ޔަމަނުގެ ހޫތީ މުޖާހިދުން ރަތްކަނޑުގައި ދެމުންގެންދާ ހަމަލާތަކުގައި ބަޔަކަށް އަނިޔާވެއްޖެއެވެ.
އިޒްރޭލުން ޣައްޒާގައި ހިންގަމުންގެންދާ ޤަތުލުއާންމާއި ގުޅިގެން ޔަމަނުގެ ހޫތީ ސިފައިން ވަނީ ރަތް ކަނޑު ހުރަސްކޮށް އިސްރާއީލަން ދަތުރުކުރާ ބޯޓުފަހަރާއި އިސްރާއީލުން ފުރައިގެންދާ ބޯޓުތަކަށް ހަމަލާދޭނެކަމަށާއި، މިގޮތަށް ހަމަލާދޭ އުޅަނދުތަކަކީ ކޮން ގައުމެއްގެ ކޮން ދިދައެއް ބޭނުންކުރާ އުޅަންދެއްކަން ނުބަލާނެކަން އަންގައި އިންޒާރުދީފައެވެ.
މިގޮތުން، ރަތްކަނޑުން ދުއްވަމުންދިޔަ އެމެރިކާގެ “އެމްވީ ޓްރޫ ކޮންފިޑެންސް” ނަމަކަށް ކިޔާ އުޅަންދަކަށް ދިން މިސައިލް ހަމަލާއެއްގައި 2 ފަޅުވެރިއަކު މަރުވެ، 6 މީހަކަށް އެކިވަރުގެ އަނިޔާވެފައިވާކަން އެމެރިކާއިން ވަނީ ކަށަވަރުކޮށްދީފައެވެ.
ޔަމަނުން ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން ތެލާއި، ކާޑުގެ ބާވަތްތަކުގެ އިތުރުން އެހެނިހެން އަސާސީ މުދާތައް އުފުލުމަށް އިސްރާއީލަށް ދަތިވެފައިވާއިރު، މުދާ އުފުލުމުގެ އަގާއި، މުދާ ރައްކާތެރިކުރުމަށް އިންޝުއަރ ކުރުމުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވެ، އިސްރާއީލުގެ އިޤްތިޞާދަށް އަންނަނީ ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ. އުޅަނދުތަކުގެ ރައްކާތެރިކަމަށްޓަކައި ގިނަ ކުންފުނިތަކަކުން އެކުންފުނިތަކުގެ އުޅަނދުތައް ދަތުރުކުރާ މަގަށް ބަދަލު ގެނެސްފައިވާއިރު، ސުއޭޒް ކެނެލްއިން ދަތުރުކުރުމުގެ ބަދަލުގައި މިބޯޓުތަކުން ދަތުރުކުރަން ޖެހެނީ އެފްރިކާގެ ވަށައިގެންނެވެ.
ރަތްކަނޑުން ހުރަސްކުރާ އުޅަނދުތަކަށް ހޫތީން ހުރަސްއަޅަން ފަށާފައިވަނީ މިދިުަ އަހަރުގެ ނޮވެމްބަރު 19ގައެވެ. އަދި ފާއިތުވެދިޔަ ހަތަރު މަސްދުވަހުގެ ތެރޭގައި ޔަމަނުގެ މިފަދަ ހަމަލާއެއްގައި މީހަކަށް އަނިޔާވެފައިވާ މިއީ ފުރަތަމަ ފަހަރެވެ.