރުމުގެ‘ ތަންވީރީ އާ ފިކުރުތަކުގެ ފައިލަސޫފުން، އެމީހުންގެ ޚިޔާލުތައްވަނީ އާންމުގެ ތެރެއަށް ދޫކޮށްލާފައެވެ. ހޮބްއާއި ލޮކް، އަދި ވޯލްޓަޔަރ އާއި ރޫޒޯ ފަދަ ފަލްސަފާވެރި އިލްމުވެރިންގެ ފިކުރާއި ޚިޔާލުތަކެވެ.

ނުނިމޭ …..

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް